Thoha AbuBakur's Blog: ޙަޔާތުނާމާ
Showing posts with label ޙަޔާތުނާމާ. Show all posts
Showing posts with label ޙަޔާތުނާމާ. Show all posts

Sunday, May 31, 2020

ހައްދުންމަތީގެ އިހު ވާހަކަ : ކައްދޫ ޙަސަނުގެ ހާ ބަނުން

12:29 AM 0
ހައްދުންމަތީގެ އިހު ވާހަކަ : ކައްދޫ ޙަސަނުގެ ހާ ބަނުން


ނޯޓު: މިސިލްސިލާގައި ލިޔާހުށީ ހައްދުންމަތީގައި އިހުގައި ހިނގާފައިހުރި ހާދިސާތަކުގެ ވާހަކަތަކެވެ.

މިވާހަކަތައް ކިޔައިދޭމީހާ މަސައްކަތްކުރި އޮފީހެއްގެ ގޮވަތިތެރޭގައި ހުއްޓާ އެއްދުވަހަކު ކަޅައިދޫ ރާ ޢަބުދުﷲ ބޭގެ ދަރިއެއް އައިސް ބުނެފޫއެވެ. އިހުގެ ވާހަކަތައް ހޯދައި ލިޔެ ހަދާއިރު، ކައްދޫ ހަސަނު ހާ ބަންހެނޭ ކިޔައިއުޅޭ ވާހަކައެއް އަހަމުހެއްޔެވެ؟ އަޅުގަނޑު ބުނެފީމެވެ. ނާހަމެވެ.

އޭނާ: އަހާށޭ ކައްދޫ ޙަސަނަކީ ތިމަންނާގެ މުނިކާފަޔާވީ މީހެކެވެ. އަހާފައިވާ ގޮތުގައި ކައްދޫ ޙަސަނު ހާލެއް ހިފައިފައި ރޯނު ފޯއްޔަކުން ބަންނަން ފަށައިފިއެވެ. ހާބަނދެ ނިމުނީ ރޯނުފޯލި ހުސްވީއިރުއެވެ. އެވަރަށް ބަނދެލާފައި ބެހެއްޓި ހައު ކުޑަ އިރުކޮޅަކުން ދޫވެއްޖެއެވެ. މިހާދިސާގެ ފަހުން، މީހަކު އެއްޗެއް އެއްސުމަށް ނޫނީ ބަނުމަށް ނޭކަށޭނަ މިންވަރަށް ތަކެތި ބޭނުން ކޮށްގެން އެއްސުމުގައި ހަރުދަނާކަމެއް ނެތްނަމަ، މަލާމާތުގެ ގޮތުން ބުނެއުޅޭކަމުގައިވިޔެވެ. ތިޔަ އެއްސީ ކައްދޫ ހަސަނު ހާބަންހެންނެވެ.

މިކައްދޫ ޙަސަނާވީ މީހުނަށް ތިބީ ކައްދޫ ޢަބުދުއްރަޙްމާނާއި ކައްދޫ މޫސާއެވެ. ކަޅައިދޫ ރާ ޢަބުދު ﷲ އަކީ ކައްދޫ ޢަބުދުއްރަޙްމާންގެ ކަދީދާގެ ބަނޑުން ރާގޭ ހުސޭނަށް ލިބުނު ޢަބުދު ﷲ ހުސައިނެވެ. ރާ އަބްދުﷲ އުފަންވީ 2 ޖޫން 1931މ ގައެވެ. ނިޔާވީކަމަށް ބެލެވެނީ 2004މ ގައެވެ. މިއާއިލާއަކީ ކައްދޫ ފަޅުވުމުގެކުރީން ކައްދޫގައި ދިރިއުޅުނު ބައެއް ކަމަށް ބައެއްމީހުން ހީކުރެތެވެ. އެހެނެއް ނޫނެވެ. މިއާއިލާއަކީ ކައްދޫ ބެލެހެއްޓުމަށް ކައްދޫގައި އުޅުނު އާއިލާއެކެވެ. ވަރުވާއަށް ލިޔެގެން ކަމެއް ނުވަތަ ވަރުވާއަށް ލިޔެގެން އުޅޭ ބައެއްގެ އަތުން ހޯދައިގެން ކަމެއްް އެނގޭކަށް ނެތެވެ. އެގޮތަށް ރަށް ބަލަހައްޓަން ތިބޭއިރު އެރަށެއްގައި ތިބެނީ ދަނޑިފަނުން ގެއަޅައިގެންނެވެ. މަޤްޞަދަކީ ރަށުން ރުކުއެޅުމާ ދަރުހޮވުމާ ދަނޑުވެރިކަންކުރުން ފަދަ މަސައްކަތްކޮށްގެން ނަފާނެރުމެވެ.

މިހާރު ހައްދުންމަތީގައި އެއަރޕޯރޓެއް ހަދާފައިވާ ކައްދޫގައި މީހުން ދިރި އުޅުނު ދުވަސްވަރަކީ މާކުރީ ޒަމާނެކެވެ. ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި އިރު، އުތީމު ތަކުރުފާނުން މިރަށަށް ވަޑައިގަންނަވާ މިރަށް ފަޠަހަކުރެއްވިއެވެ. ފެންނާންހުރި ތާރީޚީ ހެކިތަކަށް ބަލާއިރު ކައްދޫ ފަޅުވެފައިވާ ކަމަށް ބެލެވެނީ ހިޖުރައިން 10 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ.


Sunday, February 2, 2020

މާބުލް އިއްސެ – މަޝްހޫރު ނުވިޔަސް ބަޠަލެއް!

11:23 PM 0
މާބުލް އިއްސެ – މަޝްހޫރު ނުވިޔަސް ބަޠަލެއް!

ރައީސް ވަޑައިގަންނަވާތީ ވެރީން އަންގަވާފައި އޮތީ އެހެންޏާ މަސައްކަތުގެ ފޯރި ނަގާ ވަރަށްވުރެވެސް ފޯރިގަދަކޮށްގެން މަސައްކަތްކުރުމަށެވެ. ހައްދުންމަތީގައި ވައިގެ ބަނދަރު ހަދަމުންދިޔަ ކައްދޫއަށް ރައީސުލްޖުމްހޫރިއްޔާ (ރައީސް އަލްއުސްތާޛް މަޢުމޫން ޢަބްދުލް ޤައްޔޫމް) ވަޑައިގަތީ ކަނޑުމަގުންނެވެ. ރަންވޭ ހެދުމަށްޓަކައި ގައު ލަފާ މީހުން ގައު ލަފަނީއެވެ. ގައު ގޮޅިޖަހާ މީހުން ގައު ގޮޅި ޖަހަނީއެވެ. ގައުތަޅާ މީހުން ގައު ތަޅަނީއެވެ. މާކަ ގިނަ މެޝިނަރީތަކެެއް އަމުދުން ނެތެވެ. މައިގަނޑު ގޮތެއްގައި ހުރިހައިކަމެއްހެން ކުރަމުން ދިޔައީ އިންސާނުންގެ ދެއަތުންނެވެ. ރާއްްޖޭގެތެރޭގައި ހުޅުލެ ފިޔަވައި އެހެން ރަށެއްގައި ދިވެހީން ހަދާ ފުރަތަމަ އެއަރޕޯރޓް އަޅަމުންދަނީ ހައްދުންމަތީގައި ކަމަށްވާތީ މިމަސައްކަތުގައި އެންމެންވެސް ބައިވެރިވީ އާދަޔާ ޚިލާފު ރޫޙެއްގައެވެ. މަސައްކަތުގައި އެންމެން ހޭބޯނާރައި އުޅެނިކޮށް މަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވާލެއްވުމަށްޓަކައި ރަށުތެރެއަށް ރައީސް ވަޑައިގަންނަވައިފިއެވެ. 


ރައީސް ޝައުޤުވެރިވެވަޑައިގެން މަޑުކުރެއްވި އެއްތަނަކުން ފެނިވަޑައިގަތީ ގައު ތަޅަން އިން ކުޑަކުޑަ ކުއްޖެކެވެ. ސިފަ ވަކި ނުވާ ވަރަށް ތަތްތެޅިފައިވަނީ ގައު ކުނޑިންނެވެ. ގައުކުނޑިން ފެންވަރައިގެންް ހުރި ކަހަލައެވެ. އެވަރުގެ ކުޑަކުއްޖަކު ލައްވައި އެހައި ބުރަ މަސައްކަތް ކުރުވާތީ ރައީސް ހިތްޕުޅާ ނުކުރައްވައި މިއީ މައިންބަފައިން ނެތް ކުއްޖެއް ކަމަށްވެސް ވެދާނެތީ، މަންމަ އާއި ބައްޕަ ކޮބައިތޯ އައްސަވައިފިއެވެ. ކުޑަކުޑަ އިސްމާޢީލް ޢަބުދު ﷲ އަށް އެއްވެސް ވާހަކައެއް ދަންނަވަން ނުކެރި ހިނިތުންވެލަންވެސް ނޭނގިފައި ހުރެވުނީއެވެ. ރައީސަށް ޖަވާބު އެރުވީ ކައިރު ތުއްތު މަނިކާއި ކުނޑި ސަލީމެވެ.

