Thoha AbuBakur's Blog: މަޢުލޫމާތު
Showing posts with label މަޢުލޫމާތު. Show all posts
Showing posts with label މަޢުލޫމާތު. Show all posts

Sunday, May 31, 2020

ހައްދުންމަތީގެ އިހު ވާހަކަ : ކައްދޫ ޙަސަނުގެ ހާ ބަނުން

12:29 AM 0
ހައްދުންމަތީގެ އިހު ވާހަކަ : ކައްދޫ ޙަސަނުގެ ހާ ބަނުން


ނޯޓު: މިސިލްސިލާގައި ލިޔާހުށީ ހައްދުންމަތީގައި އިހުގައި ހިނގާފައިހުރި ހާދިސާތަކުގެ ވާހަކަތަކެވެ.

މިވާހަކަތައް ކިޔައިދޭމީހާ މަސައްކަތްކުރި އޮފީހެއްގެ ގޮވަތިތެރޭގައި ހުއްޓާ އެއްދުވަހަކު ކަޅައިދޫ ރާ ޢަބުދުﷲ ބޭގެ ދަރިއެއް އައިސް ބުނެފޫއެވެ. އިހުގެ ވާހަކަތައް ހޯދައި ލިޔެ ހަދާއިރު، ކައްދޫ ހަސަނު ހާ ބަންހެނޭ ކިޔައިއުޅޭ ވާހަކައެއް އަހަމުހެއްޔެވެ؟ އަޅުގަނޑު ބުނެފީމެވެ. ނާހަމެވެ.

އޭނާ: އަހާށޭ ކައްދޫ ޙަސަނަކީ ތިމަންނާގެ މުނިކާފަޔާވީ މީހެކެވެ. އަހާފައިވާ ގޮތުގައި ކައްދޫ ޙަސަނު ހާލެއް ހިފައިފައި ރޯނު ފޯއްޔަކުން ބަންނަން ފަށައިފިއެވެ. ހާބަނދެ ނިމުނީ ރޯނުފޯލި ހުސްވީއިރުއެވެ. އެވަރަށް ބަނދެލާފައި ބެހެއްޓި ހައު ކުޑަ އިރުކޮޅަކުން ދޫވެއްޖެއެވެ. މިހާދިސާގެ ފަހުން، މީހަކު އެއްޗެއް އެއްސުމަށް ނޫނީ ބަނުމަށް ނޭކަށޭނަ މިންވަރަށް ތަކެތި ބޭނުން ކޮށްގެން އެއްސުމުގައި ހަރުދަނާކަމެއް ނެތްނަމަ، މަލާމާތުގެ ގޮތުން ބުނެއުޅޭކަމުގައިވިޔެވެ. ތިޔަ އެއްސީ ކައްދޫ ހަސަނު ހާބަންހެންނެވެ.

މިކައްދޫ ޙަސަނާވީ މީހުނަށް ތިބީ ކައްދޫ ޢަބުދުއްރަޙްމާނާއި ކައްދޫ މޫސާއެވެ. ކަޅައިދޫ ރާ ޢަބުދު ﷲ އަކީ ކައްދޫ ޢަބުދުއްރަޙްމާންގެ ކަދީދާގެ ބަނޑުން ރާގޭ ހުސޭނަށް ލިބުނު ޢަބުދު ﷲ ހުސައިނެވެ. ރާ އަބްދުﷲ އުފަންވީ 2 ޖޫން 1931މ ގައެވެ. ނިޔާވީކަމަށް ބެލެވެނީ 2004މ ގައެވެ. މިއާއިލާއަކީ ކައްދޫ ފަޅުވުމުގެކުރީން ކައްދޫގައި ދިރިއުޅުނު ބައެއް ކަމަށް ބައެއްމީހުން ހީކުރެތެވެ. އެހެނެއް ނޫނެވެ. މިއާއިލާއަކީ ކައްދޫ ބެލެހެއްޓުމަށް ކައްދޫގައި އުޅުނު އާއިލާއެކެވެ. ވަރުވާއަށް ލިޔެގެން ކަމެއް ނުވަތަ ވަރުވާއަށް ލިޔެގެން އުޅޭ ބައެއްގެ އަތުން ހޯދައިގެން ކަމެއްް އެނގޭކަށް ނެތެވެ. އެގޮތަށް ރަށް ބަލަހައްޓަން ތިބޭއިރު އެރަށެއްގައި ތިބެނީ ދަނޑިފަނުން ގެއަޅައިގެންނެވެ. މަޤްޞަދަކީ ރަށުން ރުކުއެޅުމާ ދަރުހޮވުމާ ދަނޑުވެރިކަންކުރުން ފަދަ މަސައްކަތްކޮށްގެން ނަފާނެރުމެވެ.

މިހާރު ހައްދުންމަތީގައި އެއަރޕޯރޓެއް ހަދާފައިވާ ކައްދޫގައި މީހުން ދިރި އުޅުނު ދުވަސްވަރަކީ މާކުރީ ޒަމާނެކެވެ. ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި އިރު، އުތީމު ތަކުރުފާނުން މިރަށަށް ވަޑައިގަންނަވާ މިރަށް ފަޠަހަކުރެއްވިއެވެ. ފެންނާންހުރި ތާރީޚީ ހެކިތަކަށް ބަލާއިރު ކައްދޫ ފަޅުވެފައިވާ ކަމަށް ބެލެވެނީ ހިޖުރައިން 10 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ.


Sunday, February 2, 2020

މާބުލް އިއްސެ – މަޝްހޫރު ނުވިޔަސް ބަޠަލެއް!

11:23 PM 0
މާބުލް އިއްސެ – މަޝްހޫރު ނުވިޔަސް ބަޠަލެއް!

ރައީސް ވަޑައިގަންނަވާތީ ވެރީން އަންގަވާފައި އޮތީ އެހެންޏާ މަސައްކަތުގެ ފޯރި ނަގާ ވަރަށްވުރެވެސް ފޯރިގަދަކޮށްގެން މަސައްކަތްކުރުމަށެވެ. ހައްދުންމަތީގައި ވައިގެ ބަނދަރު ހަދަމުންދިޔަ ކައްދޫއަށް ރައީސުލްޖުމްހޫރިއްޔާ (ރައީސް އަލްއުސްތާޛް މަޢުމޫން ޢަބްދުލް ޤައްޔޫމް) ވަޑައިގަތީ ކަނޑުމަގުންނެވެ. ރަންވޭ ހެދުމަށްޓަކައި ގައު ލަފާ މީހުން ގައު ލަފަނީއެވެ. ގައު ގޮޅިޖަހާ މީހުން ގައު ގޮޅި ޖަހަނީއެވެ. ގައުތަޅާ މީހުން ގައު ތަޅަނީއެވެ. މާކަ ގިނަ މެޝިނަރީތަކެެއް އަމުދުން ނެތެވެ. މައިގަނޑު ގޮތެއްގައި ހުރިހައިކަމެއްހެން ކުރަމުން ދިޔައީ އިންސާނުންގެ ދެއަތުންނެވެ. ރާއްްޖޭގެތެރޭގައި ހުޅުލެ ފިޔަވައި އެހެން ރަށެއްގައި ދިވެހީން ހަދާ ފުރަތަމަ އެއަރޕޯރޓް އަޅަމުންދަނީ ހައްދުންމަތީގައި ކަމަށްވާތީ މިމަސައްކަތުގައި އެންމެންވެސް ބައިވެރިވީ އާދަޔާ ޚިލާފު ރޫޙެއްގައެވެ. މަސައްކަތުގައި އެންމެން ހޭބޯނާރައި އުޅެނިކޮށް މަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވާލެއްވުމަށްޓަކައި ރަށުތެރެއަށް ރައީސް ވަޑައިގަންނަވައިފިއެވެ. 


ރައީސް ޝައުޤުވެރިވެވަޑައިގެން މަޑުކުރެއްވި އެއްތަނަކުން ފެނިވަޑައިގަތީ ގައު ތަޅަން އިން ކުޑަކުޑަ ކުއްޖެކެވެ. ސިފަ ވަކި ނުވާ ވަރަށް ތަތްތެޅިފައިވަނީ ގައު ކުނޑިންނެވެ. ގައުކުނޑިން ފެންވަރައިގެންް ހުރި ކަހަލައެވެ. އެވަރުގެ ކުޑަކުއްޖަކު ލައްވައި އެހައި ބުރަ މަސައްކަތް ކުރުވާތީ ރައީސް ހިތްޕުޅާ ނުކުރައްވައި މިއީ މައިންބަފައިން ނެތް ކުއްޖެއް ކަމަށްވެސް ވެދާނެތީ، މަންމަ އާއި ބައްޕަ ކޮބައިތޯ އައްސަވައިފިއެވެ. ކުޑަކުޑަ އިސްމާޢީލް ޢަބުދު ﷲ އަށް އެއްވެސް ވާހަކައެއް ދަންނަވަން ނުކެރި ހިނިތުންވެލަންވެސް ނޭނގިފައި ހުރެވުނީއެވެ. ރައީސަށް ޖަވާބު އެރުވީ ކައިރު ތުއްތު މަނިކާއި ކުނޑި ސަލީމެވެ.

މިދެންނެވީ ކައްދޫ އެއަރޕޯރޓް ހެދުމުގެ މަސަައްކަތުންފެށިގެން ކައްދޫގައި ވަޒީފާ އަދާކުރަމުންދާ ލ.ފޮނަދޫ މާބުލް އިސްމާޢީލް ޢަބުދު ﷲ ގެ ވާހަކައެވެ. އުމުރުން ޅަވެފައި އިސްކޮޅުން ކުރަކަސް އޭނާގެ ސާބިތުކަމަކަށް ބަދަލެއް ނާދެއެވެ. މަސައްކަތްކުރަމުންދިޔައި ޝައުޤުވެރިކަމާއެކުގައެވެ.

