ހައްދުންމަތީގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން "ބުންބެރަ" - Thoha AbuBakur's Blog

Sunday, April 21, 2013

ހައްދުންމަތީގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން "ބުންބެރަ"

ޠާހާ އަބޫބަކުރު
ހައްދުންމަތީ ގަމާއި މާންދޫއާ (ހިއްކައިގެން) ގުޅުވައިލުމުގެ ކުރިން މި ދެ ރަށް ވަކިވެފައި އޮންނަނީ ގަމު މީހުން "ކުޑަދޭތެރެ" އޭ ކިޔާ ތިލަ ފަޅުންނެވެ. ކުޑަ ދޭތެރޭގެ އިރުމަތީކޮޅުން ނާއި ހުޅަނގު ކޮޅުން ހިކި ދިޔައިގައި ނުތެމި މި ދޭތެރެ ހުރަސްކުރެވޭ ވަރަށް ތިލަ ނަމަވެސް، މެދުގައި އޮންނަނީ ރިތް ނުޖެހޭ ވަރުގެ ފުން ވިލެކެވެ. ކުރީ ޒަމާނުގައި ބޭނުންކުރާ 17 ރިޔަނުގެ މަސްދޯނީގެ 6 ގަނޑެތި މި ތާނގައި އަޅައިފައި ބޭއްވޭ ކަމަށް ވެއެވެ.

އޮއިބާރު މި ދޭތެރެއަށް ބޮޑު ދިޔަވަރުގައި ދަށް ފަރާތުން (އިރުމަތީ ފަރާތުން) ދޯނި ފަހަރު ވެއްދުމަށްފަހު، ދަރު، ވަކަރު ކޮށައި، ދޯނި ބަރާކޮށްގެން ދިޔަވަރު ވުމުން ނެރުމަކީ މިތަން ހިއްކައިލުމާ ހަމައަށް މި ތަނުގެ ބޭނުން ހިފެވެމުން ދިޔަ ގޮތެކެވެ. ކުރު ހިންނައިގައި ހުރި "މުންބަރު" ނުވަތަ ހައްދުންމަތީ މީހުންގެ މެދުގައި މަޝްހޫރު "ބުންބެރަ" ދިރާސާކުރުމަށް އެޗް.ސީ.ޕީބެލް (ދުވަސްވީ މީހުން ކިޔާ ގޮތުން ނަމަ، ބެލިސާ (އަޞްލަކީ ބެލް ސާޙަބު)) ވަޑައިގަތީ ދައުލަތުގެ ބޮޑު ނާކޮޅު "ފަތުހުލްމަޖީދު" ގަންބޭރުގައި އެޅުއްވުމަށް ފަހު، އަތޮޅުވެރި ދަނބިދޫ އަލިފުޅު ކޮއިގެ މަސްދޯންޏެއްގައި މި ދޭތެރެއިންނެވެ. ދިޔަވަރު ހިކެން ޖަހައިފައިވުމުގެ ސަބަބުން، ވަކި ހިސާބަކުން ފަޅުވެރި ކުދިންނަށް ޖެހުނީ އޮއިވަރާ ދެކޮޅަށް ދޯނި ކޮށްޕާށެވެ.  1920 ވަނަ އަހަރު މާލޭގައި ބެލް ބައްދަލުކުރެއްވި، މާވަށު އާދަމް ގަދަހަމައިދިކަލޭގެފާނު ދެންނެވި ފަދައިން، ބުންބެރަކީ ގަމުގެ ދެކުނުކޮޅުގައި އޮންނަ ކުރުހިންނަ ތެރޭގައި، މާންދޫއާއި ދިމާއިން ރަށުގެ ދެކުނުކޮޅުން އެއްގަމަށް އަރައިގެން  600 ވަރަކަށް ފޫޓަށް އުތުރަށް ދާއިރު އޮންނަ އާސާރީ ސަރަޙައްދެކެވެ.