މިދެންނެވީ ކައްދޫ އެއަރޕޯރޓް ހެދުމުގެ މަސަައްކަތުންފެށިގެން ކައްދޫގައި ވަޒީފާ އަދާކުރަމުންދާ ލ.ފޮނަދޫ މާބުލް އިސްމާޢީލް ޢަބުދު ﷲ ގެ ވާހަކައެވެ. އުމުރުން ޅަވެފައި އިސްކޮޅުން ކުރަކަސް އޭނާގެ ސާބިތުކަމަކަށް ބަދަލެއް ނާދެއެވެ. މަސައްކަތްކުރަމުންދިޔައި ޝައުޤުވެރިކަމާއެކުގައެވެ.

ކައްދޫ އެއަރޕޯރޓްގެ އެކިއެކި މަސައްކަތްތަކުގައި ދެއްކި ހިތްވަރާއި ހުނަރުވެރިކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުން ކައްދޫގައި ހުންނަ ސިފައިންގެ މަރުކަޒު ހުޅުވަން ތައްޔާރުވަމުން ދިޔަ ދުވަސްވަރުގައި، 18 އޮކްޓޯބަރ 1993މ. ގައި އެތަނުގެ މަސައްކަތު މީހުންގެ ވަޒީފާއަށް އެންމެ ފުރަތަމަ ނެގި ދެ މުވައްޒަފުންގެ ތެރެއިން އެކަކީ އިސްމާޢީލް ޢަބުދު ﷲ އެވެ. އެދުވަހުން ފެށިގެން ވެއަތުވެދިޔަ 26 އަހަރުގައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދަނީއެވެ. ވަޒީފާއަކީ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އެކަމަކު ކުރާ މަސައްކަތަކީ ރޭނުމާ ސިމެންތިޖެހުމާއި ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތަކެވެ.

ކައްދޫ ގައި އަޅުގަނޑު އަދާކުރަން ޖެހުނު މަސްޢޫލިއްޔަތުގެ ގޮތުން އަޅުގަނޑަށްވަނީ އިސްމާޢީލް ޢަބުދު ﷲ ގެ މަސައްކަތް ނުހަނު ގާތުން ފެނިފައެވެ. ވަކީން ޚާއްޞަކޮށް ލ. ކަޅައިދޫގައި އެމް.އެން.ޑީ.އެފްގެ މަރުކަޒެއް ޤާއިމުކުރުމަށާއި ދ. ކުޑަހުވަދޫގައި އެމް.އެން.ޑީ.އެފްގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތަކީ ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރެވުނު ވަރަށް ޚާއްޞަ ދެމަސައްކަތެވެ. މިފަދަ ކޮންމެ މަސައްކަތެއްގައި ވެސް އިސްމާޢީލް ޢަބުދު ﷲ ގެ މުރާލިކަމާއި، ކަމަށް ކަމޭހިތުމާއި، ހުނަރުވެރިކަމާއި، އިޚުލާޞްތެރިކަން ފާހަގަ ކުރެވުނެވެ.

މިފޮޓޯ ނެގީ ކައްދޫގައި ސިފައިންގެ ޚިދުމަތް ދެމުން ގެންދާތާ 26 އަހަރު ފާހަގަކުރުމަށް ހުސްވި ޖަނަވަރީ މަހު 27 ވަނަ ދުވަހުގެރޭގައި ބޭއްވި ހަފުލާތެރޭގައެވެ. 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުޅަ ސިވިލްސްޓާފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ހަނދާނީ ފިލާ އޭނާއަށްވެސް ލިބުނެވެ. 


މިފަދަ ހުނަރުވެރި ޚިދުމަތްތެރީންގެ ވާހަކައަކީ އެހާ ޢާންމު ވާހަކަތަކެއް ނޫނެވެ. އެމީހުންގެ ޚިދުމަތް ތިލަނުވެ، އުޅުނު ބައެއްކަންވެސް ނުއެނގި އެހަނދާންތައް ޒަމާނާއެކުވެ ހިނގައިދަނީ ނޫންތޯއެވެ. ތާޖު މަހަލް ބިނާކުރުމުގެ މަސައްކަތްކުރި މީހުންގެ ޤުރުބާނީގެ ވާހަކަވެސް ނުއިވޭ ނޫންތޯއެވެ؟


Wednesday, February 13, 2019

ހުކުރުމިސްކިތު ޤަބުރުސްތާނުގައިހުރި ހައްދުންމަތީ ގަމު ޢަލީ ނައިބު ކަލޯގެފާނުގެ މަރިޔާބީފާނުގެ މަހާނަގައު

8:08 PM 0
ހުކުރުމިސްކިތު ޤަބުރުސްތާނުގައިހުރި ހައްދުންމަތީ ގަމު ޢަލީ ނައިބު ކަލޯގެފާނުގެ މަރިޔާބީފާނުގެ މަހާނަގައު

ލިޔުނީ: ޠާހާ އަބޫބަކުރު
13 ފެބުރުވަރީ 2019މ.





މިކީލަ ހުރީ މާލޭ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައެވެ. މިޤަބުރުސްތާނުގައިހުރި އެންމެ ބޮޑު މަހާނަގައު ކަމުގައިވާ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 2 ވަނަ (ފަހުން ފާށަނާކިލެގެފާނު) ގެ މަހާނަފުޅުގެ ގައުފުޅުގެ ހުޅަނގުން އެއްގައު ދޫކޮށްފައެވެ. ރީތި ކުރެހުން ގަނޑެއްހުރި މިގަލުގައިވާ ލިޔުން ލިޔެފައިވަނީ ލޮއި ފޮތްޗެއްގައި އިހުގެ ތާނަ އަކުރުންނެވެ. މިލިޔުމުގައިވާ ބައެއް ސުކުންތައް ކުރުމުގައި މިޒަމާނުގައި ބޭނުންކުރެވޭ ހަމަތަކާ ފުށުއަރާކަން ފާހަގަ ވެއެވެ. "ހަށްދުށްމަތި" އަޅާފައިވާ ގޮތް ވިސްނަވާށެވެ. 7 ފޮޅުވަތަށް ލިޔެފައިވާ ލިޔުމުގެ އަކުރުތައް ހުރީ މިޒަމާނުގައި ތާނަ ލިޔާހެން ކަތިކޮށެއް ނޫނެވެ. އަރަބި އަކުރު ލިޔާހެން ސީދަލަށެވެ.
މިތާގައި ވަޅުލެވިފައިއޮތް ބޭކަނބަލަކީ އެޒަމާނުގެ ޤަދަރުވެރި ބޭކަނބަލެއްކަން މީގައިވާ ލިޔުމުންނާއި ކައިރީގައިވާ މަހާނަތަކަށް ވިސްނާއިރު ދޭހަވެއެވެ.
މި ގަލުގައިވާ ހިޖުރީ ތާރީޚް ދިމާވާ މީލާދީ ތާރީޚަކީ 1758 ޖޫން 14 އެވެ. ހިޖުރައިން ބާރަވަނަ ޤަރުނުގެތެރޭގައި އުޅުއްވި މިޤައުމުގެ ކަމުވޮށިވެގެންވާ މީހުންގެ ތެރޭގައި ހައްދުންމަތީގެ ގިނަ ޚިދުމަތްތެރިން ތަކެއް އުޅުއްވިކަން ތާރީޚުން ސާބިތުވެއެވެ. ނަމަވެސް އެފަރާތްތަކުގެ ހަޔާތާއި ޚިދުމަތާއި ވަނަވަރާއި ދަރިކޮޅު އޮތީ ނުލިޔެވިހުރި ތާރީޚީ ޞަފުހާތަކެއްގައި ފޮހެވި ގެއްލިފައެވެ .ﷲ ސުބުޙާނަހޫ ވަތަޢާލާ އެފަރާތްތަކަށް ރަޙްމަތްލައްވާށިއެވެ. އާމީން.

ތިރީގައިމިވަނީ މިގަލުގައިހުރި ލިޔުން އަކުރުން އަކުރަށެވެ.