ކައްދޫ އެއަރޕޯރޓްގެ އެކިއެކި މަސައްކަތްތަކުގައި ދެއްކި ހިތްވަރާއި ހުނަރުވެރިކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުން ކައްދޫގައި ހުންނަ ސިފައިންގެ މަރުކަޒު ހުޅުވަން ތައްޔާރުވަމުން ދިޔަ ދުވަސްވަރުގައި، 18 އޮކްޓޯބަރ 1993މ. ގައި އެތަނުގެ މަސައްކަތު މީހުންގެ ވަޒީފާއަށް އެންމެ ފުރަތަމަ ނެގި ދެ މުވައްޒަފުންގެ ތެރެއިން އެކަކީ އިސްމާޢީލް ޢަބުދު ﷲ އެވެ. އެދުވަހުން ފެށިގެން ވެއަތުވެދިޔަ 26 އަހަރުގައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދަނީއެވެ. ވަޒީފާއަކީ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އެކަމަކު ކުރާ މަސައްކަތަކީ ރޭނުމާ ސިމެންތިޖެހުމާއި ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތަކެވެ.

ކައްދޫ ގައި އަޅުގަނޑު އަދާކުރަން ޖެހުނު މަސްޢޫލިއްޔަތުގެ ގޮތުން އަޅުގަނޑަށްވަނީ އިސްމާޢީލް ޢަބުދު ﷲ ގެ މަސައްކަތް ނުހަނު ގާތުން ފެނިފައެވެ. ވަކީން ޚާއްޞަކޮށް ލ. ކަޅައިދޫގައި އެމް.އެން.ޑީ.އެފްގެ މަރުކަޒެއް ޤާއިމުކުރުމަށާއި ދ. ކުޑަހުވަދޫގައި އެމް.އެން.ޑީ.އެފްގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތަކީ ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރެވުނު ވަރަށް ޚާއްޞަ ދެމަސައްކަތެވެ. މިފަދަ ކޮންމެ މަސައްކަތެއްގައި ވެސް އިސްމާޢީލް ޢަބުދު ﷲ ގެ މުރާލިކަމާއި، ކަމަށް ކަމޭހިތުމާއި، ހުނަރުވެރިކަމާއި، އިޚުލާޞްތެރިކަން ފާހަގަ ކުރެވުނެވެ.

މިފޮޓޯ ނެގީ ކައްދޫގައި ސިފައިންގެ ޚިދުމަތް ދެމުން ގެންދާތާ 26 އަހަރު ފާހަގަކުރުމަށް ހުސްވި ޖަނަވަރީ މަހު 27 ވަނަ ދުވަހުގެރޭގައި ބޭއްވި ހަފުލާތެރޭގައެވެ. 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުޅަ ސިވިލްސްޓާފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ހަނދާނީ ފިލާ އޭނާއަށްވެސް ލިބުނެވެ. 


މިފަދަ ހުނަރުވެރި ޚިދުމަތްތެރީންގެ ވާހަކައަކީ އެހާ ޢާންމު ވާހަކަތަކެއް ނޫނެވެ. އެމީހުންގެ ޚިދުމަތް ތިލަނުވެ، އުޅުނު ބައެއްކަންވެސް ނުއެނގި އެހަނދާންތައް ޒަމާނާއެކުވެ ހިނގައިދަނީ ނޫންތޯއެވެ. ތާޖު މަހަލް ބިނާކުރުމުގެ މަސައްކަތްކުރި މީހުންގެ ޤުރުބާނީގެ ވާހަކަވެސް ނުއިވޭ ނޫންތޯއެވެ؟


Thursday, September 19, 2019

ހައްދުންމަތީ ބަހުރުވައިގެ ތެރެއިން: ގެންގަރަން – ގެންގެރެން

12:16 AM 0
ހައްދުންމަތީ ބަހުރުވައިގެ ތެރެއިން: ގެންގަރަން – ގެންގެރެން

މޮށެއުޅޭ ބަހުރުވަ ތަކުގައި ހުންނަ ކުދިކުދި ތަފާތުތަކުގެ ސަބަބުން ބަހުގެ ބަސްކޮށާރުގެ މުއްސަނދިކަން އިތުރުކޮށްދެއެވެ. ހައްދުންމަތީ ބަހުރުވައަކީ ހައްދުންމަތީގެ ވަކިރަށެއްގެ ނުވަތަ ވަކިސަރަހައްދެއްގެ މީހުން ވާހަކަ ދައްކައި އުޅޭ ގޮތެއް ނޫނެވެ. މި އަތޮޅުގެ ކޮންމެ ރަށެއްގެ ބަހުރުވައަކީވެސް ހަމަ ހައްދުންމަތީ ބަހުރުވައެވެ. ގެންގެރޭން ބޭނުންކޮށް އުޅެނީ އެއްގަމުހުރި އެއްޗެއް އަތިރިޔަށް ގެންދިއުމަށެވެ. އަޅުގަނޑަށް ވިސްނެނީވެސް އަހައިފައިވަނީވެސް އަންނަނިވި ގޮތަށެވެ.


ގެންގަރަން:


ހައްދުންމަތީގައި މިލަފުޒު ބޭނުންކުރާ ރަށްރަށުގެ މީހުންނަކީ ހައްސަ ބައިގެން އޮޑި ލެފިޔަސް އޭގެން އެއްމެ މަހެއްވެސް ގޭދޮށަކަށް ގެންދާބައެއް ނޫނެވެ. އެވެރިން މަސްތައް ގޭދޮށަށް ’ގެންގަރަނޫ‘ އެވެ. ވާނޭކަމުގެ މިސާލުގައި ”ގެންގަރާނޫ“ އެވެ. ”ކަމަނާ ރިހާކުރު ހާނަނޫ މޫސާ ގެންގަރަން މަހުން“ ނެވެ.
އަޅުގަނޑަށް އެނގިފައިވާ ގޮތުން ގެންގަރާން އާންމުކޮށް ބޭނުންކުރަނީ އަތިރިމަތިން ނުވަތަ ގޮނޑުދޮށުން ނުވަތަ ބަނދަރުމަތިން އެއްޗެއް އެއްގަމަށް ގެންދިއުމަށެވެ. ހައްދުންމަތީގެ ބަހުރުވައިން ލިޔެފައިވާ ތިރީގައިވާ ވާހަކަތަކަށް ނަޒަރު ހިންގަވައިލައްވާށެވެ.

އަތިރީން އަރާނޫ އެއްގަމަށް. އަތިރީން އަރާން ޖެހެނޫ އަތިރިޔަކޫ އެއްގަމަށް ތުރެން ތިރި ތަނަކަށް ވަނައިތި. ހަރަގަނޑަކުން ވިސް މައްތަށް އަރާނޫ. މިސްކިތަށްވިސް އަރާން ޖެހެނޫ މިސްކިތްވިސް ހަމަ ބިމަށް ތުރެން އުސްކޮށް ހަދާފާ ހުންނަނައިތި.
އެހެންވޫމާ އަތިރި މައްތުން ހޮވަން އަކިރި ޔާ ނަގަން ވެލި އެއްގަމަށް ގެންގަރާން ޖެހެނޫ.

ގެންގެރެން:


ގެންގެރެން މިލަފުޒު ބޭނުންކޮށް އުޅެނީ ގޭދޮށުގައި ނުވަތަ އެއްގަމުގައި ހުންނަ އެއްޗެއް އަތިރިއަށް ނުވަތަ އަތިރިމައްޗަށް ނުވަތަ ގޮނޑުދޮށަށް ގެންދިޔުމަށެވެ. އެހެންކަމުން ބައެއް ރަށްރަށުގައި އަތިރީކޮޅުގައި އުޅޭ މީހުންނާ އެއްގަމުކޮޅުގައި އުޅޭ މީހުން އުޅެތެވެ. ހައްދުންމަތީގެ އިރުމަތީ ދުނީގައި ހުރި ރަށްރަށުގައި އެއްގަމުކޮޅުގެޔަކު ހުރި ބިލެތްތަޅާ ވަނެއް އަތިރީކޮޅު ގެޔަކަށް ގެންދާނަމަ ބުނާނީ ގެންގެރެން އެވެ. އެހެންވީމާ އިރުމަތި ފަރާތުން ހުޅަނގު ފަރާތަށް ގެންދިޔުމަށް ގެންގެރެން ބޭނުންކުރާކަމަށް އެރަށްރަށުގެ ބޭފުޅުންނަށް ހީފުޅުކުރެވިދާނެއެވެ.

އެއްގަމު ހުރެފާ އަތިރިޔަށް ޖެހޭނޫ އެރޭން. އެގޮތަކޫ މައްތަހުރެފައި ތިރީ ހުރީ ތަނަކަށް ފައިބަންނާ ބައެއް ހާލަތްތެކަ ކިޔަނޫ އެރެނޫ އޭ. މިސާލަކަށް ބޮނަންނާ، ރާނާން އަށުމައްތަ ހުރެފާ ހަރަގަނޑަކުން ބިންމައްތަަށް ފައިބާކަށް ’ބިންމައްތަށް އެރެނޫވަކޭ‘ ކިޔައިއޮޅެން އަޑެއް ނާހަން . އެކަމަކު އެއްގަމަކޫ އަތިރިޔަށް ވުރެ އުސްތަނަކަށް ވަނައިތި އަތިރިޔަށް އެރޭން ޖެހެނޫ. މައިފިތަ ވަޅަ ދިޔަހިއްކަންނާ ވިސް ޖެހޭނޫ ވަޅަށް އެރޭން. ފުރާން ބަނދަރަމައްތަށް ވިސް ޖެހެނޫ އެރޭން.
އެހެންވޫމާ، ގޭދަށަހުރީ ކުނު ބަރޯ އަތިރިޔަށް ގެންގެރޭން ޖެހެނޫ.

މިލިޔުމުގައި ބަލައިލެވިފައިވާ ދެ ލަފުޒުގެ ތެރެއިން ގެންގެރެން މިލަފުޒު ބަސްފޮތުގައި ނުވެއެވެ.

