އަލްމަރްޙޫމް
އަބޫބަކުރު އިބްރާހިމް (ކުނޑިގޭ އަބޫބަކުރު) ލ.ގަމު މުކުރިމަގު
ނަޞަބު:
އަބޫބަކުރު
އިބްރާހިމްގެ ބައްޕައަކީ ލ.ގަމު ތުނޑީ މާވަޑި އިބްރާހިމްއެވެ. މިއީ ވަރަށް
މަޝްހޫރު މާވަޑިއެކެވެ. މަންމައަކީ ލ.ގަމު މުކުރިމަގު އަޙުމަދު ކަލޭގެ ގެ
މަރިޔަމްގެ ޔޫސުފް ކަތީބް ކަލޭގެފާނުގެ ކުޑަދީދީ އެވެ. ރަސްމީ ލިޔެކިޔުންތަކުން
އެނގޭގޮތުގައި އަބޫބަކުރުބޭ އުފަންވީ 1912މ. ވަނަ އަހަރުގެ ސެޕްޓެމްބަރ 20 ވީ
ހުކުރުދުވަހުގައެވެ. އެއްބަނޑު އެއްބަފާހުރީ ޙުސައިން އެކެވެ. މި ޙުސައިން
ކައިވެނީގެ ގޮތުން ގުޅުނީ ލ.ކަޅައިދޫ ބޮޑަސޮރަގެ މުޙައްމަދުގެ ފާތިމަތު އާއެވެ.
ލިބުނު ދަރިއަކީ ކޫދީދީ ޒައިނަބު (ކުދިކުދި ޒައިނަބު އޭވެސް ކިޔާ) އެވެ.
ދިރިއުޅުމަށްކުރެއްވި މަސައްކަތް
ބައްޕައެކޭ
އެއްފަދައިން އަބޫބަކުރުބެއަކީވެސް އަތޮޅަށް މަޝްހޫރު، ކުޅަދާނަ މާވަޑިއެކެވެ.
މީނާ ބަނދެފައިވާ ދޯނިތައް މިހާރުވެސް އެބަހުއްޓެވެ. އެގޮތުން މީނާ
ބަންދޯނިފަހަރުކަމަށް އަޅުގަނޑަށް ކަށަވަރުން އެނގޭ ދޯނިތަކަކީ ލ.ގަމު މަތިމަރަދޫ
ބިލެއްމާގޭ އަލްމަރްޙޫމް ޙުސައިން ޔޫނުސްގެ "ދުވެލި" ދޯނި، ބިއްލޫރިޖެހިގޭ
އަލްމަރްޙޫމް ޤާސިމް ޒަކަރިއްޔާގެ "ސްޓާރ"، ލ.ގަމު މުކުރިމަގު ކުނޑިގޭ
ހުސޭނުގެ "ފިނިފެންމާ"، ލ.މާބައިދޫ ފިނިހިޔާގެ އަލްމަރްޙޫމް
ޢަބުދުއްޝުކޫރު ޒަކަރިއްޔާ (ތުއްތުދީދީ)ގެ "ރިހިތަރި" ދޯންޏާއި
"މުނިޔާ" ދޯނި އަދި ލ.ގަމު މަތިމަރަދޫ ކަރަންކާގޭ މޫސާ އިދުރީސްގެ
"ކަރަންކާ" ދޯނި މިއެވެ. މީގެތެރެއިން ކަރަންކާ ދޯނި ބަނދެފައިވަނީ
ދެމާވަޑިން އެއްފަހަރާ މަސައްކަތްކުރާގޮތަށް ދޯނީގެ ދެފަރާތް ދެމާވަޑިންނެވެ.
މިދޯނީގެ އެއްފަރާތް އަބޫބަކުރުބޭ ބަންނަމުންދިޔައިރު އަނެއްފަރާތް
ބަންނަމުންދިޔައީ ލ.ފޮނަދޫ އަލްމަރްޙޫމް ތުއްތު (ލ.ގަމުގައި ހުންނަ ދިރާގު
އޮފީހުގައި އުޅޭ ނިޔާޒްގެ ބައްޕަ) އެވެ.
