Thoha AbuBakur's Blog: ތާރީޚް
Showing posts with label ތާރީޚް. Show all posts
Showing posts with label ތާރީޚް. Show all posts

Sunday, May 31, 2020

ހައްދުންމަތީގެ އިހު ވާހަކަ : ކައްދޫ ޙަސަނުގެ ހާ ބަނުން

12:29 AM 0
ހައްދުންމަތީގެ އިހު ވާހަކަ : ކައްދޫ ޙަސަނުގެ ހާ ބަނުން


ނޯޓު: މިސިލްސިލާގައި ލިޔާހުށީ ހައްދުންމަތީގައި އިހުގައި ހިނގާފައިހުރި ހާދިސާތަކުގެ ވާހަކަތަކެވެ.

މިވާހަކަތައް ކިޔައިދޭމީހާ މަސައްކަތްކުރި އޮފީހެއްގެ ގޮވަތިތެރޭގައި ހުއްޓާ އެއްދުވަހަކު ކަޅައިދޫ ރާ ޢަބުދުﷲ ބޭގެ ދަރިއެއް އައިސް ބުނެފޫއެވެ. އިހުގެ ވާހަކަތައް ހޯދައި ލިޔެ ހަދާއިރު، ކައްދޫ ހަސަނު ހާ ބަންހެނޭ ކިޔައިއުޅޭ ވާހަކައެއް އަހަމުހެއްޔެވެ؟ އަޅުގަނޑު ބުނެފީމެވެ. ނާހަމެވެ.

އޭނާ: އަހާށޭ ކައްދޫ ޙަސަނަކީ ތިމަންނާގެ މުނިކާފަޔާވީ މީހެކެވެ. އަހާފައިވާ ގޮތުގައި ކައްދޫ ޙަސަނު ހާލެއް ހިފައިފައި ރޯނު ފޯއްޔަކުން ބަންނަން ފަށައިފިއެވެ. ހާބަނދެ ނިމުނީ ރޯނުފޯލި ހުސްވީއިރުއެވެ. އެވަރަށް ބަނދެލާފައި ބެހެއްޓި ހައު ކުޑަ އިރުކޮޅަކުން ދޫވެއްޖެއެވެ. މިހާދިސާގެ ފަހުން، މީހަކު އެއްޗެއް އެއްސުމަށް ނޫނީ ބަނުމަށް ނޭކަށޭނަ މިންވަރަށް ތަކެތި ބޭނުން ކޮށްގެން އެއްސުމުގައި ހަރުދަނާކަމެއް ނެތްނަމަ، މަލާމާތުގެ ގޮތުން ބުނެއުޅޭކަމުގައިވިޔެވެ. ތިޔަ އެއްސީ ކައްދޫ ހަސަނު ހާބަންހެންނެވެ.

މިކައްދޫ ޙަސަނާވީ މީހުނަށް ތިބީ ކައްދޫ ޢަބުދުއްރަޙްމާނާއި ކައްދޫ މޫސާއެވެ. ކަޅައިދޫ ރާ ޢަބުދު ﷲ އަކީ ކައްދޫ ޢަބުދުއްރަޙްމާންގެ ކަދީދާގެ ބަނޑުން ރާގޭ ހުސޭނަށް ލިބުނު ޢަބުދު ﷲ ހުސައިނެވެ. ރާ އަބްދުﷲ އުފަންވީ 2 ޖޫން 1931މ ގައެވެ. ނިޔާވީކަމަށް ބެލެވެނީ 2004މ ގައެވެ. މިއާއިލާއަކީ ކައްދޫ ފަޅުވުމުގެކުރީން ކައްދޫގައި ދިރިއުޅުނު ބައެއް ކަމަށް ބައެއްމީހުން ހީކުރެތެވެ. އެހެނެއް ނޫނެވެ. މިއާއިލާއަކީ ކައްދޫ ބެލެހެއްޓުމަށް ކައްދޫގައި އުޅުނު އާއިލާއެކެވެ. ވަރުވާއަށް ލިޔެގެން ކަމެއް ނުވަތަ ވަރުވާއަށް ލިޔެގެން އުޅޭ ބައެއްގެ އަތުން ހޯދައިގެން ކަމެއްް އެނގޭކަށް ނެތެވެ. އެގޮތަށް ރަށް ބަލަހައްޓަން ތިބޭއިރު އެރަށެއްގައި ތިބެނީ ދަނޑިފަނުން ގެއަޅައިގެންނެވެ. މަޤްޞަދަކީ ރަށުން ރުކުއެޅުމާ ދަރުހޮވުމާ ދަނޑުވެރިކަންކުރުން ފަދަ މަސައްކަތްކޮށްގެން ނަފާނެރުމެވެ.

މިހާރު ހައްދުންމަތީގައި އެއަރޕޯރޓެއް ހަދާފައިވާ ކައްދޫގައި މީހުން ދިރި އުޅުނު ދުވަސްވަރަކީ މާކުރީ ޒަމާނެކެވެ. ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި އިރު، އުތީމު ތަކުރުފާނުން މިރަށަށް ވަޑައިގަންނަވާ މިރަށް ފަޠަހަކުރެއްވިއެވެ. ފެންނާންހުރި ތާރީޚީ ހެކިތަކަށް ބަލާއިރު ކައްދޫ ފަޅުވެފައިވާ ކަމަށް ބެލެވެނީ ހިޖުރައިން 10 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ.


Wednesday, February 13, 2019

ހުކުރުމިސްކިތު ޤަބުރުސްތާނުގައިހުރި ހައްދުންމަތީ ގަމު ޢަލީ ނައިބު ކަލޯގެފާނުގެ މަރިޔާބީފާނުގެ މަހާނަގައު

8:08 PM 0
ހުކުރުމިސްކިތު ޤަބުރުސްތާނުގައިހުރި ހައްދުންމަތީ ގަމު ޢަލީ ނައިބު ކަލޯގެފާނުގެ މަރިޔާބީފާނުގެ މަހާނަގައު

ލިޔުނީ: ޠާހާ އަބޫބަކުރު
13 ފެބުރުވަރީ 2019މ.





މިކީލަ ހުރީ މާލޭ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައެވެ. މިޤަބުރުސްތާނުގައިހުރި އެންމެ ބޮޑު މަހާނަގައު ކަމުގައިވާ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 2 ވަނަ (ފަހުން ފާށަނާކިލެގެފާނު) ގެ މަހާނަފުޅުގެ ގައުފުޅުގެ ހުޅަނގުން އެއްގައު ދޫކޮށްފައެވެ. ރީތި ކުރެހުން ގަނޑެއްހުރި މިގަލުގައިވާ ލިޔުން ލިޔެފައިވަނީ ލޮއި ފޮތްޗެއްގައި އިހުގެ ތާނަ އަކުރުންނެވެ. މިލިޔުމުގައިވާ ބައެއް ސުކުންތައް ކުރުމުގައި މިޒަމާނުގައި ބޭނުންކުރެވޭ ހަމަތަކާ ފުށުއަރާކަން ފާހަގަ ވެއެވެ. "ހަށްދުށްމަތި" އަޅާފައިވާ ގޮތް ވިސްނަވާށެވެ. 7 ފޮޅުވަތަށް ލިޔެފައިވާ ލިޔުމުގެ އަކުރުތައް ހުރީ މިޒަމާނުގައި ތާނަ ލިޔާހެން ކަތިކޮށެއް ނޫނެވެ. އަރަބި އަކުރު ލިޔާހެން ސީދަލަށެވެ.
މިތާގައި ވަޅުލެވިފައިއޮތް ބޭކަނބަލަކީ އެޒަމާނުގެ ޤަދަރުވެރި ބޭކަނބަލެއްކަން މީގައިވާ ލިޔުމުންނާއި ކައިރީގައިވާ މަހާނަތަކަށް ވިސްނާއިރު ދޭހަވެއެވެ.
މި ގަލުގައިވާ ހިޖުރީ ތާރީޚް ދިމާވާ މީލާދީ ތާރީޚަކީ 1758 ޖޫން 14 އެވެ. ހިޖުރައިން ބާރަވަނަ ޤަރުނުގެތެރޭގައި އުޅުއްވި މިޤައުމުގެ ކަމުވޮށިވެގެންވާ މީހުންގެ ތެރޭގައި ހައްދުންމަތީގެ ގިނަ ޚިދުމަތްތެރިން ތަކެއް އުޅުއްވިކަން ތާރީޚުން ސާބިތުވެއެވެ. ނަމަވެސް އެފަރާތްތަކުގެ ހަޔާތާއި ޚިދުމަތާއި ވަނަވަރާއި ދަރިކޮޅު އޮތީ ނުލިޔެވިހުރި ތާރީޚީ ޞަފުހާތަކެއްގައި ފޮހެވި ގެއްލިފައެވެ .ﷲ ސުބުޙާނަހޫ ވަތަޢާލާ އެފަރާތްތަކަށް ރަޙްމަތްލައްވާށިއެވެ. އާމީން.

ތިރީގައިމިވަނީ މިގަލުގައިހުރި ލިޔުން އަކުރުން އަކުރަށެވެ.

"
ސަނަތު 1171 
ހިޖުރައިން މިތަށްވަނަ އަހަރު ސައްވާލު މަހު ހަތް ދުވަސްވީ ބުދަ ދުވަހު ހަވަނަ ޝާޢަތު އަލްޤާޟީ މޫސާ ފަޑިޔާރު ތަކުރުފާނުންގެދި އާމިނާއިބީފާނު ބަޑުން ހަށްދުށްމަތީ ގަމު ޢަލީ ނާއިބު ކަލޯގެފާނައް އުފަން މަރިޔައިބީފާނު ނިޔައުވީކަމު ހަދާން."

ފޮޓޯ ނެގީ: 6 ފެބުރުއަރީ 2019މ. ބުދަ ދުވަހު ހެނދުނު 10:27ގައި.