19 ސެޕްޓެމްބަރ 2019މ.





Friday, April 6, 2018

އެންމެ ތަޞްވީރަކުންވެސް ހާސް ވާހަކަ ބުނެދެއެވެ.

1:00 AM 0
އެންމެ ތަޞްވީރަކުންވެސް ހާސް ވާހަކަ ބުނެދެއެވެ.

ޠާހާ އަބޫބަކުރު
06 އޭޕްރީލް 2018މ.

2018 ވޯލްޑްކަޕްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ޕެލޭ އާ މަރަޑޯނާ
ޕެލޭ އާ މަރަޑޯނާއަކީ ވިހިވަނަ ޤަރުނު ތެރޭގައި އުފެދުނު އެންމެ މޮޅު ދެކުޅުންތެރިންކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެކަން ޔަޤީނެވެ. މިދެކުޅުންތެރިންގެތެރެއިން އެންމެ މޮޅު ފުޓްބޯޅަކުޅުންތެރިއަކީ ކޮންކުޅުންތެރިއެއްކަން ކަނޑައަޅަން އަބަދުވެސް ދަތިވަނީ ދެކުޅުންތެރިންގެ ހުނަރުވެރިކަމުގެ މޮޅުކަމުންނެވެ. ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުންނެވެ. އެހެންކަމުން އެބަޙުސްގެތެރެއަށް ވަންނާކަށް ނެތީމެވެ. 

ރަޝިޔާގައި 2018 ވަނަ އަހަރު ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ގުރުއަތު ނެގުމަށް މިދިޔަ ޑިސެމްބަރު މަހުގެތެރޭގައި ބޭއްވި ރަސްމިއްޔާތުގައި ނަގާފައިވާ ފޮޓޯއަކުން މިދެތަރިން ފެނުމުން ވެރިވި އެތައް ހާސް ޝުޢޫރެއްގެ ތެރެއިން ބައެއް ޝުޢޫރު ފާޅުކޮށްލާނަމެވެ.
އަޅުގަނޑަށް ސިފަވާގޮތުން ޕެލޭއަކީ ބްރެޒިލްއެވެ. ބްރެޒިލްއަކީ ޕެލޭއެވެ. ހުނަރުވެރިކަމާއެކު ކުޅެ 3 ވޯލްޑްކަޕް އުފުލާލާފައިވާ ޕެލޭއަކީ އޭނާގެ ދުވަސްވަރު ހަލުވިކަމާއެކު ދުވެ، ބާރު ހަމަލާތަކުން ގޯލު ފޫއަޅުވާލުމުގައި އެތައް ރެކޯޑެއް ހަދާފައިވާ މޮޅުކުޅުންތެރިޔެކެވެ.

1970 ވަނަ އަހަރު މެކްސިކޯގައި ކުޅެވުނު ވޯލްޑްކަޕްގެ ފައިނަލްގައި އިޓަލީ އާ ދެކޮޅަށް ކުޅެ ބްރެޒިލް މޮޅުވެ މުބާރާތުގެ ތަށިއުފުލާލުމުގައި ޕެލޭގެ ހިއްސާ ބޮޑެވެ. އެދުވަހު މެޗް ނިމުމުން ބްރެޒިލް ޓީމުގެ ކުޅުންތެރިން އުފާފާޅުކުރާތަން ފެންނަ ތާރީޚީ ފޮޓޯގައި ޕެލޭ އިންނަނީ ޓީމުގެ ކުޅުންތެރިންގެ ކޮނޑުތައް މަތީގައެވެ. އެހެނަސް... ޙަޔާތަކީ ހައުދަހާ ތަފާތު މަންޒަރެއް ދައްކާތަނެއްތާއެވެ. މިއަދު އިންނަންޖެހިފައި އެވަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އޭނާގެ ތަރި މެދުއުޑުގައި ފިޔަޖަހާލުމަށް އެހީތެރިވި ދެފައިމައްޗަށް އަމިއްލައަށް ކޮޅަށް ނުހުރެވޭ ޙާލަތު މިއަދު އެވަނީ ޕެލޭ އާ އަރާހަމަކޮށްފައެވެ. ޢިބުރަތެއް ލިބޭތޯއެވެ. މިއަދު ކިތަންމެ އާރާއިބާރުގަދަޔަސް މާދަމާ ނިކަމެތިވެ ބަލިކަށިވެދާނޭކަމީ ޝައްކެއްނެތްކަމެކެވެ. ހަމައެފަދައިން ކާމިޔާބީގައި ތިމާގެ އެކުވެރިންގެ ގޮތުގައި ފެނުނުހާ މީހުން ތިމާއަށް ދެރަ ޙާލެއްގައި ޖެހޭދުވަހު ކައިރީގައި ނުތިބުމަކީ ދުނިޔޭގެ އާދައެވެ. އެހެންވީމާ ކޮންމެ މީހަކުވެސް ކުޑަކޮށް ހިތްތިރިކޮށްލާށެވެ! އެހެން ދުވަހެއް ދައްކަވައިފާނެކަން ހަނދުމަކޮށްލާށެވެ!
1970 ވޯލްޑްކަޕްގެ ފައިނަލަށްފަހު ޕެލޭ
އަޅުގަނޑަށް ސިފަވަނީ މަރަޑޯނާއަކީ އާޖެންޓީނާއެވެ. އާޖެންޓީނާއަކީ މަރަޑޯނާއެވެ. މަރަޑޯނާގެ ޙަޔާތަށް ވިސްނާލައިފިނަމަ ޙަޔާތުގެ އަޑިގުޑަން ކަމާއި އޮއިވަރުގައި އެތައް ފަހަރަކު ވެއްޓި އަނެއްކާ ހިތްވަރުލައި ހަށިފޮޅާ ތެދުވުމުގައި އޭނާގެ ހިތްވަރު ފެންނާނެއެވެ. ފުޓްބޯޅައިގެ ދަނޑުގައި "ހޭންޑް އޮފް ގޯޑް" ނަމުން މަޝްހޫރުވެފައިވާ ލަނޑުގެ އިތުރުން އޭނާގެ ހުނަރުވެރިކަން ފާހަގަ ކުރެވޭ އެތައް ލަނޑެއް ވެއެވެ. ޕެލޭއަށްވުރެ މޮޅުކަމަށް އަބަދުވެސް އޭނާ ދައުވާކުރެތެވެ. މިދެތަރިންގެ ބަހުގެ ހޫނު ޙަމަލާތައް މީޑިއާގެ ސުރުޚީތަކުގައި އަބަދުވެސް ފެވިއަކުރުން ޖާގަ ހޯދައެވެ.
1986 ވޯލްޑްކަޕް ފައިނަލަށްފަހު މަރަޑޯނާ
1986 ވަނަ އަހަރު  މެކްސިކޯގައި އޮތް ފީފާ ވޯލްޑްކަޕްގައި ހުދާއި ނޫކުލައިގެ ރޮނގުދެމި ޖާޒީގައި މޮޅަށްކުޅެ ޖަރުމަނު ބަލިކޮށް ތަށި އުފުލައިލީ އާޖެންޓީނާގެ މަރަޑޯނާއެވެ. ވޯލްޑްކަޕްގެ ފަޚުރުވެރި ތަށްޓަށް އޭނާ ބޮސްދޭ ފޮޓޯ އަކީ އެވޯލްޑްކަޕްގެ ހަނދާންތަކުގެތެރެއިން ބިންވަޅުނެގިފައިވާ ފޮޓޯއެކެވެ. އެފޮޓޯގެ ފަސްމަންޒަރުން މެކްސިކޯގެ ރައީސްއާ ޖަރުމަނުގެ ޗާންސެލަރ ހެލްމަޓް ކޯލްފެނެއެވެ.
 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ޤުރުއަތުލުމުގެ ރަސްމިއްޔާތުގައި މިދިޔަ ޑިސެމްބަރ މަހުގައި ރަޝިޔާގައި ނަގާފައިވާ ފޮޓޯއިން ފުރޮޅުލީ ގޮނޑިއެއްގައި އިންދާ ޒަމާންވީ ވާދަވެރިޔާ ޕެލޭގެ ނިތްކުރިއަށް މަރަޑޯނާ ބޮސްދޭތަން ފެނެއެވެ. ވާދަވެރިކަމާއި ދެކޮޅުވެރިކަން ދޫކޮށްފައެވެ. މިފޮޓޯގެ ފަސްމަންޒަރުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ފެނެއެވެ. 
ވިސްނާމީހަކަށް މިކަމުންވެސް ޢިބުރަތެއް ލިބޭނެކަން ޔަޤީނެވެ. ވީމާ، ހަތުރުވެރިކަމުގައި އަނެކާއަށް ދެރަބަސްބުނެ ޒާތީ ނުވާށެވެ. އެބަސްތައް "ތިމާގެ އަނގަޔަށް ވަންނަ" ދުވަސްވެސް ދައްކަވާފާނެކަން ހަނދުމަކޮށްލާށެވެ. ހަތުރުން މިތުރުންނަށްވެ މިތުރުން ހަތުރުންނަށްވުމަކީވެސް ދުނިޔެ ދައްކާ މަންޒަރުތަކެވެ. މިއަދު ޘަނާ ކިޔާ ދޫތަކުން  ފަނާކުރުމަށް ބަސްބުނާ ދުވަހެއްވެސް ފެނިދާނެއެވެ. މިއަދު ފަނާކުރުމަށް ބަސްބުނާ ދޫތަކުން ޘަނާކިޔާތީ ވެސް މާދަމާ ފެނިދާނެއެވެ.
އެންމެ ތަޞްވީރަކުންވެސް ހާސް ވާހަކަ ބުނެދެއެއް ނޫންތޯއެވެ.