"
ސަނަތު 1171 
ހިޖުރައިން މިތަށްވަނަ އަހަރު ސައްވާލު މަހު ހަތް ދުވަސްވީ ބުދަ ދުވަހު ހަވަނަ ޝާޢަތު އަލްޤާޟީ މޫސާ ފަޑިޔާރު ތަކުރުފާނުންގެދި އާމިނާއިބީފާނު ބަޑުން ހަށްދުށްމަތީ ގަމު ޢަލީ ނާއިބު ކަލޯގެފާނައް އުފަން މަރިޔައިބީފާނު ނިޔައުވީކަމު ހަދާން."

ފޮޓޯ ނެގީ: 6 ފެބުރުއަރީ 2019މ. ބުދަ ދުވަހު ހެނދުނު 10:27ގައި.


Sunday, April 15, 2018

އަލްމަރްޙޫމް އަޙުމަދު ޒަކަރިއްޔާ، މަތިމަރަދޫ.އަޒުމް، ލ.ގަން

8:57 AM 0
އަލްމަރްޙޫމް އަޙުމަދު ޒަކަރިއްޔާ، މަތިމަރަދޫ.އަޒުމް، ލ.ގަން

އަޙުމަދު ޒަކަރިއްޔާ، (މަތިމަރަދޫ.އަޒުމް، ލ.ގަން) މިފަނާވަނިވި ދުނިޔެ ދޫކޮށް ދެމިއޮތުމުގެ ގޮވައްޗަށް ދަތުރުކުރިކަމުގެ ހަނދާން.


إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ


އަޙުމަދު ޒަކަރިއްޔާ (މަތިމަރަދޫ.އަޒުމް، ލ.ގަން) އަކީ އާއިލީގޮތުން ގުޅިފައިވުމުގެ އިތުރަށް އަޅުގަނޑުމެން ކުޑައިރު މައިފުށުގެ ބޮޑުދައިތައަކާއި އޭނާ ކުރެއްވި ކައިވެނީގެ ސަބަބުން ވަރަށް ބޮޑު ގާތްކަމެއް އުފެދިފައިވާ ބޭބެއެކެވެ. އަޅުގަނޑަށް ފާހަގަކުރެވެނީ އޭނާއަކީ އޭނާގެ އެއްބަނޑު އެހެން މީހުންނެކޭވެސް އެއްގޮތަށް ކުޑަކުދިންނަށް ވަރަށް ސަމާސާކުރާ، ހިތްހެޔޮ މީހެއްގެގޮތުގައެވެ. އަބަދުވެސް ބަރާބަރަށް ނަމާދުކޮށް ދީނީކަންކަމަށް ފަރުވާބަހައްޓައެވެ. އަޅުގަނޑުމެން ހަނދާން ހުންނަންފެށީއްސުރެވެސް އަޑުއަހަނީ އޭނާއަކީ ރާއްޖޭންބޭރުގައި ދަތުރުކުރާ އާގުބޯޓެއްގެ ސަރަނގެއްކަމެވެ. ސަރަނގު އަޙުމަދު ކިޔަނީ އެހެންވެގެންނެވެ. 


އޭނާގެ ބައްޕައަކީ ކެރެދި ކަމަނާގެ ކުޑަސޮރު (އަބޫބަކުރު)ގެ ޒަކަރިއްޔާ (ބޮޑަ ޒަކަރިޔާ) އެވެ. މަންމައަކީ ގޯނިކުޑަތަކުރު (އަބޫބަކުރު)ގެ ކުޑަމީހާއެވެ. ކުޑަމީހާގެ ފޮތުނަމަކީ މަރިޔަމް އެވެ. 


އަޙުމަދު ޒަކަރިއްޔާ އުފަންވީ 1944މ. ގައެވެ. 15 އޭޕްރީލް 2018މ. ގައި ނިޔައުވީ އިރު އުމުރަކީ 74 އަހަރެވެ. 


މާތްﷲ މިމަރުޙޫމްގެ ފުރާނައަށް ފުއްސެވުމާއި ރުއްސެވުން ދެއްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.
 15
އޭޕްރީލް 2018މ. އާދީއްތަ

Thursday, April 12, 2018

ކުނޑިގޭ ޙުސައިން އިބްރާހިމް ނިޔައުވުން

2:45 AM 0
ކުނޑިގޭ ޙުސައިން އިބްރާހިމް ނިޔައުވުން


12 އޭޕްރީލް 2018މ. ބުރާސްފަތި
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

އަޅުގަނޑުގެ ވަރަށް ގާތް ރަޙުމަތްތެރި އަޚެއްކަމުގައިވާ ލ.ގަމު މުކުރިމަގު ފިނިފެންމާގޭ ޙުސައިން އިބްރާހިމް (ކުނޑިގޭ ޙުސޭނުބޭ) މިއަދު މެންދުރު ނިޔައުވި ޚަބަރު އެހީ ފުންހިތާމައާއެކުގައެވެ. ކުނޑިގޭ ޙުސޭނުބެއަކީ ވަރަށް މަސައްކަތްތެރި ބޭފުޅެކެވެ. ފިސާރި ޖެހިލުންކުޑަ ކެރޭ ސަޚުސިއްޔަތެކެވެ. އަޅުގަނޑު ޙުސައިނުބޭ ދަންނަން ފެށީ 1990ގެ އަހަރުތަކުގެ ކުރީކޮޅުގައި އަޅުގަނޑުގެ ބޮޑުބޭބެގެ ދޯނީގައި ކުރި މާލެ ދަތުރަކަށް ފަހުގައެވެ. ޙުސައިނުބެއަކީ އަޅުގަނޑުގެ ކާފައާ ބޮޑުބޭބެއާ ބައްޕަގެވެސް ގާތް ރަޙުމަތްތެރިއަކަށްވާތީ، އޭގެ ފަހުން ގާތް ރަޙުމަތްތެރިކަމެއް އަބަދުވެސް އޮވެއެވެ. އެދުވަސްވަރު އޭނާއަކީ އޮޑިވެރިއެކެވެ. ފަހުން އޭނާ ކުރެއްވި މަސައްކަތަކީ ދަނޑުވެރިކަމެވެ. އެކަމަށް ބޭނުންވާ ފަންނީ އެހީތައް ހޯދައިދިނުމުގައި ވަރަށް ގިނަގޮތްގޮތުން އެހީތެރިވެދިނުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އަދި އޭނާގެ ދަނޑުފަގު ގައި މަސައްކަތްކުރާތަން ވެސް ފެނުނެވެ. ފަހުގެ ތާރީޚުގައި ޒަމާނީގޮތަށް ގަމުގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރެއްވި އެއްބޭފުޅެއްގެ ގޮތުގައި އޭނާ ހިމެނޭނެކަން ޔަޤީނެވެ. މަރުބަލީގައި އޭނާ އެނދުމަތިވުމާއި ހަމައަށްވެސް ދަނޑުގެ ހުރިހާ މަސައްކަތެއްގައިވެސް ހީވާގިކަމާއެކު ޙަރަކާތްތެރިވެ އުޅުއްވިއެވެ.

ޙުސައިން އިބްރާހިމް އުފަންވީ 1937މ. ގައެވެ. ނިޔައުވީ އިރު ޢުމުރަކީ 81 އަހަރެވެ. ބައްޕަ އަކީ ދޮންބޭ ގޮލާ (އިބްރާހިމް) އެވެ. މަންމަ އަކީ ދޮންބޭގެ ކުޑަމީހާއެވެ. ޙުސައިން އިބްރާހިމްގެ މަންމަ "ކުޑަމީހާ"އާ އެއްބަފާ މީހުންނަކީ ކުނޑިގޭ އައިސޭ، ކަޅަމަންޖަގެ އިބްރާހިމް އެވެ. ބައެއް ދުވަސްވީ މީހުން ކިޔައިދޭ ގޮތުން މަތިމަރަދޫ "ކަޅަސޮރަ" އިން މަރިޔަމް އަކީވެސް ކުޑަމީހާ އާ ވީ މީހެކެވެ. (މިއާއިލާގެ ވަނަވަރު އިތުރަށް ދިރާސާކުރަންޖެހެއެވެ.)