Saturday, February 17, 2018

ބޯގަފަތްކޮޅުތަކުން އެނގެނީ ކޯއްޗެއް؟

11:08 AM 1
ބޯގަފަތްކޮޅުތަކުން އެނގެނީ ކޯއްޗެއް؟
ޠާހާ އަބޫބަކުރު
15 ފެބުރުވަރީ 2018މ.

އިހު ޒަމާނުގައި ރާއްޖޭގެ ރަށްރަށުގެ މިސްކިތްތައް ބައުވެ އިންދިރާސްވިޔަނުދީ އާބާތުރަ ފިލުވުމަށާއި ފޮޅާސާފުކޮށް ބެލެހެއްޓުމަށް ހިނގާ ޚަރަދުތައް ފޫބައްދައި އުޅެނީ މިސްކިތަށް ދީފައިވާ ބޯގައިންނެވެ. ދިވެހިބަހުގެ އެކަޑަމީ (2014) ބަޔާންކުރަނީ ބޯގައަކީ މިސްކިތް މިސްކިތާއި ޒިޔާރަތްފަދަ މުޤައްދަސް ތަންތަން ބެލެހެއްޓުމަށް ވަގުފުކޮށްފައި ހުންނަ ބިންބިމާއި ރުއްގަހެވެ. ބޯގަ ދެއްވިކަމުގެ މައްޗަށް ރަސްކަމުގެ ފަރާތުން ނުވަތަ ވެރިކަމުގެ ފަރާތުން ދެއްވާ ލިޔުމަކީ ބޯގަފަތްކޮޅެކެވެ. ބޯގަފަތެވެ. ވަޤުފު ފަތޭވެސް ކިޔައެވެ. ޢަބުދުﷲ ޙިލްމީ (2012) ވިދާޅުވަނީ ވަޤުފުފަތަކީ ކޮށްފައިވާ ވަޤުފެއްގެ މައްޗަށް ލިޔެވިގެންވާ ޤާނޫނީ ނުވަތަ ޝަރުޢީ ލިޔުން ކަމަށެވެ.  ބޯގަ ފަތްކޮޅުތަކަށް ވިސްނާއިރު ބައެއް ފަތްކޮޅުތަކުގައި މިސްކިތްބެލެހެއްޓުމުގެ ޚަރަދުތަކުގެ އިތުރުން މުދިމަކާއި އިތުރު މީހުންގެ ޚަރަދު ބަރަދުވެސް ހިމެނިފައި އޮވެއެވެ. އަދި އެބަޔެއްގެ ޒިންމާތައްވެސް ލިޔެވިފައި ހުރެއެވެ. ވަޤުފު ބެލެހެއްޓުމުގެ ޙަވާލުވެރިންނަކީ ތައުލިޔަމޫލަވެރިންނެވެ. ބައެއް ފަހަރު އެއީ މިސްކިތް ބިނާކުރި ފަރާތެވެ. ނުވަތަ އެރަށެއްގެ ރައްޔިތުންނެވެ. ނުވަތަ އެނޫންވެސް ކޮންމެވެސް ބަޔެކެވެ. ބޯގަފަތްކޮޅުތަކުގައި މޫލަވެރިންނަށް ހުރި މަންފާތަކުގެ އިތުރުން ޢިނާޔަތާއި ޚާއްޞަކަންކަންވެސް ބަޔާންވެފައި ހުރެއެވެ. ވެރިކަމުގެ ފަރާތުން އަންގާ އެހެނިހެން ބައެއް އަމުރުތައްވެސް އޭގެ ތެރޭގައި ހިމެނިފައި ހުންނަތަން ފެނެއެވެ. މިސްކިތުގެ މުޤައްދަސްކަމާއި މިސްކިތް ބިނާކޮށް، ބެލެހެއްޓުމާއި ޚައިރާތްކުރުމުގެ މަތިވެރި ސަވާބުގެ ވާހަކަތައް ގެނައުމަށްފަހު މިސްކިތަށް ގެއްލުންދީ، ވަޤުފުކުރެވޭ ތަކެތީގެ ޖެހުމުގެ ނުބައިކަމަށްވެސް ފަތްކޮޅުތަކުގައި އަލިއަޅުވާލާފައި ހުރެއެވެ.

އަޅުގަނޑުމެންނަށް ފެންނާންހުރި ފަތްކޮޅުތަކަކީ ދިވެހިންގެ އެޒަމާނަށް  އަޅުގަނޑުމެން ގެންގޮސްދޭ ފާލަމެކެވެ. މާޒީގެ އެމަންޒަރުތައް ދައްކުވައިދެނީ ފިލްމު ފީތާއަކުން މަންޒަރުތައް ދައްކުވައިދޭ ފަދައިންނެވެ. ސިފަވެގެންދަނީ ދިވެހި ރަސްކަމުގެ ކީރިތި މޫރިތި ކަމާއި ޝާނާއި ޝައުކަތުގެ ދަރުބާރެވެ. ރައްޔިތުންގެ ފަރާތުން މައްސަލަތަކާއި އާދޭސްތައް ހުށައަޅާގޮތެވެ. އެއަށް "ހިރިޔާފާތުރަ ދަށުން" ލިބިގެންދާ އީޖާބެވެ. އިޤުތިޞާދީގޮތުން ކަންކަން ހުރިނެތް ގޮތެވެ. އިޖުތިމާޢީ މައްސަލަތަކެވެ. ދިރިއުޅުމުގެ ވައްޓަފާޅި އާއި މަސައްކަތްތެރިކަމެވެ. ދިވެހިންގެ ޢިލްމީ އަދަބީ ޤާބިލްކަމެވެ. ވަކި ޚާއްޞަ ނިޒާމެއްގެ މަތިން ތަރުތީބުވެގެން ހިނގަމުންދާ މުސްތަޤިއްލު ވެރިކަމުގެ ދީވާނުގެ އުސޫލުތަކާއި އާދަކާދައެވެ. މައް ދިވެހިރައްވެހިކަމުގެ ސިފަތަކެވެ. މިނޫނަސް އެތައް އެތައް ކަމެކެވެ.

އެންމެ އިހުގައި މިސްކިތްތަކަށް ދީފައިވާ ބޯގަފަތްކޮޅުތަކަކީ މީލާދީން 12 ވަނަ ޤަރުނުގެ ފަހުކޮޅުގެ ލޯމާފާނުތަކެވެ. ލޯމާފާނުތައް ލިޔެވިފައިހުރީ ލޮއި ފޮތިތަކެއްގައި އެވޭލާ އަކުރުން ކަނޑާ ނަގައިގެންނެވެ. ނަމަވެސް ކަށިކެޔޮ ފަތާއި، ފަންވަތުގައި ވެސް ބޯގައިގެ ލިޔުންތައް ލިޔެވެމުންދިޔަ ދުވަސްވަރެއް އޮތްކަމުގައި ތާރީޚު ޢިލްމުވެރިން ފާހަގަކުރައްވައެވެ. ލޯމާފާނަށްފަހު އަޅުގަނޑުމެންނަށް ފެންނާންހުރި ފަތްކޮޅުތަކަކީ ކަރުދާހުގައި ދެލިން ލިޔެފައިވާ ފަތްކޮޅުތަކެކެވެ. ބައެއް ފަތްކޮޅުތައްހުރީ ދިވެހި ނުވަތަ ދިވެސް އަކުރުންނެވެ. އަނެއްބައި ފަތްކޮޅުތައް ތާނައަކުރުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ވަޞީލަތްތައް ހުރިގޮތުންނާއި ތާރީޚަށް ލޯބިކުރާ މީހުން މަދުވުމުގެ ސަބަބުން އެވޭލާ އަކުރާއި ދިވެސް އަކުރުން ހުރި ފަތްކޮޅުތައް ކިޔާން ދަންނަ މީހުންވެސް އަމުދުން ނެތެވެ. ދިވެހިތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަހުމަދު ޝަފީޤް (1994) ވިދާޅުވެފައިވަނީ "އެވޭލާ އަކުރާއި ދިވެސް އަކުރު ލިޔަންކިޔަން ދަންނަ ކޮންމެވެސް ބަޔަކު، އަބަދުވެސް ދިވެހީންގެ ތެރޭގައި ތިބެންވާނެއެވެ. ނޫންނަމަ، ތާރީޚްގެ ދުރު ޒަމާން އޮޅުން ފިލާ މަގު ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ".

އަޙުމަދު ޝަފީޤު، އެވޭލާއަކުރު، 1994މ.
ޢަބުދުﷲ ޙިލްމީ، ކޮނޑޭ ކުޑަމިސްކިތުގެ ފަތްކޮޅު، 07 އޮކްޓޯބަރު 2012މ. http://www.galehiri.com

ދިވެހިބަހުގެ އެކެޑަމީ، ބަސްފޮތް،  2014މ.

Friday, February 9, 2018

އެވޭލާއަކުރުވެސް ދަސްވެއްޖެ

9:45 AM 0
އެވޭލާއަކުރުވެސް ދަސްވެއްޖެ



”އެވޭލާ އަކުރާއި ދިވެސް އަކުރު ލިޔަންކިޔަން ދަންނަ ކޮންމެވެސް ބަޔަކު، އަބަދުވެސް ދިވެހީންގެ ތެރޭގައި ތިބެންވާނެއެވެ. ނޫންނަމަ، ތާރީޚްގެ ދުރު ޒަމާން އޮޅުން ފިލާ މަގު ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ" އަޙުމަދު ޝަފީޤު (1994).


