އިސްލާމީ މަތިވެރި ސަޚްސިއްޔަތު:
"ޚަލީފާ ޢުމަރު ބިން ޢަބުދުލްޢަޒީޒް"
ލިޔުނީ:
ޠޯހާ އަބޫބަކުރު، ލ.ގަން
9
އޮކްޓޯބަރ 2012މ.
އަމީރުލްމުޢުމިނީން
ޢުމަރު ބިން ޚައްޠާބް އެއްދުވަހަކު މަދީނާގެ މަގުތަކުން ހިންގަވާފައިވަޑައިގަތެވެ.
ރައްޔިތުންގެ ޙާލްއަހްވާލް ބައްލަވާ، ރަށުތެރޭގެ ކަންތައްތައް ބައްލަވާލެއްވުމަށް
މިގޮތަށް ވަޑައިގަތުމަކީ އެކަލޭގެފާނުގެ އާދަފުޅެކެވެ. އެދުވަހުގައި ހިނގިކަންތަކުގެ
ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރުފުޅުން ރޭވިފައިވަނީ ކޮންކަމެއްކަން
ދެނެވަޑައިގެންނުވާ ހާލުކޮޅެއްގައެވެ.
ޢުމަރުގެފާނު
ފާރެއްގެ ކައިރިން ވަޑައިގަންނަވަނިކޮށް މަންމައަކާއި އަންހެންދަރިއެއްގެ
ދެމެދުގައި ދެކެވުނު ވާހަކަތަކެއް އިވިވަޑައިގަތެވެ. އެދެމައިންގެ އާމްދަނީ
ބިނާވެފައިވަނީ ނަޢަމް ސޫފީގެ ކިރު ވިއްކައިގެންނެވެ. އެދުވަހު ފެލުނުކިރު
މަދުވުމުގެ ސަބަބުން އެކިރަށް ފެން އެއްކުރުމަށް މަންމަ ބުނަމުންދަނީއެވެ. ކިރަށް
ފެން އަޅާ ގަޑުބަޑުކޮށްގެން ބާޒާރުގައި ނުވިއްކުމަށް ޢުމަރުގެފާނު
އަންގަވާފައިވާކަން އެއަންހެންކުއްޖާ އޭނާގެ މަންމައަށް ހަނދާންކޮށްދީ
އެކަންކުރުމަށް އިންކާރުކުރަނީއެވެ. ޖަވާބުގައި "މިތާކު ޢުމަރެއް
ނެތެއްނޫންހޭ. ކާކަށްހޭ އެނގޭނީ" މަންމަ ބުނެއެވެ. އެކަމަކުވެސް ޢުމަރުގެފާނު
ބައްލަވަން ނެތްކަމަށްވިޔަސް ﷲ ބައްލަވާވޮޑިގެންވާކަން އެކުއްޖާ އޭނާގެ މަންމައަށް
ހަނދާކޮށްދީ އިންޒާރުކުރަނީއެވެ. "ފެންނަތަނުގައި ﷲ އަށް ކިޔަމަންގަނެފައި
ވަންހަނާގައި ﷲ ނުއުރެދޭނަމެވެ" އެކުއްޖާ ބުންޏެވެ.
ޢުމަރުގެފާނު
މިއަޑު އައްސަވާފައި އެއަންހެންކުއްޖާގެ މަޢުލޫމާތު ހޯއްދެވިއެވެ. އަދި އެކުއްޖާއަކީ
މީހަކާއިނުއިނދެ ހުރި ކުއްޖެއްކަން އެނގުމުން އެކުއްޖާއާއި އެކަލޭގެފާނުގެ
ދަރިކަލަކު ކައިވެނިކުރުވަން ނިންމެވިއެވެ. އަދި އެކަލޭގެފާނުގެ ދަރިންނަށް
އެކުއްޖާގެ މަތިވެރި އަޚްލާޤާއި ޢީމާންތެރިކަން ކިޔައިދެއްވާ އެކަލޭގެފާނު
ބޭނުފުޅުވާގޮތް ހާމަކުރެއްވިއެވެ. އެވަގުތު އެކަލޭގެފާނުގެ ދަރިކަލުން ޢާސިމް ބިން
ޢުމަރު އެކައިވެނި ކުރައްވަން އެއްބަސްވެވަޑައިގަތެވެ. މިދެމަފިރިކަނބަލުންނަށް
ލިބިލެއްވި އަންހެން ދަރިފުޅު ބޮޑުވެގެން ކައިވެނިކުރެއްވީ ޢުމަވީ ޚަލީފާ
މަރްވާންގެ ދަރިކަލުން ޢަބުދުލް ޢަޒީޒް އާއެވެ. މިދެކަނބަލުންނަށް ލިބިލެއްވި
ދަރިކަލަކީ ޢުމަރު ބިން ޢަބުދުލްޢަޒީޒް އެވެ.