Tuesday, March 13, 2018

ނަފުސު ތަރައްޤީކުރުމަށް - ކުރަފި ތިއަރީ

11:42 PM 0
ނަފުސު ތަރައްޤީކުރުމަށް - ކުރަފި ތިއަރީ


ޠާހާ އަބޫބަކުރު
23 ފެބުރުއަރީ 2018މ.



މިއީ މީސްމީޑިއާ ތެރެއިން ތަންކޮޅެއްކުރިން އަތުޖެހުނު ލިޔުމެކެވެ. މިއީ ގޫގަލްގެ ސީއީއޯ ސުންދަރު ޕިޗާއީގެ ތަޤުރީރެއްކަމަށް ވެސް ބުނެވެއެވެ. އެކި ރިވާޔަތްތަކުގައި ޚިލާފުތައް އެބަހުއްޓެވެ. އެހެންކަމުން އިނގިރޭސިބަހުން ދިވެހިބަހަށް އަނބުރާލުމުގައި އަޅުގަނޑުވެސް "ފޮނިތޮށި ކާފޫރުތޮޅި" އެޅިކަމަށްވިޔަސް އަސްލަކީ 2015 ވަނަ އަހަރުތެރޭ ދުށް މިދެންނެވި ލިޔުމެވެ.

މީހުން ތޮއްޖެހިފައިވާ ރެސްޓޯރަންޓެއްގެ ތެރޭގައި އިން ކަނބަލެއްގެ ގައިގައި އައިނައިތަނެއް ނޭނގި ކުއްލިއަކަށް ކުރަތްޕެއް ޖައްސައިފިއެވެ. ދެނަކާ ދެނެއް ނެތެވެ. މިކަނބުލޭގެ ގަތްބިރުން އަޑުގައި ނެތްތަނަށް ހަޅޭލަވަން ފަށައިފިއެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވެ، ތުރުތުރު އަޅާއަޑެއް ނެރެމުން، ކުރަފި ގައިން ނައްޓާލެވޭތޯ ދެއަތުން މަސައްކަތްކުރަމުން ފުންމަންފަށައިފިއެވެ. އެކަނބުލޭގެއާއެކު ތިބި ގުރޫޕްގެ އެންމެންވެސް ތިބީ ބިރުގެންފައި ކަމުން އެކަނބުލޭގެއަށްވެސް ބިރުން ތެޅިގަނެވުނީއެވެ. އެންމެފަހުން އެގޮތަކުން މިގޮތަކުން ގައިން ކުރަފި ފޮޅާލައިފިއެވެ. އެސޮރު ގޮސްޖެހުނީ އެގުރޫޕްގައި އިން އެހެން ކަނބަލެއްގެ ގައިގައެވެ. ކުރިން ކުޅެވުނު ޑުރާމާގެ ރިޕީޓެއް ފެށުނީއެވެ. މިވެރިން މިކަންތައްގަނޑުން ސަލާމަތްކޮށްދެވޭތޯ ވެއިޓަރެއް އެދިމާއަށް އަވަސްވެގަތެވެ. ކުރަފި "އުކުމުގެ" މި "ރިލޭ"ގައި އެކަނބުލޭގެ ފޮޅާލިގޮތަކުން އެސޮރުގޮސްޖެހުނީ ވޭޓަރުގެ ގައިގައެވެ.
ވޭޓަރު ގުޑައިވެސްނުލައި އޭނާގެ ގަމީހުގައި ޖެއްސި ކުރަފީގެ ހަރަކާތްތަކަށް، ވިސްނުންތެރިކަމާއެކު ބެލިއެވެ. އަދި ހުށިޔާރުކަމާއެކު ކުއްލިއަކަށް ކުރަފީގައި އަތުން ހިފައި ބޭރަށް އެއްލާލައިފިއެވެ.  
ކޮފީގެ ފޮދުވަރުވަރު އަރުތެރެއަށް ދަމަމުން، މިކުޅިގަނޑު ދެކެން ތަންކޮޅެއް ދުރުގައި އިންއިރު އަޅުގަނޑުގެ ސިކުނޑީގެ ރާޑަރަށް އެރި ސުވާލުތަކަކާއި މެދު އިތުރަށް ވިސްނަން ފެށިއްޖެއެވެ. މިހާދިސާގައި އެކަނބަލުން އުޅުނުގޮތަށް ޒިންމާވާންޖެހެނީ ކުރަފި ހެއްޔެވެ؟ އެހެންކަމަށްވާނަމަ އެގޮތަށް ވޭޓަރު ނޫޅުނީ ކީއްވެހެއްޔެވެ؟ ވޭޓަރު އެކަން ޙައްލުކުރީ ވަރަށް ފުރިހަމައަށެވެ. ބޮޑުހައިޖާނަކަށް ނުހަދައެވެ.
އެކަނބަލުންނަށް އެހާލަތް އުނދަގޫ ޙާލަތަކަށް ވީ ކުރަފީގެ ސަބަބަކުންނޫނެވެ. ކުރަފި ޖެއްސުމުން ލިބުނު އުނދަގުލާއި ކުރިމަތިލުމުގެ ޤާބިލްކަން އެކަނބަލުންގެ ނެތުމުންނެވެ.
އަޅުގަނޑަށް ވިސްނުނީ އަޅުގަނޑަށްވެސް އުނދަގޫވަނީ، ގާތްމީހަކު ނުވަތަ ވެރިއަކަށް ހުންނަ މީހަކު ހިތްހަމަ ނުޖެހިގެން އަޑުލައިހެދުމަކުން ނޫންކަމެވެ. އުނދަގޫވަނީ އެގޮތަށް އަޑުލައިހެދުމުން ލިބޭ އުނދަގޫ ތަޙައްމަލުކުރުމުގެ ޤާބިލްކަން ނެތުމުން ލިބޭ އުނދަގުލުންކަމެވެ.
އުނދަގޫވަނީ މަގުމަތީގައި ވެހިކަލްތައް ތޮއްޖެހުމުން ނޫންކަމެވެ. އުނދަގޫވަނީ، ވެހިކަލްތައް ތޮއްޖެހުމުން ލިބޭ އުނދަގޫ ތަޙައްމަލުކުރުމުގެ ޤާބިލްކަން ނެތުމުން ލިބޭ އުނދަގުލުންކަމެވެ. ކުރިމަތިވާ މައްސަލައަށްވުރެ ބޮޑަށް އެކަމާއި ތެޅިގަތުމުން ދިރިއުޅުމުގައި ހައިޖާނު އުފެދޭ ކަމެވެ.
މިހާދިސާއިން ލިބޭ ޢިބްރަތްތައް ބައިވަރެވެ. ދިރިއުޅުމުގައި ކަމެއް ދިމާވީމާ އެކަމާއި ތެޅިނުގަންނަންވީއެވެ. ވިސްނުންތެރިކަމާއެކު ކުރިމަތި ލާނީއެވެ. އެކަނބަލުން ތެޅިގަތީއެވެ. ވޭޓަރު ކުރިމަތިލީއެވެ. ތެޅިގަތުމަކީ ކުރެވޭނުކުރެވޭ ކަމެއް ނޭނގި އުޅެވޭގޮތެކެވެ. އެހެނަސް ކުރިމަތި ލެވޭނީ ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކުގައެވެ.
މީހަކު އުފަލުން ހުންނަނީ އޭނާގެ ދިރިއުޅުމުގައި ހުރިހާކަމެއް ބަރާބަރުވީމައެއް ނޫނެވެ. އޭނާ އުފަލުން ހުންނަނީ އޭނާގެ ދިރިއުޅުމުގައި ހުރި ކަންތައްތަކާއި މެދު ރަނގަޅަށް ދެކޭތީ އެވެ.
ކުރުކޮށްދަންނަވާނަމަ، ދިރިއުޅުމާއިމެދު ރަނގަޅު "އެޓިޓިއުޑެއް" ހުރީމައެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށްކަމާއި އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަން ވިސްނޭތީއެވެ. މާތްﷲ ޞުބްޙާނަހޫ ވަތަޢަލާގެ މިންވަރުފުޅަށް ޝުކުރުވެރިވާން އެނގޭތީއެވެ.


Saturday, February 17, 2018

ބޯގަފަތްކޮޅުތަކުން އެނގެނީ ކޯއްޗެއް؟

11:08 AM 1
ބޯގަފަތްކޮޅުތަކުން އެނގެނީ ކޯއްޗެއް؟
ޠާހާ އަބޫބަކުރު
15 ފެބުރުވަރީ 2018މ.

