އަލްމަރްޙޫމް ޢަބުދުލްޣަފޫރު އާދަމް "ވަލުގޭ ކަޅުބޭ" ލ.ގަމު މަތިމަރަދޫ - Thoha AbuBakur's Blog

Saturday, December 22, 2012

އަލްމަރްޙޫމް ޢަބުދުލްޣަފޫރު އާދަމް "ވަލުގޭ ކަޅުބޭ" ލ.ގަމު މަތިމަރަދޫ


ވަލުގޭ އާއިލާއަކީ މަތިމަރަދޫގެ ތަޢުލީމީ ދަންމަރު އަދުގެ ޖީލާއިހަމައަށް ފޯރުކޮށްދިން އާއިލާކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެގޮތުން އަލްމަރްޙޫމް ޢަބުދުލްޣަފޫރު އާދަމް އަކީވެސް ކުޑަކުދިންނަށް ޤުރުއާންކިޔަވަން ދަސްކޮށްދެއްވި ބޭފުޅެކެވެ. މީގެއިތުރުން ދިވެހިބޭސްވެރިކަންކުރެއްވި ޙަކީމެކެވެ. ކުދިން ޚިޠާނުކުރެއްވި އެދުރެކެވެ. މިސްކިތް ބެލެހެއްޓުމުގެ މަސައްކަތުގެ އިތުރުން ގިނަ ޒަމާންތަކެއް ވަންދެން މަތިމަރަދޫ ބާމިސްކިތާއި މިހާރުގެމިސްކިތުގެ މުދިންކަންވެސް ކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ.


ނަސަބު:
ކަޅުބޭގެ ބައްޕައަކީ ކުޅުދުއްފުށީ ކަތީބުގެ ހިޔަލަގެ ބަރުބޭ ފާތިމަގެ ވަލުގޭ ކަޅުސޮރު (ޢަލީ)ގެ ވަލުގޭ އާދަނެވެ. މިދެންނެވި ބަރުބޭ ފާތިމަގެ ވަލުގޭ ކަޅުސޮރުގެ އިތުރުން ހުރި ދަރިއަކީ ޔޫސުފް (ދޮންބެ)އެވެ. މިދޮންބެގެ ހުސޭނާއި ދޮންބެގެ ކަދީދާގެ އާއިލާ އެބައޮތެވެ. 
ވަލުގޭ ކަޅުސޮރު (ޢަލީ)ގެ ދަރިންނަކީ:
(ހ) ވަލުގޭ އާދަނު،
(ށ)ވަލުގޭ ޔޫސުބް،
(ނ)ވަލުގޭ އިބްރާހިމް،
(ރ)ވަލުގޭ މަރިޔަމް،
(ބ) ވަލުގޭ ސިއްތިޔަ އެވެ.


ކަޅުބޭ އަޅުގަނޑަށް ކިޔައިދެއްވާފައިވާ ގޮތުން ކަޅުބޭގެ މަންމައަކީ ކުރިނބީ ސިއްތިޔަގެ ކުރިނބީ ޔޫސުބްގެ ހިންޏަމެންގޭ މަރިޔަނބެވެ. ޔޫސުބްގެ މައްޗަށް އެނގޭތޯ އެހުމުން ބުނުއްވީ އެއީ ކުރިނބީ މުޙައްމަދުގެ ކުރިނބީ ޔޫސުބުކަމުގައެވެ. ނަމަވެސް ދަރިކޮޅުގެ މިފަދަ މަޢުލޫމާތުތައް ވަރަށް ޔަޤީންކަމާއެކު ދެނެލައްވާ ލ.ގަމު ގުލްފާމުވާދީ އިދުރީސް ޙުސައިން ދީދީ އަޅުގަނޑަށް ކިޔައިދެއްވިގޮތުގައި ކަޅުބޭގެ ކާފައަށް ކިޔަނީ މޫސަބޭއެވެ. ކަޅުބޭގެ ކާފަ މޫސަބެއާއި އިދުރީސްބޭގެ ކާފަ ކުޑަމަނާ (އަޙުމަދު ކަލޭފާނު) އަކީ އެއްބަނޑު ދެބެންނެވެ. ކަޅުބޭގެ މަންމައާއި އެއްބަނޑުއެއްބަފާ ހިންޏަމެންގޭ ކޮރުބެއާއި ހިންޏަމެންގޭ އައްޔަ (ޢަލީ)، ކުޑަމަނާއަށް މުޚާޠަބުކުރަނީ "ބޮޑުބޭބެ" އޭ ކިޔާފައެވެ. ލިބިފައިހުރި މަޢުލޫމާތުތަކުން އަޅުގަނޑަށްވެސް ބޮޑަށް ބުރަވެވެނީ މިގޮތަށެވެ. ވ.ޢ


