ދިވެހި އަދަބިއްޔާތުގައި ރައިވަރުގެ ރޯލު - Thoha AbuBakur's Blog

Monday, November 4, 2013

ދިވެހި އަދަބިއްޔާތުގައި ރައިވަރުގެ ރޯލު

ނޯޓް: މިއީ ބެޗެލަރ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް ކޯހުގެ ދިވެހިބަހުގެ މޮޑިއުލްގެ އެސައިންމެންޓެއްގެ ގޮތުގައި އަޅުގަނޑު ހުށައެޅި ދިރާސީ މަޒުމޫނެކެވެ. طه أبو بكر


ދިވެހި އަދަބިއްޔާތުގައި ރައިވަރުގެ ރޯލު

ފެށުން:

އިންޑޯއާރިއަން ގްރޫޕްގެ އެތަކެއް ބަހުގެ ލަފުޒުތައް މަސްހުނިވެ، ޒަމާނާއެކު ފައްކާވަމުން އައިސްފައިވާ ދިވެހި ބަހުގެ އަދަބިއްޔާތުގައި ހިމެނޭ ވަޒަން ބަހުރުވައަކީ ބޭރު ކަރަކަރައިގެ އަދަބީ އުފެއްދުންތަކާއި ފައިހަމަކޮށްލެވޭފަދަ މާތަކެއް ފޮޅުނު ގުލްޒާރެއްކަމާމެދަކު ދެބަސްވެވޭކަށްނެތެވެ. ދިވެހި ރައިވަރުވަނީ އެރޯލުއަދާކޮށްދީފައެވެ. ޙުސައިން ޞަލާހުއްދީން (1999) ވިދާޅުވަނީ ދިވެހި ދެއަދީބުން ކަމަށްވާ ބަނޑޭރި ޙަސަން މަނިކުފާނާއި އައްޝައިޚް މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު) ޅެމުން އެކަށައަޅައި އެކުލަވާފައި ހުރި އުފެއްދުންތައް އެއްކޮށްލުމުން ދިވެހިންގެ ޝެއިޚް ޒުބައިރު (ޝެކްސްޕިޔަރ) ކަމުގައި ފުދުނީއެވެ. އިނގިރޭސި މަޝްހޫރު އަދީބު ޝޭކްސްޕިޔަރގެ ޅެންވެރިކަމާއި އެއްފަދަވީ ކަމަށެވެ. މިދެންނެވި ދިވެހި ދެއަދީބުންގެ އަދަބީ ޚިދުމަތްތައް ހުރީ ރައިވަރުންނެވެ.
ދިވެހި އަދަބިއްޔާތު މިޖީލާއިހަމައަށް ވާޞިލުކޮށްދެއްވުމުގައި އެންމެ ފުރިހަމަ މަސައްކަތްތަކެއްކުރެއްވި ޚިދުމަތްތެރިޔަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނުކަން ޔަޤީނެވެ. ރައިވަރުގެ ތަޢާރަފްގައި ޅެންބަހުން އެމަނިކުފާނު ވިދާޅުވަނީ:
"ރައިވަރުގެ ފޮނި މާމެލާމެލި ނެތި ހެދޭ ގުލްޒާރަކަށް
        ގައިމުވެސް ނުކިޔޭނެޔޭ ޅެންވެރިކަމުގެ ގުލްޒާރެކޭ"
މިހެންނެވެ.
ދިވެހި ބަހުގެ އުސްތާޛު ޢަބުދުﷲ ޞާދިޤު (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް، އޮކްޓޯބަރ 22، 2013) ވިދާޅުވަނީ ރައިވަރަކީ ދިވެހި ވަޒަންބަހުރުވައިގެ "ކްރީމް" ނުވަތަ "ޢަރަޤު" ކަމުގައެވެ.
މިދިރާސާގައި ބަލާފައިވަނީ ދިވެހި އަދަބިއްޔާތުގައި ވަޒަން ބަހުރުވައިގެތެރޭގައި ހިމެނޭ އެންމެ ދުވަސްވީ އެއްވައްތަރުކަމަށްވާ ރައިވަރުގެ ރޯލާއި ބެހޭގޮތުންނެވެ. މިކަމަށްޓަކައި އަދަބިއްޔާތުގައި ވަޒަންބަހުރުވައިގެ މުހިއްމުކަމާއި ތަފާތު ބާވަތްތަކުގެ ރައިވަރުގެ މިސާލުގެނެސްދެވިފައިވާނެއެވެ.

އަދަބިއްޔާތަކީ ކޮބައި؟

އަދަބިއްޔާތު މިލަފުޒުނެގިފައިވަނީ ޢަރަބި ލަފުޒެއްކަމަށްވާ "އަދަބު" އިންނެވެ. ދިވެހިބަހުގެ ފުންނާބުއުސް އަދީބެއްކަމުގައިވާ މުޙައްމަދު ޖަމީލު ދީދީ (2009) ބަޔާންކުރައްވާގޮތުގައި އަދަބަކީ މީހާ ކުރާކުށްތަކާއި  ބުނާބަސްތައް ކުށުން ސަލާމަތްކުރާނެ މަގު އުނގެނިގަތުމާއި އެފަދަ ކުށުން ސަލާމަތްކޮށް ލެހެއްޓުމަށް މެދުވެރިކުރާ ކަންތަކެވެ.  މުޙައްމަދު ވަހީދު ނަދުވީ (2003) ހާމަކުރައްވާ ގޮތުގައި އަދަބަކީ އަމަލެއް ސިފަކޮށްދީ އެއިން އިހުސާސާއި ޖަޒުބާތު އުފެއްދުމެވެ. އާއްމު ބަހުރުވައާއި ތަފާތު ބަހުރުއަކުން އާއްމު ޚިޔާލާ ތަފާތު ޚިޔާލެއް ކިޔާ މީހާއަށް އަސަރުކުރާ ކަހަލަ ރީތި ގޮތަކަށް ހުށަހެޅުމެވެ. މުޙައްމަދު ޖަމީލު ދީދީ (1993) ވިދާޅުވާގޮތުގައި އަދަބިއްޔާތު ނުވަތަ އަދަބުގެ ޢިލްމުގައި ހިމެނެނީ ފޭރާންހެޔޮކޮށް އަމުނައިލެވިފައި ހުންނަ ޅެން ބަހުރުވަޔާއި އަމުނައި ލުމެއްނެތި އުކައިލެވިފައި ހުންނަ ލިޔާ ބަހުރުވައިގެ ބަސްތަކެވެ.

