ބޮޑުފެންގަނޑު - Thoha AbuBakur's Blog

Monday, March 18, 2013

ބޮޑުފެންގަނޑު


ރާއްޖޭގައި މީހުންއުޅޭ ރަށްތަކުގެތެރެއިން ހައްދުންމަތީ ގަމަކީ، ވަރަށް ޤަދީމީ ތާރީޚެއް ލިބިފައިވާ ރަށެކެވެ. ބެލެވޭ ގޮތުގައި މިރަށަކީ ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެވޭލާ ޒަމާނުގެ ޤަދީމީ އާޘާރުތަކާއި ތަންތަން މިރަށުގައި މިއަދުވެސް ހުރިކަމީ އެކަމުގެ އެންމެ ބޮޑު ހެއްކެވެ. އަދި މިތަންތަން ހުރުމުން ދޭހަކޮށްދެނީ، މިރަށަކީ އެޒަމާނުގެ ދީނީ، އިޤްތިޞާދީ، އަދި ޘަޤާފީ މުހިއްމު ހިއްޞާއެއް އަދާކުރަމުންދިޔަ ރަށެއްކަމެވެ. މިރަށުގައިހުރި އާޘާރީ ތަންތަނުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝައުޤުވެރިކަން އެތަނަކަށް ހޯދާފައިވާ އެއް ތަނަކީ ގަމުގެ "ކުރުހިންނަ" ތެރޭގައި އޮންނަ ތަފާތު ނަންނަމުން މަޝްހޫރުވެފައިވާ ފެންގަނޑެވެ.
މިފެންގަނޑަށް ކިޔޭ ތަފާތު ނަންތަކުގެތެރޭގައި، ބޮޑުފެންގަނޑު، ރަތްފެންގަނޑު، ނަރަކަ ފެންގަނޑު އަދި ޕަރީފެންގަނޑު ހިމެނެއެވެ. މީގެތެރެއިން މިހާރަށް އެންމެ މަޝްހޫރު ނަމަކީ "ޕަރީ ފެންގަނޑު" އެވެ. ބުނެވޭ ގޮތުގައި މިތަނަށް ޕަރީފެންގަނޑޭ ކިޔަނީ ރޭގަނޑަށް މިސަރަޙައްދުން "އަލިގުޅަ" ފަދަ ތަކެއްޗާއި ރޫޙާނީ އަންހެން ސޫރަތައް ފެންނާތީއެވެ. މިއަލިގުޅަތައް ތިރިކުރަނީ ފެންގަނޑަށް ކަމަށް ބުނެވެއެވެ.  ރަތްފެންގަނޑަށް "ނަރަކަ" ފެންގަނޑޭ ކިޔެނީ ވަށައިގެން ހެދިފައިވާ ގަސްތަކުގެތެރެއިން ފެންގަނޑަށް ވެއްޓޭގަހާއި އެޅޭ ފަތުގެ ސަބަބުން ފެންގަނޑު ރަތްވެފައި އޮންނާތީއެވެ.

ގަމުގެ ކުރުހިންނައިގެ އިރުމަތީ ފަރާތުގައި ގޮނޑުދޮށުން ފެށިގެން 70 ފޫޓް ހުޅަނގަށް އޮތް މިފެންގަނޑަކީ ޤުދުރަތީ ގޮތުން އުފެދިފައި އޮތް ފެންގަނޑެކެވެ. ފެންގަނޑު އޮތީ ރަށުގެ ހުރަހަށްވާގޮތަށް އިރުދެކުނުން ހުޅަނގު އުތުރަށެވެ. ފެންގަނޑުގެ ވަށައިގެން ބޯކޮށް ގަސްހެދިފައިވެއެވެ. ފެންގަނޑުގެ އައްސޭރިފަށުގައި ހެދިފައިވަނީ ރަނޑޫ، ބޮޑަވަކި (ބޮޑުވަކި)، ކިނބި އަދި ދިވެހި ރުކެވެ. ފެންގަނޑުގެ ދިރުމަކީ ޖަޕާނު މަހާއި ތެލާޕިޔާއެވެ. ފެންގަނޑުގެ ވަށައިގެން އޮތް ރަނޑޫގަސްތަކުގެ ސަރަޙައްދުގައި ރާއްޖޭގެ އެހެން ރަށްރަށުގެ ކުޅިތަކުންވެސް ފެންނަ ވައްތަރުގެ ބޮޑު ކަކުނި