ޢުމަރު
ބިން ޢަބުދުލްޢަޒީޒް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 63 ވަނަ
އަހަރުއެވެ. އެކަލޭގެފާނުގެ ބައްޕާފުޅު ޢަބުދުލްޢަޒީޒަކީ މިސްރުގެ ޤަވަރުނަރެވެ.
އިސްލާމީ މާހައުލެއްގައި ބޮޑުކުރެއްވުމުގެ ބޭނުންފުޅުގައި ޢުމަރު ބިން
ޢަބުދުލްޢަޒީޒްގެ ވަރަށް ޅަފަތުގައި މަދީނާއަށް ފޮނުއްވިއެވެ. މަދީނާގައި ކީރިތި
ޤުރުއާން ހިތުދަސްކުރައްވައި، އިސްލާމީ އުއްމަތުގެ މޮޅެތި ދަންނަބޭކަލުންގެ
އަރިހުންނާއި ޞަހާބީންނަށްފަހު އައި ޖީލުގެ ބޭފުޅުން އަރިހުން ޢިލްމާއި އިސްލާމީ
ތަރުބިއްޔަތު ލިބިވަޑައިގަތެވެ.
އެކަލޭގެފާނުގެ
ބައްޕާފުޅު އަވަހާރަވުމުން ޢުމަވީ ޚަލީފާ ޢަބުދުލްމަލިކް ބިން މަރުވާން ޢުމަރު
ބިން ޢަބުދުލްއަޒީޒް ދިމިޝްޤަށް ގެންނަވައި ޚަލީފާގެ ދަރިކަނބަލުން ފާތިމަތު
ބިންތު ޢަބުދުލްމަލިކް އާއި ޢުމަރު ބިން ޢަބުދުލްޢަޒީޒްގެ
ކައިވެނިފުޅުކުރެއްވެވިއެވެ.
ހިޖުރައިން
86 ވަނަ އަހަރު ޚަލީފާ ވަލީދު ބިން ޢަބުދުލްމަލިކުގެ ވެރިކަމުގައި މަދީނާގެ
ގަވަރުނަރުކަމަށް ޢުމަރު ބިން ޢަބުދުލްޢަޒީޒް އިސްކުރެއްވުމާއިގުޅިގެން ހިޖުރައިން
93 ވަނައަހަރާއި ހަމައަށް އެމަޤާމުގައި ދެމިހުންނެވިއެވެ. އެކަލޭގެފާނު
މަޝްހޫރުވެފައިވަނީ ޢަދުލުވެރި ވެރިއެއްގެ ގޮތުގައެވެ. އެކަލޭގެ ފާނާއި ބެހޭގޮތުން
ޒައިދު ބިން އަސްލަމް ވިދާޅުވެފައިވަނީ "ރަސޫލުﷲ (ޞ)އަށް ފަހު
މިޒުވާނާއަށްވުރެ ރަސޫލުﷲ (ޞ)
ނަމާދުފުޅުކުރެއްވިގޮތާއި ވަކިން އެއްގޮތަށް ނަމާދުކުރެއްވި ޢިމާމެއްގެ
ފަހަތުގައި ތިމަންނައަށް ނަމާދު ނުކުރެވެއެވެ. (އަލްބައިޙަޤީ)"
ބުނެވޭގޮތުގައި
ޢުމަރު ބިން ޢަބުދުލްޢަޒީޒް މަދީނާގެ ވެރިކަމުން ދުރުކުރެވުނީ، އެކަލޭގެފާނުގެ
ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއި ހަމަހަމަކަމުގެ ސަބަބުން، އެދުވަސްވަރު
ގޮށްމުށުގެ ބާރުގައި އަނިޔާވެރިކަމާއެކު ވެރިކަން ކުރައްވަމުން ގެންދެވި ޙައްޖާޖް
ބިން ޔޫސުފް ފަދަ ބޭފުޅުންގެ ނޭއްގާނީކަން ހާމަވަމުން ދިޔުމާއިގުޅިގެންނެވެ. ތާރީޚް
ލިޔުންތެރިން ޚަލީފާ ވަލީދު ސިފަކުރަނީ ބާރުގެ ބޭނުން ނުޙައްޤުގޮތުގައި
ހިއްޕަވަމުންގެންދެވި ކުރިންދެންނެވި ފަދަ ބޭފުޅެއްގެގޮތުގައެވެ. ނަމަވެސް ޚަލީފާ ވަލީދުގެ ދައުރަކީ އިސްލާމީ ފުޠޫހާތުގެ
ވަރަށް ކާމިޔާބު ދުވަސްވަރެއްވެސް މެއެވެ. އެގޮތުން ޠޯރިޤް ބިން ޒިޔާދުގެ
ޤިޔާދަތުގެ ދަށުގައި މުސްލިމުން ސްޕޭން ފަޠަހަކުރުމާއި ޒުވާން ޤާއިދު މުޙައްމަދު
ބިން ޤާސިމްގެ ލީޑަރޝިޕްގެ ދަށުގައި
މުސްލިމުން ސިންދު (އިންޑިޔާ) ފަޠަހަކުރުން ޚާއްޞަގޮތެއްގައި
ފާހަގަކުރަންޖެހެއެވެ.
