ލިޔުނީ: ޠާހާ އަބޫބަކުރު، ލ.ގަން. 22 ޑިސެމްބަރ 2007މ.
މައްކާގައި ހުންނަ ކައުބަތުﷲ (ﷲގެ ގެފުޅު) އަކީ މިބިންމަތީގައިވާ އެންމެ މުޤައްދަޞް ބިނާއެވެ. އިސްލާމީ ތާރީޚާއި ގުޅިފައިވާ ޚާއްޞަތަނެކެވެ. މާތް ﷲގެ އަމުރުފުޅަށް ސަލާމްލެއްވި އިބްރާހިމް ގެފާނު ބިނާކުރައްވާފައިވާ މާތް ބިނާއެވެ. ގެފުޅުގައި ލެވިފައިވާ އުރަކޮޅަކީ ތާރީޚީގޮތުންނާއި
އެހެނިހެން ގޮތްގޮތުން ވެސް ޚާއްޞަ އެތައް ކަމެއްވާ އުރަކޮޅެކެވެ. ކޮންމެ އަހަރަކު ހައްޖަށް ތައްޔާރުވުމުގެ ގޮތުން ގެފުޅުގެ އުރަކޮޅު އާކުރެއެވެ.
ތާރީޚް ޢިލްމުވެރިންނާއި ދަންނަބޭކަލުންގެ ތެރެއިން ބައެއް ފަރާތްތަކުން ދެކޭގޮތުގައި ގެފުޅުގައި އުރަކޮޅެއް (ކިސްވާ) އެންމެ ފުރަތަމަ ލެއްވީ ސަލާމްލެއްވި އިސްމާޢީލްގެފާނެވެ. އެހެންނަމަވެސް ގިނަ ޢިލްމުވެރިން ބުރަވަނީ ޔަމަންކަރައިގެ ހިމްޔަރު ވަންހައިގެ ރަސްކަލެއް ކަމުގައިވާ ޠުއްބަޢު އަކީ އެންމެ ފުރަތަމަ ގެފުޅުގައި އުރަކޮޅެއް ލެއްވި ފަރާތްކަމަށެވެ. ބުނެވޭގޮތުގައި އިސްލާމްދީން އައުމުގެ ކުރިން މައްކާގެ މުއްސަންޖެއްކަމުގައިވާ އަބޫ ރާބިޢާ ބިން ޢަމްރޫ އަލް މަޚްޒޫމީ ޤުރައިޝުންނާ ވާހަކަދައްކައިގެން ދެއަހަރުން އެއްއަހަރު ގެފުޅަށް އާއުރަކޮޅެއް ލަމުން ދިޔައެވެ. އޭނާ މަރުވުމާއި ހަމައަށްވެސް މިގޮތުގެ މަތިން ދެއަހަރުން އެއްއަހަރު ގެފުޅަށް އުރަކޮޅެއް ލީކަމަުގައި ބުނެވެއެވެ. ޖެހިގެން އަންނަ އަހަރު ލާ އުރަކޮޅަކީ ގުރައިޝުން ލާ އުރަކޮޅެކެވެ.
މައްކާފަޠަހަކުރެއްވުމުގެ ކުރިން ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގައި ރަސޫލުﷲގެފާނު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އަދި މައްކާފަޠަހަކުރެއްވުމަށްފަހުވެސް ގެފުޅުގެ އުރަކޮޅު ހުރިގޮތަށް ބެހެއްޓެވީއެވެ. މިިގޮތަށް ހުއްޓާ ގެފުޅު ޒީނަތްތެރިކުރަން އުޅުނު އަންހެނެއްގެ އަތުން ގެފުޅުގެ އުރަކޮޅުގައި ރޯވެ ވަރަށް ބޮޑުބައެއް އެނދުމުން ރަސޫލާގެ އެންގެވުމަށް އުރަކޮޅު އައުކުރެވުނެވެ. ޔަމަނުގެ ހުދު ފޮއްޗަކުންނެވެ. އެއަށްފަހު 4 ޚަލީފާއިންގެ ޒަމާނުގައިވެސް އުރަކޮޅު އާކުރަމުންގޮސްފައިވެއެވެ.