ދިރިއުޅެއެވެ. ކިނބިގަސްތަކުގެ ތޮފަޅުގައި "ދަނޑިފުޅު ދޫނި" ހާލި ހަދައިގެން ގިނަ ޢަދަދަކަށް އުޅެއެވެ. އަދި އާންމުކޮށް ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެންނަ ރާބޮންޖަކީ ފެންގަނޑުގައި ދިރިއުޅޭ މަސްމަހާމެހި ޝިކާރަކުރަން މިތަނަށް ޢާންމުކޮށް ޒިޔާރަތްކުރާ ޝިކާރަވެރިއެކެވެ. މީގެ އިތުރުންވެސް މޫސުމީ ދޫނިސޫފާސޫފި މިތަނަށް އައިސްގޮސްވެއެވެ. އަހާފައިވާގޮތުގައި ތަންކޮޅެއް ކުރިން މިސަރަޙައްދަށް އަންނަ ދޫނިތައް ގިނަވުމުގެ ސަބަބުން ދޫނީގެ ގޮވުމުގެ އަޑު މިއުޒިކެއްގެ ގޮތުގައި އެއް އަޑަކަށް މުޅި ހިސާބުގައި ހިފާލާފައިހުރެއެވެ. ފެންގަނޑުގައި ކުރިން ލޮނުގެ އަސަރު ނެތްނަމަވެސް މިހާރު ފެންގަނޑު ވަނީ ވަރަށް ބޮޑަށް ލޮނުވެފައެވެ. މިބަދަލު އައިސްފައިވަނީ 2004 ޑިސެމްބަރ 26 ގައި އައި ސުނާމީގެ ފަހުންނެވެ. ސުނާމީއަށް ފަހު ދުވަސްކޮޅެއްވަންދެން، ފަޅު މަހުގެ ބާވަތެއް ކަމުގައިވާ ފިލޮޅު އާއިލާގެ ވަރަށް ގިނަ މަސްތައް މިފެންގަނޑުގައި އުޅުނެވެ.
ފެންގަނޑު މަޝްހޫރުވެފައިވަނީ ކީއްވެ؟
ފެންގަނޑުގެ މަޝްހޫރުކަމަކީ ފެންގަނޑާއި އެމާހައުލުގެ ހިއްގައިމުކަމެވެ. ވަށައިގެންވާ ގަސްތަކުގެ ހިޔަނި ފެންގަނޑަށް އެޅުމުން އެސިފަވާ ރީތި "ރިފްލެކްޝަން"ގެ ރީތިކަމެވެ. މޫދާއިގުޅުމެއްނެތް މިފަދަ އިތުރު ފުންފެންގަނޑެއް ރާއްޖޭގައި ނެތުމެވެ. ފެންގަނޑާއި ގުޅިގެން ދެކެވޭ އަޖާއިބު ވާހަކަތަކެވެ.
ފެންގަނޑުގެ ބައެއް ވާހަކަ
މުސްކުޅިން ބުނެ އުޅޭގޮތުގައި މިފެންގަނޑަކީ އަޑިން ކަނޑާއިގުޅިފައިވާ ފެންގަނޑެކެވެ. މިފެންގަނޑަށް ވެއްޓޭ އެއްޗެހި ދެން ފެންނާނީ ހައްދޫ ކަނޑުގެ މެދުންނެވެ.
ރައްޓެއްސަކު ކިޔައިދިން ގޮތުގައި 1989 ވަނަ އަހަރު އެއްދުވަހަކު މިފެންގަނޑަށް އެރި ފަތާހެދި ހުދުބަލި ޖެހިފައިހުރި މީހަކު އޭގެ 3 ދުވަސްފަހުން އޭނާގެ ބަލި ރަނގަޅުވެފައިވެއެވެ. (މީނާ މިހާރުވެސް ހެޔޮހާލުގައި ދުނިޔޭގައި އެބަހުއްޓެވެ.)
ރޭގަނޑު ވަގުތުގައި ފެންގަނޑު ހިމެނޭ ސަރަޙައްދުން ރޫޙާނީ ކަންކަން ދިމާވާކަމަށްވެއެވެ. އެގޮތުން ރީތި އަންހެންކުދިން ފެންނަ ކަމަށް ވެއެވެ.
މެންދުރުގަޑީގައި ފެންގަނޑު ސަރަޙައްދަށް މީހުން ދިޔުމަށް ޖެހިލުންވާކަމަށްވެއެވެ. އެއީ އެތަނުން ހަޅޭއްލަވާ އަޑު އިވޭތީއެވެ.