މާތްﷲ މިމަރުޙޫމްގެ ފުރާނައަށް ފުއްސެވުމާއި ރުއްސެވުން ދެއްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

Sunday, July 3, 2016

އަލްމަރްޙޫމް ޢަބުދުއްޝުކޫރު ޒަކަރިއްޔާ "ތުއްތުދީދީ" ލ.މާބައިދޫ ފިނިހިޔާގެ

9:08 AM 0
އަލްމަރްޙޫމް ޢަބުދުއްޝުކޫރު ޒަކަރިއްޔާ "ތުއްތުދީދީ" ލ.މާބައިދޫ ފިނިހިޔާގެ



ލިޔުނީ: ޠާހާ އަބޫބަކުރު، ލ.ގަން. 03 ޖުލައި 2016މ.


އަލްމަރްޙޫމް ތުއްތު ދީދީ އަކީ އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްސަ ޤަދަރަކާއި ލޯތްބެއް ދެވިފައިވާ އަޅުގަނޑުމެންގެ "ދޮންބޭބެ" އެވެ. (ދޮންބޭބެކިޔަނީ މާމަގެ އެއްބަނޑު އެއްބަފާ ކޮއްކޮއަށް ވާތީ މަންމަމެން މުޚާޠަބުކުރާގޮތް ކަމަށްވީމައެވެ.)  ތަޢުލީމު ޙާޞިލްކުރަން ދޮންބޭބެގެ ހިޔާވަހިކަމާއި ބެލެނިވެރިކަމުގައި ހޭދަކުރި 5 އަހަރު ދުވަހުގައި އަޅުގަނޑަށް ވަރަށް ބޮޑަށް އަޅާލައްވައި ލޯތްބާއި ކުލުނު ބެހެއްޓެވިއެވެ. ފުރާވަރުގެ އުމުރަށް އަޅައިގަތް ދުވަސްވަރު ކުރެވޭ ވިޔާނުދާކަންކަން ވިސްނައިދީ ހަމަމަގަށް އަޅުވައިދީ ތަރުބިއްޔަތުކުރުމުގައި މައިންބަފައިންނެތްކަމުގެ އިޙުސާސްކުޑަކޮށްދީ ކުޑަކުޑަ އަޅުގަނޑުގެ ހިތްހަމަޖައްސައިދިނީ ދޮންބޭބެއެވެ. އަދި ދޮންބޭބެގެ ދަރިންނެވެ. އެހެންކަމުން ދޮންބޭބެއަށް އަޅުގަނޑުގެ ހިތުގައި ދެވިފައިވަނީ ބައްޕައަކަށް ދެވޭނެ ފަދަ މަތިވެރި ދަރަޖައަކާއި ލޯތްބެކެވެ. 

މާބައިދޫ ފިނިހިޔާގޭ އަލްމަރްޙޫމް ތުއްތުދީދީ އަކީ މާބައިދޫގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚިދުމަތްތެރިއެކެވެ. ހިންގުންތެރި ވެރިއެކެވެ. ދަރިންނަށް ތަޢުލީމުދިނުމަށް ވަަރަށް ޚާއްޞަކަމެއް ބެހެއްޓެވި ބައްޕައެކެވެ. ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓެވި އޯގާތެރި އަޚެކެވެ.


ދިރިއުޅުމަށްޓަކައި ތުއްތުދީދީ އެންމެ ފުރަތަމަ ކުރެއްވި މަސައްކަތެއްކަމަށްވަނީ ރާވެރިކަމެވެ. ތިން މަސްދޯނި ދުއްވި އޮޑިވެރިއެކެވެ. ރޭނުން ފަދަ މަސައްކަތްތައް ވެސް ދެނެލައްވައެވެ.  އަދާކުރެއްވި ސަރުކާރުގެ ވަޒީފާތަކުގެތެރޭގައި މުދިންކަމާއި ކުޑަކަތީބު ކަންހިމެނެއެވެ. އެއަށްފަހު އޭނާގެ ބައްޕަ އިސްމާޢީލްދީދީގެ ޒަކަރިއްޔާދީދީ ފަދައިން  ކަތީބުކަން ކުރެއްވިއެވެ. އަދި ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާކަމުގެ މަޤާމުވެސް އަދާކުރެއްވިއެވެ. ގާތްގަނޑަކަށް ތިރީހަކަށް އަހަރު ދައުލަތަށް ޚިދުމަތްކުރެއްވިއެވެ. މިހާތަނަށް އެއްކުރެވިފައިވާ މަޢުލޫމާތުތަކަށް ބުރަވާއިރު ތުއްތުދީދީއަކީ މާބައިދޫގައި ދެވަނައަށް ކުޑަކަތީބުކަން އަދި ފަސްވަނަ އަށް ކަތީބުކަން ކުރެއްވި ބޭފުޅާއެވެ.

ތުއްތުދީދީއަކީ މާބައިދޫގެ ސަޤާފީކުޅިވަރުތަކުގައި އިސްސަފުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަޑުމަޚްރަޖް ރީތިކަމުން ހަރުބީއަރާއިރު ލަވަކިޔާ ފަތީގެ އެންމެކުރީގައި ހުންނަ މުރީދަކީ އޭނާއެވެ. އެހެންކަމުން އަތޮޅުފެންވަރުގައި އޮންނަ އެކިއެކި ޙަރަކާތްތަކުގައިވެސް ސަޤާފީކުޅިވަރުތަކުގައި މާބައިދޫ ތަމްޘީލުކުރާ ޓީމުގެ މެމްބަރެއްގެ ގޮތުގައި އަތޮޅުވެރިކަންކުރާ ހިތަދޫގައި ހުރި ހުރުމެއްގައި ތުއްތުދީދީގެ އަޑުމަޚްރަޖް ފާހަގަކުރެވި އޭރުގައި ހުންނެވި އަތޮޅުވެރިން ތުއްތުދީދީއަށް މާބައިދޫގެ މުދިންކަންދެއްވަން ބޭނުންވެގެން ސަނަދުނަގަން މާލެ ފޮނުއްވައިދެއްވައިފިއެވެ. އަތޮޅުވެރިންގެ ވިސްނުންފުޅަކީ ތުއްތުދީދީއަކީ ކަތީބުކަން ކުރެއްވި ބޭފުޅެއްގެ ދަރިއަކަށްވީތީ އެފަދަ ކަމަކަށް ހަމައެކަށީގެންވާ މީހެއްކަމެވެ. ސަނަދު ނެގުމަށް މާލެފައިބާ ހުރީ ބޮއިކަޅުހުއްތުގޭގައެވެ. ސަނަދު ނަގަން ކިޔަވަމުންދަނިކޮށް މާބައިދޫ ކެޔޮޅުބޭގެ ޢަލީއަށް މުދިންކަން ދެއްވައިފިއެވެ. އޭގެ ދެތިންމަސްފަހުން މާބައިދޫގެ އޮޑިވެރިއެއްކަމުގައިވާ އިސްމާޢީލްފުޅުބޭ ލަފާދިނީ އޭނާގެ އޮޑިން އަނބުރާ ރަށަށް ދިޔުމަށެވެ. ނަމަވެސް ތުއްތުދީދީއަށް ފެނިލެއްވިގޮތަކީ، ފުރުމުގެ ކުރިން ކަޅުބޭ (ބޮއިކަޅުހުއްތު) އަށް ނަންގަނެ، މަޝްވަރާ ހޯދުމަށްފަހު ނޫނީ ނުފުރުމަށެވެ. ދެން ތުއްތުދީދީ ގޮވައިގެން ސަރުކާރުގެ ކަމާބެހޭ ވުޒަރާއަށް ބޮއިކަޅުބޭ ދުރުވުމުން އެތަނުގައި ދުވަސްކޮޅަކު މަސައްކަތްކުރުމަށް ބެހެއްޓީއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެވުޒާރާގެ އިސްވެރިންނަށް ތުއްތުދީދީގެ ކިޔަމަންތެރިކަމާއި ރިވެތި އަޚްލާޤް ފާހަގަކުރެވިއްޖެއެވެ. އެހެންކަމުން އެފަދަ ބޭފުޅަކު މާޔޫސްކޮށްލާފައި "ހުސްއަތާ" ރަށަށް ފޮނުވާނުލާންވެގެން މާބައިދޫގައި ދެ ކުޑަކަތީބުން ތިބޭގޮތަށް ހަމަޖައްސަވާ ތުއްތުދީދީ އަށް ކުޑަކަތީބުކަން ދެއްވާ ރަށަށް ފޮނުވާދެއްވީއެވެ. އޭރު މާބައިދޫ ކުޑަކަތީބަކީ ރެއްކުބޭގެ އަލިފުޅު (ފަހުން އަލީ ކަލޭގެފާނު) އެވެ. މިވާހަކަ މިހާތަފްޞީލްކޮށް އަޅުގަނޑު މިބަޔާންކުރާ ސަބަބަކީ، ދާދިކުޑަދުވަސްކޮޅަކު އޭނާއާއިއެކު ހޭދަކުރި މީހަކަށްވެސް ތުއްތުދީދީގެ ރަނގަޅު ސިފަތައް ފާހަގަކުރެވޭހާ ރިވެތި ސިފަތަކުން ޖަރީވެގެންހުރި ބޭފުޅެއްކަން މިކަމުން ސާބިތުކޮށްދޭތީއެވެ.

