ޤާނޫނު އަސާސީ އާއި ޤާނޫނުގެ
ވެރިކަން
ޠޯހާ އަބޫބަކުރު
20 ފެބުރުއަރީ 2012މ.
އިހު
އެވޭލާ ޒަމާނުންސުރެ ދިވެހިރާއްޖޭގައި ދެމިއޮތީ ވިރާސީ ރަސްކަމެކެވެ. ކިޔަމަންތެރި
ދިވެހިން ބޯލަނބަމުން ދިޔައީ ރަދުންގެ ވިދާޅު ބަސްފުޅަށެވެ. ރަދުން "ހިތްޕުޅަށް"
އަރާވަޑައިގެންނެވި ކޮންމެ ގޮތެއް އެއީ "އެންމެ ރަނގަޅު" ގޮތްކަމަށް
ރައްޔިތުން ދިޔައީ ޤަބޫލުކުރަމުންނެވެ. އަނިޔާވެރި ރަހުންނާއި ރަނީންގެ
ވަކިދަށުގައި ދިވެހިން ހޭދަކޮށްފައިވާ ދަތިދުވަސްތަކަކީ އަދުއްވުންގެ
"އަޅުވެތިކަމުގެ" ދުވަސްވަރުގައި ހިތްދަތިކަމުގައި ހޭދަކުރި މުއްދަތަށްވުރެ
ވަކި މަދު ދުވަސްތަކެއް ނޫނެވެ. މިރާއްޖޭގައި ޢިލްމުގެ ދަންމަރުގެ ހުޅުކޮޅު ރޯވެ،
ބޮޑުވާންފެށުމާއެކު ދިވެހިންގެ ހޭލުންތެރިކަން އިތުރުވާން ފެށީ 20 ވަނަ
ޤަރުނުތެރޭގައެވެ. މިއީ ދިވެހީންނަށް ޤާނޫނު އަސާސީއެއްގެ ހިޔާވަހިކަން ލިބޭންފެށި
ހިސާބުންކަމުގައި ދެންނެވިދާނެއެވެ. އެގޮތުން ވޭތުވެދިޔަ 80 އަހަރުތެރޭގައި
ވުޖޫދަށް އައި ޤާނޫނު އަސާސީތަކާއި އެޤާނޫނުތަކަށް ގެނެވުނު އެތަކެއް އިސްލާޙާއެކު
ދިވެހި ތާރީޚްގައި ފެވިގެން ގޮސްފައިވަނީ އާދަޔާއި ޚިލާފު ސަފްޙާތަކެކެވެ.
މިދިރާސާގައި މިބަލާލަނީ ކުރުގޮތަކަށް މިހާތަނަށް ރާއްޖޭގައި ތަސްދީޤުކުރެވުނު
ޤާނޫނު އަސާސީތަކުގެ ބައެއް ތާރީޚްގެ މައްޗަށެވެ. ޤާނޫނު އަސާސީގެ ދަށުން ވެރިކަން
ކުރެއްވި ބޭފުޅުންގެ ވެރިކަން ނިމުމާއި ޤާނޫނު އަސާސީއާއި ހުރި ގުޅުމަށެވެ.
އައްސުލްޠާން
މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ސިރީކުލަ ސުންދުރަ ކައްތިރި ބަވަނަ
މަހާރަދުން ރާއްޖޭގެ ފުރަތަމަ ޤާނޫން އަސާސީ ތަސްދީޤްކުރެއްވީ، ހިޖުރައިން
1351 ވަނަ އަހަރުގެ ޝައުބާން މަހުގެ 17 ވީ ހުކުރު ދުވަހުގައެވެ. މީލާދީ 1932 ވަނަ
އަހަރުގެ ޑިސެމްބަރ 22 އެވެ. މިއީ 92 މާއްދާގެ މައްޗަށް އެކުލެވިގެންވާ ޤާނޫނު
އަސާސީއެކެވެ. ޤާނޫނު އަސާސީއަށް 10 މަހާއި 27 ދުވަސްފަހުން ގުޅަކުޅޭ ފަސްގަނޑަށް
ރައްޔިތުން އެއްވެ ޤާނޫނު އަސާސީ ވީދާލައިފިއެވެ. މިކަންތަކާއިގުޅިގެން ތާރީޚްގައި
މަޝްހޫރު "މޮޓަރުބޯޓްގެ ގަޑުބަޑު" ހިނގައިދިޔައެވެ. އެއަށްފަހު އަނެއްކާ
ޤާނޫނު އަސާސީ އިސްލާޙްކުރެވި، ރަދުން ތަސްދީޤުކުރެއްވިއެވެ. ދެވަނަ ފަހަރަށް
ތަސްދީޤުކުރެއްވި ފަހުން މެދުވެރިވި ކަންތައްތަކަށްފަހު ސަމްޝުއްދީން ރަދުން
އަޒުލުކުރެވުނީ ޤާނޫނު އަސާސީ އާއި ޚިލާފުވެ ވަޑައިގަތުމުގެ ކުށުގައެވެ.