ފުރަތަމަ ފަހަރަށް ފެންގަނޑު ސާވޭކުރުން:
މިފެންގަނޑު ކިތަންމެ މަޝްހޫރުކަމުގައިވިޔަސް މިފެންގަނޑާއި ބެހޭ މާގިނަ ހޯދުންތަކެއް ހޯދިފައި ނުވާކަން ފާހަގަކުރެވެއެވެ. އެނގެނީ ހަމައެކަނި ފެންގަނޑާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކެވެ. އެހެންކަމުން ފެންގަނޑާއި ބެހޭގޮތުން  ލިޔުމަށް ޤަސްދުކޮށް ފެންގަނޑުގެ ފުންމިނާއި، ފުޅާމިނާއި ދިގުމިން އަދި ވަށަމިން  ހިމަނައިގެން ނޫނީ ފެންގަނޑާއިބެހޭ ލިޔުމެއް ފުރިހަމަ ނުވާނެކަމަށް ޤަބޫލުކުރެވޭތީ ޓީމެއް ނަގައިގެން މިމަސައްކަތްކުރީ 2012 ފެބުރުއަރީ 26 ވީ އާދީއްތަ ދުވަހުގައެވެ. މިޓީމުގައި އަޅުގަނޑާއެކު ޙަރަކާތްތެރިވީ ސާރޖަންޓް ފަސްޓްކްލާސް ޢަލީ ޒަކީ، ސޖޓ އިބްރާހިމް ރަޝީދު، ލ.ކޯޕްރަލް އުސާމަތު މުމްތާޒް އަދި ޕްރައިވެޓް އަޙުމަދު މުފްލިޙް އެވެ.
ފެންގަނޑުގެ ފުންމިން:
އަޅުގަނޑުމެންގެ ފުރަތަމަ މަސައްކަތަކަށްވީ  ފެންގަނޑުގެ ފުންމިން ބެލުމެވެ. ފުންމިން ބެލުމުގައި އަޅުގަނޑުމެން ގެންގުޅުނީ ކަންވާރާއި ފޫޓް ފީތާއެވެ. ކަންވާރުގެ ކޮޅުގައި ތިމަރަ ބަރި ލުމަށްފަހު ފޫޓްފީތާގެ ކޮޅު އެހިސާބުގައި އައްސަނީއެވެ. އެއަށްފަހު ފީތާއަށް ދޫކޮށްފައި ބަހައްޓާ ކަންވާރު ފައްތަނީއެވެ. ކަންވާރު އަޑީގައި ޖެހުމުން ފީތާއާއި ކަންވާރުގެ ދޫކަން ފިލުވުމަށްފަހު ދެން މިން ބަލަނީއެވެ.
ފުންމިން ބެލުމަށް ފުރަތަމަ ބެލީ ފެންގަނޑުގެ އުތުރުން ދެކުނަށް (ހުރަހަށް) އެކި ހިސާބުގައި ހުރި ފުންމިންތަކެވެ. އެގޮތުން 10 ތަނަކުން ފުންމިން ބެލުނެވެ. ކައިރިފަށުންފެށިގެން 10 ފޫޓަށް ދެވުނު އިރު މަޑުމަޑުން ފުންވަމުންގޮސް 15 ފޫޓް 10 އިންޗިއެވެ.  އޭގެ 10 ފޫޓް ދެކުނުގައި 24 ފޫޓް 6 އިންޗި ހުއްޓެވެ. ފެންގަނޑުގެ މެދަކާއި ހިސާބުގައި 31 ފޫޓް ގެ ފުންމިން 15 ވަރަކަށް ފޫޓްގެ ސަރަޙައްދެއްގައި ހުއްޓެވެ. އެއަށްފަހު ދެކުނަށް ދާއިރު 27 ފޫޓް، 22ފޫޓް 4 އިންޗި އަދި 15 ފޫޓް 11 އިންޗިއަށް ތިލަވަމުން ދިޔައެވެ. އެންމެ ދެކުނަށް  ގޮސް ފެންގަނޑުގެ އައްސޭރި ފަށުގައި ހުރި ރަނޑޫ ގަސްތައް ކައިރީ ހުރި ފުންމިނަކީ 5 ފޫޓް 7 އިންޗިއެވެ.