ރައިވަރަކީ ކޮބައި؟

ރައިވަރުގެ ތަޢާރަފާއިމެދު ޙުސައިން ޞަލާހުއްދީން ވިދާޅުވާކަމުގައިވަނީ "އެތައް ޒަމާނަކުއްސުރެ، ދިވެހީންގެ ހިތަށް އަރާ އެއްޗެހިތަކާއި، އެގޮތް މިގޮތުން ފައުޅުކުރާންޖެހޭ މަޤްޞަދުތަކާއި، ޚިޔާލަށް އައިސް ވަންނަ ބާވަތް ބާވަތުގެ ޝުޢޫރުތައް، އެމީހުން އެރާގު ހޯދީ ކޮންތާކުންކަންވެސް ނޭނގޭ ޚާއްޞަ އެމީހުންގެ ހިތަށް އަސަރުކުރާ ރާގަކަށް، ހަރުއަޑުން ކިޔައި ފާޅުކުރުމަށް ގެންގުޅެމުން އައި ވަކި ޚާއްޞަ ވަޒަނެއްގެ ޅެން ބަހުރުވައެކެވެ" (ޔޫސުފު ޢަލިފުޅު، 2005). ޞަލާހުއްދީނަށް ތާއީދުކުރައްވައި ޔޫސުފް ޢަލިފުޅު (2005) ވިދާޅުވަނީ ރައިވަރަކީ ހިތުގައި އުފެދޭ ޝުއޫރުތަކަކަށް ބަސްތަކެއްގެ ސިފަގެނެސްގެން ކަނޑައެޅިފައިވާ ވަޒަނަކަށް ބައިކޮށް، މިބައިތައް ފަހުބައިން ބަނދެލެވޭ ޖުމްލަތަކެއް ކަމުގައެވެ. ރައިވަރަކީ ކޮން އެއްޗެއްކަން، ޢަބުދުﷲ ޞާދިޤު (2010) ބަޔާންކުރައްވަނީ އެއީ ދިވެހީންގެ ކާބަފައި ޒަމާނުއްސުރެ ދިވެހީންގެ ލެޔާއިގުޅިފައިވާ ބާވަތެއްގެ ޅެންތަކެއް ކަމަށެވެ.



މައިގަނޑު:

އަދަބިއްޔާތުގައި ޅެންބަހުރުވައިގެ މުޙިއްމުކަން:

އަދަބިއްޔާތުގައި ޅެންބަހުރުވައިގެ މުޙިއްމުކަން ބަޔާންކޮށްދެއްވުމުގެ ގޮތުން މައުމޫނު ޢަބުދުލްޤައްޔޫމް (1982) ވިދާޅުވެފައިވަނީ ޅެންވެރިކަމަކީ ކޮންމެ ބަހެއްގެވެސް އަދަބީ އުފެއްދުންތަކުގެ ތެރެއިން ވަރަށް ޚާއްޞަ ފަންނެއް ކަމަށެވެ. ބަހުގެ ރީތިކަމާއި ބަލާޣާތްތެރިކަން އެންމެ ފުރިހަމައަށް ހާމަކޮށްދޭ ފަންނުކަމަށެވެ. މިއަށް ބާރުލިބޭގޮތަށް ފްރެޑްރިކް ލޮވްނާއި ޖޭ.ޑަބްލިއު ސްޓެއިންބަރގް (1996) ހާމަކުރައްވަނީ ޅެންވެރިކަމަކީ އަދަބިއްޔާތުގެ އެންމެ މުހިއްމު އެއްބައިކަމުގައެވެޅެމުގެ ތަޢުރީފުގައި ފަރަންސޭސި ޅެންވެރިއަކު (ތާރީޚު ނެތް) ވިދާޅުވެފައިވާކަމަށް އާދަމް ނަޞީރު އިބްރާހިމް (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް، ސެޕްޓެމްބަރ 27، 2013) ވިދާޅުވަނީ "އަދަބީ ފަންނުތަކުގެ އެހެނިހެން އުފެއްދުންތަކަކީ ހިނގުން ކަމުގައި ވާނަމަ ޅެމަކީ ނެށުމެވެ".  މީގެ އިތުރުން ޖޯން ނެލޯން (2010) ހާމަކުރައްވާ ގޮތުގައި ޅެންވެރިކަމުން އެ ބައެއްގެ އަމިއްލަވަންތަކަން ދައްކުވައި ދެއެވެ. އެ ބައެއްގެ ވިސްނުމާއި ފިކުރު ހުރިގޮތް ހާމަކޮށްދެއެވެ.