އިހު ޒަމާނުގައި ރާއްޖޭގެ ރަށްރަށުގެ މިސްކިތްތައް ބައުވެ އިންދިރާސްވިޔަނުދީ އާބާތުރަ ފިލުވުމަށާއި ފޮޅާސާފުކޮށް ބެލެހެއްޓުމަށް ހިނގާ ޚަރަދުތައް ފޫބައްދައި އުޅެނީ މިސްކިތަށް ދީފައިވާ ބޯގައިންނެވެ. ދިވެހިބަހުގެ އެކަޑަމީ (2014) ބަޔާންކުރަނީ ބޯގައަކީ މިސްކިތް މިސްކިތާއި ޒިޔާރަތްފަދަ މުޤައްދަސް ތަންތަން ބެލެހެއްޓުމަށް ވަގުފުކޮށްފައި ހުންނަ ބިންބިމާއި ރުއްގަހެވެ. ބޯގަ ދެއްވިކަމުގެ މައްޗަށް ރަސްކަމުގެ ފަރާތުން ނުވަތަ ވެރިކަމުގެ ފަރާތުން ދެއްވާ ލިޔުމަކީ ބޯގަފަތްކޮޅެކެވެ. ބޯގަފަތެވެ. ވަޤުފު ފަތޭވެސް ކިޔައެވެ. ޢަބުދުﷲ ޙިލްމީ (2012) ވިދާޅުވަނީ ވަޤުފުފަތަކީ ކޮށްފައިވާ ވަޤުފެއްގެ މައްޗަށް ލިޔެވިގެންވާ ޤާނޫނީ ނުވަތަ ޝަރުޢީ ލިޔުން ކަމަށެވެ.  ބޯގަ ފަތްކޮޅުތަކަށް ވިސްނާއިރު ބައެއް ފަތްކޮޅުތަކުގައި މިސްކިތްބެލެހެއްޓުމުގެ ޚަރަދުތަކުގެ އިތުރުން މުދިމަކާއި އިތުރު މީހުންގެ ޚަރަދު ބަރަދުވެސް ހިމެނިފައި އޮވެއެވެ. އަދި އެބަޔެއްގެ ޒިންމާތައްވެސް ލިޔެވިފައި ހުރެއެވެ. ވަޤުފު ބެލެހެއްޓުމުގެ ޙަވާލުވެރިންނަކީ ތައުލިޔަމޫލަވެރިންނެވެ. ބައެއް ފަހަރު އެއީ މިސްކިތް ބިނާކުރި ފަރާތެވެ. ނުވަތަ އެރަށެއްގެ ރައްޔިތުންނެވެ. ނުވަތަ އެނޫންވެސް ކޮންމެވެސް ބަޔެކެވެ. ބޯގަފަތްކޮޅުތަކުގައި މޫލަވެރިންނަށް ހުރި މަންފާތަކުގެ އިތުރުން ޢިނާޔަތާއި ޚާއްޞަކަންކަންވެސް ބަޔާންވެފައި ހުރެއެވެ. ވެރިކަމުގެ ފަރާތުން އަންގާ އެހެނިހެން ބައެއް އަމުރުތައްވެސް އޭގެ ތެރޭގައި ހިމެނިފައި ހުންނަތަން ފެނެއެވެ. މިސްކިތުގެ މުޤައްދަސްކަމާއި މިސްކިތް ބިނާކޮށް، ބެލެހެއްޓުމާއި ޚައިރާތްކުރުމުގެ މަތިވެރި ސަވާބުގެ ވާހަކަތައް ގެނައުމަށްފަހު މިސްކިތަށް ގެއްލުންދީ، ވަޤުފުކުރެވޭ ތަކެތީގެ ޖެހުމުގެ ނުބައިކަމަށްވެސް ފަތްކޮޅުތަކުގައި އަލިއަޅުވާލާފައި ހުރެއެވެ.

އަޅުގަނޑުމެންނަށް ފެންނާންހުރި ފަތްކޮޅުތަކަކީ ދިވެހިންގެ އެޒަމާނަށް  އަޅުގަނޑުމެން ގެންގޮސްދޭ ފާލަމެކެވެ. މާޒީގެ އެމަންޒަރުތައް ދައްކުވައިދެނީ ފިލްމު ފީތާއަކުން މަންޒަރުތައް ދައްކުވައިދޭ ފަދައިންނެވެ. ސިފަވެގެންދަނީ ދިވެހި ރަސްކަމުގެ ކީރިތި މޫރިތި ކަމާއި ޝާނާއި ޝައުކަތުގެ ދަރުބާރެވެ. ރައްޔިތުންގެ ފަރާތުން މައްސަލަތަކާއި އާދޭސްތައް ހުށައަޅާގޮތެވެ. އެއަށް "ހިރިޔާފާތުރަ ދަށުން" ލިބިގެންދާ އީޖާބެވެ. އިޤުތިޞާދީގޮތުން ކަންކަން ހުރިނެތް ގޮތެވެ. އިޖުތިމާޢީ މައްސަލަތަކެވެ. ދިރިއުޅުމުގެ ވައްޓަފާޅި އާއި މަސައްކަތްތެރިކަމެވެ. ދިވެހިންގެ ޢިލްމީ އަދަބީ ޤާބިލްކަމެވެ. ވަކި ޚާއްޞަ ނިޒާމެއްގެ މަތިން ތަރުތީބުވެގެން ހިނގަމުންދާ މުސްތަޤިއްލު ވެރިކަމުގެ ދީވާނުގެ އުސޫލުތަކާއި އާދަކާދައެވެ. މައް ދިވެހިރައްވެހިކަމުގެ ސިފަތަކެވެ. މިނޫނަސް އެތައް އެތައް ކަމެކެވެ.

އެންމެ އިހުގައި މިސްކިތްތަކަށް ދީފައިވާ ބޯގަފަތްކޮޅުތަކަކީ މީލާދީން 12 ވަނަ ޤަރުނުގެ ފަހުކޮޅުގެ ލޯމާފާނުތަކެވެ. ލޯމާފާނުތައް ލިޔެވިފައިހުރީ ލޮއި ފޮތިތަކެއްގައި އެވޭލާ އަކުރުން ކަނޑާ ނަގައިގެންނެވެ. ނަމަވެސް ކަށިކެޔޮ ފަތާއި، ފަންވަތުގައި ވެސް ބޯގައިގެ ލިޔުންތައް ލިޔެވެމުންދިޔަ ދުވަސްވަރެއް އޮތްކަމުގައި ތާރީޚު ޢިލްމުވެރިން ފާހަގަކުރައްވައެވެ. ލޯމާފާނަށްފަހު އަޅުގަނޑުމެންނަށް ފެންނާންހުރި ފަތްކޮޅުތަކަކީ ކަރުދާހުގައި ދެލިން ލިޔެފައިވާ ފަތްކޮޅުތަކެކެވެ. ބައެއް ފަތްކޮޅުތައްހުރީ ދިވެހި ނުވަތަ ދިވެސް އަކުރުންނެވެ. އަނެއްބައި ފަތްކޮޅުތައް ތާނައަކުރުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ވަޞީލަތްތައް ހުރިގޮތުންނާއި ތާރީޚަށް ލޯބިކުރާ މީހުން މަދުވުމުގެ ސަބަބުން އެވޭލާ އަކުރާއި ދިވެސް އަކުރުން ހުރި ފަތްކޮޅުތައް ކިޔާން ދަންނަ މީހުންވެސް އަމުދުން ނެތެވެ. ދިވެހިތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަހުމަދު ޝަފީޤް (1994) ވިދާޅުވެފައިވަނީ "އެވޭލާ އަކުރާއި ދިވެސް އަކުރު ލިޔަންކިޔަން ދަންނަ ކޮންމެވެސް ބަޔަކު، އަބަދުވެސް ދިވެހީންގެ ތެރޭގައި ތިބެންވާނެއެވެ. ނޫންނަމަ، ތާރީޚްގެ ދުރު ޒަމާން އޮޅުން ފިލާ މަގު ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ".

އަޙުމަދު ޝަފީޤު، އެވޭލާއަކުރު، 1994މ.
ޢަބުދުﷲ ޙިލްމީ، ކޮނޑޭ ކުޑަމިސްކިތުގެ ފަތްކޮޅު، 07 އޮކްޓޯބަރު 2012މ. http://www.galehiri.com

ދިވެހިބަހުގެ އެކެޑަމީ، ބަސްފޮތް،  2014މ.

Friday, February 9, 2018

އެވޭލާއަކުރުވެސް ދަސްވެއްޖެ

9:45 AM 0
އެވޭލާއަކުރުވެސް ދަސްވެއްޖެ



”އެވޭލާ އަކުރާއި ދިވެސް އަކުރު ލިޔަންކިޔަން ދަންނަ ކޮންމެވެސް ބަޔަކު، އަބަދުވެސް ދިވެހީންގެ ތެރޭގައި ތިބެންވާނެއެވެ. ނޫންނަމަ، ތާރީޚްގެ ދުރު ޒަމާން އޮޅުން ފިލާ މަގު ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ" އަޙުމަދު ޝަފީޤު (1994).


އަލްޙަމްދުލިﷲ. މީގެ 900 އަހަރުކުރިން ދިވެހިން ލިޔެއުޅުނު އަކުރު ކަމުގައިވާ "އެވޭލާ އަކުރު" ލިޔަންކިޔަން ދަސްވިކަމުގެ އުފާލިބިގަންނަމެވެ. މިކަމުގައި އެހީތެރިކަން ހޯދީ، ސްރީލަންކާގެ ޕްރޮފެސަރ ވިޖެޔަވަރުދަނާ އާއި ޙަސަން އަޙުމަދު މަނިކު ކުރައްވާފައިވާ އިސްދޫ ލޯމާފާނުގެ ތަރުޖަމާ އާއި ޑރ.ޙަސަން ޙަމީދުގެ ލިޔުއްވުމަކުންނާއި، ދަނބިދޫ ލޯމާފާނު ތަރުޖަމާކުރެއްވި އަލްމަރްޙޫމް ޢަލީ ނަޖީބުގެ  ވަރަށް ބޮޑު ޙިއްސާއެއް އޮވެގެން ތައްޔާރުކުރައްވައި އަލްމަރްޙޫމް އަޙުމަދު ޝަފީޤް ނެރުއްވި "އެވޭލާ އަކުރު" ފޮތުންނެވެ. މަތީގައި އެވޭލާއަކުރުން ލިޔެފައި އެއޮތް ލިޔުންކޮޅު ލިޔެފައި އެވަނީ ޑރ.ޙަސަން ޙަމީދު އުފައްދަވާފައިވާ "އެވޭލާ އަކުރު" ފޮންޓުންނެވެ. މިމަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީވެސް ޑރ.ޙަސަން ގެ ބްލޮގްގައިވާ ލިޔުމެވެ. އެހެންކަމުން ޑރ.ހަސަން ޙަމީދުގެ މަސައްކަތްޕުޅަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ. އަދިހަމައެއާއެކު، ދިވެހިބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އާއި ނޢޢވ ނަސީމާ މުޙައްމަދު ދެއްވި ހިތްވަރަށާއި އާމިނަތު ޝާޒިނާގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވެސް ޝުކުރު ދަންނަވަމެވެ. 