ފެންގަނޑުގެ ދިގަށް ހުރި ފުންމިންތައް ބެލީ ހުޅަނގު ކޮޅުން އިރުމައްޗަށެވެ. އެގޮތުން އެންމެ ހުޅަނގުން އައްސޭރިފަށާއި ކައިރީގައި 6 ފޫޓް 10 އިންޗި ހުރިއިރު އޭގެ 10 ފޫޓް އިރަށް ދިޔައިރު 12 ފޫޓް 11 އިންޗި ހުއްޓެވެ. އޭގެ 10 ފޫޓް އިރުގައި 27 ފޫޓް 7 އިންޗި ހުއްޓެވެ. އައްސޭރިން ފެށިގެން 25 ފޫޓް އިރަށް ދެވުނު އިރު ހުރި ފުންމިނަކީ 31 ފޫޓެވެ. އަދި ކުރިން ހުރަހަށް ފުންމިން ބެލި ސަރަޙައްދާއި ހަމައަށް ދެވުމުގެ ކުރިން 33 ފޫޓްގެ ފުން މިން ރިކޯޑްކުރެވުނެވެ. މެދު ތެރޭ ސަރަޙައްދުގައި އެވްރެޖްކޮށް 32 ފޫޓްގެ ފުންމިން ހުއްޓެވެ. އިތުރަށް އިރުމަތީ ކޮޅަށް ދިޔައިރު އިރުމަތީ ކޮޅުގެ އައްސޭރިން ފެށިގެން 25 ފޫޓް ހުޅަނގުން ރިކޯރޑްކުރެވުނީ 34 ފޫޓެވެ. އެއަށްފަހު އިރުމައްޗަށް ދިޔަވަރަކަށް ދިޔައީ ތިލަވަމުންނެވެ. އެގޮތުން 25 ފޫޓް 9 އިންޗި އަދި 10 ފޫޓް 11 އިންޗި ހުއްޓެވެ. އަދި އިރުމަތީ ކޮޅަށް ޑިންގީގައި އެންމެ އައްސޭރިއާއި ކައިރިއަށް ދެވޭ ހިސާބުގެ ފުންމިނަކީ 7 ފޫޓް 2 އިންޗިއެވެ.
ހުރަހާއި ދިގަށް ހުރި ފުންމިންތައް ބެލުމަށްފަހު ދެން ބެލީ އެންމެ ފުން ސަރަޙައްދުގެ ތެރޭގައި ހިމެނޭ ފުންމިންތައް އިތުރަށް ބެލުމުގެ މަސައްކަތެވެ. އެގޮތުން ބެލި ބެލުމުން އެވްރެޖްކޮށް މިސަރަޙައްދުން ލިބުނު ފުންމިނަކީ 33 ފޫޓެވެ. މިސަރަޙައްދުން ރިކޯރޑްކުރެވުނު އެންމެ ފުންމިނަކީ 35 ފޫޓް 10 އިންޗިއެވެ. ނަމަވެސް ޔަޤީންކަމާއެކު އެނގޭކަމަކީ ފެންގަނޑުގެ އަސްލު ފުންމިން މިއަށްވުރެ އެތައް ތަނެއް ފުންވާނެކަމެވެ.
ބުނެވޭ ގޮތުގައި ރޯނުބޮނޑިއެއްގެ ކޮޅުގައި ކަޅުހިލަ ދަޔެއްގެ ފޮއި އައްސާފައި ފެންގަނޑަށް ފެއްތުމަށްފަހު ރޯނުގެ ވާންކަން ކެނޑުމުން ދެން ބަލާއިރު ފޮޔެއް ނޯވެއެވެ. ރޯނުގެ ކޮޅު ހުންނަނީ އަނދާފައެވެ. ފެންގަނޑުގެ ފުންމިން ނޭނގެނީ މިސަބަބާއިހުރެ ކަމަށްވެއެވެ.
ފުންމިން ބަލާ ނިމުނުއިރު އަޅުގަނޑުމެން ގެންގުޅުނު ފީތާގެ 33 ފޫޓު ޖަހާފައިވާ ހިސާބުން ފެށިގެން ތިރިއަށް ކުރިން ހުރި ސާފު ހުދުކުލައިގެ ބަދަލުގައި މިހާރުވަނީ ފެންގަނޑުގެ ކުލައަށް ބަދަލުވެފައެވެ.
ފެންގަނޑުގެ ފުޅާމިނާއި ދިގުމިން:
ފެންގަނޑުގެ އެންމެ ފުޅާ ދިމާގައި ހުރީ 164 ފޫޓް 2 އިންޗިއެވެ. ދެކޮޅުން ގޮސް ހިމަވެފައިވާ ހިސާބު ފިޔަވައި ފެންގަނޑުގެ ބޮޑުބައިގައި އެވްރެޖްކޮށް 100 ފޫޓް ހުއްޓެވެ. ފެންގަނޑުގެ ދިގުމިނަކީ 184 ފޫޓް 2 އިންޗިއެވެ.