ދެން ވެރިކަމަށް
ވަޑައިގަތް އައްސުލްޠާން ޙަސަން
ނޫރައްދީން (އައްޘާނީ) ސިރީ ބަވަނާ ދީއްތަ މަހާރަދުންގެ ރަސްކަމުގައި 23 މެއި 1942
ގައި އާ ޤާނޫނު އަސާސީއެއް އެކަށައަޅުއްވާ ތަސްދީޤުކުރެވުނެވެ. މިއީ ދިވެހިން ދުށް
ދެވަނަ ޤާނޫނު އަސާސީއެވެ. 17 މާއްދާ އަށް ލިޔެފައިވާ މަޝްހޫރު "ކުޑަ
ޤާނޫނު އަސާސީ"އެވެ. އަހަރު ނުވަނިސް 1943
އޭޕްރީލް 8 ގައި ރަދުން އިސްތިޢުފާ ދެއްވިއެވެ.
ރާއްޖޭގެ ތަޚުތު ހުރީ ހުހަށެވެ. ރައްޔިތުން
އެދުނީ ޢަބުދުލްމަޖީދު ރަންނަ ބަނޑޭރިކިލެގެފާނު އިސްވެވަޑައިގަތުމަށެވެ.
ކިލެގެފާނު ހުންނަވަނީ ރާއްޖޭން ބޭރުގައެވެ. ވެރިކަން ހިންގަނީ ވަލީ ކޮމިޓީންނެވެ.
ޒަމާނުއްސުރެ
ރާއްޖޭގައި ދެމިއޮތް ރަސްކަން ޖުމުހޫރިއްޔާއަކަށް އަނބުރާލުމަށް ރައްޔިތުން
ނިންމުމާއިގުޅިގެން މިޤާނޫނު އަސާސީ އުވި، ތިން ވަނަ ޤާނޫނު އަސާސީ 1
ޖެނުއަރީ 1953މ.ގައި ތަސްދީޤްކުރެވުނެވެ. މިޤާނޫނު އަސާސީ ތަސްދީޤުކުރެއްވި ރާއްޖޭގެ
ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އަލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ
ވެރިކަން 21 އޯގަސްޓް 1953ގައި އިންޤިލާބުކޮށްލެވުނެވެ. ވެރިކަން ހިންގުމުގެ
މަސްޢޫލިއްޔަތުތައް އުފުއްލަވަމުން ގެންދެވީ ނައިބުރައީސް ވެލާނާގޭ އިބްރާހިމް
މުޙައްމަދު ދީދީއެވެ. ޤާނޫނު އަސާސީ އުވުނީ 31 ޖެނުއަރީ 1954މ. ގައެވެ.
މުޙައްމަދު
އަމީން އަވަހާރަވުމަށްފަހު، ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓުގެ
ނަތީޖާއިން %98 ދިވެހިން ރަސްކަމެއް ބޭނުންވާކަމަށް ފެނުނު ހިނދު އަލުން ރަސްކަން
ޤާއިމުކުރެވުނެވެ. ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް (ކީރިތި
މަހާރަދުން)ގެ ރަސްކަމުގައި 1954 މާރޗް 7ގައި ރާއްޖޭގެ ހަތަރުވަނަ ޤާނޫނު
އަސާސީ ތަސްދީޤުކުރެވުނެވެ.