މި ތަނުގެ ނަމަކަށް ބެލް ލިޔުއްވާފައި ވަނީ "މުމްބަރު" (Mumbaru)ކަމުގައެވެ. ބެލްގެ މޮނޮގްރާފްގެ 150 ވަނަޞަފްޙާގެ ހަވާސާނޯޓުގައި ލިޔުއްވައިފައިވަނީ "މި ނަމަކީ ޢަރަބި ބަހުގެ "މިމްބަރް" ކަމަށްވެދާނެ އެވެ." އިތުރު ތަފްޞީލެއް ދެއްވައިފައެއް ނުވެއެވެ. ރަދީފުގައި އޮންނަގޮތުން މިމްބަރު ނުވަތަ މިންބަރަކީ މިސްކިތުގައި ޚުޠުބާކިޔާ މީހާ އަރައި ހުންނަން ހަދައިފައި ހުންނަ އެތި ނުވަތަ ތަނެވެ. ދިވެހިބަސްފޮތުގައި ވަނީ "ބުންބަރު: މިސްކިތްދޮށުގައި ނުވަތަ މިސްކިތާ މީހުން އުޅޭ ހިސާބާ ދޭތެރޭ ހުންނަ މިންބަރު. މިއީ ހުކުރަށް ގޮވަން ހަދާފައި ހުންނަ ތަނެކެވެ." ދެން އޮންނަނީ "ބުންބެރު: 1. ބުންބެރު ޖަހައިފައި ފުރެއްދެ ލަވަ ކިއަމުން ކުޅޭ ކުޅިވަރު. 2. ފުރެއްދެ ލަވަކިޔާއިރު ޖަހަން ގެންގުޅޭ ބެރު" ކަމަށެވެ.  ޤައުމީ މަރުކަޒުގެ "ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަން" މި ފޮތުގެ (ސ.80) ގައި މިތަނުގެ ނަމަކަށް އޮތީ "މުންބަރު" އެވެ. މޮނޮގްރާފްގައި ބެލް ސާރވޭކުރެއްވި ހަތްތެލީގެ ނަމަށް ވަރަށް ތަފްޞީލްކޮށް ބައްލަވައިލައްވައިފައި ވާއިރު "މުމްބަރު"އާ މެދު ވަރަށް ފެން ގޮތަކަށް ބައްލަވައިލައްވައިފައި ވަނީ ކީއްވެބާއޭ ސުވާލުއުފެދެއެވެ. ހައްދުންމަތީގެ ދުވަސްވީ މީހުން މި ތަނަށް ކިޔަނީ "ބުންބެރަ" އެވެ. ހަމަ މި ގޮތަށް ކުރިން ދެންނެވި ޤައުމީ މަރުކަޒުގެ ފޮތުގައި ލ. ގާދޫގައި ހުންނަ "ބޮޑު ބުންބަރު" އާއި "ކުޑަ ބުންބަރު"ގެ ގޮތުގައި ފާހަގަކޮށްފައިވާ ދެ ތަނަށް ވެސް ޚާއްޞަކޮށް އެ ރަށު މީހުން ޢާންމުކޮށް ހައްދުންމަތީ މީހުން ކިޔައި އުޅެނީ "ބޮޑުބުންބެރަ" އާއި "ކުޑަ ބުންބެރަ" ކަމަށެވެ. ކޮންމެއަކަސް ކުރިން މި ދެންނެވުނު އެއްވެސް މަސްދަރަކުން ބުންބެރަށް މި ކިޔޭ ނަމުގެ ޙަޤީޤަތެއް ދެނެއެއް ނުގެނެވެއެވެ.