ފެންގަނޑުގެ ވަށަމިން:
ފެންގަނޑުގެ ވަށަމިނަކީ 3126.64 ފޫޓެވެ. މީޓަރުން ނަމަ 953 މީޓަރެވެ.
ވަށަމިން ބަލަމުން ދިޔައިރު ފާހަގަކުރެވުނު އެއްކަމަކީ ފެންގަނޑު ކުޑަވަމުން ދާކަމެވެ. މިކަންވާގޮތަކީ އައްސޭރިފަށުގައި ހެދިފައިވާ ރަނޑޫގަސްތައް ދަށަށް ވެއްޓޭ ރަނޑުލާއި ރުއްރުކުގެ ފަނާއި ކުނިބުނި ޖަމާވެ މިތަކެތި ރުއްތަކާއި ރަނޑޫ ގަސްތަކުގެ މޫތަކުގެތެރޭގައި ހަރުލެވި ގެތިގެންދިޔުމަށްފަހު އެތަނުން އަނެއްކާ ރަނޑޫގަސްތައް ފަޅާ ހެދެމުންދާ ވިއުގައިގެ ސަބަބުންނެވެ. ފާހަގަކުރެވުނު ދެވަނަ ކަމަކީ ފެންގަނޑުގެ ދެކުނުފަރާތުން ބައެއް ދިމާތަކުން ގާތްގަނޑަކަށް 40 ހަކަށް ފޫޓަށް ބޮޑު ދިޔައިގާ ފެންގަނޑު ފެތުރޭކަމެވެ. މިސަރަޙައްދުގައި ވަނީ ބޮޑެތި ބިޔަ ކިނބިގަސްތަކެވެ. މިފަރާތަކީ ޢާންމުކޮށް މީހުން ވަދެނޫޅޭ ފަރާތެކެވެ.
ކުރިމަގު
މިފެންގަނޑަކީ ގަމުގެ ފަޚުރެއް ކަމުގައި ހިމެނޭ ތަރިކައެކެވެ. ރާއްޖޭގެ އާސާރީ ތަންތަނުގެ ލިސްޓްގައި ހިމަނަންޖެހޭ ތަނެކެވެ. ނަމަވެސް މިތަން ވަނީ އަޅާލާނެ ބެލެނިވެރިޔަކު ނެތިފައެވެ. ފެންގަނޑު ބަލަން އަންނަ ބައެއް މީހުން ކުނިއެޅުމުގެ ސަބަބުންނާއި ފެންގަނޑުތެރަށް ވެއްޓޭ ގަހާއި ފަތާއި ފަނާއި އެކިތަކެތިން ފެންގަނޑުދަނީ މަޑުމަޑުން ތިލަވަމުން، ކުޑަވަމުން ފުރެމުންނެވެ. ރަށުގެ އިރުމަތީ ފަރާތު ތޮށިމަތީގައި އުފެދިފައިވާ އާނުގަނޑު އައިސް ނިމިފައިވަނީ ފެންގަނޑާއި ހަމައަށެވެ. ފެންގަނޑާއި ދިމާ އިރުމަތިފަރާތު ގޮނޑުދޮށުން ވަރަށް ބޮޑަށް ދަނީ ގިރަމުންނެވެ. ފެންގަނޑަށް ޒިޔާރަތްކުރާ ބައެއް ފަރާތްތަކުން ވަށައިގެން ހެދިފައިވާ ގަސްތަކަށް އެކި ގެއްލުންދިނުމުގެ ސަބަބުން ކުދިގަސްތައް ހެދުމުގެ ފުރުޞަތު ވަނީ ހަނިވެފައެވެ.
މިއަތޮޅަކީ ފަތުރުވެރިކަން އައިސްފައިވާ އަތޮޅަކަށްވާތީ އާއި ޒަމާނުއްސުރެ މިރަށަށް ޒިޔާރަތްކުރާ މެހްމާނުން ޒިޔާރަތްކުރާ ތަނަކަށްވާތީ، މިސަރަޙައްދު ސާފުކޮށް ބަލަހައްޓާ، މިސަރަޙައްދަކީ ހިތްފަސޭހަކަމާއެކު މީހުންނަށް މަޑުކޮށްލެވޭ ތަނަކަށް ހެދުމަކީ މުހިއްމުކަމެކެވެ.  އަންނާން އޮތް ޖީލުތަކަށް މިތަން ދައްކަން ބޭނުންނަމަ، މިތަން ހިމާޔަތްކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންފަށަންވީ ވަގުތު ޖެހިއްޖެއެވެ.

No comments:

Post a Comment