އަޅުގަނޑަށް
އަބޫބަކުރުބޭ އާއި ފުރަތަމަ ބައްދަލުވީ 1991 ވަނަ އަހަރު ލ.މާބައިދޫ
"ރިހިތަރި" ދޯނި މަރާމާތުކުރުމުގެ މާވަޑިއަކަށް މާބައިދޫއަށް ގޮސްހުރި ދުވަސްވަރުއެވެ.
އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އަބޫބަކުރުބެއަކީ މަޑުމައިތިރި،
ވިސްނުންތޫނު، ހިތްމަތްތެރި މަސައްކަތްތެރިއެކެވެ. މަސައްކަތަށް ނިކުތުމުގައި
ފަރުވާތެރި، ދަށުންމަސައްކަތްކުރާ މީހުންނަށް ވަރަށް ހިތްހެޔޮ މީހެކެވެ.
އިސްކޮޅުން ކުރުވެފައި ހަމުގެ ކުލަ އައްޔެވެ. ހަށިގަނޑުން ބިޔަ މީހެއްނޫނެވެ.
ވަރަށް ގިނަ ރައިވަރު ދެނެލައްވައެވެ. ލ.އަތޮޅު މަދަރުސާގައި އޮތް ރައިވަރު
މުބާރާތަކަށް އަޅުގަނޑަށް ބައެއް ރައިވަރު ދަސްކޮށްދެއްވިއެވެ. ހަނދާންހުރި ބައެއް
ރައިވަރު މިތާގައި ނަކަލު ކޮށްލާނަމެވެ.
"ބޭހާއި ނުކުޅޭތި ބަޑި،
ނޭނގިހުއްޓާ އަނދައިދާނޭ،
ގޭމަކޮޔާ ފިހިދާނޭ"
"ކާކައްތަ ދާނައީ ކުޅަ
ވާގިލާރުން ޖަހާދަ މުގޫ
ރާކަށެއް އިރާދަ މުގު"
"މަގޫފަތު ކުދިއަކުރު ލިޔެ
މަދޫނުކުރާނަމޭ ޖަކަށް
މަމެން ފުރާގެ ކުއްޖަކަށް"
"ނާކޮޅުން ބެލިސާ
ދާހަގެން ބޮލު ތޮފިއަޅާ
މާބައިދުއަށްށޭ ވަޑައި
ގާއެހުރި މިސްކިތުގެ ތައްކީ
ޔާފި މޮޅު އަކުރުތައް"
• ފަހުން މިލިޔުނު ރައިވަރު އެއްކޮށް ހަނދާނެއް ނުވިއެވެ. މިރައިވަރަކީ ލ.މާބައިދޫގެ އިހު މިސްކިތުގައި ލިޔެފައިހުރި ފިލައެއްގައިހުރި އަކުރުތަކެއް ބެއްލެވުމަށް އެޗް.ސީ.ޕީ ބެލް މާބައިދުއަށް ވަޑައިގަތުމާއިބެހޭގޮތުން ކިޔައި އުޅުނު ރައިވަރެކެވެ. އެޗް.ސީ.ޕީ ބެލް ލިޔުއްވި "ދަ މޯލްޑިވް އައިލެންޑްސް މޮނޮގްރާފް އޮން ހިސްޓްރީ، އާކިއޮލޮޖީ އެންޑް އެޕިގްރަފީ" ގައި މިފިލާގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. ބެލިސާ އަކީ އެޒަމާނުގެ ދިވެހިންނަށް "ބެލް ސަރ" ކިޔުނުގޮތެވެ. މުކުރިމަގު ހަތްތެއްޔަށް ދެވޭ މަގަށްވެސް ކިޔަނީ "ބެލިސާ މަގު" ކަމުގައެވެ.