ބެލްގެ މޮނޮގްރާފްގައި ވަނީ މި ތަން ފުރަތަމަ ފެނުމުން ވައްތަރު ވީ، ލަންކާގެ ޕޮލޮންނަރުވަ (POLONNARUWA) ގައި ހުންނަ ހިންދޫންގެ ފައްޅިއެއް ކަމަށްވާ ސިވާ ދެވާލެ ނަންބަރު :2   (SIVADEVALE No.2) އާ ކަމަށް ބަޔާންކުރުމަށް ފަހު، ފަހުން އެކަން ނަފީކޮށްފައިވެ އެވެ. ސަބަބެއް ކަމަށް ލިޔުއްވާފައި ވަނީ ބިންގަނޑު ރަނގަޅަށް ފެންނަ ވަރަށް ވިނަ ނޮޅައި ހެދުމުން ބެލިއިރު ސްޓޫޕާގެ އެންމެ ތިރީގައި ވަށްކޮށް ހަދައިފައިވާ ޕްލެޓްފޯމް ތަފާތުވުން ކަމަށެވެ.

ބުންބެރަ ސަރަޙައްދުގެ ވަށައިގެން ލެވިފައިވާ ފާރުގެ ބޯމިނަކީ  6 ފޫޓް (1 ފެދަމް) އެވެ. އުތުރުންދެކުނަށް 102 ފޫޓް (34 ޔާރޑް)އެވެ. އިރުންހުޅަނގަށް 90 ފޫޓް (30 ޔާރޑް) އެވެ. މިތަނަށްވަންނަންހުރި 2 ދޮރުގެތެރެއިން 1 ދޮރުހުރީދެކުނުފާރުގެއިރުމަތީކަނުގައި 8 ފޫޓްގެ ކެނޑުމެއްވެއެވެ. އުތުރުފާރުގެ މެދަށްވުރެ ކުޑަތަންކޮޅެއް ހުޅަނގުގައި 10 ފޫޓްގެ ކެނޑުމެއްވެއެވެ. (ލަފާކުރެވޭގޮތުން މިއީ މިތަނަށް ވަދެ ނިކުމެހެދުމަށް ބޭނުންކުރި ދޮރާށި ތަކެކެވެ.)

ވީރާނާވެފައިވާ މިތަނުގައި ވަކިވަކިން ހުރި ތިން ޢިމާރާތެއްގެ އަސަރުތައް ފެންނަން ހުއްޓެވެ. އެއްތަނަކީ ޢާންމު ދާގަބާތަކާއި އަޅާކިޔާއިރު ބޮޑުމިނުގެ ގޮތުން ކުޑަ، ވީރާނާވެފައިވާ ދާގަބާއެކެވެ. މިތަނަށް ކުރިމަތިވާގޮތަށް، ހުޅަނގު ފަރާތު އިންފާރާއި ކައިރީގައި، ވަކި ވަކިން ހުރި ދެތަނުގެ ތެރެއިން އެއްތަން ހުރީ އަކައެއްގެ ބައްޓަމަށް ހަތަރުބިތް ހަމަކޮށެވެ. އަނެއް ތަން ދިގުއަކައެއް ސިފަވާގޮތަށް އުތުރު ފާރާއި ދެކުނު ފާރު ތަންކޮޅެއް ދިގުކޮށްލާފައެވެ.