Monday, January 30, 2017

ވާހަކަޅެން: އަކުބަރު ރަސްގެފާނާއި ބީރުބަލް-1

3:02 AM 0
ވާހަކަޅެން: އަކުބަރު ރަސްގެފާނާއި ބީރުބަލް-1

ޠާހާ އަބޫބަކުރު / ލ.ގަން
އެއްޒަމާނެއްގައި އުޅުއްވިޔެ ދަންނަވަންތޯ ރަސްކަލެއް
     އެއްމެނަށް މަޝްހޫރުކަން އެނގި ނަންހިނގާވާ ބޭކަލެއް
ނަންފުޅެއްކަމުގައި ޖަލާލުއްދީން މުޙައްމަދު އަކުބަރޭ
     ނަންކިޔޭ ޝަރަފާއި މަތިވެރި ހައިބަވެތި ބޮޑު ރަސްކަލެއް
މޮޅު ވަކީން ބުއްދީގެ ހިކުމަތް ބީރުބަލް ވަޒީރަކީ
މޮޅުކަމަށް މަޝްހޫރުކަން ބޮޑު ވެސް ނުލާހިކު  ބޭކަލެއް
އަސްތަ އަސްތާ ރަސްގެފާނުން ލޯބިފުޅުވާތީ އެހާ
     ރަސްކަމުގެ ދަރުބާރުގައި  ދެއްވަނީ   މަތިވެރި ޖާގައެއް
ހުރިވަރެއް ބެލުމަށް ވަޒީރުގެ ނިންމެވީ މަކަރެއް ހަދަން
     ކުރިއަކުން  ނޭނގޭނެހެން  ނިންމެވީ މޮޅު    ހިކުމަތެއް
އެންމެފުރަތަމަ އިސްވަޒީރަށް ނާންގަވާ މާސިއްރަކުން
     ދެއްވަވައިފިޔެ ސިއްރުސިއްރުން ކޮންމެ ބޭކަލަކަށް ބިހެއް
ބީރުބަލް އައުމުން ވިދާޅުވެ އިއްވަވައިފި މަހާރަދުން
     މީދުވަސް  ބެލެވޭނެ  ތެދުވެރިކަން ފެނިއްޖޭ  ހުވަފެނެއް
ބުނެވުނޭ އޭ ރަސްގެފާނޭ ބައްލަވާށޭ ޓެސްޓުކޮށް
     ބުނެލުމުން ގެންނާނެޔޭ ފެންގަނޑު ތެރަށް އެރިފައި ބިހެއް
އިންތިޒާމުކުރައްވަވާ ހަމަޖައްސަވާފައިވާ ގޮތައް
     ދިންގެނެސް ލަސްނުވެ ވަޒީރުން ކޮންމެ މީހަކުވެސް ބިހެއް
ބައްލަވަން މިކަމެއް ހިނގާތަން އިންނަވާފައި ބީރުބަލް
     ލައްވަމުން އެވަޑައިގަތީ  ދަރުބާރުތެރެއަށް   ގަދަ އަޑެއް
ބަލަ ވަޒީރާއޭ ކޮބައިތޯއޭ ތިބާ ދިޔަ ބިސް ބަލައި
     ބަލަ ޔަޤީނޭ  ތިޔަދެނީ ކަންފަތްތަކަށް ބޮޑު އުނދަގުލެއް
އިސްޖަހާ ކުރުނީސްކޮށްފައި ބީރުބަލްއޭ ދެންނެވީ
     ވިސްނެވުން ހުއްޓޭ  އިނގޭމީ ހާދަ ހިކުމަތްތެރި ކަތެއް
އައްސަވާށޭ ޤަދަރު މަތިވެރި ލޭފަވެތި މާތް ސާހިބާ
     ކައްކަކާކޯ!  ކިހިނަކުންހޭ  ހާލަކަށް  އެޅެނީ  ބިހެއް
ސާބަހޭ ބުނެލެއްވިޔޭ ހިނިފުޅުވަޑުއްވަވަމުން ރަދުން
     ސާބަހެއް ލިބުމީ އިނގޭތޯ ދަރަޖަވެސް މަތިވާ  ކަމެއް  

             30 ޖެނުއަރީ 2017

Saturday, January 21, 2017

ޅެންވެރިންގެ ދުވަހުގެ ޝުޢޫރު

9:15 PM 0
       ޅެންވެރިންގެ ދުވަހުގެ ޝުޢޫރު
              ޠާހާ އަބޫބަކުރު، ލ.ގަން

ޅެންވެރިއަކަށް މަނުވިޔަސް، ޅެންވެރިކަމުގެ ކަތުންނަށް
     ޅެންބަސްތަކުން މިކުރަނީ ފޮނި ތަޙުނިޔާ  ވެދުންތައް
ޅެންބަހުރުވައިގެ ބާރުން ކުރުވީ މި ފުން އަސަރަކީ
     ދެންނެވިޔަކަސް އެނގޭނޭ ހެން ހީނުވާ  އަސަރުތައް
ޅެންވެރިކަމަށް މަ އެދެނީ ފާގަތިވި އަލި ދުވަސްތައް
     ފެންދީ ދިރުން ގެނެސްދޭ ފަދަ ޗާލު ދިވެހި ޅެންތައް
ޅެންވެރިކަމުގެ ބަހާރަށް އުނިކަން ނުވާނެ ގޮތްތައް
     ޅެންވެރި އަދީބުނަށް އާފިޔަތާއި  ހެޔޮ  ދުވަސްތައް 
           22 ޖެނުއަރީ 2017

* ނޯޓް: އަޅުގަނޑަކީ ޅެންވެރިއެއް ނޫނީމުއެވެ. ނަމަވެސް ޅެންވެރިންގެ ދުވަސްފާހަގަކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީ އިން 2017 ޖެނުއަރީ 21 ވީ ހޮނިހިރު ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި ކުލަގަދަ ހަފްލާ ފެނިފައި ހިތަށްވެރިވި ޝުއޫރުތައް ގިނަކަމުން ވަޒަން ބަހުރުވައިން އެއްޗެއް ދެންނެވޭތޯ ބަލައިލީއެވެ. 

Friday, October 7, 2016

Friday, March 11, 2016

ފަޅުމިސްކިތުގެ ވަޅުނަގަން އުޅުނު މީހަކަށް ވީގޮތް

9:37 PM 0
ފަޅުމިސްކިތުގެ ވަޅުނަގަން އުޅުނު މީހަކަށް ވީގޮތް


ލިޔުނީ: ޠާހާ އަބޫބަކުރު، ލ.ގަން. 12 މާރިޗު 2016މ.

 
މިސްކިތެއްގެ ދެވަޅު

އާބާދީތައް ނެތިގޮސް ބޭނުންކުރުން ހުއްޓާލެވި ފަޅުވެ ވީރާނާވެފައިވާ މިސްކިތްތައް ޒަމާނުގެ ވަކިތަކުގެ ޝިކާރައަށްވެ ހަލާކުވެ ވެއްޔާއި ގަލުގެ ފަސްފުނިތަކަކަށް ބަދަލުވެގެން ދެއެވެ. އެއްޒަމާނެއްގައި މީހުން ދިރިއުޅެ ހޭލަމޭލަވެ ދިރުންހުރި ސަރަޙައްދުވެސް ވާބޯ ޖަންގައްޔަށް ވެދެއެވެ. ދެން މިފަދަ މިސްކިތްތަކުގެ ތަރާގަނޑާއި ފެންނާންހުންނަ ތަކެތީގެ ބޭނުންހިފަނީ ގެދޮރު އެޅުމަށާއި ޢިމާރާތްކުރުމަށެވެ. އެގޮތުން މިސްކިތުގެ ވަޅަކީވެސް ބޭނުން ހިފޭ އަގުހުރި އެއްޗެއްގެ ގޮތުގައި އޮންނަނީ ވެފައެވެ. ހިރިގަލުން ހަދާފައި ހުންނަ ވަޅުތައް ކޮނެ ނަގައިގެން ގޭގޭގައި ބޭނުންކުރުމަށާއި އަލަށް ހެދޭ މިސްކިތްތަކުގައި ބޭނުންކުރުމަށް ގެންދިއުމަކީ އިހުގެ އާދައެކެވެ. ނަމަވެސް ފަޅުވެފައިހުންނަ ސަރަޙައްދުތަކާއި ގުޅުވައިގެން ދެކެވިފައި ހުންނަ ބިރުވެރި ވާހަކަތަކާއި ޤަބޫލުކުރާ ޤަބޫލުކުރުންތަކުގެ މައްޗަށް ބިނާކޮށް އެފަދަ ސަރަޙައްދުތަކަށް ގޮސް އެފަދަ ތަކެއްޗަށް ވައިއެޅެން ކެރެނީވެސް މަދުބަޔަކަށެވެ. މިވާހަކައަކީ ގަމުގެ އިހުގެ މިސްކިތެއް ކަމުގައިވާ "ކިރަހަކުރު" (ކިރުހަކުރު) މިސްކިތުގެ ވަޅުކޮނެ ނަގަން ދިޔަ މީހުނަށް ދިމާވި ހާދިސާއެއް ކަމަށް އަޅުގަނޑަށް އިވިފައިވާ ވާހަކައެކެވެ.
ކުޑަކަލޯގެ ދޮންމޫސާގެ އަޙައްމަދުގެ ޔޫސުބަކީ ގަމު މަތިމަރަދޫ ޒުވާނެކެވެ. ކުޑަކަލޯގެ ހަލީމާގެ ކަމަނާގެ މޫސާގެ އެދުމުގެ މަތިން ކިރަހަކުރު މިސްކިތުގެ ވަޅު ނެގުމަށްޓަކައި ވަޅަށް އެރުނީ މިޔޫސުބެވެ. ކިރަހަކުރު މިސްކިތްހުރީ ކޮޅުވޭރު ވެލާނާ ރުއްގަނޑު ކައިރީގައެވެ. ނުވަތަ އެރުއްގަނޑު ތެރޭގައެވެ.  ވަޅުކޮންނަން ވަޅަށް އެރި އޮއްވާ ނުދަންނަ އަޑަކުން "ތިވަޅުން އަރާށޭ" ގޮވާލުމުން މައްޗަށް އަރާ ބެލިއިރު އެއްވެސް މީހެއް ނެތެވެ. މިވާހަކަ މޫސަބޭ ގާތު ބުނުމުން މޫސަބޭ އެއީ ކަމެއް ނޫނޭ މަސައްކަތްކުރިއަށް ގެންދާށޭ ބުނެފިއެވެ. އަނެއްކާވެސް ބިރުންހުރި ޔޫސުބު އެރުނީ ވަޅުނެގުމަށެވެ. ވަޅު ކޮނުމުގެ މަސައްކަތުގައި ހޭބޯނާރާ އުޅެނިކޮށް އަނެއްކާވެސް ގޮވާލެވޭ ވަކިދިމާލެއް ނޭނގި ގޮވާލާ އަޑަކުން ވަޅުން އެރުމަށް ގޮވާލެވިއްޖެއެވެ. ނަމަވެސް މިފަހަރު ބިރުގެންފައި ހުރި ނަމަވެސް އިވޭ ކަމަށް ނުހަދާ ވަޅުކޮނެ ނިންމާލީއެވެ. ވަޅުން އެރިއިރު ޔޫސުބު ހުރީ ދޫކުރުވެ ވާހަކަ ނުދެއްކޭގޮތް ވެފައެވެ. މީހާ ހުރި ހުންއައިސް ރަތްވެފައެވެ. ހުންވިހެނުލާ ތިން ދުވަސްދިޔުމަށްފަހު ޔޫސުބު މިދުނިޔެއަށް އެންމެފަހުގެ ނޭވާލައިފިއެވެ.
މިވާހަކަ އަޅުގަނޑަށް ކިޔައިދެއްވީ ލ.ގަމު މުކުރިމަގު ފޮނިމާގޭ ޢަލީ އިބްރާހިމް (ކަތީބުގެ އައްޔަ) އެވެ.