(ހ) ވަލުގޭ އާދަނު ހިންޏަމެންގޭ މަރިޔަނބާއި ކައިވެނި ކޮށްގެން ލިބުނު ދަރިންނަކީ: 
(
ހ-1) ވަލުގޭ ޢަބުދުލްޣަފޫރު (ވަލުގޭ ކަޅުބޭ) އާއި (ހ-2) ވަލުގޭ ޢުމަރު އެވެ. ވަލުގޭ ޢުމަރު ފުރަތަމަ ކައިވެނިކުރީ ކުޑަމަނާގެ ހުސައިންދީދީގެ ރުޤިއްޔާއާއެވެ. ލިބުނު ދަރިންނަކީ ޙުސައިން ޢުމަރު، ޖަލީލު ޢުމަރު، ހަފީޒާ ޢުމަރު، ޢަބުދުއްރައްޒާޤް ޢުމަރު އަދި ޝިޔާމް ޢުމަރުއެވެ. ހިޖުރައިން 1394 ވަނަ އަހަރު ޞަފަރުމަހު 2 (24 ފެބުރުއަރީ 1974މ) ގައި ރުޤިއްޔާ ޙުސައިން ނިޔާވުމުން ދެން ޢުމަރުބޭ ކައިވެނިކުރެއްވީ، ހުޅުދެލީ އާދަނުގެ ދޮންކަނބުލޯ (ނަފީސާ އާދަމް) އާއެވެ. މިބަނޑުން ޢުމަރުބޭ އަށް ލިބުނު ދަރިންނަކީ ދިރިއުޅެނީ މުކުރިމަގު ސޯސަންވިލާގައެވެ.


(ށ) ވަލުގޭ ޔޫސުބް ފުރަތަމަ ކައިވެނިކުރީ ކަލައިދޫ ޢީސާގެ ދޮން އައިޝާ އާއެވެ. މި ޢީސާގެ ދަރިންކަމަށް މަޢުލޫމާތު ލިބިފައިވަނީ ދޮންއައިޝާ، ހަރީރާ (ހަރީ ދައިތެ) އަދި ކަލައިދޫ މުޙައްމަދު (ލ.ގަމު ބަށިމާގެ) އެވެ. ވަލުގޭ ޔޫސުބްބެއާއި ދޮންއައިޝަގެ ކައިވެނިން ލިބުނު ދަރިންނަކީ، (ށ-1) ވަލުގޭ އައިމިނަ (މީނާގެ އާއިލާ ފޮނަދޫގައި)، (ށ-2) ވަލުގޭ ޢަބުދުﷲ (ލ.ގަމު މަތިމަރަދޫ ގޯނބިލިގެ)، (ށ-3) ވަލުގޭ މަރިޔަނބު (މީނާ މާލެއިން މީހަކާއި އިނދެގެން 1 ކުއްޖަކު ލިބުނުކަން އެނގިފައިވެއެވެ. މިއީ ކާކުކަން އަދި ހޯދިފައިނުވެއެވެ).

ދޮންއައިޝާ ނިޔާވުމުން ވަލުގޭ ޔޫސުބް ކައިވެނިކުރެއްވީ މުންޑޫ މީހަކާއެވެ. 
ލިބުނު ދަރިއަކީ(ށ-3) ޔޫނުސް އެވެ. މި ޔޫނުސްގެ އާއިލާ މިހާރު ދިރިއުޅެނީ ލ.ގަމުގައި މުންޑޫ އަދި 
ކަޅައިދޫ ރައްޔިތުން އާބާދުވެފައިވާ ސަރަޙައްދުގައެވެ.


(
ނ) ވަލުގޭ އިބްރާހިމް ކައިވެނިކުރީ ވަލުގޭ ޔޫސުބްބެ ފުރަތަމަ ކައިވެނިކުރި ދޮންއައިޝާ އާއިވީ ހަރީރާ (ހަރީދައިތެ) އާއެވެ. 
ލިބުނު ދަރިންނަކީ، (ނ-1) އަބޫބަކުރު އިބްރާހިމް (ވަލުގޭ އަބޫކުރު) ފިނިވާގެ، (ނ-2) އައިމިނަތު އިބްރާހިމް (މަންދަގެ)، (ނ-3) ކަޅުހުއްތު (ދާއޫދު އިބްރާހިމް)، (ނ-4) ޢަލީ އިބްރާހިމް އެވެ. މިކުދިންތައް ވަރަށް ޅަފަތުގައި ވަލުގޭ އިބްރާހިމްބެ ނިޔާވުމުން ހަރީރާ ކައިވެނިކުރީ ބަރުބޭ ފާތިމަގެ ދޮންބޭ (ޔޫސުބް)ގެ ޙުސޭނާއެވެ. 