އަލްޙަމްދުލިﷲ. މީގެ 900 އަހަރުކުރިން ދިވެހިން ލިޔެއުޅުނު އަކުރު ކަމުގައިވާ "އެވޭލާ އަކުރު" ލިޔަންކިޔަން ދަސްވިކަމުގެ އުފާލިބިގަންނަމެވެ. މިކަމުގައި އެހީތެރިކަން ހޯދީ، ސްރީލަންކާގެ ޕްރޮފެސަރ ވިޖެޔަވަރުދަނާ އާއި ޙަސަން އަޙުމަދު މަނިކު ކުރައްވާފައިވާ އިސްދޫ ލޯމާފާނުގެ ތަރުޖަމާ އާއި ޑރ.ޙަސަން ޙަމީދުގެ ލިޔުއްވުމަކުންނާއި، ދަނބިދޫ ލޯމާފާނު ތަރުޖަމާކުރެއްވި އަލްމަރްޙޫމް ޢަލީ ނަޖީބުގެ  ވަރަށް ބޮޑު ޙިއްސާއެއް އޮވެގެން ތައްޔާރުކުރައްވައި އަލްމަރްޙޫމް އަޙުމަދު ޝަފީޤް ނެރުއްވި "އެވޭލާ އަކުރު" ފޮތުންނެވެ. މަތީގައި އެވޭލާއަކުރުން ލިޔެފައި އެއޮތް ލިޔުންކޮޅު ލިޔެފައި އެވަނީ ޑރ.ޙަސަން ޙަމީދު އުފައްދަވާފައިވާ "އެވޭލާ އަކުރު" ފޮންޓުންނެވެ. މިމަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީވެސް ޑރ.ޙަސަން ގެ ބްލޮގްގައިވާ ލިޔުމެވެ. އެހެންކަމުން ޑރ.ހަސަން ޙަމީދުގެ މަސައްކަތްޕުޅަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ. އަދިހަމައެއާއެކު، ދިވެހިބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އާއި ނޢޢވ ނަސީމާ މުޙައްމަދު ދެއްވި ހިތްވަރަށާއި އާމިނަތު ޝާޒިނާގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވެސް ޝުކުރު ދަންނަވަމެވެ. 

Friday, March 11, 2016

ފަޅުމިސްކިތުގެ ވަޅުނަގަން އުޅުނު މީހަކަށް ވީގޮތް

9:37 PM 0
ފަޅުމިސްކިތުގެ ވަޅުނަގަން އުޅުނު މީހަކަށް ވީގޮތް


ލިޔުނީ: ޠާހާ އަބޫބަކުރު، ލ.ގަން. 12 މާރިޗު 2016މ.

 
މިސްކިތެއްގެ ދެވަޅު

އާބާދީތައް ނެތިގޮސް ބޭނުންކުރުން ހުއްޓާލެވި ފަޅުވެ ވީރާނާވެފައިވާ މިސްކިތްތައް ޒަމާނުގެ ވަކިތަކުގެ ޝިކާރައަށްވެ ހަލާކުވެ ވެއްޔާއި ގަލުގެ ފަސްފުނިތަކަކަށް ބަދަލުވެގެން ދެއެވެ. އެއްޒަމާނެއްގައި މީހުން ދިރިއުޅެ ހޭލަމޭލަވެ ދިރުންހުރި ސަރަޙައްދުވެސް ވާބޯ ޖަންގައްޔަށް ވެދެއެވެ. ދެން މިފަދަ މިސްކިތްތަކުގެ ތަރާގަނޑާއި ފެންނާންހުންނަ ތަކެތީގެ ބޭނުންހިފަނީ ގެދޮރު އެޅުމަށާއި ޢިމާރާތްކުރުމަށެވެ. އެގޮތުން މިސްކިތުގެ ވަޅަކީވެސް ބޭނުން ހިފޭ އަގުހުރި އެއްޗެއްގެ ގޮތުގައި އޮންނަނީ ވެފައެވެ. ހިރިގަލުން ހަދާފައި ހުންނަ ވަޅުތައް ކޮނެ ނަގައިގެން ގޭގޭގައި ބޭނުންކުރުމަށާއި އަލަށް ހެދޭ މިސްކިތްތަކުގައި ބޭނުންކުރުމަށް ގެންދިއުމަކީ އިހުގެ އާދައެކެވެ. ނަމަވެސް ފަޅުވެފައިހުންނަ ސަރަޙައްދުތަކާއި ގުޅުވައިގެން ދެކެވިފައި ހުންނަ ބިރުވެރި ވާހަކަތަކާއި ޤަބޫލުކުރާ ޤަބޫލުކުރުންތަކުގެ މައްޗަށް ބިނާކޮށް އެފަދަ ސަރަޙައްދުތަކަށް ގޮސް އެފަދަ ތަކެއްޗަށް ވައިއެޅެން ކެރެނީވެސް މަދުބަޔަކަށެވެ. މިވާހަކައަކީ ގަމުގެ އިހުގެ މިސްކިތެއް ކަމުގައިވާ "ކިރަހަކުރު" (ކިރުހަކުރު) މިސްކިތުގެ ވަޅުކޮނެ ނަގަން ދިޔަ މީހުނަށް ދިމާވި ހާދިސާއެއް ކަމަށް އަޅުގަނޑަށް އިވިފައިވާ ވާހަކައެކެވެ.
ކުޑަކަލޯގެ ދޮންމޫސާގެ އަޙައްމަދުގެ ޔޫސުބަކީ ގަމު މަތިމަރަދޫ ޒުވާނެކެވެ. ކުޑަކަލޯގެ ހަލީމާގެ ކަމަނާގެ މޫސާގެ އެދުމުގެ މަތިން ކިރަހަކުރު މިސްކިތުގެ ވަޅު ނެގުމަށްޓަކައި ވަޅަށް އެރުނީ މިޔޫސުބެވެ. ކިރަހަކުރު މިސްކިތްހުރީ ކޮޅުވޭރު ވެލާނާ ރުއްގަނޑު ކައިރީގައެވެ. ނުވަތަ އެރުއްގަނޑު ތެރޭގައެވެ.  ވަޅުކޮންނަން ވަޅަށް އެރި އޮއްވާ ނުދަންނަ އަޑަކުން "ތިވަޅުން އަރާށޭ" ގޮވާލުމުން މައްޗަށް އަރާ ބެލިއިރު އެއްވެސް މީހެއް ނެތެވެ. މިވާހަކަ މޫސަބޭ ގާތު ބުނުމުން މޫސަބޭ އެއީ ކަމެއް ނޫނޭ މަސައްކަތްކުރިއަށް ގެންދާށޭ ބުނެފިއެވެ. އަނެއްކާވެސް ބިރުންހުރި ޔޫސުބު އެރުނީ ވަޅުނެގުމަށެވެ. ވަޅު ކޮނުމުގެ މަސައްކަތުގައި ހޭބޯނާރާ އުޅެނިކޮށް އަނެއްކާވެސް ގޮވާލެވޭ ވަކިދިމާލެއް ނޭނގި ގޮވާލާ އަޑަކުން ވަޅުން އެރުމަށް ގޮވާލެވިއްޖެއެވެ. ނަމަވެސް މިފަހަރު ބިރުގެންފައި ހުރި ނަމަވެސް އިވޭ ކަމަށް ނުހަދާ ވަޅުކޮނެ ނިންމާލީއެވެ. ވަޅުން އެރިއިރު ޔޫސުބު ހުރީ ދޫކުރުވެ ވާހަކަ ނުދެއްކޭގޮތް ވެފައެވެ. މީހާ ހުރި ހުންއައިސް ރަތްވެފައެވެ. ހުންވިހެނުލާ ތިން ދުވަސްދިޔުމަށްފަހު ޔޫސުބު މިދުނިޔެއަށް އެންމެފަހުގެ ނޭވާލައިފިއެވެ.
މިވާހަކަ އަޅުގަނޑަށް ކިޔައިދެއްވީ ލ.ގަމު މުކުރިމަގު ފޮނިމާގޭ ޢަލީ އިބްރާހިމް (ކަތީބުގެ އައްޔަ) އެވެ.

Monday, September 1, 2014

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން މަސައްކަތްތަކެއް ކުރިއެވެ.

8:45 AM 0
ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން  މަސައްކަތްތަކެއް ކުރިއެވެ.

 ލިޔުނީ: ޠާހާ އަބޫބަކުރު، ލ.ގަން، ސެޕްޓެމްބަރ 2014މ. 


ފެށުން:

އިންޑިޔާކަނޑުގެ ބިޔަ ސިންގާ ރާޅުތަކުގެތެރޭގައި ގަތާލެވިފައިވާ މުތީތަކެއްފަދައިން ދުނިޔޭގެ ޗާރޓުގައި ފާހަގަކުރެވޭ ދިވެހިރާއްޖޭގެ ކުދިޖަޒީރާ ރަށްތަކުގައި ދިވެހިން ދިރިއުޅެމުންދާތާ އެތައް ވޭލާތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. މީސްކޮޅުމަދު، ބިމުގެ ގޮތުން ކުޑަތަނެއް ކަމަށްވީނަމަވެސް ރާއްޖެ އޮތީ އިންޑިޔާކަނޑުގައިކަމުން، އެހިސާބުގައި އެކިދުވަސްވަރު އަޅަމުންދިޔަ އާރާއިބާރުގެ އޮއިގެތެރޭ ދިވެހިންނާއި ދިވެހިރާއްޖެއަށް ވަރަށް ޚާއްސަކަމެއް ދެވުނެވެ. މިހެންވުމަށް މެދުވެރިވީ ސަބަބުތަކެއްކަމަށް ޙަސަން އަޙުމަދު މަނިކާއި އިބްރާހިމް ނަޢީމް އަދި ނަސީމާ މުޙައްމަދު (2009) ހާމަކުރައްވާ ސަބަބުތަކަކީ، އިންޑިޔާ ކަނޑަށް ބާރުފޯރުވާ އަސްކަރީ ރޭވުންތެރިންގެ ބޭނުންތައް މިރާއްޖެއާމެދު ބޮޑުވުމެވެ. ރާއްޖެއިން ހޮވާ މާވަހަރާއި ހިލާ ބޮއްޔާއި ކަނޑުރޯދީގެ މުއްސަނދިކަމުންނެވެ. ދަތުރުވެރިންނަށް ރައްކާތެރި ހަމަހިމޭން ބަނދަރުތަކަކަށް ރާއްޖޭގެ އަތޮޅުތައް ވުމެވެ. އެހެންކަމުން ތާރީޚުގެ ޞަފްޙާތަކުން ފެނިގެންދަނީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން މިކުޑަކުޑަ ދިވެހިރާއްޖޭގެ މިނިވަންކަންވެސް އެތައް ފަހަރެއްގެ މަތިން ގެއްލިގެން ދިޔަކަމެވެ. އަދި ހަމައެއާއެކު އެނގިގެންދާ ޙަޤީޤަތަކީ މިއިން ކޮންމެފަހަރަކުވެސް މިނިވަންކަން ހިމާޔަތްކުރަން ދިވެހިން މަސައްކަތްކުރިކަމެވެ. ހަމަ އެފަދައިން "އަންނާނެ ތީރެއް އުންޑައަކަން" ބިރެއް ސިހުމެއްނެތި މިނިވަންކަން ގެއްލިދިޔަ ނުދިނުމަށް ދިވެހިން ކުރި މަސައްކަތުގެ ސަބަބުން މިނިވަންކަން ނުގެއްލި މިލޮބުވެތި ވަޠަން މިނިވަންކަންމަތީ ދެމެހެއްޓުނުކަމެވެ. މިޤައުމުގެ މިނިވަންކަމަށްޓަކައި 6 ވަނަ އަލިރަސްގެފާނާއި "އުތީމު ތިން ބެއިން"ނާއި ދެހާޖީންނާއި ދަންޑެހެލާއި ދޮންބަންޑާރައިންނާއި ކުޅުދުއްފުށީ ޙުސައިން އާދަމް ފަދަ ދިވެހި ދަރީން ކޮށްފައިވާ އަގުހުރި ޚިދުމަތްތަކަކީ މިޤައުމު ފެންމަތީ އޮތްހާ ހިނދަކު ހެކިވާނޭ ޙަޤީޤަތެކެވެ.

އިންސާފުކުރަންޖެހިފައިވާ މަޢުލޫއަށް ފުންކޮށްވިސްނާލާއިރު މައުލޫގައި "ދިވެހިރާއްޖެ" މިލަފުޒުނެތްކަމުގައިވިޔަސް، މުރާދަކީ އެއީކަން އެނގެނީ ހަތަރުވަނައަށް އޮތް ލަފުޒުކަމަށްވާ "ދިވެހިން" އޮތުމުންނެވެ. އެހެންކަމުން މައުލޫއަކީ "ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން މަސައްކަތްތަކެއް ކޮށްފައިވާކަން" ކަމުގައި ބަލަންޖެހެއެވެ. "މިނިވަންކަން" މިއީ ވަރަށް ފުޅާދާއިރާއެއްގެ މާނައެއްނެރެވޭ ބަހެއްކަން އެކިއެކި ލިޔުންތަކުންފާހަގަވެއެވެ. އަވަށްޓެރި އިންޑިޔާގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރެއްވި ލީޑަރު މަހާތުމާ ގާންދީ ދެކެވަޑައިގެންނެވި ގޮތުގައި ޙަޤީޤީ މިނިވަންކަމަކީ ހަމައެކަނި ބޭރުގެ ނުފޫޒުން އެއްކިބާވުމަށް ހޯދާ ސިޔާސީ މިނިވަންކަމެއް ނޫނެވެ. މިނިވަންކަން ފުރިހަމަވެގެންދާނީ އަމިއްލަވަންތަކަމާއި އިސްތިޤުލާލުވެސް ހޯދިގެންނެވެ (ސްވަރާޖް ފައުންޑޭޝަން، ތ.ނ).

ނަމަވެސް ދިވެހިރާއްޖޭގެ މިނިވަންކަމޭ ބުނުމުން ބަލަންޖެހެނީ އެއީ ޤައުމެއްގެ މުސްތަޤިއްލުކަން ނުވަތަ އަމިއްލަވަންތަކަން ނުވަތަ އެހެންބަޔެއްގެ ނުފޫޒުން އެއްކިބާވެ އޮތުންކަމުގައި ބަލަމެވެ. އާދޭހެވެ. ޤައުމީ މިނިވަންކަމެވެ. ޙަބީބާ ޙުސައިން (2013) ވިދާޅުވަނީ ސިޔާސީގޮތުން ޤައުމެއް އަޅުވެތިކުރާބައެއްގެ ނޭދެވޭ ގަދަބަދަވި ބާރުތަކެއް ޤައުމަކަށް މެދުވެރިވުމުގެ ސަބަބުން ޤައުމީ މިނިވަންކަން ގެއްލިގެންދާކަމުގައެވެ.

މިދިރާސާގައި ބަލާފައިވަނީ ރާއްޖޭގެ މިނިވަންކަންދެމެހެއްޓުމަށްޓަކައި ދިވެހިން މަސައްކަތްތަކެއްކުރިކަން ސާބިތުކޮށްދިނުމަށެވެ. މިކަމަށްޓަކައި ދިވެހިރާއްޖޭ އިސްލާމްވުމުގެ އިހާއިފަހުގެ ތާރީޚުގައިހުރި މިފަދަ ހާދިސާތަކަށް އަލިއަޅުވާލާފައިވާނެއެވެ.

 

މައިގަނޑު:

އެވޭލާ ޒަމާނުގައި މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިންކުރި މަސައްކަތް

މީލާދީން 1153 ގައި ދިވެހިން އިސްލާމްދީން ޚިޔާރުކުރުމުގެ ކުރިންވެސް ރާއްޖޭގެ މިނިވަންކަމަށް ބޭރުގެ ނުފޫޒުފޯރާފައިވެއެވެ. އަދި އެފަދަ ނުފޫޒުތަކާއި ދިވެހިން ސާބިތުކަމާއެކު ކުރިމަތިލާފައިވާކަން އެނގެއެވެ. މީލާދީން 916 ވަނަ އަހަރު ސަރަންދީބަށް (ސްރިލަންކާއަށް) ޒިޔާރަތްކުރެއްވި ޢަރަބިކަރައިގެ ދަތުރުވެރިއެއްކަމަށްވާ އަލްމަސްޢޫދީ ދިވެހިރާއްޖެއާއިބެހޭގޮތުން ލިޔުއްވާފައިވާކަމަށް ޙަސަން އަޙުމަދު މަނިކާއި އިބްރާހިމް ނަޢީމް އަދި ނަސީމާ މުޙައްމަދު (2009) އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލިސް (1998) ލިޔުއްވާފައިވަނީ "މިރަށްތަކުގެ ވަޒަންވެރިން ތަބާވަނީ އެއް ރަސްކަލަކަށެވެ. އެމީހުން ޢަދަދު ގިނައެވެ. އަދި ހިމަނައިނުގަނެވޭނެ ފަދަ ގިނަ ލަޝްކަރެއް، މައިދާނަށް ނެރެލުމުގެ ކުޅަދާނަކަން ދިވެހި ސިންގާސަނާގައި ލިބިގެންވެއެވެ." މިއިން ދޭހަކޮށްދެނީ އެޒަމާނުގައިވެސް ދިވެހިންނަކީ އަމިއްލަވަންތަކަން ދިފާޢުކުރުމުގެ ޤާބިލްކަން ހުރި މިނިވަންބައެއްކަމެވެ.

 މުޙައްމަދު އިބްރާހިމް ލުޠުފީ (2011) ވިދާޅުވާގޮތުގައި އިންޑިޔާ ކަނޑުގައިވާ ޤަދީމީ 12000 ރަށުގެ މައްޗަށް އިންޑިޔާގެ ޗޯޅާއިން ވެރިވެ އެރަށްތަކަށް  "ހިންދޫ ބުޑިޒަމް" ފެތުރުއްވިކަމަށް އިންޑިޔާގެ ތާރީޚުން އެނގެން އެބައޮތެވެ. މިވާހަކައަށް ތާޢީދުކުރައްވާ ނަސީމާ މުޙައްމަދު (2013) އަދި ޙަސަން އަޙުމަދު މަނިކާއި އިބްރާހިމް ނަޢީމް އަދި ނަސީމާ މުޙައްމަދު (2009) އިތުރަށް ހާމަކުރައްވަނީ ޗޯޅާއިންގެ ރަސްކަލެއްގެ ބާރުގެދަށުން ރާއްޖޭގެ އެންމެ އުތުރުގައިވާ މަލިކުއަތޮޅާއި ތިލަދުންމަތި މިނިވަންކުރެއްވި ހިއްވަރުގަދަ ބަޠަލަކީ ތީމުގޭ ދަރިކޮޅުން ރާއްޖޭގެ ރަސްކަންކުރެއްވި ޝްރީ މަހާބަރަނަ މަހާރަދުން ކަމުގައެވެ.  