ދިވެހި އަދަބިއްޔާތުގައި ރައިވަރު:

ދިވެހި އަދަބިއްޔާތުގެ ވަޒަންބަހުރުވައިގެ ވައްތަރުތަކުގެތެރޭގައި އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ (1992) ހަތަރުވަނަ އަށް ހިމަނުއްވާ ޅެމުގެ ވައްތަރަކީ ރައިވަރެވެ. ރައިވަރު އުފެދިފައިވަނީ ދިވެހި ޅެންބަހުރުވައިގެ ތެރޭގައި ހިމެނޭ ބަންޖާއި ކާ ތަރައްޤީކޮށްގެން ކަމުގައި ޔޫސުފު ޢަލިފުޅު (2005) ހާމަކުރައްވައެވެ. ރައިވަރުގެ ތަޢުރީފުގައި ޢަބުދު ޞާދިޤު (2010) ވިދާޅުވަނީ ރައިވަރަކީ ދިވެހި އަދަބިއްޔާތުގެ ރޫޙުކަމަށެވެ. އަދި "ދިވެހި ޅެންވެރިކަމުގެ މަސައްކަތްތެރިކަމުގެ ރަންތަރާދެވެ" (ޢަބުދު ޞާދިޤު، 2010). އެހެންކަމުން ރައިވަރުހިމެނިގެންދަނީ ދިވެހީންގެ އަމިއްލަވަންތަކަމާއި ބަސްމޮށުންތެރިކަން ޅެންބަހުރުވައިގެތެރެއިން ދައްކާދޭ ނަމޫނާ ބަސްމަގެއްކަމުގައެވެ.
ރައިވަރު ޚާއްޞަވާ އިތުރުގޮތެއްވެސް އެބައޮތެވެ. އެއީ ރައިވަރުން ބަހަށްކޮށްދޭ ޚިދުމަތެވެ. ދިވެހިބަހުގެ ބަސްކޮށާރަށް ގެނެސްދޭ މުއްސަނދިކަމެވެ. އަދިހަމައެއާއެކު ކާބަފައިންގެ ޒަމާނުއްސުރެ މޮށެވެމުންދާ ދިވެހިބަހުގެ ވަރަށްގިނަ ހަމަތައްވެސް މިސާލާއެކު ފެންނާންހުރީ ރައިވަރުންނެވެ. އޭގެތެރޭގައި އާބާފިއްޔާއި އައިބައިފިލީގެ ހަމަތައް ހިމެނެއެވެ. ބައެއް އަކުރުތައް ބޭނުންކުރާންވީ ރަނގަޅުގޮތާއި ބައެއް ބަސްބަސް ބޭނުންކޮށްއުޅޭންވީގޮތް މިސާލާއެކު ރައިވަރުތަކުން ފެންނާންހުރިކަންވެގެންދަނީ ރައިވަރުގެ ޤަދަރު މަތިވެގެންދާ ސަބަބެއްކަމުގައެވެ.
ތާރީޚީގޮތުން ބަލާއިރު މީލާދީން 1602 ވަނަ އަހަރުގެތެރޭގައިވެސް ރައިވަރު ހަދައިއުޅުނުކަން އެނގެއެވެ. ބ.ގޮއިދޫފަރަށް އުރުނު ފަރަންސޭސި ނަވަކުން ރާއްޖެއައި ސައްޔާހު ޕިރާޑްގެ ލިޔުއްވުންތަކުގެ ތަރުޖަމާއެއްގެ ގޮތުގައި މުޙައްމަދު އިސްމާޢީލްދީދީ (1995) ލިޔުއްވާފައިވާ "ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ"ގައިވާ ގޮތުން ދިވެހިންގެ ޝުއޫރުތައް ފާޅުކޮށް އުޅެނީ ތުނޑުތޫނު ކަށްޓަކުން ބޮންތިފަނުގައި ކަނޑާނަގައި ލިޔެފައިވާ 12 ބަހާއި 14 ބަހުގެ ރައިވަރުންނެވެ. މިކަމަށް ހެކިދެނީ ބޮޑުފެންވަޅުގޭ ސީދީ (1992) ދެކެލެއްވި ކަލާފާނު ރައިވަރު ފޮތަކީ "އެއްގޮތަކުން ވުރެ ގިނަގޮތުން އެދުރުއުމަރު މާފަތްކަލޭފާނުގެ މާކުރީ ޒަމާނުގެ ރައިވަރުފޮތެއް ކަން އެނގޭކަމަށް" ސީދީ ލިޔުއްވާފައިވާތީއެވެ. މިދެންނެވި ފޮތަކީ ކަލާފާނު ޝަހީދުވެގެން އެކަމުގެ ހިތާމައިގާ ހަދާފައިވާ ރައިވަރުތަކެއްކަމަށް ސީދީ ވިދާޅުވެއެވެ.
ދިވެހި އަދަބީ ތާރީޚް ބެހިގެންވާ މައިގަނޑު 3 ދައުރުގެ ތެރެއިން ޅަފަތުގެ ދައުރުގެ އަދަބީ އުފެއްދުމުގެ ގޮތުގައި ފެންނާންހުރީ ހަމައެކަނި ރައިވަރެވެ. ރައިވަރުގެ ބަސްތަކުގެ ޢަދަދު ފަނަރަ ސޯޅައިން، ބާރަ ތޭރައިން ނުވަތަ ތިން ހަތަރަކުން، ވަކިގޮތަކަށް ބެލުމެއްނެތި ހަދަމުން ދަނިކޮށް، މިޒަމާނުގައި މިފެންނަން ހުންނަ ގޮތަށް ހަމައެކަނި ތިންބަހާއި ހަބަހުގެ މައްޗަށް ރައިވަރުގެ އުޞޫލު ބަދަލުކުރެއްވީ ހައްދުންމަތީ ގަމު އަލްވަޒީރު އެދުރު ޢުމަރު މާފަތްކަލޭގެފާނުކަމަށް  ޔޫސުފު ޢަލިފުޅު (2005) ވިދާޅުވެއެވެ. މާފަތްކަލޭގެފާނުގެ "ބޮޑުތާހީދު" ލިޔުއްވާފައިވަނީ ހިޖުރައިން 1150 ވަނަ އަހަރުގައެވެ.
ޅަފަތުގެ ދައުރުގެ މަޝްހޫރު އަނެއް އަދީބަކީ، ހައްދުންމަތީ އިސްދޫ ޢަލީ ރަސްގެފާނުންގެ ޙަސަން ރަސްގެފާނުންގެ ޢަލިމަނިކުފާނުންގެ ބަނޑޭރި ޙަސަން މަނިކުފާނެވެ. އެމަނިކުފާނު ހެއްދެވި އަރިއަތޮޅު އަރުމާދު ރައިވަރުބައާއި ދިޔޯގެ ރައިވަރުބައި ހެއްދެވީ ހިޖުރައިން 1218 ވަނަ އަހަރުގައެވެ.
 ފިރުކެންފެށި ދައުރުގައި ވަޒަންބަހުރުވައިގެތެރެއަށް ރައިވަރުގެ އިތުރުން މިހާރު މިފެންނަ ޅެން އުފެދިއްޖެއެވެ. މިދައުރުގެ އެންމެ މަޝްހޫރު އެއް އަދީބަކީ، އައްޝައިޚު މުޙައްމަދު ޖަމާލުންދީން ނާއިބު ތުއްތޫއެވެ. އޭނާ ރައިވަރު ބަހުން އެކުލަވާލެއްވި ފޮތްތަކަކީ، ސިއްކަ މޮހޮރީ، ދަގަޑު ދަހަނާ، މުޑަނު ފޮތް، ލަކުޑިފޮތް، ހަބަރު ފޮތް، ރާޒުވާ ރައިވަރު އަދި ނަމެއްނުދެއްވާ އޮތް ޅެންފޮތެކެވެ. ރައިވަރުގެ ހެއްދެވުމުގެ އިތުރުން ދިވެހި އަދަބިއްޔާތުގައި ނާއިބު ތުއްތު އިންދަވައިދެއްވި އޮށަކީ އަދަބީ ފާޑުކިޔުމެވެ. އެގޮތުން ބަނޑޭރި ޙަސަންމަނިކުފާނު ހެއްދެވި ދިޔޯގެ ރައިވަރަށް ވަރަށް ފުރިހަމަ ޢިލްމީ ފާޑުކިއުމެއް ލިޔުއްވާފައިވެއެވެ. ނާއިބު ތުއްތުގެ ދުވަސްވަރަކީ ހިޖުރައިން 1300 ގެ އަހަރުތަކުގެ ކުރީކޮޅެވެ.  ނައިބުތުއްތުގެ ދުވަސްވަރާއި ހަމައަށް އައިއިރުވެސް ދިވެހިން މުއާމަލާތްކުރުމުގައި ފުޅާދާއިރާއެއްގައި ރައިވަރުބޭނުންކުރަމުން ދިޔަކަން އެނގެއެވެ. އެގޮތުން "އިނގިރޭސިންގެ ހިމާޔަތުގެ އުނގަށް" ދިވެހިރާއްޖެ "ވައްޓާލި" އެގްރީމެންޓްގައި ރަދުން (އައްސުލްޠާން މުޙައްމަދު މުޢީނުއްދީން) ސޮއިކުރެއްވުމާއި ދެކޮޅުހެއްދެވުމުގެގޮތުން ތުއްތު ހެއްދެވި ބައެއް ރައިވަރުކަމަށް މުޙައްމަދު އިސްމާޢީލް ދީދީ (1963) ލިޔުއްވާ ބައެއް ރައިވަރު ތިރީގައި ހިމަނާލަމެވެ.
ތިރިވެކޮށް ރޭބަލާ،      
 