އަޅުގަނޑަށް ފެނިފައިވާ ގޮތުން ދަންނަވަންޖެހެނީ އޭނާގެ މޮޓޯއަކަށް ހައްދަވާފައިވަނީ "އެއްޗަކީ ބަހެއް ނޫނެވެ. ޢަމަލެވެ." ހަމައެއާއެކު ނަމޫނާ މިސާލުން މަގު ދައްކައިގެން މީހުން ގޮވައިގެން މަސައްކަތްކުރެއްވި ލީޑަރެއްކަން ފާހަގަކުރެވެއެވެ. 1980 ގެ އަހަރުތަކުގެ ކުރީކޮޅު ރައީސް މައުމޫން ހައްދުންމައްޗަށް ކުރެއްވި ދަތުރުގައި ނަންގަވާފައިވާ ފޮޓޯތަކުގެތެރެއިން ފޮޓޯއެއްގައި މަގުހުރަހަށް ދަމާފައިވާ ފޮތިގަނޑެއްގައި ލިޔެފައިވާ ޢިބާރާތެއްގައި އޮވެއެވެ. "އަޅުގަނޑުމެން މިރަށް ތަރައްޤީކުރެވޭތޯ މަސައްކަތްކުރާނަމެވެ". ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި މިއަދުވެސް މާބައިދޫގެ ރައްޔިތުން ފުށުން ފެންނަ އެއްބައިވަންތަ ރޫޙް އުފައްދާ ދެމެހެއްޓުމުގައި ވަރަށް ބޮޑަށް މަސައްކަތްކުރެއްވިއެވެ. މިވިސްނުމުގައި ރައްޔިތުންނާއެކު ބޮޑެތި މަސައްކަތްތަކެއްގައި ފޫހިކަމެއް ވަރުބަލިކަމެއްނެތި ހިއްވަރާއެކު މަސައްކަތްކުރިތަން އަޅުގަނޑުވެސް ދުށީމެވެ. އޭގެތެރެއިން އެއް މިސާލަކީ، މާބައިދޫގެ ފަޅުކޮނެ ފުންކުރުމުން ތޮށިލުމުގެ މަސައްކަތް ރައްޔިތުން ކުރަމުންދިޔަ ދުވަސްވަރު އެމަސައްކަތުގައި ދެއްކެވި ނަމޫނާއެވެ. އޭރުގައި ހުންނެވީ ކުޑަކަތީބުކަމުގެ މަޤާމުގައެވެ. ޢަމަލީގޮތުން ތޮށީގައި ގާޖެހުމުގައި ރަތްދަކަ އަވީގައި ގިނަވަގުތު އުޅުއްވިއެވެ. ހަމައެފަދައިން، ފުރަތަމަފަހަރަށް މާބައިދޫއަށް ކަރަންޓްލުމުގެ މަސައްކަތާއި މާބައިދޫ މިސްކިތް ބޮޑުކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރެވެމުން ދިޔައިރުވެސް ރައްޔިތުން ކުރި މަސައްކަތްތަކުގައި އިސް ސަފުގައި ވަރަށް ސާބިތުކަމާއެކު ހުންނެވިއެވެ. މިސްކިތް ރޭނުމާއި ވަޑާމުގެ މަސައްކަތްކުރަމުންދިޔަ މީހުންގެ ކެއުން ހަމަޖެހިފައި އޮންނަނީ އޭރު ފިނިހިޔާގޭގައެވެ. ހިލޭސާބަހަށެވެ.

ގިނަ ބަޔެއްގެ ލޯތްބާއި ޤަދަރު ލިބުނު ނަމަވެސް އޭނާ ފާހަގަކުރެވެނީ މީހުންނާއިގުޅޭ، ހިތްހެޔޮ، ހިތްތިރި އަދި މަޑުމައިތިރި މިޒާޖެއްގެ ވެރިއެއްގެ ގޮތުގައެވެ. ކަތީބުކަމުގައި ހުންނެވި ދުވަސްވަރުގައި ރަށުގެ ސިޔާސީ ވެއްޓަށް އައި ހަލަބޮލި ކަމުގެ ތެރޭގައި ސިޔާސީ ވާދަވެރިންގެ ފަރާތުން ކުރިމަތިވި އުނދަގޫތަކަށް ކެތްތެރިވެލެއްވި ގޮތް އެއީ ލާމަސީލެވެ.

ނަސަބު:

އަލްމަރްޙޫމް ތުއްތުދީދީ (ޢަބުދުއްޝުކޫރު)ގެ  ބައްޕައަކީ، އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ އައިޝަތުދީދީ އާއި އައްސުލްޠާން އިބްރާހިމް މުޒުހިއްދީންގެ މުޙައްމަދު މަނިކުފާނުގެ ކޮނޑޭ މޫސާމަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނު ކައިވެނި ބައްލަވައިގެން ލިބިލެއްވި މުޙައްމަދު ދީދީ (ތުއްކަލާ ދީދީ)ގެ ދޮންދީދީ އާއި މުންޑޫ ޙުސައިންކަލޭގެފާނު ކުރެއްވި ކައިވެނިން ލިބިލެއްވި އިސްމާޢީލްދީދީ (މާބައިދޫ ހަންދަރައްގޭ އިސްމާޢީލް ދީދީ) ގެ ޒަކަރިއްޔާދީދީއެވެ. ތުއްތުދީދީގެ މަންމައަކީ، މުންޑޫ އީސާގެ އައިމިނައެވެ.

ތުއްތު ދީދީ އާއި އެއްބަނޑު އެއްބަފާ ތިބީ 3 ބޭފުޅުންނެވެ. އެއީ،  މަރިޔަމްދީދީ (ނިޔައުވެފައި)،  ސަންފާދީދީ (ކަރަންކާގެ. ލ.ގަން)، ފާޠިމަތުދީދީ (ނޫރާނީވިލާ، ލ.މާބައިދޫ) އެވެ. ތުއްތުދީދީ އާއި އެއްބަފާ ވަކިބަނޑު ބޭފުޅުންނަކީ ޢަބުދުއްރަޙުމާން (އަތަމާގެ، ލ.މާބައިދޫ)، މޫސާދީދީ (އަޅިވިލާގެ، ލ.މާބައިދޫ)، އިބްރާހިމްދީދީ (އިރުދޭމާގެ، ލ.މާބައިދޫ)، އަދި ޙައްވާދީދީ (ކަނީރުމާގެ، ލ.މާބައިދޫ) އެވެ.


ޒަވާޖީ ޙަޔާތް:


ތުއްތު ދީދީ (ޢަބުދުއްޝުކޫރު) ކައިވެނިކުރެއްވީ ލ.ހުޅިޔަންދޫ ބަނޑޭރި ދޮންއާދަނަށް މުންޑޫ މުޙައްމަދުގެ ކުޑަފުތުގެ ދޮންމަންޖެގެ ބަނޑުން ލިބުނު އިދުރީސްގެ ދޮންކަނބުލޯ (ސަލީމާ އިދުރީސް) އާއެވެ. ދޮންކަނބުލޯގެ މަންމައަކީ ހުޅިޔަންދޫ ވާރުގޭ ޔޫސުބުގެ ޙަސަނުގެ އާމިނާމަނިކެއެވެ. ދޮންކަނބުލޯއަކީ ދިވެހިބޭސްހެދުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިލައްވާފައިވާ މަޝްހޫރު ދިވެހިބޭސްވެރިއެކެވެ.