ރާއްޖެ އިސްލާމްވީއްސުރެ މީލާދީން 18 ވަނަ ޤަރުނުގެ ނިޔަލަށް މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިންކުރި މަސައްކަތް:

ދިވެހިރާއްޖެ އިސްލާމީ ހިދާޔަތުގެ ނޫރުން އަލިކޮއްލިފަހުން ފުރަތަމަ ފަހަރަށް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ކުޑަނަމަވެސް އެރި ބުރުލަކީ ސިނައިން (ޗައިނާ)ގެ އެޑްމިރަލް ޗެން ހޯ (CHENG-HO) މީލާދީން 1409-1411 އާ ދެމެދު ސްރިލަންކާއާއި ދެކޮޅަށްކުރި ހަނގުރާމައާއި ވިދިގެންނެވެ. މިހަނގުރާމައިން ސްރިލަންކާ ބަލިވެ ޗައިނާގެ ބާރުގެ ދަށަށް ދިޔުމުން ލަންކާގެ ރަސްގެފާނު ކޮށްޓަކަށްލައިގެން އަދި ލަންކާ ސިފައިންގެ އިސްމީހެއްގެ ބޯ ކަނޑާލައިގެން ގެނެސް ދިވެހިރާއްޖޭގެ ރަސްކަލުންނަށް ބިރުދައްކަން ރާއްޖެއައެވެ. 48 ނަވާއި 30000 މީހުންގެ ބޮޑު މިލަޝްކަރާ ކުރިމަތިލުމަށް ބާރުގަދަ ދެވަޒީރެއްގެ ލަފާގެ މަތިން ރަސްގެފާނު ނިންމަވައިގެން ހުންނަވަނިކޮށެވެ. (ނަސީމާ މުޙައްމަދު، 2010). މިހާދިސާއިން އެނގިގެންދަނީ މިނިވަންކަންދެމެހެއްޓުމަށް ދިވެހިންގެ ހިތްތަކުގައި ދެވިފައިވާ ޚާއްޞަކަމެވެ. ފެންނަންހުރި ތާރީޚީ ލިޔުންތަކަށް ބަލާއިރު އެނގެން އޮތީ މިދުވަސްވަރު ރާއްޖޭގެ މިނިވަންކަން ގެއްލިގެން ނުދާކަމެވެ. ޖެހިފައިއޮތީ ހަމައެކަނި ޖިޒީއެއް ނުވަތަ ވެދުމެއް ވަކިއުސޫލަކުން ޗައިނާއަށް ފޮނުވަންކަމެވެ.

ނަސީމާ މުޙައްމަދު (2010) ވިދާޅުވާގޮތުގައި އިންޑިޔާގެ މަލަބާރުގެ ކަންނަންނޫރު ޢަލީ ރާޖާ ނުވަތަ މާމަލޭ މަލައްކާރުއަށް ދިވެހިރާއްޖެއިން ޖިޒީ ދައްކަން ފަށަންޖެހުނީ ހިލާލީ ދަރިކޮޅުން ރާއްޖޭގެ ރަސްކަމަށް އިސްވި މަޝްހޫރު ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަން އަތުލައްވަން އޭނާގެ އެހީތެރިކަން ހޯއްދެވުމުންނެވެ. ނަތީޖާއަކަށްވެގެން ދިޔައީ ދިވެހި އުފެއްދުންތަކަކަކީ ހަމައެކަނީ މަލަބާރުކަރައިން ނޫނީ ގަންނަންލިބެން ނުހުންނައެއްޗަކަށްވެ ދިވެހި އިޤުތިޞާދު ޢަލީ ރާޖާގެ ބާރުގެ ދަށަށް އައުމެވެ. އެދުވަސްވަރަކީ ފުރެތިކާލުން (ޕޯޗުގީޒުން)ގެ ބާރު އިންޑިޔާ ކަނޑަށް ގަދަވަމުން ދިޔަ ދުވަސްވަރެވެ. ދިވެހި ރަސްކަމުގެ އާއިލާގެ ތެރޭގައި އޮތީ ވެރިކަން އަތުލުމާއި ރަސްކަލުން ޤަތުލުކުރުމުގެ ސިލްސިލާއެއް ފެށިފައިކަން ތާރީޚުން ދޭހަވެއެވެ. ނަސީމާ މުޙައްމަދު (1999) ވިދާޅުވާގޮތުގައި ކަޅު މުޙައްމަދު ރަސްގެފާނުގެ ދުވަސްވަރު ޕޯރޗުގީޒުންގެ ވިޔާފާރިތައް މާލޭގައި ހިނގަމުންދިޔައެވެ. މިތަންތަނަށް ކަނޑުފޭރޭ މީހުންގެ ހަމަލާތައް ދިޔައީ އަރަމުންނެވެ. ދެންފެންނަނީ، މީލާދީން 1551 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެތެރޭގައި ނުވަވަނަ ޙަސަން ރަސްގެފާނު ދިވެހިރާއްޖޭގެ ތަޚުތު ދޫކުރައްވާ ގޯވާއަށް ވަޑައިގަތްތަނެވެ. އަދި ރާއްޖޭގެ ބޮޑުންނާއި ވަޒީރުންވެސް އެދީނަށް ވެއްދެވުމަށްޓަކައި ގޯވާއަށް ގެނައުމަށް ޕޯޗުގީޒުންގެ ނަވެއް ފޮނުއްވެވިއެވެ. ނަމަވެސް އެގޮތަށް ދިވެހިން އެއްބަސްނުވެ، ދީނާއި ވަޠަނުގެ މިނިވަންކަން ބޭރުބަޔަކަށް ދީލާނުލުމަށް ހަނގުރާމަކޮށް ނަވުގައިތިބި އެންމެން މެރީކަމަށް ނަސީމާ މުޙައްމަދު (2010) ލިޔުއްވައެވެ. މިޖިހާދުގައި އިސްވެތިއްބެވީ އިބްރާހިމް ފާށަނާ ކިލެގެގެ ދަރިކަލުން އަބޫބަކުރު (ފަހުން އައްސުލްޠާން އަބޫބަކުރު ދެވަނަ) އާއި ޢަބުދުއްރަޙްމާން ދޮށިމޭނާކިލެގެގެ ދަރިކަލުން ޢަލީ (ފަހުން އައްސުލްޠާން ޢަލީ ހަވަނަ) އެވެ. މިދެބޭފުޅުން ރަސްކަމަށް އިސްވެވަޑައިގަތުމުގެކުރިން 2 ފަހަރަކަށް ޕޯޗުގީޒުންނާއި ހަނގުރާމަކުރެއްވިކަމުގައިވެއެވެ.

ދުވަހަކީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ 1 ވަނަ ދުވަހެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީނަށްޓަކައި އެދަރިއެއްގެ ލޭ މިބިންގަނޑަށް އޮހޮރުވާލަދެއްވާފައި "ޤައުމު ރޮއްވާފައި، އަރައިގަތް އަދުއްވުން ހެއްވާފައި" އަލިރަސްގެފާނު (އައްސުލްޠާނު ޢަލީ ހަވަނަ ސިރީ އައުދަ ސިއާކައްތިރި މަހާރަދުން) ޝަހީދުވެވަޑައިގަތް ދުވަހެވެ. ޕޯޗުގީޒުންގެ ވަރުގަދަ ލަޝްކަރަކާ ދެކޮޅަށް ފަހުނޭވާފުޅަށްދަންދެން ހަނގުރާމަކުރައްވަމުންނެވެ. (ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު، 1990).  ޢަލިރަސްގެފާނު ޝަހީދުވުމަށްފަހު ވެގެންދިޔަގޮތް އުސްތާޒުލްޖީލުގެ އަސަރުގަދަ ޅެންބައިތަކުން ލިޔެލަމުން ކުރުކޮށްލަމެވެ.

"މިދީބުގެ ހެޔޮ ދަރީންކުރެ ނަން އިތުރު ޢަލިރަސްގެފާނުން މާތް

      ޝަހީދުވުމަށްފަހުން ދިޔައީ އަމާންކަން ގެއްލި އުވިގެންތާ

މުސީމާބާތާއި އަނިޔާތަށް އެހާގިނަގުނަ ވެފައިވަނިކޮށް

      ނަޞީބުގެ ތިން ހަތަރު ތަރިއެއް އެރީ އެއުތުރު ފަރާތުންތާ"

 

ނަސީމާ މުޙައްމަދު (2000) އަދި ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު (1990) ހާމަކުރައްވާގޮތުގައި ޕޯޗުގީޒުންގެ 15 އަހަރަށްވީ ދިގު އަނިޔާވެރިކަމާއި އަޅުވެތިކަމުގެ ކަސްތޮޅުން ދިވެހިން ހަށިފޮޅާލާފައި ނިކުތީ އުތީމު މުޙައްމަދު ތަކުރުފާނު އިސްވެހުންނަވައިގެން ކުރެއްވި މަތިވެރި ޖިހާދަކުންނެވެ. އަނގަމަތި މަސްއޮޑިއެއްގައި، އިންޑިޔާ ކަނޑުގެ ބިޔަ ރާޅުތަކުގައި ވެހޭހާ ވާރެޔަކާއި އަތްވެއްގެ ތެރޭގައި ގާތްގަނޑަކަށް 8 އަހަރު ދުވަހުގެ ޖިހާދަކަށްފަހުއެވެ. ކަނޑުގެ ބާޒުގެ ގޮތުގައި މަޝްހޫރުވެފައިވާ ޕޯޗުގީޒުންގެ ކިއްލާއަށް ހަމަލާދީ ވެރިއަކަށްހުރި އަނދިރިއަނދިރިންނާއި ހުރިހާ ކާފަރުންގެ ކިބައިން ދިވެހިރާއްޖެ މިނިވަންކުރެއްވި ދިވެހިންނަކީ ރާއްޖޭގެ އެކިރަށްރަށަށް ނިސްބަތްވާ ޢާންމު ރައްޔިތުންނެވެ. އޭރު މާލޭގައިތިބި މީހުންގެ ތެރެއިންވެސް ބަޔަކު ތިބީ އެންމެފަހުމީހާއަށް ދާދެން ހަނގުރާމަކުރުމުގެ އަޒުމުގައި ޤާޟީ ކޮރަލިތަކުރުގެ ޤާޟީ އަބޫބަކުރުގެޔަށް އެއްވެއެވެ.