Tuesday, July 28, 2015

ކާޅު: ހުތުރަކަސް މުހިއްމު

10:33 AM 0
ކާޅު: ހުތުރަކަސް މުހިއްމު
ލިޔުނީ: ޠާހާ އަބޫބަކުރު، ލ.ގަން. 28 ޖުލައި 2015މ.

ކާޅަކީ އެސޮރުގެ ސިފަހުތުރުކަމަށްޓަކައި ދޫންޏެއްކަމުގައިވެސް ގިނަމީހުން ޤަބޫލުކުރަން ބޭނުންނުވާ ދޫންޏެކެވެ. މުޅިގައިގާ ކަޅުކުލައިގެ ފަތްހުރެފައި ކާނާގެގޮތުގައި ކޮންމެއެއްޗެއްވެސް ކަމުދާ ކާޅުގެ ހިނގުމާއި ގޮވެއްޔަކީވެސް އިންސާނުން އަހާބަލަން ޝައުޤުވެރިވާ ސިފަތަކެއްކަމަކަށް ނުވެއެވެ. ކާޅަކީ ނުހޮރުއްޕާނެއްގެގޮތުގައި ބެލުމުގެ އިތުރުން ނާމާންކަމާއިގުޅިފައިވާ އެއްޗެއްކަމުގައިވެސް ބަލާމީހުން މަދެއްނޫނެވެ. ދިވެހިބަހުގެ ރަދީފުގައި ކާޅު ސިފަކޮށްފައިވަނީ "ކަޅު ކުލައިގެ ދޫންޏެކެވެ. މިއީ އިންސާނުން ކައިބޮއި އުޅޭ އެއްޗެއްސާއި، ހަޑި ކުނި ބުންޏާއި، ފުޅަ ތަކެތިވެސް ކައި އުޅޭ، ދަހި، ލަދުކުޑަ އެއްޗެކެވެ. މީގެ ތުން ވަރުގަދަވެފައި ކަޅުވާނެއެވެ. ކާޅަކީ، އެއްސިފައަކަށް ހަރަކާތްތެރިވެއުޅޭ، އެކިއެކި ހިލަމަށްސިހޭ، ހޭބަލާ " ދޫންޏެއްގެ ގޮތުގައެވެ.
ކޮންމެއަކަސް އިންސާނުން މިބިންމަތީގައި އުޅެންފެށީއްސުރެ މިދެމެދުގައި އޮތީ ވަރަށް ހައިރާންކުރުވަނިވި ގުޅުންތަކެކެވެ. ކާޅުގެ ގެއްލުމާއި ފައިދާ ސީދާގޮތުންނާއި ނުސީދާގޮތުން އިންސާނުން ދިޔައީ ތަޖުރިބާކުރަމުންނެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުން ކާޅަކީ ވަރަށް ވިސްނުންތޫނުވެސް އެއްޗެކެވެ.

ކާޅު ރާއްޖެއައުން:

ބައެއް ތާރީޚުލިޔުއްވުންތެރިން ދެކެވަޑައިގަންނަވާގޮތުގައި، އިންޑިއާގެ ގުޖުރާތުގައި އުފެދުނު އިންޑަސް ވާދީ ރަށްވެހިކަމާއި ދިވެހިރާއްޖެ އާބާދުވުމާއިގުޅުންއެބަހުއްޓެވެ. އަދި ރާއްޖެއަށް ކާޅުއައީވެސް މިމީހުންގެ ނައުޒޯގު ފަހަރުގައެވެ. އެޒަމާނުގައި ކަނޑުދަތުރުފަތުރުގައި ހިކިފަސްތަނެއް އޮތްތޯބެލުމަށް ނައުގެ ކައްޕިތާނުން އޮޅުކޮށްގެން ގެންގުޅޭ ކާޅު އުދުއްސާލާކަމަށްވެއެވެ. ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް ހިމެނޭ ދޫނިކަމަށްވާ ކާޅު، އައްޑުއަތޮޅު ފިޔަވައި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައިހެން އަންނަނީ ދިރިއުޅެމުންނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި 40 ބާވަތެއްގެ ކާޅުއުޅޭކަމަށް ރިކޯރޑްކުރެވިފައިވާއިރު ދިވެހިރާއްޖޭގައި މިއުޅޭކާޅަކީ، އިންޑިއާ އާއި ސިލޯނުންވެސް މިފެންނަ ކާޅު އާއިލާ (Corvus splendens)ގެ ސަބްކްލާސްއެއް ކަމަށްވާ (Corvus splendens maledivicus)އެވެ. އެގޮތުން ރާއްޖޭގެ ކާޅު އެތަންތަނުގެ ކާޅަށްވުރެ ތަންކޮޅެއް ބޮޑެތިކަމަށް ފާހަގަކުރެވެއެވެ. (ވިލްމޯރ، 1979).  
ދިވެހި މާހައުލުގައި ޒަމާނުންސުރެ ދައުރުވަމުންދާ މުސްކުޅި ބުނުންތަކާއި މިސާލުބަސްތަކުގެ ތެރޭގައިވެސް ކާޅަށް ނިސްބަތްކުރެވިފައި އެބަހުއްޓެވެ. މިސާލެއްގެ ގޮތުން، "ތެޔޮ ނާށި ކާޅު ގެންދިޔުން"، "ތިމާ އާއި ނުބެހޭ ކަމަކާ ކާޅުކެޔަސް ސޮއް ނުގޮވާށެވެ"، "ޔަހުޔާ ކާޅު ހިފިހެން" އަދި "ކާޅު ގުއި ބަންގާޅަށް ދިޔަހެން" ފަދަ އަދަބީ ބަސްތަކުގައެވެ. "ކާޅު ދެލޮލަ އެއް އޮށޭ، މުޅި ގާ ހުސް ކަޅަފަތޭ.." މިހެން ކިޔާފައި އޮންނަ ބަންޖެއް ޒާތުގެ އެއްޗެއްވެސް އަޅުގަނޑުމެން ކުޑައިރު އަހާ، ކިޔައި އުޅެމުއެވެ.
މަޝްހޫރު ދިވެހި ވާހަކަ "ދޮންހިޔަލަ އާއި އަލިފުޅު" އަދި "ބުރުނީ ކަމަނާ ރައިވަރު" ގައި އުޅޭފަދަ ހުދުކާޅަކީވެސް މަދުމަދުން ފެންނަ ކާޅެކެވެ. މިބާވަތުގެ ކާޅެއް 2011 ވަނަ އަހަރު މުލަކަތޮޅު ކޮޅުފުށިން އަޅުގަނޑުވެސް ދުށީމެވެ. އެސޮރުގެ ކުލަ ތަފާތުވުމުންވެސް ތޯއްޗެކެވެ. އެސޮރު ގޮނޑުދޮށުގައި އުޅުނުއިރު ގުރޫޮޕްގައި ހިމެނޭ އެހެން މެމްބަރުންނާ ވަރަށް ބޮޑަށް އެކަހެރިކޮށްލާފައި އިންނަކަމަށް ފާހަގަކުރެވުނެވެ.