ރާއްޖޭގައި އޮންނަންފެންނަ ވެރިކަމުގެ ނިޒާމަކީ ރަސްކަމެއްތޯ ނުވަތަ
ޖުމުހޫރިއްޔާއެއްތޯ ބެލުމަށް 1967 ނޮވެމްބަރ 15 ވަނަ ދުވަހު އޮތް ރައްޔިތުންގެ
މަޖިލިސްގެ ޖަލްސާގައި ވޯޓެއް ނެގުނެވެ. 44 މެމްބަރުންގެ ތެރެއިން 40 މެމްބަރުންގެ
އަޣުލަބިއްޔަތުން ފާސްވީ ރާއްޖޭގައި އޮންނަން ފެންނަނީ ޖުމްހޫރިއްޔާއެއް ކަމެވެ.
މިކަން ރައްޔިތުންގެ ކުރިމައްޗަށް ގެނެސް ވޯޓަކަށް އެހުނު ހިނދު ރާއްޖޭގެ
ރައްޔިތުންގެ %93.4 ވޯޓުދިނީ ރާއްޖޭގައި ބާއްވަން ފެންނަނީ ވިރާސީ ރަސްކަމެއްގެ
ބަދަލުގައި ޖުމްހޫރިއްޔާއެއް ކަމެވެ. ކީރިތިމަހާރަދުންގެ ރަސްކަން 1968 ނޮވެމްބަރ
11 ގައި ނިމިގެންދިޔައިރު 84 މާއްދާގެ މިޤާނޫނު އަސާސީގެ ހަޔާތްވެސް ނިމުނީއެވެ.
ދެވަނަ
ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ވެލާނާގޭ އިބްރާހިމް ނާޞިރު ނ.ޣ.ޢ.ވ ގެ ވެރިކަން
ފެށުމާއެކު ރާއްޖޭގެ ފަސްވަނަ ޤާނޫނު އަސާސީ އަށް 1968 ނޮވެމްބަރ 11 ގައި
ޢަމަލުކުރަން ފެށުނެވެ. ރައީސްކަމުގެ 5 އަހަރުގެ ދެދައުރު ފުރިހަމަކުރައްވާ ޞިއްޙީ
ހާލުކޮޅު ތަން ނުދެއްވާކަމަށްވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅެއް
ފޮނުއްވާ އިތުރު ދައުރަކަށް ކުރިމަތި ނުލައްވާގޮތަށް ނިންމެވިއެވެ. ރާއްޖޭގައި
ޤާނޫނު އަސާސީ އަކަށް ޢަމަލުކުރަންފެށީއްސުރެ މިނޫނީ އަމިއްލަފުޅު ބާރުގައި
ވެރިކަމުން ވަކިވެވަޑައިގަތް ވެރިއެއް ނުވެއެވެ. ރައީސް ނާޞިރުގެ ވެރިކަމުގައި
މިޤާނޫނު އަސާސީ ތަސްދީޤުކުރެއްވިކަން އެނގެން ނެތްކަމުގައިވިޔަސް 3 ފަހަރެއްގެ
މަތިން މިޤާނޫނު އަސާސީ އިސްލާޙްކުރެވުނެވެ. ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ
ދެވަނަ ރައީސް އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމްގެ ވެރިކަމުގައި 1980
ނޮވެމްބަރ 29ގައި ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރައްވާ މިޤާނޫނު އަސާސީ
އިސްލާޙްކުރުން އެމަޖިލީހާއި މަތިކުރެއްވިއެވެ. 17 އަހަރުގެ މަސައްކަތުން
އިސްލާޙްކޮށް ނިމުނު މިޤާނޫނު އަސާސީ، ފަސްވަނަ ޤާނޫނު އަސާސީ
ތަސްދީޤުކުރެއްވީ 1997 ނޮވެމްބަރ 27 ވީ ބުރާސްފަތި ދުވަހު ރައީސް މައުމޫނެވެ. މިއީ
ރައީސް ނާސިރުގެ ވެރިކަމުގައި ޢަމަލުކުރަންފެށުނު މިޤާނޫނު އަސާސީގެ ޢުމުރުން 29
އަހަރާއި 16 ވަނަ ދުވަހެވެ. މިޤާނޫނު
އަސާސީއަށް "ނޫ ޤާނޫނު އަސާސީ" އޭ ކިޔައެވެ. 156 މާއްދާގެ މިޤާނޫނު އަސާސީ އަށް
ޢަމަލުކުރަންފެށުނީ 1998 ޖެނުއަރީ 1 އިން ފެށިގެންނެވެ.