ދެން ތާރީޚުން ފެނިގެންދަނީ ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރެވެ. ހޮޅީންގެ ބޮޑު ލަޝްކަރެއް ހަނގުރާމައަށް އައުމުން ކަލާފާނަށް އެރުވުނު މަޝްވަރާގެ މަތިން ހަނގުރާމަނުކުރައްވަންވެގެން ގުރާބެއް ހައްދަވައިގެން ރާއްޖޭގެ ދެކުނަށް ދަތުރުކުރެއްވީއެވެ. ނަމަވެސް އަރިއަތޮޅު ހަންޏާމީދޫ ކައިރިން ކަނޑުމަތިން ދުޝްމަނުން ރަދުން ހުންނެވި ގުރާބަށް ހަމަލާދިނެވެ. ނަސީމާ މުޙައްމަދު (2010) ވިދާޅުވާ ގޮތުގައި ރަސްގެފާނާއި އޭނާގެ އަރިހުގައިހުރި ޖަމާލުކަލޯ ގަދަ ހިއްވަރާއެކު ދުޝްމަނުންނާއި ހަނގުރާމަކުރައްވަނިކޮށް ދެކަލުންމެ ޝަހީދުވީއެވެ. މީލާދީގޮތުން މިކަން ހިނގީ 1609 ވަނަ އަހަރެވެ.

މީލާދީން 1621 އިން 1648 ވަނަ އަހަރަށް ރާއްޖޭގައި ވެރިކަންކުރެއްވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 1 ވަނަ އަކީވެސް ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއްކުރެއްވި ބޭފުޅެކެވެ. ނަސީމާ މުޙައްމަދު (2010) އަދި މުޙައްމަދު އިބްރާހިމް ލުޠުފީ (2006) ވިދާޅުވަނީ ބޮޑުރަސްގެފާނުގެ ދުވަސްވަރުގައި މާލެ ދިފާޢުކުރެއްވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން މާލެ ދިފާޢުކުރެއްވުމަށް ބުރުޒުތައް ހައްދަވައި މައިފާރުލެއްވުމާއި ހަތިޔާރު ހޯއްދެވުން ހިމެނެއެވެ. ބޮޑުރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރުވެސް ޕޯޗުގީޒުންގެ ވަރުގަދަ ހަމަލާއެއް ރާއްޖެއަށް ކުރިމަތިވިއެވެ. ބެލް (1998) އަދި ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު (1981) ހާމަކުރައްވާގޮތުގައި  ހަނގުރާމަމަތީ ނައުފަހަރުގެ 15 ނަވާ ދެކޮޅަށް ދިވެހިން ހަނގުރާމަކުރީ އެންމެ 5 ބަޑިންނެވެ. ޕޯޗުގީޒުންނަށް ބަނދަރަށް ނުވަދެވޭނޭހެން ނެރު ބައްދާލައިގެން ތިބެއެވެ. އެންމެފަހުން ޕޯޗުގީޒުން ބަލިވެގެން ދިޔައީއެވެ. މިހަނގުރާމައަށްފަހު ދިފާޢު ވަރުގަދަކުރުމަށް އަސޭކަރައަށް ނަވެއް ފޮނުއްވައިގެން ރަތުލޯ ބަޑީގެ 14 ބަޑި ގެންނެވިއެވެ. (ނަސީމާ މުޙައްމަދު، 2010). މިއީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓެވުމަށް އެޅުއްވި މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރަންޖެހެއެވެ.

ބޮޑުރަސްގެފާނުގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނު (އައްސުލްޠާން އިބްރާހިމް އިސްކަންދަރުގެ ދުވަސްވަރުގައިވެސް ޕޯޒުގީޒުންގެ ލަޝްކަރެއް މާލެއައި ތޮޅެންއައެވެ. ނަސީމާ މުޙައްމަދު (2010) ވިދާޅުވާ ގޮތުގައި ހަނގުރާމަކުރެއްވުމާއި މެދު ރަސްކަމުގެ ބޮޑުންނަށް އެއްބަސްވީ ހަނގުރާމަކުރުމަށެވެ. ކްރިސްޓިއަން ދީނަށް ވެދެވަޑައިގަތް ނުވަވަނަ ޙަސަން ރަސްގެފާނުގެ 2 ކާފަދަރިން އިސްވެތިބެ ކުޅަ މިހަނގުރާމައިން ދިވެހިންނަށް ނަޞްރާއި ފަޠަހަ ލިބުނެވެ. 1649މ. ވަނަ އަހަރު ހިނގި މިހަނގުރާމައަށްފަހު އިސްކަންދަރު ރަސްގެފާނު ވަރަށް މުޙިއްމު ނިންމެވުމެއް ނިންމެވިއެވެ. ކަންނަންނޫރު ޢަލީ ރާޖާއަށް ދިވެހިން ފޮނުވަމުންދިޔަ ޖިޒީ ފޮނުއްވުން ހުއްޓަވާލެއްވީއެވެ. މިކަމާއި ނުޤަބޫލުވެގެން ދެފަހަރެއްގެ މަތީން ޢަލީ ރާޖާ ރާއްޖެއާއި ތޮޅުނެވެ. ކޮންމެފަހަރަކުވެސް އިސްކަންދަރު ރަސްގެފާނު ހިއްވަރާ އަޒުމާއެކު ދިވެހިންގެ ލަޝްކަރެއް ގޮވައިގެން ހަނގުރާމަކުރައްވާ އެމީހުން ފައްސަވާލައްވައި ދިވެހި ޤައުމު މިނިވަންކަންމަތީ ދެމެހެއްޓެވިއެވެ. މިހަނގުރާމަތަކާއިވިދިގެން ދިވެހިންގެ ލަޝްކަރެއް ޢަލީ ރާޖާއާއި ދެކޮޅަށް ހަނގުރާމައަށް އިންޑިޔާއަށް އާދެ، ކަންނަންނޫރަށް ފޮނުއްވިއެވެ. އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވި ތާރީޚްދީބާ މަހަލްގެ ތަރުޖަމާއެއް ކަމަށް ބެލެވޭ ދިވެހިތާރީޚް (1981)ގައި މިހާދިސާ ބަޔާންކޮށްފައިވަނީ މިލަޝްކަރު ކަންނަންނޫރުގެ ދަށުގައި އޮތް އަންދުރޯތުގެ ރަށްރަށަށް އަރައި "ކަނޑިބަޑި ހިފައިގެން އެތާންގެ އަޙުލުވެރިން ބިރުގަންނަވައި، އެތާގައި ތިބި ޢަލީ ރާޖާގެ ލަޝްކަރީން ފައްސައި، މީހުންގެ މުދާ ފޭރި، ގޭގެ އަންދައި، ޢަލީރާޖާގެ ލަޝްކަރީން ދިވެހިރާއްޖެ އައިސް ކަންތައްކުރާފަދައިން، އެމީހުން އެތާގައި ކުރާނޭހާކަމެއް ކޮށްފައި ނަޞްރު ލިބިގެން" މާލެއައީ އެވެ. ނަޞީމާ މުޙައްމަދު (2010) ވިދާޅުވާގޮތުގައި ރަދުން ކަންތައްކުރެއްވީ ކަންނަންނޫރު ޢަލީރާޖާގެ ރަށެއް ދިވެހިރާއްޖޭގެ ރަސްގެފާނު ހިއްޕަވައިފިއޭ ބުނެވޭ ގޮތަށެވެ. އިސްތިރާޖީ މިޢަމަލުފުޅުގެ ސަބަބުން ވަރަށް ގިނަ ދުވަސްތަކެއްވަންދެން އަލީރާޖާގެ ދުއްތުރާލެއް ނުލިބި ދިޔަކަމަށްވުމުން އެނގިގެންދަނީ، ދިވެހިންގެ މިނިވަންކަމަށްޓަކައި އެކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ ޙާޞިލްވީ މިންވަރެވެ.

އިސްކަންދަރު ރަސްގެފާނު އަވަހާރަވުމަށްފަހު ރާއްޖޭގެ ތަޚުތަށް އިސްވެވަޑައިގަތީ އުމުރުފުޅުން އެންމެ 6 އަހަރުފުޅުގެ އެރަދުންގެ ތުއްޕުޅު ދަރިކަލުންނެވެ. އައްސުލްޠާނު ކުޑަމުޙައްމަދު ރަސްގެފާނެވެ. މިރަސްކަމުގެތެރޭގައި 1691މ. ގައި އަނެއްކާވެސް މަލާބާރީންގެ ކަނޑުފޭރޭ ބަޔަކު "ތިލަދުންމައްޗަށް އަރައިގަތް" ކަމަށް ނަސީމާ މުޙައްމަދު (2010) އާއި މުޙައްމަދު އަމީން (2002) ލިޔުއްވާފައިވެއެވެ. މިމީހުންގެ ކިބައިން ރާއްޖެ ރައްކާތެރިކޮށް މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން ހަނގުރާމައަށް ތައްޔާރުވިއެވެ. ގުރާބުތަކާއި ބޮޑެތި އޮޑިފަހަރު ބާލުއްވައި އޮޑިފަހަރަށް ބޮޑުބަޑިއާއި ހަތިޔާރުތައް އަރުވައިގެން ދިވެހި ލަޝްކަރު މާލެއިން ފުރީ ތިލަދުންމަތީގެ ނިކަމެތި ރައްޔިތުން ލޫޓުވުމުގައި މަލާބާރީން ހޭބޯނާރާ ތިއްބައެވެ. ދިވެހިލަޝްކަރު އަންނަތަން ފެނުމުން އަވަސްއަވަހަށް އޮޑިތަކަށް އަރައިގެން ނައްޓާލިނަމަވެސް ދިވެހި ލަޝްކަރުގެ ގުރާބުތަކުން ބޮޑުބަޑީގެ ހަމަލާތައް ދޭންފެށިއެވެ (ނަސީމާ މުޙައްމަދު، 2010).