ތުއްތުދީދީގެ ދަރިން:

ތުއްތުދީދީގެ ދަރިންނަކީ، އަޙުމަދު ރަޝީދު، މުޙައްމަދު ރަޝީދު، ފާޠިމަތު ރަޝީދާ، މަރިޔަމް ރަޝީދާ، ޢަބުދުﷲ ރަޝީދު، ޢަލީ ރަޝީދު، އިސްމާޢީލް ރަޝީދު އަދި އައިޝަތު ރަޝީދާއެވެ. އަޙުމަދު ރަޝީދުއަކީ ޤާޟީކަމާއި އަތޮޅުވެރިޔާގެ އެހީތެރިޔާކަންކުރެއްވި ޚިދުމަތްތެރި ޚަޠީބުއެކެވެ. ތުއްތުދީދީގެ ދަރިންކުރެ ތުއްތުދީދީއާއި އެންމެ ސިފަ ވައްތަރީ އަޙުމަދު ރަޝީދެެވެ. މުޙައްމަދު ރަޝީދުއަކީ ހެޑްމާސްޓަރކަމާއި ޕްރިންސިޕަލްކަމާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިކަން ކުރެއްވި ބޭފުޅެކެވެ. ފާޠިމަތު ރަޝީދާއަކީ އޭނާގެ މަންމަ އަރިހުން ދިވެހިބޭސްވެރިކަން ދަސްކުރައްވައިގެން އޭނާގެ މަންމަ ފަދައިން އެ ޚިދުމަތްދެމުން ގެންދާ ބޭފުޅެކެވެ. ޢަބުދުﷲ ރަޝީދުވަނީ ވަގުތީ ޓީޗަރެއްގެގޮތުގައި ލ.އަތޮޅު މަދަރުސާގައި މަސައްކަތް ކުރައްވާފައެވެ. އަދި 2004ގެ ސުނާމީގައި ހާލުގައިޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބްރިޓިޝް ރެޑްކްރޮސް އިން ލ.އަތޮޅުގައި ހިންގި ހަރަކާތްތަކުގައި ކޮމިއުނިޓީ މޮބިލައިޒޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އިސްމާޢީލް ރަޝީދުވަނީ ލ.އަތޮޅު މަދަރުސާގެ  ޑެޕިއުޓީ ޕްރިންސިޕަލްކަން ކުރައްވާފައެވެ.

ނިޔައުވުން:
ސްޓްރޯކެއް ޖެހުމުގެ ސަބަބުން ދެތިން އަހަރު ދުވަސްވަންދެން ބަލިވެއުޅުއްވުމަށްފަހު ތުއްތުދީދީ މިފަނާވަނިވި ދުނިޔެ ދޫކޮށް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 25 އޯގަސްޓް 2000މ. ވަނަ ދުވަހުގެ ރޭ 07:30 ހާއިރު ލ.މާބައިދޫގައެވެ.
މާތްﷲ މިމަރްޙޫމްގެ ފުރާނަޔަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން



މަޢުލޫމާތުގެ މަސްދަރުތައް:
އަލްފާޟިލް ޢަބުދުﷲ ޙިލްމީ، ޖަނަވަރީގެ، ގދ. ތިނަދޫ

އަލްފާޟިލް މޫސާ ޒަކަރިއްޔާ، އަޅިވިލާގެ، ލ.މާބައިދޫ

އަލްފާޟިލް ޢަބުދުﷲ ރަޝީދު، ފިނިހިޔާގެ، ލ.މާބައިދޫ

އަލްފާޟިލް އަޙުމަދު ރަޝީދު، ނަލަހިޔާގެ، ލ.މާބައިދޫ
އަލްފާޟިލް ޢަލީ އިބްރާހިމް، މުކުރިމަގު. ފޮނިމާގެ، ލ.ގަން




Saturday, July 18, 2015

އަލްމަރްޙޫމް ޢަބުދުﷲ ޔޫސުފް "ވަލުގޭ ޢަބުދުﷲ" ލ.ގަމު މަތިމަރަދޫ

11:54 AM 0
އަލްމަރްޙޫމް ޢަބުދުﷲ ޔޫސުފް "ވަލުގޭ ޢަބުދުﷲ" ލ.ގަމު މަތިމަރަދޫ
އަލްމަރްޙޫމް ވަލުގޭ ޢަބުދުﷲ ޔޫސުފް

ލިޔުނީ: ޠާހާ އަބޫބަކުރު، ލ.ގަން. 18 ޖުލައި 2015މ.

ވަލުގޭ ޢަބުދުﷲ އަކީ މަތިމަރަދޫގެ ތަޢުލީމަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮއްދެއްވި މުދައްރިސެކެވެ. މަތިމަރަދޫގެ ޘަޤާފީކަންކަމުގެ މުރީދެވެ. ރައްޔިތުންނިކުމެ ކުރާ މަސައްކަތްތަކުގައި އިސްކޮށް ޙަރަކާތްތެރިވި ހަރުދަނާ ސަޚްސިއްޔަތެކެވެ. ދިރިއުޅުމަށްޓަކައި ތަފާތު އެކިއެކި މަސައްކަތްތަކުގައި ހީވާގި، ހުނަރުވެރި މަސައްކަތްތެރިއެކެވެ. ގިނަ ބަޔެއްގެ ލޯތްބާއި ޤަދަރު ލިބުނު ނަމަވެސް އޭނާ ފާހަގަކުރެވެނީ މީހުންނާއިގުޅޭ، ހިތްހެޔޮ، ސަމާސާ މިޒާޖެއްގެ ވެރިއެއްގެ ގޮތުގައެވެ.

ވަލުގޭ އާއިލާއަކީ މަތިމަރަދޫގެ ތަޢުލީމީ ދަންމަރު އަދުގެ ޖީލާއިހަމައަށް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ޙިއްޞާއެއް އަދާކޮށްފައިވާ އާއިލާއެއްކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެގޮތުން އޭގެ އެންމެ ބޮޑު ތަޢުރީފެއް ޙައްޤުވާ ފަރާތަކީ ވަލުގޭ ޢަބުދުﷲގެ ބައްޕަ އަލްމަރްޙޫމް ވަލުގޭ ޔޫސުފްއަށެވެ. އަލްމަރްޙޫމް ވަލުގޭ ޢަބުދުﷲ ވެސް އޭނާގެ ބައްޕަ ފަދައިން ކުޑަކުދިންނަށް ޤުރުއާންކިޔަވަން ދަސްކޮށްދިނުމުގެ މަސައްކަތުގައި ދެމިހުއްޓެވެެ. އަދި ރައްޔިތުން ހިންގި ބޮޑުމަދަރުސާގައި ވެސް ކިޔަވައިދިނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޢީދުގައި ކުޅެވޭ ކުޅިވަރުތަކުގެތެރެއިން ކޯޑި އެލުވުމަށްފަހު ކިޔާ "ކޯޑި ޅަޅާ ފީވެޔޯ" މިލަވައަކީ ވަލުގޭ ޢަބުދުﷲ ހަދާފައިވާ ލަވައެކެވެ. އޭނާގެ ދުވަސްވަރުގައި މިފަދަ ކުޅިވަރުގައި ނަގާކިޔާ މީހަކީ އެއީއެވެ. ޖޯޝާއި ފޯރި އުފައްދާ ވަރުގަދަ އަޑެއްގެ ވެރިއެކެވެ. އެޒަމާނުގައި އޮންނަ މާލޫދުކިޔުންފަދަ ކަންކަމުގައި ވެސް އެންމެ އިސްރޯލެއް އަދާކުރާނީ ވަލުގޭ ޢަބުދުﷲ އެވެ.

ރޭނުމާއި ސިމެންތީގެ މަސައްކަތްތަކުގައި އޭނާގެ ހުނަރުވެރިކަން ޚާއްޞަކޮށް ފާހަގަކޮށްލެވެއެވެ. މިރޮނގުން އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ އެދުވަސްވަރު ގެދޮރު ޢިމާރާތްކުރުމުގައި ދޮރުބަހައްޓާ ދޮރުގެ މަތިން ފޫޓެއްހާތަނަށްރޭނުމަށްފަހު ދެންއެބަހައްޓާ ޖާލިގަނޑު ހެދުމުގެ މަސައްކަތެވެ. ލަކުޑި ތައްގަނޑެއްގެ މައްޗަށް ސިމެންތި އަޅާފައި 24 ގަޑިއިރު ބަހައްޓާ ހިކުމުން ތައްގަނޑު ނަގައިގެން ހަދާ އެބާވަތުގެ ޖާލި ގަމުގައި ތައްޔާރުކުރަން ފެށި މީހަކީ ވަލުގޭ ޢަބުދުﷲއެވެ. 25 ރުފިޔާއަށް ހަދައިދީފައިވާ މިބާވަތުގެ ބައެއްޖާލިތައް މިހާރުވެސް ބައެއްގޭގެއިން ފެންނަން އެބަހުއްޓެވެ. އޭނާގެ މަސައްކަތްތެރިކަމުގެ ރަމްޒެއްގެގޮތުން ފެންނަންހުރި އެތައް ތަނެއް މިހާރުވެސް އެބަހުއްޓެވެ. އަތިރީކޮޅަ އައްޔަގެ ގޭ (މިހާރުގެ ގޯނބިލިގޭ) މެދުފާރަކީވެސް އުވައިން އޭނާ ރޭނިފާރެކެވެ.