ގިރިމެންޓް ކުޅަލެއް މިސާ 
   
ދިރިމިހެން އެންމެން ތިބާ
     
ހިރިޔާ ދަށުން ފާތުރާ.        
       
ސިރިފަވެތި އިން ވިގެއްލަމުޅި،  
         
ބިރިކުޅަޔާން މާލު މުޅި. 

އާދެ! އެންމެން ދިރިތިއްބައި ރަދުންލައްވައި އެކަނި އެގްރީމެންޓް ކުޅަގޮތާމެދު ނިކަން ރީތިކޮށް ވިސްނަވާ ބައްލަވާ ލައްވާށެވެ. މިތާގެ ހުރި މާތްކަމާއި ޕްރެސްޓީޖް ނަގައިލައި ހުރިހާ ތަކެތި ބިރިޔާން ކޮށްލީއެވެ.
ށޭ އައްސަވާ ބަލާ،
 
އޭނާ ކުރެން ސާހިބާ،
   
ބޭނުމެއްބޮޑުނެތަސް މާ
     
ހޭކިހިނަކުން ފަހެ އެކާ
       
ފޭބި ކުރިނަށަ އަހަރެމެންޓް
          
ޅޭއަކުޅާ ގިރި މެންޓް

އައްސުލްޠާން މުޙައްމަދު މުޢީނުއްދީންއަށް ނައިބު ތުއްތު އެދެއްވީ ކޮންފަދަ ހޫނު ޗެލެންޖް އެއްތޯއެވެ. "ނިކަން ގަވަރނަރ ގޯޑަން ކުރެން އައްސަވާ ބައްލަވާށެވެ. ކަލޭމެންގެ މާބޮޑު ބޭނުމެއްނެތީ، ވިއްޔާ ކީއްވެގެންހޭ އެގްރީމެންޓް ކުރީ؟ މިއީ މުޅިން ކަލޭމެން އިސްނަގައިގެން ކުޅަ އެގްރީމެންޓްއެއް ނޫން ހެއްޔެވެ؟" (މުޙައްމަދު އިސްމާޢީލްދީދީ، 1963) މިއާއި ވިދިގެން ދެންއަންނަ ރައިވަރުގައި ނައިބުތުއްތުގެ ބަހުގެ "ހޫނު" ޙަމަލާތައް އަންނަނީ ރަދުންނާއި ބޮޑުންކުރެ އެންމެނަށެވެ.
ރޭގެ ބަލިތަކު ހިގާ،
 
ބޭހާއި ފަރުވާ ތަކާ،
   
ދޭހަކޮށް ދިނަކަސް ކިޔާ
     
މޭރުން ސަފުން ނުވަންޏާ
       
ތޭނެ ބަލަމަބު ބަހެއްނާނެ
         
ހޭކަމުދާން އޮންނާނެ.
  