މުޙައްމަދު އަމީން (2002) ވިދާޅުވާގޮތުގައި ޕޯޗުގީޒުންގެ ކިބައިން ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރެއްވި ފަހުން ދިވެހިންގެ މިނިވަންކަން ހަޤީޤަތުގައި ގެއްލުނީ 1166ހ. ވީ ޞަފަރުމަހުގެ 13 ވިލޭރޭ ދަންވަރު މާލޭ ކަންޑިންމާ ތަޅުނުލައި ހުއްޓާ ކަނޑިންމައިންވަދެ ހޮޅީން ނުވަތަ މަލަބާރީން މާލެ ހިފުމުންނެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު (1990) ވިދާޅުވާ ގޮތުގައި ހޮޅިން މާލެހިފައި އަލިފާންޖެހުމުން 63 ގޯއްޗާއި، 3 މިސްކިތާއި، 3 ގަނޑުވަރު އަނދައިގެން ދިޔައެވެ. މަލާބާރީންގެ އަޅުވެތިކަމުގައި ދިވެހިންތިބީ 03 މަހާއި 20 ދުވަހު ކަމަށް ނަސީމާ މުޙައްމަދު (2010) ވިދާޅުވެއެވެ. ހޮޅިންގެ ކިބައިން ދިވެހިރާއްޖެ މިނިވަންކުރީ 200 ވަރަކަށް ދިވެހިންނާއިގެން މުލީގޭ ދޮންޙަސަން މަނިކުފާނު (ފަހުން ދޮންބަންޑާރައިން) އިސްވެހުންނަވާ ކުރެއްވި ޖިހާދުންނެވެ. މިހަނގުރާމައިގާ ބައިވެރިވި "ހިތްވަރުގަދަ ދިވެހިން"ގެ ތެރޭގައި ބަނޑޭރި ޙަސަން ހިރިހަމާދިކަލޭގެފާނާއި، ޙުސައިން ދަހަރާދަ މަނިކުފާނާއި، މޭނާ ބަނޑޭރި ފަޑިއްތަކުރުފާނާއި އޭނާއާއި އެއްބަފާ ޢުމަރު މަނިކު ހިމެނިގެންވެއެވެ (މުޙައްމަދު އަމީން، 2002).

ދޮންބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރަށްފަހު އައްސުލްޠާނު މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަމުގައިވެސް މަލާބާރީންގެ ދުއްތުރާ ދިވެހިންނަށް ފޯރިއެވެ. ހާޖީބަންޑާރައިންގެ ހަނގުރާމައިގެ ނަމުން މަޝްހޫރުވެފައިވާ މިހަނގުރާމައިން ދިވެހިންނަށް ނަޞްރުލިބި މިނިވަންކަން ދެމެހެއްޓިފައިވާއިރު، މިހަނގުރާމައިގާ ރަދުން އާދައިގެ ސިފައިންގެ މީހެއްގެ ގޮތުގައި (ލަޝްކަރީންގެ މީހެއް ފަދައިން) މަސައްކަތްކުރެއްވިއެވެ (ދިވެހިތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލިސް، 1981). ޣިޔާސުއްދީނުގެ ދުވަސްވަރުގައި ދިވެހިރާއްޖޭގެ ދިފާޢު ވަރުގަދަކުރެއްވުމަށް ކަންތައްތަކެއް ކުރެއްވިކަން ތާރީޚުން އެނގެން އެބައޮތެވެ. މިކަމުން އެނގިގެންދަނީ ދިވެހިން މިނިވަންކަން ދިފާޢުކުރުމަށް އިސްކަންދީފައިވާ މިންވަރެވެ.

19 ވަނަ ޤަރުނުން ފެށިގެން މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިންކުރި މަސައްކަތް

އޮނަވިހިވަނަ ޤަރުނު ގެ ފަހުކޮޅުގައި އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށަށް ދިވެހިރާއްޖެ ދިއުމާއި އެ"ހިމާޔަތުގެ އުނގުން" ނުކުތުމަށް ދިވެހިންކުރި މަސައްކަތަކީ އަދު ފާހަގަކުރެވެމުންދާ މިނިވަންދުވަހުގެ ސަބަބެވެ. އެގޮތުން މަކަރުވެރިކަމާއެކު "އިނގިރޭސިންގެ ހިމާޔަތުގެ އުނގަށް" ދިވެހިރާއްޖެ "ވައްޓާލި" އެގްރީމެންޓްގައި ރަދުން (އައްސުލްޠާން މުޙައްމަދު މުޢީނުއްދީން) ސޮއިކުރެއްވުމާއި ދެކޮޅު ހެއްދެވި އެންމެ ޚާއްޞަފަރާތަކީ އޭރު ދިވެހީންގެތެރޭގައި ހުންނެވި ފިޤުހުވެރި ޝާއިރެއްކަމުގައިވާ ނާއިބު ތުއްތޫއެވެ. އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ޢީސަލް މުލަކީއެވެ. އަޅުވެތިވުމާއި ދެކޮޅުހެއްދެވުމުގެގޮތުން ތުއްތު ހެއްދެވި ބައެއް ރައިވަރުކަމަށް މުޙައްމަދު އިސްމާޢީލް ދީދީ (1963) ލިޔުއްވާ ބައެއް ރައިވަރު ތިރީގައި ހިމަނާލަމެވެ.

ތިރިވެކޮށް ރޭބަލާ،       
  ގިރިމެންޓް ކުޅަލެއް މިސާ  
    ދިރިމިހެން އެންމެން ތިބާ
      ހިރިޔާ ދަށުން ފާތުރާ.         
        ސިރިފަވެތި އިން ވިގެއްލަމުޅި،   
          ބިރިކުޅަޔާން މާލު މުޅި. 

 

އާދެ! އެންމެން ދިރިތިއްބައި ރަދުންލައްވައި އެކަނި އެގްރީމެންޓް ކުޅަގޮތާމެދު ނިކަން ރީތިކޮށް ވިސްނަވާ ބައްލަވާ ލައްވާށެވެ. މިތާގެ ހުރި މާތްކަމާއި ޕްރެސްޓީޖް ނަގައިލައި ހުރިހާ ތަކެތި ބިރިޔާން ކޮށްލީއެވެ.

ށޭ އައްސަވާ ބަލާ،
  އޭނާ ކުރެން ސާހިބާ،
    ބޭނުމެއްބޮޑުނެތަސް މާ
      ހޭކިހިނަކުން ފަހެ އެކާ
        ފޭބި ކުރިނަށަ އަހަރެމެންޓް
           ޅޭއަކުޅާ ގިރި މެންޓް

 

އައްސުލްޠާން މުޙައްމަދު މުޢީނުއްދީންއަށް ނައިބު ތުއްތު އެދެއްވީ ކޮންފަދަ ހޫނު ޗެލެންޖް އެއްތޯއެވެ. "ނިކަން ގަވަރނަރ ގޯޑަން ކުރެން އައްސަވާ ބައްލަވާށެވެ. ކަލޭމެންގެ މާބޮޑު ބޭނުމެއްނެތީ، ވިއްޔާ ކީއްވެގެންހޭ އެގްރީމެންޓް ކުރީ؟ މިއީ މުޅިން ކަލޭމެން އިސްނަގައިގެން ކުޅަ އެގްރީމެންޓްއެއް ނޫން ހެއްޔެވެ؟" ނައިބުތުއްތުގެ ބަހުގެ "ހޫނު" ޙަމަލާތައް ރަދުންނާއި ބޮޑުންކުރެ އެންމެނަށް އަމާޒުކުރެއްވީ އެކަމުގެ ސަބަބުން ނުވެނުދާނޭ ގޮތް ރަނގަޅަށް ދެނެލައްވައި ހުންނަވައެވެ. ބޮޑުންގެ ތެރޭން ގިނަ މީހުންނެކޭ އެއްގޮތަށް ސިޔާސީގޮތުން ވައިޖެހޭކޮޅަށް ދީލާލައިގެން ހުންނެވިދާނެކަން ތުއްތޫއަށްވެސް ހަމަ ރަނގަޅަށް އެނގިލައްވާނެއެވެ. އެކަމަކު އެޚުޠޫރައްތެރި ދަނޑިވަޅުގައި އޭނާ ކަންތައްކުރެއްވި މިސާލަކީ މިއަދުގެ ދިވެހިންނަށްވެސް ހުރި ފިލާވަޅެއްކަމުގައި ނޫނީ ނުވެއެވެ.  

16 ޑިސެމްބަރ 1887މ. އިން ފެށިގެން އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައި އޮތް އޮތުން ނިމުމަކަށް އައީ 26 ޖުލައި 1965މ. ގައެވެ. އަވަށްޓެރި އެހެން ޤައުމުތައް މިނިވަންކަން ހޯދުމަށްކުރި މަސައްކަތުގައި އެތައްހާސް ފުރާނައެއް ޤުރުބާންކުރަންޖެހުނު ނަމަވެސް ދިވެހިންގެ މިނިވަންކަމަކީ ލޭއޮހުރުވުންތަކަކާއި ނުލައި ދިވެހިން ހޯދައިގަތް މިނިވަންކަމެކެވެ. އެމިނިވަންކަން ލިބުނީ ބޮޑުވަޒީރު އިބްރާހިމް ނާޞިރާއި އެމަނިކުފާނުގެ ޓީމުގެ ސިޔާސީ އަދި އިޤުތިޞާދީ މިނިވަންކަމުގެ ޙިކުމަތްތެރި ސިޔާސަތު ތަކުންނެވެ.  ރައްޔިތުންގެ ފަރާތުން އެކަމުގައި ދިން އެއްބާރުލުން ބޮޑުކަމުންނެވެ. ކުދިބޮޑު، އަންހެން ފިރިހެން އެންމެން ތިބީ މިނިވަންކަމަށް ފެންބޮވައިގެންފައިކަން އެނގިގެންދަނީ "އިނގިރޭސި ސަފީރު އާތިންގޓަން ޑޭވީ އާއި ދެކޮޅަށް ދިވެހި އަންހެނުން ދޯނިފަހަރުގައި ނިކުމެ ކުރި މުޒާހަރާތަކުން"ނެވެ. އިނގިރޭސިންގެ އަޅުވެތިކުރުމަށް ބޯނުލަނބާނެކަން ދިވެހި ދަރީން ދިޔައީ ޢަމަލާއި ބަހުން ދައްކަމުންނެވެ (މުޙައްމަދު އިސްމާޢީލް، 1963).