ރާވެރިކަމަކީ ވެސް ދަރިން ބޮޑެތިވެ ވަޒީފާ އަދާކުރަންފެށުމާއި ޖެހޭންދެން ކުރި މަސައްކަތެކެވެ. އަބަދުވެސް އަރައިއުޅޭ ތިން ރުއް ހުރެއެވެ. އޭނާއަކީ ހިލޭ ސާބަހަށް ބޮޑެތިމީހުންނާއި ކުޑަކުދިންގެ ބޯކޮށައިދިނުމުގެ މަސައްކަތްވެސް ކުރި ޚިދުމަތްތެރިއެކެވެ.

އޭނާގެ ދީލަތިކަމާއި ހިތްހެޔޮކަން ފާހަގަވެގެންދާ އެއްކަމަކީ ޚާއްސަ ކާއެއްޗެއް ގޭގައި ތައްޔާރުކޮށްފިނަމަ އެއަށް އިންސާފުކުރުމުގައި އެހެން މީހުންބައިވެރިކުރުން އާދަކޮށްފައި ވުމުންނެވެ. އެފަދަ ކެއުމަކަށް އިންސާފުކުރުމުގައި އެވަގުތަކު ފެނުނިއްޔާ ފެނުނު މީހަކު ބައިވެރިކުރުމަކީ އުފަލަކަށް ހަދާފައިވާތީއެވެ.

ނޯޓް: މި ޢާއިލާއަށް "ވަލުގޭ" މި ލަޤަބް އައިސްފައި ވަނީ ވަލުގޭ ކުޑަސޮރު (ހަންބޭގެ ޢަލީ) ދިރިއުޅުމަށްޓަކައި އޭރު އަވަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގެ އުތުރު ފަރާތުން ވަލުކައިރީ ގެ އެޅުމުންނެވެ. އެގެހުރީ މިހާރުގެ ވަލުގޭގެ އިރުން ގާތްގަނޑަކަށް މަތިމަރަދޫ ގުލްދަސްތާގޭ ގިފިލި އެހުރި ހިސާބުގައެވެ. އެއީ އިހުގައި ތުނޑީ އަވަށަށްދާން އޮންނަ މަގު ކައިރިއެވެ. ކުޑަސޮރުގެ ދަރިންކުރެ ވަލުގޭ ޔޫސުބް ގެއެއް އެޅީ މިހާރުގެ ވަލުގެޔާއި ބޭސްގެޔާއިދެމެދުގައެވެ. ވަލުގޭ އިބްރާހިމް ގެއެޅީ ބޭސްގޭގެ ހުޅަނގުންނެވެ. އެއީ މިހާރުގެ ފަށިއޮނުގެއެވެ. މިހާރުގެ ވަލުގެޔަކީ ވަލުގޭ ކުޑަސޮރުގެ ވަލުގޭ އާދަމްގެ ގެއެވެ. މިގޯތިތަައް ރަސްމީ ގޯތިތަކަށް ހަމަޖެހިފައިވަނީ ޖާރިޔާ މޫސާކަލޭފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރުއެވެ. އިހުގައި ގޭގެއަށް ނަން ދީފައި ނުހުންނާތީ ނިސްބަތްކޮށްއުޅެނީ އެގެއެއް ހުންނަ ސަރަޙައްދަކަށް ނިސްބަތްކޮށް ނުވަތަ އެގޭމީހެއްގެ ނަމައް ނިސްބަތްކޮށްގެން އާންމުކޮށް ކިޔައިއުޅެއެވެ. އަދި އެ ގެއެއްގައި ދިރިއުޅޭ މީހުންގެ ނަމުގެ ކުރިޔަށް ލަޤަބެއްގެ ގޮތުގައި އެ ގެއަކަށް ކިޔޭ ނަމެއް ކިޔައެވެ.

ނަސަބު:


ވަލުގޭ ޢަބުދުﷲގެ ބައްޕައަކީ ވަލުގޭ ޔޫސުފް ޢަލީ (ވަލުގޭ ޔޫސުބް) އެވެ. ކުޅުދުއްފުށީ ކަތީބުގެ ހިޔަލަގެ ޢަބުދުއްރަޙްމާނަށް ކަދީދަގެ ބަނޑުން އުފަން އައިމިނަ އާއި، ކުޅުދުއްފުށީ ކަތީބުގެ ހިޔަލަގެ ބަރުބޭ ފާތިމަގެ ބަނޑުން ތުއްތަކުރަށް އުފަން ވަލުގޭ ކުޑަސޮރު (ހަންބޭގެ ޢަލީ)ގެ ދަރި ވަލުގޭ ޔޫސުބެވެ. ވަލުގޭ ޔޫސުބް 83 އަހަރުގައި ނިޔައުވީ 6 ޖުލައި 1971މ. ގައެވެ. އެހެންކަމުން ވަލުގޭ ޔޫސުބް އުފަންވީ ގާތްގަނޑަކަށް 1888މ. ގައެވެ.

ވަލުގޭ ކުޑަސޮރާއި އެއްބަނޑު އެއްބަފާ ތިބީ ދޮންބެ (ޔޫސުފް) އާއި ކުޑަފުތާއި ކަޅުމަންޖެއެވެ. މިދޮންބެގެ ހުސޭނާއި ދޮންބެގެ ކަދީދާގެ އާއިލާވެސް އެބައޮތެވެ. ކުޑަފުތުގެ އާއިލާވެސް މަތިމަރަދޫގައި އެބައޮތެވެ. ކަޅުމަންޖެގެ ހުރީ އެންމެ ދަރިއެކެވެ. އެއީ "ހުއްލަ ދައިތޭ" އެވެ. މީނާ ނިޔައުވީއިރުވެސް އިނދެގެން އުޅުނީ ތުނޑީ އަބޫކުރައްގޭ ޢައްޔަ އާއެވެ. ދަރިއަކު ނުލިބެއެވެ.

ވަލުގޭ ކުޑަސޮރު (ޢަލީ)ގެ ދަރިންނަކީ (ހ) ވަލުގޭ އާދަނު، (ށ)ވަލުގޭ ޔޫސުބް، (ނ)ވަލުގޭ އިބްރާހިމް، (ރ)ވަލުގޭ މަރިޔަމް (އާއިލާ މާބައިދޫގައި) ، (ބ) ވަލުގޭ ސިއްތިޔަ (އާއިލާ ގަމު ތުނޑީގައި) އެވެ.

ވަލުގޭ ޢަބުދުﷲގެ މަންމައަކީ، ގަމު ތުނޑީ ތުން މުޙައްމަދުގެ ސިއްތިޔައެވެ. ތުން މުޙައްމަދުގެ ދެންތިބި ދަރިންނަކީ، ފާޠިމަ (ތުނޑީ އައިޝްދައިތަގެ މަންމަ)، ސަޢީދު (ތުނޑީ އިބްރާހިމް ޒަކީގެ މަންމަގެ ބައްޕަ)، ކުރީގެ ކަތީބު ޔޫސުފް މުޙައްމަދު (ޑރ. ޢަބުދުލްއަޒީޒް މެންގެ ބައްޕަ)، ޔޫނުސް މުޙައްމަދު (މަންޒަރު ޔޫނުސް)، އަދި ޚަދީޖާ މުޙައްމަދު (އަތޮޅު ކައުންސިލަރ ކަމާއި ތުނޑީގެ ކަތީބުކަންކުރެއްވި ޢަބުދުލްވައްޙާބުގެ މަންމަ) އެވެ.

ވަލުގޭ ޔޫސުބް އާއި ތުން މުޙައްމަދުގެ ސިއްތިޔަގެ ކައިވެނިން ލިބުނު ދަރިންނަކީ، (ށ-1) ވަލުގޭ އައިމިނަ (މީނާގެ އާއިލާ ފޮނަދޫގައި)، (ށ-2) ވަލުގޭ ޢަބުދުﷲ (ލ.ގަމު މަތިމަރަދޫ ގޯނބިލިގެ)، (ށ-3) ވަލުގޭ މަރިޔަނބު (މީނާ މާލޭ މ.މީރާ އަޙުމަދުފުޅާއި (މިރުސް އަޙުމަދުފުޅު ނުވަތަ ދޮންކަތްދާ އަޙުމަދުފުޅު) އިނދެގެން ލިބުނު އަންހެން ދަރިއަކީ ޖީޒާއެވެ. މިކުއްޖާ ވަރަށް ކުޑަކުޑައިރު ވަލުގޭ މަރިޔަމް ނިޔައުވީއެވެ.)