އަމީރު މުޢާވިޔަތުގެ ޚިލާފަތުގެ ދުވަސްވަރު އަހަރަކު ދެފަހަރު އުރަކޮޅު ބަދަލުކުރަމުން ދިޔައެވެ. އެއަށްފަހު ޔަޒީދު ބިން މުއާވިޔަތު، އިބްން އައްޒުބައިރު އާއި ޢަބުދުލްމާލިކް ބިން މަރުވާންގެ ޚަލީފާކަމުގައި ގެފުޅަށް ފަށުއީގެ އުރަކޮޅެއް ލަމުން ގޮސްފައިވެއެވެ.
އައްބާސީ ޚަލީފާ އަލްމަޙްދީއާއި ހަމައަށް އައިއިރު ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ ބަދަލުގައި ކޮންމެ ފަހަރަކުވެސް އާ އުރަކޮޅުލެވެމުންދަނީ ކުރިން ހުރި އުރަކޮޅުގެ މައްޗަށެވެ. ހިޖުރައިން 1160 ވަނައަހަރުގައި ޚަލީފާ އަލްމަޙްދީ ހައްޖައް ވަޑައިގެންނެވިއިރު އުރަކޮޅަށް ބައްލަވާ މަތިމައްޗަށް އެތައް އުރަކޮޅެއްލާފައި ހުރުމުން ގެފުޅަށް ގެއްލުން ލިބޭނެކަމަށް ފެނިވަޑައިގެން، އަބަދުވެސް ގެފުޅުގައި ލެވިފައި ހުންނަންޖެހޭނީ އެންމެ އުރަކޮޅެއް ކަމުގައި އަމުރު ނެރުއްވިއެވެ. ޚަލީފާ މަޙްދީއަށްފަހު މިއަދާހަމައަށްވެސް ކަންތައްތައް ކުރެވެމުންދަނީ މިގޮތުގެ މަތީންނެވެ. ޚަލީފާ މައުމޫންގެ ޒަމާނުގައި އަހަރަކު 3 ފަހަރު އުރަކޮޅު ބަދަލުކުރެއްވިކަމުގައި ވެއެވެ. އެގޮތުން 3 ފަހަރު ލައްވަނީ 3 ކުލައިގެ އުރަކޮޅެވެ. ޚަލީފާ އަލްނާޞިރުގެ ޒަމާނުގައި ފުރަތަމަ ލައްވަމުން ގެންދެވީ ފެހިކުލައިގެ އުރަކޮޅެވެ. އެއަށްފަހު ޚަލީފާ އަލްނާޞިރު ގެފުޅުގައި ކަޅުކުލައިގެ އުރަކޮޅެއް ލައްވަން ފެއްޓެވިއެވެ. އެދުވަހުން ފެށިގެން އަދާހަމައަށް ވެސް ގެފުޅުގައި ލެވެމުން އަންނަނީ ކަޅުކުލައިގެ އުރަކޮޅެކެވެ.
ސަޢުދީއަރަބިޔާގެ ރަސްގެފާނު ޢަބުދުލް ޢަޒީޒް ބިން ސަޢުދުގެ އެންގެވުމަށް 1926 ވަނަ އަހަރު ވަނީ ގެފުޅުގެ އުރަކޮޅު ހެދުމަށް ޚާއްޞަ ފެކްޓްރީއެއް އުފައްދާފައެވެ. ހަމައެއަހަރު އެންމެ ފުރަތަމަ "ކިސްވާ" އުރަކޮޅު ތައްޔާރުކުރެވުނެވެ.
ގެފުޅުގައި ލެވިފައިވާ ކިސްވާ
ހަދާފައިވާ ފޮތީގެ ބާވަތް : ސިލްކް (ކަޅުކުލަ ޖައްސާފައި) ބަރުދަނުގައި 650 ކިލޯ
ޤުރުއާނުގެ އާޔަތްތައް ލިޔެފައިވަނީ : ރަނުގެ ރޮދިން 120ކިލޯ ރަނާއި 50 ކިލޯ ރިހި ބޭނުންކޮށްފައިވޭ
މުޅިއުރަކޮޅު ހެދިފައިވަނީ 41 ބަޔަށް ކޮންމެ ބަޔެއްގައި 14 މީޓަރު ދިގުމިން
ދޮރުކޮޅުގެ އުރަކޮޅުގެ ނަން: އަލް ބުރުޤް
ދޮރުކޮޅުގެ އުރަކޮޅުގެ މިންް: 6.5 މީޓަރ ދިގު، 3.5މީޓަރ ފުޅާ
ބޮޑުމިން: 658 އަކަ މީޓަރ
No comments:
Post a Comment