މި ތިން ތަނުންކުރެ އެންމެ ބޮޑަށްހުރީ ދާގަބާއެވެ. މިތަނުގެ އުސްމިނަކީގާތްގަނޑަކަށް 12 ފޫޓެވެ. ދާގަބާގެ އެންމެ ތިރީބަޔަކީ، ބިމުން ފެށިގެން 2 ފޫޓް 6 އިންޗިއަށް އުސްކޮށްފައިވާ ފުޅާމިނުގައި 32 ފޫޓް 6 އިންޗި ހުރި ވަށް ޕްލެޓްފޯމެކެވެ. ޕްލެޓްފޯމުގެ މެދުގައިވާ 18 ފޫޓް ފުޅާ 18 ފޫޓް ދިގު ހަތަރެސްކަން ޢިމާރާތު ގެ ކޮންމެ ބިތަކުން 4 ފޫޓް 6 އިންޗިއަށް ބޭރަށް ނެރެފައިވާ ބައިގެ ފުޅާމިނަކީ 7 ފޫޓެވެ. އެހެންކަމުން މިތަނުގެ މަތީގެ ޖުމްލަ ފުޅާމިނަކީ 27 ފޫޓެވެ. ރަނގަބީލުގެ ބައްޓަމަށް ހުންނަ ގުއްބުގެ ފެށޭހިސާބުގެ ފުޅާމިނުގައި 12 ފޫޓް 6 އިންޗި ހުއްޓެވެ. ދާގަބާގެތެރެއަށް ވަނުމަށް ހެދިފައިވާ ސިޑީ ވަނީ ތިރީގައިވާ ވަށް ޕްލެޓްފޯމާއި ގުޅޭގޮތަށެވެ. ހުޅަނގު ފަރާތުގައިވާ މިސިޑީގެ ފުޅާމިނުގައި 7 ފޫޓް 6 އިންޗި އެވެ. 7 ފޫޓް 2 އިންޗިއަށް ސިޑި ނެރެލާފައިވާއިރު 5 ހަރުފަތްވެއެވެ. މިތަނުގެ އިރުމަތީފަރާތުން ކޮނެގެން މިތަނުގެ ތެރޭގައިހުރި ބައެއްތަކެތި ނަގާފައިވާކަން ބެލް ފާހަގަކުރައްވާފައިވެއެވެ. އަދި އެތަން އިތުރަށް ކޮނެގެން ބެލްވަނީ ހިރިގަލުގެ ފޮށްޓެއް ހޯއްދަވާފައެވެ. "މި ފޮށީގައި ހުރީ، އެކި ކުލަކުލައިގެ ބިއްލޫރީގެ މިނާފުށްތަކަކާއި، ލާލު (Garnet) އަކާއި ރީނދޫ ޔާގޫތު ނުވަތަ ދޮން ނީލަމް (Pale Saphire) އެކެވެ."

ދާގަބާއާއި ވަކިން ހުރި އަނެއް 2 އުސްގަނޑުވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އޭގެތެރެއިން ކުޑަކޮށްހުރި ތަނުގެ ކޮންމެ ފާރެއްގެ ދިގުމިނުގައި 9 ފޫޓް 9 އިންޗި ހުރި ނަމަވެސް 1 ފާރުވަނީ ބިމާ ހަމަވެފައެވެ. ފާރުތަކުގެ އުސްމިނަކަށް ހުރީ، 2 ފޫޓް 6 އިންޗިއެވެ. މިތަނުގެ މަތީގައި ބުދެއް ބަހައްޓާފައިހުރި ކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށް ބެލް ލިޔުއްވާފައިވެއެވެ. މިތަނުގެ 6 ފޫޓް ދެކުނުން ހުރި އަނެއް ވީރާނާވެފައިވާ ތަނުގެ ބޮޑުމިނަކީ، އުތުރުން ދެކުނަށް 16 ފޫޓާއި އިރުން ހުޅަނގަށް 14 ފޫޓެވެ. ބެލް ލަފާކުރައްވާފައިވަނީ މިއީ މިތަނުގެ ހާމުދުރުން ދިރިއުޅުނު ބައިކަމަށް ވެދާނެކަމުގައެވެ.