(ރ) ވަލުގޭ މަރިޔަމް ކައިވެނިކުރީ އިސްމާޢީލް ކިޔާ މީހަކާއެވެ. ލިބުނު ދަރިންނަކީ، (ރ-1) ވަލުގޭ އަޙުމަދު (އާއިލާ މާބައިދޫގައި)، (ރ-2) އައިމިނަތު، (ރ-3)ހަރިއްޔާ، (ރ-4) ސިއްތިޔަ އެވެ. 


(ބ) ވަލުގޭ ސިއްތިޔަ ކައިވެނިކުރީ ތުނޑީ އަނގަ ހަސަނައާއެވެ. ލިބުނު ދަރިންނަކީ،
(ބ-1) ވަލުގޭ ޔޫސުބް، (ބ-2) ވަލުގޭ މުޙައްމަދު (ގޯލްޑްހައުސް، ތުނޑި)، (ބ-3)ވަލުގޭ މަރިޔަމް އެވެ. 


ކައިވެނީގެ ޙަޔާތް:
ކަޅުބޭ ކައިވެނީގެ ގޮތުން ގުޅިލެއްވީ ލ.ދަނބިދޫ ހާޖީގެ ދޮންމަނިކުގެ އަލިފުޅުގެ މަރިޔަމްފުޅާއެވެ. މިކައިވެނިން ލިބުނު ދަރިންނަކީ:
(1)   ވަލުގޭ ފަރީދާ: ބޮޑުބޭގެ ސުލޭމާނާއި ކައިވެނިކޮށްގެން ދިރިއުޅެނީ މަތިމަރަދޫ ކުންނާރުމާގޭގައި.
(2)   ވަލުގޭ މުޙައްމަދު: ތުއްދިޔަގެ ދޮންފުތުގެ ދޮންހަސަނުގެ ޔޫނުސްގެ ދޮންއައިޝާގެ ރުޤިއްޔާއާއި ކައިވެނިކޮށްގެން ދިރިއުޅެނީ މަތިމަރަދޫ "ކަނޮޅި" ގޭގައި.
(3)   ވަލުގޭ އިބްރާހިމް: ތުއްދިޔަގެ ދޮންފުތުގެ ދޮންހަސަނުގެ ޔޫނުސްގެ ހުސޭނުގެ ޒަރީނާއާއި ކައިވެނިކޮށްގެން.

(4)   ވަލުގޭ ޔޫސުބް (ޔޫސުފް ޢަބުދުލްޣަފޫރު): ބޮޑު ޒަކަރިއްޔާގެ ސިއްތިޔަގެ އައިމިނަތު އާއި ކައިވެނިކޮށްގެން. (ޔޫސުފް ޢަބުދުލްޣަފޫރު އަކީ 2009 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލިސްގެ ލ.ގަމު ދާއިރާގެ ޢިއްޒަތްތެރި މެމްބަރެވެ.)

އަވަހާރަވުން: 
ޢަބުދުލްޣަފޫރު އާދަމް (ވަލުގޭ ކަޅުބެ) ނިޔާވީ ޢުމުރުފުޅުން 87 އަހަރުގައި ހިޖުރީ ސަނަތުން 1434 ވަނަ އަހަރުގެ ޞަފަރު މަހުގެ 08 (21 ޑިސެމްބަރު 2012) ވީ ހުކުރު ދުވަހުގެ ހެނދުނު 6 ޖެހިއިރު ލ.ގަމު މަތިމަރަދޫ ކުންނާރުމާގޭގައެވެ. މަތިމަރަދޫ މިސްކިތުގައި ހުކުރުނަމާދަށްފަހު ކުރެވުނު ކަށުނަމާދުގައި ރަށުގެ ފިރިހެނުންނާއި އަންހެނުންގެ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވިއެވެ. ވަޅުލެވުނީ މަތިމަރަދޫ ސަހަރާގައެވެ.
މާތްﷲ މިމަރްޙޫމްގެ ފުރާނަޔަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން


މަޢުލޫމާތުގެ މަސްދަރުތައް: 
އަލްމަރްޙޫމް މުޙައްމަދު އިބްރާހިމް ދީދީ(މަންދަގޭ މުޙައްމަދުބެ)، ރޯޒީސައިޑް، ލ.ގަން
އަލްމަރްޙޫމް ޢަބުދުލްޣަފޫރު އާދަމް (ވަލުގޭ ކަޅުބެ)، ވަލުގެ، ލ.ގަން

އަލްފާޟިލް އިދުރީސް ޙުސައިން ދީދީ، ގުލްފާމުވާދީ، ލ.ގަން.

No comments:

Post a Comment