"ތިޔަބައިމީހުންގެ އަޚްލާޤުއަށް ޖެހިފައިވާ ބަލިތަކާއިމެދު ބޭހާ ފަރުވާ ކިޔާދިނަސް އެއްގޮތަކަށް މޭރުމެއް، ނުވާފަދަ ޙާލަކަށް ތިޔަބައިމީހުން (ރަދުންނާއި ބޮޑުން) ހިގައްޖީވިއްޔާ ކިތަންމެ ލަފާބަހެއް އަހަރެން ބުނި ނަމަވެސް އެބަސްތައް ދާނީ ބީރުކަންފަތް ތަކަކަށެވެ" މުޙައްމަދު އިސްމާޢީލްދީދީ، 1963)
މަޝްހޫރު އީސަދަރިޔާއި ބެހޭގޮތުން ދޫދޫމަތިން ވާރުތަވަމުން އަންނަ ވާހަކައިންވެސް އެނގެނީ އެޒަމާނުގައި ރައިވަރުން ޒުވާބުދީހެދުމަކީ ކިހާފުޅާދާއިރާއެއްގައި ކޮށްއުޅުނުކަމެއްކަމެވެ. އެކަން މުޖުޠަމަޢުގައި ފެތުރިފައި އޮތްމިންވަރެވެ. އެހެންވީމާތާއެވެ. ޢަބުދުﷲ ޞާދިޤު (1997) ލިޔުއްވާގޮތުގައި، މަރުމަތީގައި އޮތް އީސަދަރި ކުރެން ޙާލުކިހިނެތްތޯ އަހާލުމުން، އެވަގުތުވެސް ރައިވަރަކުން ޖަވާބުދޭކަށް އުނދަގުލެއް ނުވިއެވެ. އޭނާ ކިޔޭތޯ އުޅުނެވެ.
"ވަރުނުލާތާ ގޮލާކަނު
ހަރުކުރެވި އޮޑި ހެއިން ލެއްދެ
މަރު...." މިހިސާބުން އޭނާގެ ފުރާނަ ހިނގައްޖެއެވެ. ދެން އީސަދަރީގެ އަންހެނުން ފަހުބަސް ހަމަޖައްސާލިއެވެ. "މަރު މިފަދަ ތުރާލެއްދެ" އޭބުނަމުންނެވެ.
ރައިވަރު ނުދަންނަ މީހަކީ "މީހަކަށްނުވި" ޒަމާނަށްފަހު، ދިވެހި އަދަބިއްޔާތުގެ ހިނގައިގަނެވުނު ދައުރުގެ ތެރޭގައި ރައިވަރުގެ މައްޗަށް ޅެން ކުރިހޯދައިފިއެވެ. މިހެންވީ ސަބަބެއްކަމަށް ބޮޑުފެންވަޅުގޭ ސީދީ (1989) ވިދާޅުވަނީ އެދުވަސްވަރާއިހަމައަށް އައިއިރު އިހުގައި ރައިވަރުހެދުމުގައި ބޭނުންކުރި ރަނގަޅު މަޤުޞަދުތައް ދޫކޮށް "އައްޔާޝީ" ނުވަތަ "ބަދުމަޢާޝީ" ކަމުގެ ބޭނުމުގައި ގެންގުޅޭ ހަތިޔާރެއް ނުވަތަ އާލަތެއްކަމުގައި ރައިވަރު ވެގެންދިއުމެވެ. އަދި އެކަމުގެ ސަބަބުން ރައިވަރަށް ދެވިފައިވާ ޤަދަރު ގެއްލި ނުރަނގަޅު އެއްޗަކަށްވެ އޭގެ މަތިން މީހުން ފޫހިވީއެވެ.
އަދަބިއްޔާތުގެ އެންމެ އުސްކުރިބޯށީގެ ގޮތުގައި ބެލެވެމުންއަންނަ ޅެމާއި ބެހޭގޮތުން ޑރ. މުޙައްމަދު ޤުބާދު އަބޫބަކުރު ވިދާޅުވަނީ "ޅެމަކީ، އަޅުގަނޑުމެންގެ ވަށައިގެން މިއޮތް ކާއިނާތާއި އިންސާނީ ޙަޔާތާއި މީސްތަކުންނާމެދު ޅެންވެރިޔާގެ ހިތުގައި އުފެދިފައިވާ ޝުޢޫރުތަކާއި ޖަޒުބާތުތައް އަސަރުގަދަ ފަށުވި ޢިބާރާތްތަކަކުން، ހާމަކޮށްދިނުމެވެ. ވިރުވާ އެޅުމެވެ. ޅެމުގެ އޮއްޓަރަކީ އެޅެމުގައި ފުރާނައަޅުވައިދޭ ކުލަގަދަ ޝުޢޫރުތަކާއި މުއްސަނދި ޚިޔާލުތަކާއި ދިރުންހުރި ޢިބާރާތްތަކެވެ. އެއީ ފޮރުވިފައިވާ ސިކުނޑީގެ ޢާލަމުން އިންސާނީ އިޙުސާސްތަކުގެ ދުނިޔެއަށް ހުށައަޅާލަދޭ، ޤުދުރަތީ ފުރިހަމަކަމުގެ ފުރިހަމަ މިސާލުތަކެވެ" (މުޙައްމަދު ޤުބާދު އަބޫބަކުރު، 2013).
މިއުސްލޫބުން ރައިވަރާއި މިއަދުގެ ޅެމާއި އަޅާކިޔާ މިނެލާއިރު، އެންމެ ތިން ބަހުގެ ރައިވަރެއްގައި މިއަދުގެ އަށް ބައިތުގެ ޅެމެއްގައިވެސް ބަޔާން ނުވެވޭހައި ފުރިހަމަ ވާހަކަތައް ހުންނަނީ އޮމާންކަމާއެކު ބަޔާންކޮށްލާފައެވެ. ޢަބުދުﷲ ޞާދިޤު (2010) ވިދާޅުވާފަދައިން މިއަދުގެ ޅެންވެރިކަން އެހިސާބަށް ދާން ކަޑައްތުކުރަންޖެހިފައިވަނީ ވަރަށް ދިގު ރާސްތާއެކެވެ.
އަދަބީ ފާޑުވެރިން ޅެންވެރިކަމުގެ ފަންނުތައް ގިންތިކުރާ 3 ދަރަޖަކަމުގައި މުޙައްމަދު ޤުބާދު އަބޫބަކުރު (2013) ހާމަކުރައްވަނީ، ވިޖުދާނީ ޅެމާއި ބުޠޫލަތްތެރިކަން ފާޅުކޮށްދޭ ޅެމާއި ތަމްޘީލީ ޅެންކަމުގައެވެ. މީގެ ކޮންމެ ގިންތިއަކަށް ވިސްނިކަމުގައިވިޔަސް އެގިންތިއެއްގައި ރައިވަރު ފުރިހަމައަށް އިންޞާފުކުރާތަން ފެނެއެވެ.