03 ނޮވެމްބަރ 1988 ވީ ބުރާސްފަތި ދުވަހު ސްރީލަންކާގެ ތަމަޅައިގެން ބަޔަކުގޮވައިގެން ދިވެހި ޚާއިނުންތަކެއް ރާއްޖެއަށް ދިން ޙަމަލާއަކީ މިހާރުގެ ޖީލުގެ ކުރިމަތީގައި ހިނގައިދިޔަ ހާދިސާއެކެވެ. މިހާދިސާއިން އެނގި ހާމަވެގެންދަނީ، އަޅުގަނޑުމެންގެ ފަޚުރުވެރި ކާބަފައިން ފަދައިން މިހާރުގެ ދިވެހިންނަކީވެސް މިނިވަންކަމާއި ޤައުމަށްޓަކައި "ކެރިގެން ޖިހާދު"ކުރަން "އައްޑަނަތަކެއްގެ ގޮތުގައި މޭތަށް" ނެރެގެން ނިކުންނަން ތައްޔާރުގައި ތިބި ބައެއްކަމެވެ.  ޙުސައިން ޙަލީމް (2013) ވިދާޅުވާގޮތުގައި އެދުވަހު ސިފައިންގެ މައިގޭޓްގައި ޑިއުޓީއަށްހުންނެވި ކުޅުދުއްފުށީ މާވާގޭ ޙުސައިން އާދަމް އޭނާގެ ފަހުނޭވަޔާއިޖެހެންދެން ޤައުމަށްޓަކައި ޖިހާދުކުރިއެވެ. ދުޝްމަނުންނަށް ހަމަލާދީ އެމީހުން ފަހަތަށް ޖައްސާލުމާއެކު "ނިދާފައި ތިބި" މީހުން ހޭލައްވާލައި ސިފައިން ތައްޔާރުވުމަށް ވަގުތު ހޯދައިދިނެވެ. ޙުސައިން ޙަލީމް (2013) އަދި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (2012) ވިދާޅުވާގޮތުގައި ޑިއުޓީގައި ދެންހުރި މީހާއަށް ސަލާމަތުން ސިފައިންގެ ތެރެއަށް "ދެމިގަނެވުނު" ގޮތަށް އެފުރުޞަތު އޭނާއަށްވެސް އޮތެވެ. އެދުވަހު ފާހަގަކޮށްލެވުނު އަނެއް ކަމަކީ ދުޝްމަނުންގެ ބަޑީގެ ވަޒަނުގެ ވާރޭ ސިފައިންގެއަށް އޮހެމުންދިޔަ ނުރައްކާތެރި ވަގުތު ދުޝްމަނުންގެ ހަރަކާތްހުރިގޮތް ބެލުމަށް ހިއްވަރުގަދަ ޓީމެއް ސިފައިންގެއިން ނިކުތްކަމެވެ. "ތިމަންނަމެންގެ ފުރާނައަށްވުރެ ތިމަންނަމެނަށް މުހިއްމީ  ދިވެހިޤައުމުގެ މިނިވަންކަމޭ" ބުނާ ފަދަ ގޮތަކަށް އޭރުގެ ލެފްޓިނެންޓް މޫސާ ޖަލީލްގެ އަރިހުގައި އެނިކުތް ހިއްވަރުގަދަ ދިވެހިންގެ ނަން ދިވެހިތާރީޚްގައި ރަންއަކުރުން ފަވާލަންޖެހެއެވެ. ހަމަ އެފަދައިން މިނިވަންކަން ދެމެހެއްޓުމުގެ ޖޯޝުގައި ޝަހީދުވެގެން ދިޔަ ސިފައިންނާއި ޢާންމުންގެ ޚިދުމަތްވެސް ފާހަގަކޮށްލަންޖެހެއެވެ.


ނިންމުން:

ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚް ދިރާސާކޮށް ބަލައިފިނަމަ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން މަސައްކަތްތަކެއްކުރިކަން އޮޅުމެއްނެތި އެނގެއެވެ. އިސްލާމްވުމުގެ އިހާއިފަހުގެ ތާރީޚުންވެސް ދިވެހިންގެ ޤައުމީ ޖޯޝާއި އަޅުވެތިކަމަށް ނަފުރަތުކޮށްފައިވާ މިންވަރު ސާފުވެގެންދެއެވެ. މިކުޑަކުޑަ ދިވެހިރާއްޖޭގެ ރައްޔިތުންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެކިފަހަރު އެކި ގޮތްގޮތަށް މަސައްކަތްކޮށްފައިވެއެވެ. މީގެތެރެއިން ގިނަފަހަރުތަކުގައި އެތަށް އަގުހުރި ދަރިންނެއްގެ ލޭ ވަނީ މިދީބުގެ މިނިވަންކަމަށްޓަކައި ޤުރުބާންކޮށްލައްވާފައެވެ. ބައެއްފަހަރުތަކުގައި ޖިޒީ ދައްކައިގެންވެސް މިނިވަންކަން ދަމަހައްޓާފައިވެއެވެ. އަނެއްބައިފަހަރު އެއްބަސްވުންތަކުގެ ހިޔަލުންވެސް މިނިވަންކަން ހޯދާފައިވެއެވެ. ކަނޑިބަޑީގެ ހަނގުރާމައިންނާއި ފިކުރީ ހަނގުރާމަތައް ކޮށްގެންވެސް ދިވެހިންވަނީ ދިވެހިންގެ މިނިވަންކަން ދަމަހައްޓާފައެވެ. އެހެންނޫންނަމަ، މަލިކުފަދައިން އަވަށްޓެރި ޤައުމެއްގެ ބާރުގެ ދަށަށް ދިޔަ ޤައުމެއްކަމުގައި ދިވެހިރާއްޖެ ވެގެންދިޔައީސްކަން ކަށަވަރެވެ. 

ޝައްކެތްނެތެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހީން މަސައްކަތްތަކެއްވަނީ ކޮށްފައެވެ. މުޙައްމަދު އަމީން (2002) ވިދާޅުވާފަދައިން އެމަސައްކަތްތަކަށް އަދުގެ ދިވެހީން "ދަރާފައިވާ ދެރުން" ބޮޑެވެ. އެހެންކަމުން އެއަބުޠާލުންގެ ޒިކުރާއަކަށް ފަނޑުވުމެއްނެތެވެ.

"ދާދިއަވަހަށް ނެތިފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް
         ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއްނެތޭ"

ޙަވާލާ ލިސްޓް:

ޙަސަން އަޙުމަދު މަނިކު، ސައިކުރާ އިބްރާހިމް ނަޢީމް، ނަސީމާ މުޙައްމަދު ކަލޭފާނު. (2009). ސިފައިންގެ ތާރީޚް-1 އަސްކަރީ ނިޒާމުގެ ފެށުން. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު.

ޙަބީބާ ޙުސައިން ޙަބީބް. (2013). މިނިވަންކަން. ފަތްތޫރަ، 400، 14-15.

ޙުސައިން ޙަލީމް. (2013). ޖީލުގެ ބަޠަލު. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް.

ނަސީމާ މުޙައްމަދު. (2010). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ނަސީމާ މުޙައްމަދު. (2000). ދިވެހިންނާއި ޕޯޗުގީޒުން-3. މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

އެޗް.ސީ.ޕީ ބެލް. (1998). އެކްސާޕްޓާ މޯލްޑިވިއާނާ. އޭޝިޔަން އެޑިއުކޭޝަން ސާރވިސަސް: ނިއު ޑެލްހި.

މުޙައްމަދު އަމީން. (2002). ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު. ސްރިލަންކާ: ނޮވެލްޓީ އޯވަރސީޒް (ޕވޓ) ލޓޑ.

މުޙައްމަދު އިސްމާޢީލް. (1963، އޮކްޓޯބަރ 1). ދިވެހި-އިނގިރޭސި އެގްރިމެންޓް. ފަތިސް، ޞ. 2

މުޙައްމަދު އިބްރާހިމް ލުޠުފީ. (2011). މުޚްތަޞަރު ދީބާ މަހަލް (ދިވެހިރާއްޖޭގެ ތާރީޚު ކުރުކޮށް). މާލެ: ދިވެހިބަހާއި ތާރީޚާބެހޭ މަރުކަޒު.

މުޙައްމަދު އިބްރާހިމް ލުޠުފީ. (2006). އުތީމު ދަރިކޮޅުގެ ރަސްކަން. މާލެ: ދިވެހިބަހާއި ތާރީޚާބެހޭ މަރުކަޒު.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު. (1990). ދިވެހި ތާރީޚަށް އައުއަލިކަމެއް. މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު. (1981). ދިވެހި ތާރީޚު. މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަޖިލިސް. (1998). ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚު. މާލެ: ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލިސް.

ސްވަރާޖް ފައުންޑޭޝަން. (ތ.ނ). ވަޓް އިޒް ސްވަރާޖް. ނެގީ ނޮވެމްބަރ 01، 2014، http://www.swaraj.org/whatisswaraj.htm ން

ފޮޓޯ: ނާޖިޙްދީދީ، ދިވެހީން ފޭސްބުކްގްރޫޕް