2008 ވަނަ އަހަރުގެ ޤާނޫނު އަސާސީ ތަސްދީޤުކުރެއްވުން |
2004
ޖޫން 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބުދުލްޤައްޔޫމް
އެމަނިކުފާނުގެ އިސްލާހީ އެޖެންޑާ އިޢުލާންކުރައްވިއެވެ. އަދި ޤާނޫނު އަސާސީ
އިސްލާޙްކުރުމަށްޓަކައި ޚާއްސަ މަޖިލިސް އެއްކުރެއްވިއެވެ. ޤާނޫނު އަސާސީ
އިސްލާޙްކުރުމުގެ މަސައްކަތް ނިމި، ޤާނޫނު އަސާސީ ތަސްދީޤުކުރެއްވުމުގެ ދަރުބާރު
ބޭއްވުނެވެ. 2008 އޯގަސްޓް 7 ގައި
ދަރުބާރުގޭގައި ބޭއްވުނު މިރަސްމިއްޔާތުގައި ރާއްޖޭގެ ހަވަނަ ޤާނޫނު އަސާސީ ތަސްދީޤުކުރެއްވީ
ރައީސް މައުމޫނެވެ. މިޤާނޫނު އަސާސީ މަޝްހޫރުވެފައިވަނީ "ފެހި ޤާނޫނު
އަސާސީ" އާއި "މުޒާހަރާ ޤާނޫނު އަސާސީ" ގެ ނަމުންނެވެ. 14 ބާބުގެ
މައްޗަށް އެކުލަވާލެވިފައިވާ މިޤާނޫނު އަސާސީގައި 301 މާއްދާ ހިމެނެއެވެ.
2008
ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ނާކާމިޔާބުވެ ވަޑައިގަތުމުގެ
ސަބަބުން، ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވިތާ 3 މަހާއި 4 ދުވަހުގެ ތެރޭގައި ރައީސް
މައުމޫންގެ ވެރިކަން 30 އަހަރަށް ފަހު ނިމިގެންދިޔައެވެ. އޭގެ ކުރީގެ ހުރިހާ
ޤާނޫނު އަސާސީ ތަކަކަށްވުރެ ފުރިހަމައަށް އިންސާނީ ޙައްޤުތައް ކަނޑައެޅި،
ދައުލަތުގެ ބާރުތައް ވަކިކުރެވި، ޑިމޮކްރެޓިކް ހަމަތަށް ކަށަވަރުކުރެވިފައިވާ
މިޤާނޫނު އަސާސީގެ ދަށުން 2008 ނޮވެމްބަރ 11 ވީ އަންގާރަ ދުވަހުން ފެށިގެން ދެވަނަ
ޖުމްހޫރިއްޔާގެ 3 ވަނަ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދުގެ ވެރިކަން ހިނގަން
ފެށިއެވެ. 3 އަހަރާއި 2 މަހާއި 27 ދުވަހު ރައީސްކަން ކުރެއްވުމަށްފަހު މީޑިއާގެ
ކުރިމަތީގައި ރައީސް ނަޝީދު އިސްތިޢުފާ ދެއްވިކަން އިޢުލާންކުރައްވާ 2012
ފެބުރުއަރީ 07 ވީ އަންގާރަ ދުވަހު އިސްތިޢުފާދެއްވީއެވެ.
މަޢުލޫމާތު:
1.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީ
2.
ޤާނޫނާއި އާދަކާދަ
3.
ވިކިޕީޑިއާ
No comments:
Post a Comment