ޚަލީފާ
ވަލީދު އަށް ފަހު ޚަލީފާކަމަށް އިސްވެވަޑައިގަތީ ސުލައިމާން ބިން ޢަބްދުލްމަލިކް
އެވެ. ޚިލާފަތުގެ 3 އަހަރަށްފަހު ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އެދުވަސްވަރު
ވަޒީރުގެ ލަފަޔާއެކު ޚަލީފާ ސުލައިމާން ނިންމެވީ، އެކަލޭގެފާނަށްފަހު އެކަލޭގެފާނުގެ
ދަރިކޮޅުނޫން ބޭފުޅަކަށް ޚަލީފާކަން ދެއްވުމަށެވެ. ޝަރުޠަކީ އެގޮތުން ހަވާލުކުރެވޭ
ބޭފުޅަކަށްފަހު ޚަލީފާ ސުލެއިމާންގެ އާއިލާއަށް އަލުން ޚަލީފާކަން ދެއްވުމެވެ.
އެގޮތުން ޢުމަރު ބިން ޢަބުދުލްޢަޒީޒްއަށް ޚަލީފާކަން ދެއްވުމަށް ނިންމަވައި މިކަން
ވަންހަނާގައި ބާއްވަވާ މިނިންމެވުމަށް އެއާއިލާގެ ނުފޫޒުގަދަ ބޭފުޅުން
އެއްބަސްކުރުވިއެވެ. އެހެންކަމުން ޚަލީފާ ސުލައިމާން އަވަހާރަވުމާއިގުޅިގެން ދެން
ޚަލީފާއެއްކަމުގައި ހުންނަވާނީ ޢުމަރު ބިން
ޢަބުދުލްޢަޒީޒްކަމުގައި އިޢުލާންކުރެވުނެވެ.
މިނިންމެވުން
ވެގެންދިޔައީ އުމަވީންގެ ތެރެއަށް ވަރަށް ސިހުންކުރުވި ނިންމެވުމަކަށެވެ. ނަމަވެސް
މިނިންމެވުމުގެ ސަބަބުން އަމީރުލްމުއުމިނީން އަށް ޢުމަރު ބިން ޢަބުދުލްޢަޒީޒް
ވެވަޑައިގެންނެވުނީއެވެ. އިސްލާމުންގެ 2
ވަނަ ޚަލީފާ ޢުމަރުބިން ޚައްޠާބްއަށް ހުވަފެންފުޅެއްގައި އެކަލޭގެފާނުގެ
ދަރިކޮޅުން އަންނަ މޫނުފުޅުގައި ލަކުނެއް ހުންނަ ބޭކަލަކު ވެރިއަކަށްވެ، އިންސާފުން
ބިން ފުރާލާނެތީ (ޔަޢުނީ: އިންސާފުވެރި ވެރިކަމެއް ކުރައްވާނެކަން) ފެނިވަޑައިގަންނަވާކަމުގައި
އައްތިރިމިޒީ ރިވާކުރައްވައެވެ. މިހުވަފެންފުޅުގެ ތެދުކަން ނިކަން ދެކިބަލާށެވެ.
ތުއްޕުޅުއިރު ސަވާރީއެއްގެ މޮއްގަނޑުން ނިތްކުރިފުޅަށް ލިބިވަޑައިގަތް ޒަޚަމްގެ
ނިޝާންހުރި، އެކަލޭގެފާނުގެ މުނިކާފަ ދަރިކަލުން މުސްލިމުންގެ ޚަލީފާއަށް
ވެވަޑައިގަތީއެވެ. ޢުމަރު ބިން ޢަބުދުލް ޢަޒީޒްގެ ޚިލާފަތުގައި ބިމުގައި ހަމައާއި
އިންސާފް ޤާއިމްކުރެއްވިކަމަކީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. (ނުނިމޭ)
މަޢުލޫމާތުގެ
މަސްދަރު:
http://www.khilafah.com
No comments:
Post a Comment