އެންމެފަހުން
އަޅުގަނޑާއި އަބޫބަކުރުބޭ ބައްދަލުވީ 2009 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ލ.ގަމު
މުކުރިމަގަށް ނަގޫރޯޅިއެއް އަރާ ބައެއް ގޭގޭގެ ފުރާޅު އެއްލާލި ހާދިސާގައި
ގޭގެޔަށް ލިބުނު ގެއްލުންތައް ބެލުމަށް ވަންނަމުންގޮސް އަބޫބަކުރުބޭގެ ގެކަމަށްވާ
ކާމިނީގެއިންނެވެ. އެގެޔަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެގޭތެރެއަށް
ނަޒަރު ހިންގާލުމުން ފެނުނީ ވަރަށް އާދައިގެ ތަކެތި ބޭނުންކޮށްގެން ގޭގޭ ވަރަށް
ގިނަ ކުދިކުދި މަރާމާތުގެ މަސައްކަތްކޮށްފައިވަނިކޮށެވެ. އެދުވަހުގެ ފަހުން
އެގޭތެރެއަށް ވަދެވުނީ، އަބޫބަކުރުބޭ ނިޔާވި ޚަބަރު ލިބުމުން ބައްޕައާއެކު އެގެޔަށް
ދިޔައިރުއެވެ. ގޭގެދޮރުން ވަންއިރު އާދައިގެ މަޅު އެނދެއްގެ 4 ފައި ދަށަށް
ސިމެންތި ގަލުގެ 2 ގައު ލައްވާ އުސްކޮށްފައި ހުއްޓެވެ. އެނދުމަތީގައި
ބާއްވާފައިއޮތީ އެމަރްޙޫމްގެ ފުރާނަނެތް މަސްގަނޑެވެ. ތިންދޮރުފަތްލީ ކުޑަދޮރުގެ
ތެރެއިން 1 ދޮރުފަތް ހަލާކުވެފައިހުރުމުގެ ސަބަބުން މަގުމައްޗަށްވެސް އެމަންޒަރު
ފެންނާތީ ހިނެވުމުގެ ކަންތައް ކަޝްފުކުރުމަށް އެކުޑަދޮރާއިދިމާގައި ބޭރުން
ފޮތިގަނޑެއް ދެމުމަށް މީހަކު އުޅެއެވެ. ތެދެކެވެ. "ވަޑިންގެ ގެޔަކު ދޮރެއް
ނުހުންނާނެ"އެވެ.
ކައިވެނީގެ ހަޔާތް
އަބޫބަކުރު
އިބްރާހިމް 3 ކައިވެންޏަކުން ދަރިންލިބިފައިވެއެވެ. ފުރަތަމަ ކައިވެނިކުރެއްވި ފާތިމަތު ދީދީ އަކީ މަންދަ
އައިޝާ ފާނާއި ކަތީބު ޙުސައިންތައްޚާނު ކައިވެނިބައްލަވައިގެން ލިބުނު
ޙަސަންތައްޚާނާއި ދިގަރު ދޮންތަކުރުފާނުގެ އައިމިނާފާނާއި ކައިވެނި ބައްލަވައިގެން
ލިބުނު ޙަސަންތައްޚާނު(ރެކި ތައްޚާނު) ކޮޅުވޭރު މަރިޔާފާނާއި ކައިވެނި
ބައްލަވައިގެން ލިބުނު ޙަސަން ތައްޚާނާއި ކުޑަތައްޚާނާއި ދެބެއިންގެ ތެރެއިން ކުޑަތައްޚާނުގެ
މަންދަގޭ ދޮންދީދީ އާއި ލ.ފޮނަދޫ ހިރިހަމައިދިކަލޭފާނުގެ އަލިކަލޭފާނުގެ
ޔޫސުފްމަނިކުފާނުގެ ކައިވެނިން ލިބުނު އިބްރާހިމް ދީދީގެ ފާތިމަތު ދީދީއެވެ. ފާޠިމަތު
ދީދީގެ މަންމައަކީ މުކުރިމަގު ބޮޑުދޮންފުތުގެ ޙަސަނުގެ ޙައްވާދީދީއެވެ.