ވިޖުދާނީ ޅެމުގެ ގޮތުގައި ރައިވަރު:

ވިޖުދާނީ ޅެމަކީ ކޮންއެއްޗެއްކަން ޑރ މުޙައްމަދު ޤުބާދު އަބޫބަކުރު (2013) ބަޔާންކުރައްވަނީ އެއީ އިންސާނީ ޙަޔާތާއި ޙަޔާތުގެ ހާދިސާތަކާއި ޤުދުރަތީ މަޞްރަޙްތަކުން ފާޅުވާ މަންޒަރުތަކާއި އިންސާނީ އުޅުންތަކާއި ގުޅުންތަކާއިމެދު ޝާއިރު އޭނާގެ އަދަބީ ފިހިންކުރަހާލާ ޤަލަމީ ތަޞްވީރުތަކެއްކަމުގައެވެ. އެގޮތުން މިބާވަތުގެ ޅެމުގެތެރޭގައި ތަޢުރީފުގެ ކުރުމަށާއި، ހަޖޫކިޔާ ފުރައްސާރަކުރުމަށާއި ލޯބީގެ ޝުޢޫރުތައް ފާޅުކުރުމަށާއި، ރީތި މަންޒަރުތައް ސިފަކުރުމަށާއި ނަޞޭހަތްދިނުމުގެގޮތުންނާއި ޝާއިރުގެ ހިތުގައި އުފެދޭ އެކިއެކި ޝުއޫރުތައް ބަޔާންކުރުމުގައި ބޭނުންކުރާ ޅެންޅެން ހިމެނެނީ މިވައްތަރުގެ ޅެންކަމުގައެވެ.

ޙަމްދު ޞަލަވާތް:

"ޙަމްދު ކޮށްފައި ކަލާގޮށް،
އަމުދުން ފަށައިފީމެ ގެންމި،
ކަމުގައި ވާގި އެދިގެންމި"
"ނުހަނުކޮށް ޞަލަވާތްފައި،
އުފަލުން މަމި ފެށީ ޔާށަ،
މުޙައްމަދު ނަބީޔާ ށަ"
* އެދުރު ޢުމަރުމާފަތްކަލޭގެފާނުގެ ބޮޑު ތާހީދުން




1.     ބަސްމަގޭ ށޭއަހާ
ދަސްކުރަން އަދަބާ ބަހާ
މަސްތު ހުރެގެން ކަންތަކާ
އަސްލު ދެކިހުރެ އިހުފަހާ
ލަސްނުކޮށް ލިޔެ ހަދައިގެންމި
ބަސް އެނގިދާނެ އުޅެގެންމި

2.     ތެދު ނިކަން ށޭބުނާ
އެދުމުން ވެގެން ހުރެމަނާ
މެދުމިން ވަރަށް ކޮށްބިނާ
ހެދުމޭ އޮތީ ވާފަނާ
އެދުރުން އެބުނެ ގޮތުން ދިންމި
ވެދުމެއް ނޫންހެ ކޮށް ދިންމި

3.     މާކުރީ ފެންވަރާ
ތާހިރުވި ހުދު ހެދުންލާ
ވާހެދުމުގާ ހުވަނދުލާ
ދާށެ ހުކުރަށް ދަރިފުޅާ
ލާބަ މަންފާ އިތުރުވާނޭ


ގައިމެ ސަވާބު ބޮޑުވާނޭ

މަލާމާތުގެ ރައިވަރު:

1.     ބާކުލި ގަނޑެކެ ކިހާދޫ
ހާކުރު ރަމިޒަ ނަގާމާނު
އާކުރަކީ ރަހުމާނު

2.     ގާފަތިހު ތެދުވެފާ
މާމޮޅަށްފާ ފެންވަރާ
ބާވަތަކު ރިހިގަނޑެއްދާ
ލާފާގަޔަށް ގެންމަހާ
ފާދުވެދަނީ ގަލޮޅުގެޔަށް
ޒާތަށްދާ ބަދިގެޔަށް

ލޯބީގެ ރައިވަރު:

ރޭނުވޭ ނިދޭހާ
ގޭތެރޭ އޮވެ ދާނުގާ
ރޭމަ ދެކެނީ ނިދީގާ
ދޭތީބިލެތު ހުނިކަނޑާ
ކޭވެތެދެލޮބު މިހެން ދުހުރޭ
ފޭނުވެ ގާތު އަބަދުހުރޭ



އުނދޯލި ރައިވަރު:

މިވައްތަރުގެ ރައިވަރަކީ ކުދީން ނިންދެވުމަށް މުނިފޫހިފިލުވުމަށް ހަދާފައި ހުންނަ ބާވަތުގެ ރައިވަރެވެ.