ސިއްތިޔަ ނިޔާވުމުން ވަލުގޭ ޔޫސުބް ކައިވެނިކުރެއްވީ ލ.އިސްދޫ ކަލައިދޫ ޢީސާގެ ދޮން އައިޝަ އާއެވެ. ކަލައިދޫ ޢީސާގެ ދަރިންނަކީ (ހ) ދޮންއައިޝާ (ށ) ހަރީރާ (އައިސް ޓްރޭޑަރސް ޢަބުދުﷲގެ މަންމަ)، (ނ) ކަލައިދޫ މުޙައްމަދު (ޖައުފަރުބޭގެ ބައްޕަ)، (ރ) އިސްދޫ ދޮންސޮރު (އިސްދޫ ކައުންސިލަރ ޚަލީލްގެ ބައްޕަ) އެވެ.
ވަލުގޭ ޔޫސުބަށް ކަލައިދޫ އީސާގެ ދޮންއައިޝާގެ ބަނޑުން ލިބުނު ދަރިއަކީ(ށ-4) ޔޫނުސް ޔޫސުފް އެވެ. މި ޔޫނުސްގެ އާއިލާ މިހާރު ދިރިއުޅެނީ ލ.ގަމުގައި މުންޑޫ-ކަޅައިދޫ ރައްޔިތުން އާބާދުވެފައިވާ ސަރަޙައްދުގައެވެ.

ޒަވާޖީ ޙަޔާތް:


ވަލުގޭ ޢަބުދުﷲ ތިން ކައިވެންޏެއް ކުރި އެވެ. ފުރަތަމަ ކައިވެންޏަކީ މަތިމަރަދޫ ހިންޏަމެންގޭ ޢަލީ (ކުޑައައްޔަ)ގެ ކަދީދާއާއި ކުރި ކައިވެންޏެވެ. އެއަށްފަހު ތުއްދިޔަގެ ދޮންފުތުގެ މަރިޔަނބު (އައިމިނަގެ މަރިޔަނބު)ގެ ކަޅުކުރު (އާދަމް ޝަމީމް)ގެ ސަންފާ އާއެވެ. ދެން ކައިވެނިކުރީ ކުޑަފުތަގެ އައްޔަގެ އަސްމާ އާއެވެ. ވަލުގޭ ޢަބުދުﷲގެ ހުރިހާ ދަރިންގެ މަންމައަކީ މި އަސްމާ އެވެ.

އަސްމާ ޢަލީގެ ބައްޕައަކީ ކުޑަފުތުގެ ޢަލީ އެވެ. ކުޑަފުތުގެ ޢަލީ އަކީ، ކުޅުދުއްފުށީ ކަތީބުގެ ހިޔަލަގެ ބަރުބޭ ފާތިމަގެ ބަނޑުން ތުއްތަކުރަށް އުފަން ކުޑަފުތުގެ ޢަލީ (ކުޑަފުތަގެ ޢައްޔަ) އެވެ. ކުޅުދުއްފުށީ ކަތީބުގެ ހިޔަލަގެ ދޮންކޮއްކޯގެ ބޮޑުދޮންމަރިޔަނބުގެ ޢަލީ (ކުޑަފުތަގެ އައްޔަ) އެވެ.

މިވަނަވަރަށް ބަލާއިރު، އަސްމާޢަލީގެ ބައްޕަ (ކުޑަފުތަގެ އައްޔަ) އާއި ވަލުގޭ ޢަބުދުﷲގެ ބައްޕަ (ވަލުގޭ ޔޫސުބް) އަކީ އެއްބަނޑު އެއްބަފާ 2 ބެއިންގެ ދެދަރިންނެވެ.

އަސްމާޢަލީގެ މަންމައަކީ، ތުއްދިޔަގެ ދޮންފުތުގެ މަރިޔަނބު(އައިމިނަގެ މަރިޔަނބު)، ކުޑަތަކުރާއި ކައިވެނިކޮށްގެން ލިބުނު ދޮންމަންޖެ (ޖަމީލާ) އެވެ.

އަސްމާ ޢަލީ އާއި އެއްބަނޑު އެއްބަފާތިބީ، ޔޫސުފު ޢަލީ، އަޙުމަދު ޢަލީ (ހަނދުވަރުދޭގެ)، ކަދީދާ (އަސްލު ނަމަކީ ޚަދީޖާ/ ޖަމީލާ2)، އިދުރީސް ޢަލީ އަދި ޒަކަރިއްޔާ (ނިޔާވެފައި) އެވެ.



ވަލުގޭ ޢަބުދުﷲގެ ދަރިންނަކީ:

ޚަދީޖާ ޢަބުދުﷲ، މޫސާޢަބުދުﷲ، ޢަލީ ޢަބުދުﷲ، މަސްޢޫދު ޢަބުދުﷲ، އައިމިނަތު ޢަބުދުﷲ، ފާޠިމަތު ޢަބުދުﷲ، އައިޝަތު ޢަބުދުﷲ، އުސްމާނު ޢަބުދުﷲ، އިސްމާޢީލް ޢަބުދުﷲ އަދި އަޙުމަދު އަސްލަމް އެވެ.


ނިޔައުވުން:


1990 ވަނަ އަހަރުގެ ޑިސެމްބަރމަހުގެ 25 ވީ އަންގާރަ ދުވަހުގެ ހެނދުނުގެ ނާސްތާއަށްފަހު ޅާނބާއި ކަތިވަޅިހިފައިގެން ޢަބުދުﷲ ޔޫސުފްގެއިން ނުކުތީ ގެޔަށް ކާށިކޮޅެއް ބޭނުންވާތީ ރުކުއަޅަންދާށެވެ. ދިޔަމަގުމަތީގައި ރަށުއޮފީހަށް ލެފިލާފައި މާލޭގައި ތިބި އޭނާގެ ދަރިން ފޯނުކުރިތޯ އޮފީހުގެ ކާތިބާކުރެން ސުވާލުކޮށްލުމަށްފަހު ކުޑަކޮށް ސަމާސާކޮށްލާފައި އޮފީހުގައި އިން ބޭބެ ކުޑަކަތީބު ޢުމަރު އާދަމް އާއިވެސް ވާހަކަދައްކާލިއެވެ. އޮފީހުން ނިކުމެގެންގޮސް އެރީ ތުނޑިޔަށްދާމަގުގެ އިރުމަތިފަރާތުގައި މިހާރު "ޝާރކް"ގެ އެހުރި ސަރަޙައްދުގައިހުރި ރުކަކަށެވެ. އެރުކުން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާކުރަމުންދަނިކޮށް ހާލުދެރަވަމުންގޮސް އެރޭގެ 11:30 ހާއިރު މިފަނާވަނިވި ދުނިޔެ ދޫކޮށް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފިއެވެ.

ޖެހިގެން އައި ދުވަހުގެ ފުލައިޓުން މާލޭގައި ތިބި ދަރިންނަށް ރަށަށް އާދެވެންދެން މަޑުކުރުމަށްފަހު ވަޅުލީ މަތިމަރަދޫ ސަހަރާގައެވެ. ޢަބުދުﷲ ޔޫސުފްގެ މައްޗަށް މަތިމަރަދޫ މިސްކިތުގައި ކުރެވުނު ކަށުނަމާދުގައި ތިން އަވަށުގެ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވިއެވެ.
މާތްﷲ މިމަރްޙޫމްގެ ފުރާނަޔަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން



މަޢުލޫމާތުގެ މަސްދަރުތައް:


އަލްމަރްޙޫމް މުޙައްމަދު އިބްރާހިމް ދީދީ(މަންދަގޭ މުޙައްމަދުބެ)، މަތިމަރަދޫ.ރޯޒީސައިޑް، ލ.ގަން

އަލްމަރްޙޫމް ޢަބުދުލްޣަފޫރު އާދަމް (ވަލުގޭ ކަޅުބެ)، މަތިމަރަދޫ. ވަލުގެ، ލ.ގަން

އަލްފާޟިލް ޢުމަރު އާދަމް، މުކުރިމަގު. ސޯސަންވިލާ، ލ.ގަން

އަލްފާޟިލް އަބޫބަކުރު އިބްރާހިމް، މަތިމަރަދޫ.ފިނިވާގެ، ލ.ގަން

އަލްފާޟިލް ޔޫނުސް ޔޫސުފް، ތުނޑި.ސެވެންސްޓަރ، ލ.ގަން

އަލްފާޟިލް އަޙުމަދު ޢަލީ، މަތިމަރަދޫ. ހަނދުވަރުދޭގެ، ލ.ގަން