މިފާޠިމަތުދީދީގެ ބަނޑުން އަބޫބަކުރު އިބްރާހިމްއަށް ލިބުނު ދަރިއަކީ އަލްމަރްޙޫމް
ޢަބުދުﷲ އިބްރާހިމްއެވެ.
އަބޫބަކުރު
އިބްރާހިމް ދެންކައިވެނިކުރެއްވީ މަންދަގޭ ދޮންދީދީ އާއި ލ.ފޮނަދޫ
ހިރިހަމައިދިކަލޭފާނުގެ އަލިކަލޭފާނުގެ ޔޫސުފްމަނިކުފާނުގެ ކައިވެނިން ލިބުނު މުޙައްމަދު
ދީދީ (މުޙައްމަދު ދީދީ ކަތީބު)ގެ ފާތިމަތު ދީދީގެ ކަތްދާ (ޚަދީޖާ) އާއެވެ.
މަންދަގޭ މުޙައްމަދު ދީދީ ކަތީބު ކައިވެނިކުރެއްވީ މުކުރިމަގު ބޮޑުދޮންފުތުގެ
ޙަސަނުގެ އައިޝަތުދީދީ އާއެވެ. އެހެންކަމުން މިކަތްދާގެ މަންމަ ފާޠިމަތުދީދީ އަކީ
އަބޫބަކުރު އިބްރާހިމް ކުރިން ކައިވެނިކުރެއްވި ފާޠިމަތުދީދީ އާއި މަންމަ
ފަރާތުންވެސް ބައްޕަފަރާތުންވެސް ދެބެންގެ ދެދަރިންނެވެ.
ކަތްދާގެ
ބައްޕައަކީ މުކުރިމަގު އަޙުމަދުކަލޭގެގެ މަރިޔަނބުގެ ޔޫސުފު ކަތީބުކަލޭފާނުގެ
މޫސާކަލޭފާނު ލ.ފޮނަދޫ ސިއްތިމަނިކުފާނާއި ކައިވެނިކޮށްގެން ލިބުނު އިބްރާހިމް
ދީދީއާއި ކަޅުތަކުރު (އާދަމް) އާއި ދެބެންގެ ތެރެއިން ކަޅުތަކުރަށް، މާފަތްގޭ
ފާޠިމަތުދީދީ ގެ މާފަތްގޭ ތުއްތު (ޙައްވާދީދީ)ގެ ބަނޑުން ލިބުނު އިބްރާހިމްދީދީ
އެވެ. އެހެންކަމުން ކަތްދާގެ ބައްޕަ ފަރާތު ކާފަ ކަޅުތަކުރާއި އަބޫބަކުރު
އިބްރާހިމް އަކީ ދެބެންގެ ދެދަރިންނެވެ. (ކަޅުތަކުރުގެ ބައްޕަ މޫސާކަލޭފާނާއި،
އަބޫބަކުރު އިބްރާހިމްގެ މަންމަ ކުޑަދީދީގެ އިތުރުން ޔޫސުފް ކަތީބު ކަލޭފާނުގެ
ތިބި ދަރިންނަކީ، ޚަދީޖާ (ކުޑަކަމަނާ) އާއި އާމިނަތުދީދީ އެވެ. އާމިނަތު ދީދީ
ކައިވެނިކުރީ މާފަތްގޭ ފާޠިމަތުދީދީގެ ޢަލިދީދީ (އެއްގަމުގޭ އަލިދީދީ) އާއެވެ.