1.      އައިފަހަށް ދާނޭތަ އޮޑި
މާދަ އެގަކުރި ލެފެންޏާއި
ވައިހުރެ ބާރުވަންޏާއި


                                                        



ބުޠޫލީޅެމުގެ ގޮތުގައި ރައިވަރު:

ބުޠޫލީ ޅެމަކީ، ހަނގުރާމަތަކާއި ނަޞްރާއި ކާމިޔާބުގެ މައުރިކާތައް މަޢުލޫއަކަށް ހަދައިގެން އެކުލަވާލާފައިހުންނަ ޅެންކަމުގައި މުޙައްމަދު ޤުބާދު އަބޫބަކުރު (2013) ހާމަކުރައްވައެވެ. މިގިންތީގައިވެސް ރައިވަރު ހެދިފައިވާ ރައިވަރު އެބަހުއްޓެވެ. އެގޮތުން ތިރީގައި މިވަނީ ހޮޅިން މާލެ ހިފައި، ރާއްޖޭގެ މިނިވަންކަން ނަގާލި ހަނގުރާމައިގެ ވާހަކަ ގެނެސްދީފައިވާ "ކޮރުބަންޑާރައިންގެ ރައިވަރު"ގެ ބައެއް ރައިވަރެވެ.   


1.     އައި އައިން ވަގު ހޮޅީ
ގައި އެރޭ ހަނގުރާމަ ވީ
ހައިބަ ރިތި ރަދުނާއި ކީ
ނައި މި ވިސް ހުންފުމަށަ މީ
ލައި އެކު ކިޔައިފުމަށް މީން
ށައިފަ ގަތީމެ ބިސްމީން.

2.     ދާ ޞަފަރު މަހަކު ގައި
ރާހީން ދަނު އެގާ ރައި
ހާހާއި އެކު ސައްތަ ލައި
އާ ސަހައްޓި އަހަރުގައި
ސާހިބާ ތެރެކޯލު އިން އެ
ކާ އަތުލީ ހޮޅިއިން އެ

3.     ގައި ވަގުތު ނުވަފުޅީ
ގައި ނިދީ ހުންތިބާ މީ
ގައި އެހިނދު ސިއްރުން އެރީ
ގައި ދުވަހު ހަނގުރާމަވީ
ގައި އަބަދު ތުން އަންނަ ލާނަ
ގައި ލައިފޫ މަކަ ލާނަ

4.     ނަތާ އެކު އުޅުނު ޒީ
އަތާއި ކަތުން ހިތް ފުރީ
ބަތާ ދެއްވާ މުދައު ދީ
ލަތާއި ދޮފުން ލިއުނު ހީ
ފަތާއި ހޮޅީ އައިސް ލައިމަ
ގަތާ ކަލާ އަތުލައިމަ

5.     ބަދަވި ތަކު ނުބައި އައި
ލަދަކުން ނުތިބެ ހުޅުޖަހައި
ގަދަވެގެން ހީލަތް ހަދައި
ފަދަ ލޯ ރަދުން ގެންގޮވައި
އަދަނިކޮށް އަލި އެފަދަ ފާން
ހަދައިފޫ ފުރައި ފާން









ތަމްޘީލީ ޅެމުގެ ގޮތުގައި ރައިވަރު

ތަމްޘީލީ ޅެމަކީ، ޑައިލޮގާއި އަފުރާދުންނާއި ޙާދިޘާތައް ހިމެނޭގޮތުން އެކުލަވާލެވިފައި ހުންނަ ޅެމެވެ (މުޙައްމަދު ޤުބާދު އަބޫބަކުރު، 2013). މިބާވަތުގެ ޅެންޅެމުގައި ވާހަކައެއް އެކުލަވާލުމުގައި ބޭނުންކުރާބައިތައް ފުރިހަމަވެފައި ހުރެއެވެ. ރައިވަރުގެ ތެރެއިން މިފަންނުގެ އެންމެ ފުރިހަމަ މިސާލަކީ ބަނޑޭރި ޙަސަން މަނިކުފާނު ހެއްދެވި ދިޔޯގެ ރައިވަރެވެ.
1.     ރެއް އަޔޭ މާފަހުން ޚަބަ
މެއް އިވޭ އަލަދިޔޯ މަށްނަ
ވެއްމޮށުނާވެ ބަނުމަށްނަ

2.     ބޭނުމުގެ ރަކުދާންދަތު
ތޭކުރައްވައިން ނަވާގެއައު
ދޭޚަބަރު ދިޔޯގެ އައު

3.     ޅެއްދަވެ ބުނެތެ ދިޔޯމައި
ނެއްތަ ބަލިގައިވިއަސް ލައިނަ
ވެއްބައުދޭން ބައިލައިނަ

 



ނިންމުން:

އަދަބިއްޔާތުގެ އެންމެ މުހިއްމު އެއް ބަހާއަކީ ވަޒަންބަހުރުވަކަމަށްވީ ހިނދު، ދިވެހި ވަޒަންބަހުރުވައިގެތެރޭގައި ހިމެނޭ އެންމެ އަސަރުގަދަ އެކައްޗަކީ ރައިވަރެވެ. މަދުބަސްތަކަކުން ހަޔާތުގެ ހުރިހާ ރޮނގެއްގައި ހުރިހާ ޙާލަތެއްގައި އޮމާންކަމާއެކު ރައިވަރުން ބަޔާންކޮށްލާފައި ހުންނަވާހަކަތައް އެގޮތަށް ބަޔާންކުރުމަށް މިޒަމާނުގެ ޅެންވަނީ ނުކުޅެދިފައެވެ. ޢަބުދުﷲ ޞާދިޤު (2010) ވިދާޅުވާފަދައިން " މިއަދުގެ ޅެންވެރިކަން އެހިސާބަށްދާން ކަޑައްތުކުރާން ޖެހިފައިވަނީ ވަރަށްދިގު ދުރުމިނެކެވެ." ދިވެހި އަދަބީ ޗަމަންގައި ރައިވަރުއަދާކުރާ ރޯލަކީ، ޞަލާހުއްދީން ވިދާޅުވާގޮތަށް "އިނގިރޭސި އަދަބިއްޔާތުގައި ޝެކްސްޕިއަރގެ ޅެންތަކުގެ ދައުރުކަމަށް" ނުވަތަ ޢަބުދުﷲ ޞާދިޤް ވިދާޅުވާފަދައިން ދިވެހި އަދަބިއްޔާތުގެ "ކްރީމް" ކަމަށް ބުނެލާ ނިންމާލެވޭކަށްނެތެވެ. "ދިވެހި ޅެންވެރިކަމުގެ ރަންތަރާދު" އޮފުދާރުކަމާއެކު ދަމަހައްޓަން ބޭނުންވާނަމަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންމިވަނީ ޖެހިފައެވެ. އިހުގެ ރައިވަރުތައް އެއްކުރަންޖެހެއެވެ. ރައިވަރު އާލާކުރަންޖެހެއެވެ. ބަހެއް މަރުވުމަކީ "އެބަހަކުން ވާހަކަދައްކާ މީހުން ހުސްވުން" ކަމަށްވާނަމަ، ދިވެހި އަދަބިއްޔާތުގެ ވިދުންކަމަށްވާ ރައިވަރުވެސް މިއަދުމިވަނީ މަރުވެފައެވެ. ނުވަތަ ނޭވާހޮޅިއަށް އެޅި، ދޮޅިއުފުރާ ނޭވާލާން ފަށާފައެވެ. ރައިވަރަށް ހޭހަށްކޮށް ފަރުވާދޭން ބޭނުންނަމަ، މިޒަމާނުގެ ޅެމާއި ލަވައިގެތެރޭގައި ރައިވަރު ބޭނުންކުރެވޭނެގޮތެއް ހަދަންމިވަނީ ޖެހިފައެވެ. އެގޮތުން ދިވެހި ލަވައިގެތެރޭގައި ރައިވަރުވެސް ހިމަނައިގެން އުފެއްދުންތަކެއް އުފެއްދިއްޖެނަމަ އެއުފެއްދުމަކަށް ލިބޭ ތަރުޙީބު ބޮޑުވެގެންދާނެއެވެ. އެކަމުގެ ހެއްކަކީ، ތަންކޮޅެއްކުރިން ޢާންމުވި "އާކަމެކެ މީކިޔާ، ބާވަމިތިބީ ހޭއަރާ..." މިލަވަޔަށް ލިބިގެންދިޔަ ތަރުޙީބެވެ. ހަމައެއާއެކު އިހުގެ ރައިވަރުތައް އެއްކޮށް، ޝާއިއުކުރަންޖެހެއެވެ. ޝައްކެއްނެތެވެ. މުޙައްމަދު އަމީން ވިދާޅުވެފައިވާފަދައިން ދިވެހި އަދަބިއްޔާތުގައި ރައިވަރުގެ ރޯލަކީ ވަރަށް މުހިއްމު ރޯލެއްކަމާމެދަކު އެއްވެސް ބަހުސެއްނެތެވެ.
"ރައިވަރުގެ ފޮނި މާމެލާމެލި ނެތި ހެދޭ ގުލްޒާރަކަށް
        ގައިމުވެސް ނުކިޔޭނެޔޭ ޅެންވެރިކަމުގެ ގުލްޒާރެކޭ"

ޙަވާލާ ލިސްޓް:

ޙުސައިން ޞަލާހުއްދީން. (1999). ޝައިޚް ޒުބައިރު. މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ބޮޑުފެންވަޅުގޭ ސީދީ. (1992). ކަންޒުލް އަދަބު. މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ބޮޑުފެންވަޅުގޭ ސީދީ. (1989). ދިވެހި ޅެންހެދުމުގެ މަސައްކަތްތެރިކަމުގެ ރަންތަރާދު. މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ޢަބުދުﷲ ޞާދިޤު. (1997). ދިވެހިއަދަބީ ބަސްތަކުގެތެރެއިން ބައެއް މަޖާޒާއި މިސާލުބަސް. މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ޢަބުދުﷲ ޞާދިޤު. (2010). ރައިވަރު ހެދުމުގެ ހުނަރު. މާލެ: ދިވެހި ބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙައްމަދު އިސްމާޢީލް. (1963، އޮކްޓޯބަރ 1). ދިވެހި-އިނގިރޭސި އެގްރިމެންޓް. ފަތިސް، ޞ. 2
މުޙައްމަދު އިސްމާޢީލް. (1995). ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ. މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙައްމަދު ވަހީދު ނަދުވީ. (2003). ޢިލްމީ ދިވެހި. މާލެ: މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން. 
މުޙައްމަދު ޖަމީލު ދީދީ. (2009). އަދަބު. ފަތްތޫރަ 36 ސެޕްޓެމްބަރ 2009 ޞ.7 ން 10ށް.
މުޙައްމަދު ޤުބާދު އަބޫބަކުރު. (2013). އަދަބިއްޔާތުގެ ފަންނުތައް. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ
ފްރެޑްރިކް ލޮވްނާއި ޖޭ.ޑަބްލިއު ސްޓެއިންބަރގް. (1996). ރީޑީންގް އެންޑް ރައިޓިންގް ޕޮއެޓްރީ ވިތް ޓީނޭޖަރސް. އެމެރިކާ: ޖޭ ވެސްޓަން ވެލްޗް.
ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1993). ދިވެހިއަދީބުން 1މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ޔޫސުފު ޢަލިފުޅު. (2005). ރައިވަރުގެ ބަސްމަގު. މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

No comments:

Post a Comment