ގަމުގެ ތާރީޚަށް ލޯބިކުރެއްވި، އަލްމަރްޙޫމް މުޙައްމަދު އިބްރާހިމް ދީދީ ބުންބެރާއިބެހޭގޮތުން ލިޔުއްވާފައިވަނީ، ބުންބެރަ ދޮށުގައި ހުރި ބުދުތަކަކީ ރެދިންގެ ބުދުތައް ކަމާ އެބުދުތައް ފެނުނު ދުވަސްވީމީހުން ކިޔައިދީފާވާގޮތުން، "ކައްކާ ބައެއްގެ މަންޒަރުކަން އެގާތަށް ފެނުނީމާ އެނގޭ" ކަމަށެވެ. މިސާލަކަށް، ހުނިގާނާމީހާ ހުނިގޮނޑިމަތީ ކާށިކިބަ ހިފައިގެން އިންނައިރު ގޮނޑިދަށުގައި ހުނިތަގަރި ދައްކުވައިދޭ ބުދާއި، ހަނޑޫ ދޮންނަން ހުފެޔަށް އަތްލައިގެން ގުދަށް އޮންނަ ގޮތް ސިފަކޮށްދޭ ބުދާއި، ހަވާދުފުނޑާމީހާ ދައިމަތީ ފޮއި ބާއްވައިގެން އިންނައިރު، ކައިރީގައި ފުނޑިހަވާދު އަޅާ ކަންވާރު ބަހައްޓާފައި، ކައްކާ މީހާ ބަތްތެލި ކައިރީ އުދުނު އަލިފާން ޖައްސާން ގުދަށް ހުންނަ މަންޒަރު ސިފަވާފަދަ ގާތަކެއް އެތާ ހުއްޓެވެ."

މީގެ 90 ވަރަކަށް އަހަރު ކުރިން އެޗް.ސީ.ޕީ ބެލް ގަމުގެ ކުރުހިންނަ ސަރޙައްދުގައި ހިމެނޭ އާސާރީ ތަންތަން ސާރވޭކުރެއްވި އިރު ބުންބެރަ ސަރަޙައްދުން އެއްވެސް ބުދެއް ފެނިފައި ނުވާކަން ފާހަގަކުރަންޖެހެއެވެ. އޭރު ވެސް ވަރަށް ބޮޑަށް ވީރާނާވެފައިވާ މި ސަރަޙައްދަށް މިއަދު ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބުންބެރަ ހިމެނޭ ސަރަޙައްދުގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމުގެ ހަރަކާތްތަކެއް ހިންގައިފައިވެއެވެ. މަގުތަކެއް ކޮށާފައިވެއެވެ. އަދި މިހާރު އަނެއްކާ ވެސް މި ސަރަޙައްދުގައި މިވަނީ، ދަނޑުވެރިކަމާ ބެހޭ ޓްރޭނިންގ ސެންޓަރެއް އެޅުމުގެ މަސައްކަތް ފެށިފައެވެ. ކޮންމެ ބޭނުމަކަށް މިތަން ބޭނުންކުރެވެމުން ދިޔަނަމަވެސް، މިސަރަޙައްދުގައިވާ ތާރީޚީ އާސާރީ ތަންތަން ހިމާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަލްމަރްޙޫމް މުޙައްމަދު އިބްރާހިމްދީދީ ލިޔުއްވައިފައިވާ ފަދައިން، މި ސަރަޙައްދުގައި ދިވެހިންގެ ދިރިއުޅުން ދައްކައިދޭ ތާރީޚީ ސަޤާފީ ސަހަރެއް ޤާއިމުކުރެވިދާނެ އެވެ. އަޅުގަނޑުމެންގެ މުއްސަނދި ސަޤާފަތާއި ތާރީޚު އަންނާން އޮތް ޖީލުތަކަށް ދައްކައިލާނެ ރަނގަޅު ފުރުޞަތަކަށް މި ތަން ނުހެދެންވީ އެއްވެސް ސަބަބެއް ނެތެވެ.
------------------------------------
މަސްދަރުތައް:
•  ދަ މޯލްޑިވް އައިލެންޑްސް: އަ މޮނޮގްރާފް އޮން ހިސްޓްރީ، އާކިއޮލޮޖީ އެންޑް އެޕިގްރަފީ (އެޗް.ސީ.ޕީ ބެލް، 1940)
•  2004 ޖުލައި ގައި ޤައުމީ މަރުކަޒުގެ ދިވެހިރާއްޖޭގައިހުރި އާސާރީ ތަންތަން
•  އަލިމަގު (
ލ.ގަމު މަތިމަރަދޫ މުޙައްމަދު އިބްރާހިމް ދީދީ ލިޔުއްވައިފައިވާ ޗާޕުނުކުރާ ފޮތެއް)

No comments:

Post a Comment