ކާޅުގެ ވިސްނުންތެރިކަން:

ކީރިތި ޤުރުއާނުގައި ނަން ބަޔާންކޮށްދެއްވާފައިވާކަމަށްވަނީ 3 ދޫންޏެކެވެ. އެއީ ކާޅު، ސަލްވާ (ބަނީ އިސްރާޢީލްބާގާގެ މީހުންނަށް މަންނަ އާއެކު ފޮނުވުނު) އަދި (ސުލައިމާނުގެފާނުގެ) ހުދުހުދު އެވެ. އެންމެހާ އިންސާނުންގެ ބަފައިކަލުނަށަވި އާދަމް އަލައިހިއްސަލާމްގެ  ފުރަތަމަ ދަރިކަލުން ޤާބީލް އަނިޔާވެރިގޮތެއްގައި އޭނާގެ ކޮއްކޯފުޅު ހާބީލް ޤަތުލުކޮށްލުމަށްފަހު އެކުރެވުނު ނުބައިކަން ހިތަށްވަދެ، އަޚާގެ މުޅަ މަސްގަނޑާއިމެދު ކަންކުރާނެގޮތެއް ނުވިސްނި ފިކުރުބޮޑުވެފައި ވަނިކޮށް އެތަނަށް ދެކާޅު ފޮނުއްވެވިއެވެ. މިދެކާޅު ތަޅާފޮޅާ އެއްކާޅު މަރުވުމުން ތުންގަނޑުން ވަޅެއްކޮނެ މަރުވިކާޅު ވަޅުލުމުން ޤާބީލްއަށް ލިބުނު ފިލާވަޅު ކީރިތިޤުރުއާނުގެ ސޫރަތުލް މާޢިދާގެ 31 ވަނަ އާޔަތުގައި ބަޔާންކޮށްދެއްވާފައިއެވަނީއެވެ. އާދެ، މިއީ ކޮންފަދަ ބޮޑު ފިލާވަޅެއްތޯއެވެ؟
ކާޅުގެ ވާހަކަތަކުގެތެރެއިން އަޅުގަނޑުމެން ޝައުޤުވެރިކަމާއެކު އަޑުއަހާ ޢިބްރަތްތެރި އަނެއްވާހަކައަކީ، ކަރުހިއްކައިގަނެފައިވާ ކާޅެއް ފެންބުއިމަށް ހޯދި ޙައްލުގެ ވާހަކައެވެ. ތުންނުފޯރާ ހިސާބު ފުލުގައި ހުރި ފެންފޮދު ހޯދުމަށްޓަކައި ފަހަރަކު ގާކޮޅެއް އޭގެތެރެއަށް ވައްޓާލައިގެން ފެންފޮދު ހޯދިގޮތުގެ ވާހަކައެވެ. ބުނެވޭގޮތުގައި 2500 އަހަރަށްވުރެ ބޯދާ މިވާހަކައަކީ ޤަދީމީ ގްރީކްގެ ވާހަކަކިޔުންތެރިއެއް ކަމަށްވާ އީސޯޕް (Aesop ) ގެ އުފެއްދުމެކެވެ.
ކާޅުގެ ސަބަބުން ދަނޑުވެރިކަމަށާއި، ޢާންމު ދިރިއުޅުމަށްވެސް ދަތިވާފަދަ ކަންކަންކުރިމަތިލާންޖެހެއެވެ. ރާއްޖޭގައި ކާޅުމަރަނީ ބަޑިޖަހައިގެންނާއި ވިހަލައިގެންނެވެ. ބަޑިޖަހައިގެން ކާޅުމެރުމަކީ، ވަރަށް ކާމިޔާބު ނޫން މަސައްކަތެއްކަމުގައި ދެންނެވިދާނެއެވެ. ސަބަބަކީ ފުރަތަމަ ވަޒަން ގޮވުމާއެކު ކާޅުތައް އެކަން ދެނެގަނެ ނުރައްކަލުގެ ރަނގަބީލަކުން އެސޮރުމެންގެ އެންމެންނަށް އިންޒާރުކުރުވާތީއެވެ. ބަޑިޖަހާ މީހާއާއި، ގެންގުޅޭ ހަތިޔާރުގެ ސިފައަށްދާންދެން ދެނެގަނެއެވެ. ބައެއް ދަނޑުވެރިން ފާހަގަކުރާގޮތުގައި، ކާޅުމެރުމަށްޓަަކައި ވިހަލާފައި ބަހައްޓާ ކަރާ ކައިގެން ކާޅު މަރުވާންފެށުމުން، ކަނޑާފައި ހުންނަ ކަރަލުގެ ބަދަލުގައި ހަމައެކަނި ވެޔޮގަނޑުގައި ހުންނަ ކަރަލަށް ހަމަލާދިނުމަށް އެސޮރުމެން ސަމާލުކަންދެއެވެ. އެހެންކަމުން ކާޅަށް ހަމަލާ ދޭން ޖެހެނީ ތަފާތު އިސްތިރާޖީތައް ބޭނުންކޮށްގެންނެވެ.  

ކާޅު މަރާ ހުސްކޮށްފިނަމަ...

ކާޅަކީ އެސޮރުގެ ކެއުމަކަށް ކޮންމެ އެއްޗެއްވެސް ކަމުދާ ދޫންޏެކެވެ. އެގޮތުން ގަސްގަހާގެއްސަށް ގެއްލުންދޭ އެކި ފަނިފަކުސައާއި ސޫފާސޫފިވެސް އެސޮރުގެ ކާނާގެ ތެރޭގައި ހިމެނެއެވެ. މެލޭޝިޔާއާއި އޯމާނުގައި ކާޅު އާލާކުރުމުގެ ބޭނުމަކަށް ވެފައި އޮތީ ދަނޑުގޮވާންތަކަށް ގެއްލުންދޭ ބައެއް ކަހަލަ ސޫފާސޫފީގެ ކިބައިން ދަނޑުތައް ސަލާމަތްކުރުމެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ރުކުމަޑި އުފެދޭ ފަނި "ކާޅު ދޮންކެޔޮ" ނުވަތަ "މާރުއްފަނި" އަކީ ކާޅުގެ މީރު ކާނާއެކެވެ. އެހެންކަމުން ދިވެހިރުކަށް ވަރަށްބޮޑަށް ގެއްލުންދޭ ބާވަތެއްކަމަށްވާ ރުކުމަޑީގެ އާބާދީ ކޮންޓްރޯލްކުރުމުގައި ކާޅުގެ މުހިއްމު ދައުރެއް ހިމެނިފައި ވަނީއެވެ.
އިރުމަތީ އެފްރިކާގެ އައްސޭރީގައިވާ ޖަޒީރާ ޤައުމެއްކަމުގައިވާ ޒަންޒިބާރުގައި ކާޅު އާބާދުކުރުމުގެ މަޤުޞަދު ތަފާތެވެ. ޒަންޒިބާރަށް ކާޅު ގެނައީ އުކާލެވޭ ކުނިމަދުކުރުމަށެވެ. މިގޮތުން އަވައްޓެރި އިންޑިޔާގެ ލިޔުންތެރިއަކު ލަފާކޮށްފައިވާ ގޮތުގައި އަހަރަކު 1.15 މިލިޔަން ޓަނުގެ ކުނި ނައްތާލަނީ ކާޅެވެ. (ސުމިތު ސެން، 2011).
އެހެންކަމުން ދިރާސާއެއް ކޮށްފިނަމަ ކުނިނައްތާލުމުގެ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރެވިފައި ނުވާ މިރާއްޖޭގައިވެސް ކުނިނައްތާލުމުގަޔާއި އެހެނިހެން ގޮތްގޮތުން ކާޅު އަދާކުރާ މުޙިއްމު ރޯލު ރަނގަޅަށް ވަޒަންކުރެވިގެންދާނެއެވެ.

ޚިޔާލުގެ ލަގަނަށް ދޫކޮށްލާއިރު..

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި ތަފާތުކުރުންތަކާއި ނަސްލީ، ނަޞަބީ، ވަޠަނީ، ފިކުރީ އެކަހެރިކުރުންތަކަށް ވިސްނާ ނަޒަރު ހިންގާއިރު، ހީނުކުރާ ކިތަންމެ ކަމެއް ކިތަންމެ ގޮތަކަށް ބަދަލުވަމުން ފުރޮޅެމުން ދެއެވެ. ނިކަމެތިކުރުމުގެ ނަޒަރުން ދެކި ބާކީކޮށްލާ ކިތަންމެ ބަޔަކު ޤަދަރުވެރި، އާރާއި ބާރުހުރި ބަޔަކަށް ފަހުން ބަދަލުވެގެން ދެއެވެ. މީގެ އަނެއްކޮޅުވެސް މެއެވެ.  އެއް މުއައްސަސާއަކަށް ތަޞައްވުރު ނުފުދޭކަމަށް ދެކި ހޫރާލާ މީހުން އެފަދަ އެހެން މުއައްސަސާއެއްގެ ދެމިހުރުމަށް މުހިއްމު ތަނބުތަކަކަށް ވެގެންދެއެވެ. ބަޔަކު ނޫންކަމަށް މުޅިމުޖުތަމަޢު ދެކޭ މީހުންގެ އަގުނުކުރެވޭފަދަ ޚިދުމަތް ވަޒަންކުރެވެނީ އެބަޔަކު ނެތި ދިޔުމުންނެވެ. މިނިވަންކަމުގެ ފޮނިމީރުކަން އިހުސާސްކުރެވެން ފެށެނީވެސް އަޅުވެތިކަމުގެ ހިތިރަހަ ކަރުބުޑުގައި ލާންފެށުމުންނެވެ.  އެހެންކަމުން އެންމެހާ މަޚްލޫޤުންނަކީވެސް ގުޅި ލާމެހިފައިވާ ގުޅުންތަކަކުން ގުޅިފައިވާ ބައެއްކަން ޤަބޫލުކޮށްގެން، ވިސްނާ ފިކުރުކޮށްގެން،  ދިރިއުޅުމަށާއި ދިރިއުޅުނަދިނުމުގެ ފަލްސަފާ އިސްކުރަންޖެހޭކަން ކަށަވަރެވެ.

މައުލޫމާތުގެ މަސްދަރުތައް:

އަލްޤުރުއާނުލްކަރީމްގެ ދިވެހިތަރުޖަމާ
ސިލްވިއާ ބްރޫސް ވިލްމޯރ (1979). ކްރޯވްސް، ޖޭސް، ރޭވަންސް އެންޑް ދެއަރ ރިލޭޓިވްސް
ސުމިތު ސެން (2011). އިން ޕްރެއިސް އޮފް ކްރޯވްސް. ޔޫއާރްއެލް: http://birdsofindia-ssen.blogspot.com/2011/08/in-praise-of-crows.html