ލިބުނު ދަރިއަކީ ޝަރީފާ ޢަލިދީދީ (އަނގަ ޝަރީފާ) އެވެ. މަންދަގޭ ދޮންދީދީއާއި ލ.ފޮނަދޫ
ހިރިހަމައިދިކަލޭފާނުގެ އަލިކަލޭފާނުގެ ޔޫސުފްމަނިކުފާނުގެ އިބްރާހިމްދީދީއަށް
ކުޑަކަމަނާގެ ބަނޑުން ލިބުނު ދަރިއަކީ މުކުރިމަގު ފޮނިމާގޭ ޢަލީ އިބްރާހިމް (ކަތީބުގެ
އައްޔަ) އެވެ. ޢަލީ އިބްރާހިމް އުފަންވީ 9 މެއި 1933މ. ގައެވެ.)
އަބޫބަކުރު
އިބްރާހިމްއަށް ކަތްދާގެ ބަނޑުން ލިބުނު ދަރިއަކީ އަޙުމަދު އިބްރާހިމް (ކުޑަ
އަޙުމަދު) އެވެ.
އަބޫބަކުރު
އިބްރާހިމްގެ އިބްރާހިމް ޝަރީފްއާއި މޫމިނާ އަބޫބަކުރުގެ މަންމައަކީ، ކުނޑިގޭ
އައިޝަތު (ކުނޑިގޭ އައިސޭ) އެވެ. އަބޫބަކުރު އިބްރާހިމްއަށް ކުނޑިގޭ އަބޫބަކުރު އޭ
ކިޔަނީ ކުނޑިގޭ އައިސޭއާއި ކައިވެނިކުރުމުގެ ސަބަބުންނެވެ. އަބޫބަކުރު އިބްރާހިމްގެ
ހަމައެކަނި އަންހެންދަރި މޫމިނާ ކައިވެނީގެ ގޮތުން ގުޅިގެން އުޅެނީ ތިލޭރުކަމަށް
މަޝްހޫރު ރޯޝަނީ ސައްތާރުއާއިއެވެ.
ނިޔައުވުން
އަބޫބަކުރު
އިބްރާހިމް ނިޔާވީ 08 ރަމަޟާން 1432ހ. (08 އޯގަސްޓް 2011މ.) ވީ ހޯމަ ދުވަހުއެވެ.
އޭނާގެ މައްޗަށް ކަށުނަމާދުކުރެވުނީ އެރޭގެ ތަރާވީޙް ނަމާދަށްފަހު މުކުރިމަގު
މަސްޖިދުލްޒިކުރާގައެވެ. އިމާމުވެ ކަށުނަމާދުކުރީ ތުނޑީ ބާގޭ އަހުމަދުބޭއެވެ.
ވަޅުލެވުނީ މުކުރިމަގު ސަހަރާގައި އެރޭ 09:34 ވީއިރުއެވެ. ނިޔާވިއިރު ޢުމުރަކީ 98
އަހަރެވެ. މާތްﷲ މިމަރުޙޫމްގެ ފުރާނަޔަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ
ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން.
ލިޔުނީ: ޠާހާ އަބޫބަކުރު
29 މާރޗް 2014މ.
މަޢުލޫމާތުގެ
މަސްދަރުތައް:
އަލްމަރްޙޫމް
މުޙައްމަދު އިބްރާހިމް ދީދީ(މަންދަގޭ މުޙައްމަދު)، ރޯޒީސައިޑް، ލ.ގަން، މަތިމަރަދޫ
އަލްފާޟިލް މޫސާ
އިބްރާހިމްދީދީ (ދޮންމޫސާ)، ދިލާސާގެ، ލ.ގަން، މުކުރިމަގު
އަލްފާޟިލް ޢަލީ
އިބްރާހިމް، ފޮނިމާގެ، ލ.ގަން، މަތިމަރަދޫ
L. Gamuge thaareekhah takai thikuravvaa masakkathah saabas radhdhu kuran. Thaareekhee ilmakee zamaan thakah huri varah muhimmu ilmeh. Adhakee iyyege baeh manzaru. adhuge dhirithibeenakee iyyege thirithibeen ge dharin, emeehunge dhirun, emeehunge namoonaa amaluthah, visnun, adhi fikuru.
ReplyDeleteThoaha thi kuravvaa masakkathah saabaas. alhugandah ves libey varah bodu hivvareh.