ލޮލުރޯގާ ވާހަކަ - Thoha AbuBakur's Blog

Saturday, August 29, 2015

ލޮލުރޯގާ ވާހަކަ

ލިޔުނީ: ޠާހާ އަބޫބަކުރު، ލ.ގަން
30 އޯގަސްޓް 2015މ.
Photo Source: (C. W. Rosset, The Graphic Oct. 16, 1886).

އިހުގައި ފެތުރޭ އެކިއެކި ބަލިމަޑުކަން ދިރޭ ސޫރައިގެ ގޮތުގައި ފެންނަ ކަމަށް ތަފާތު ރިވާޔަތްތައް އަޑުއަހަމެވެ. މިވާހަކަ އަކީ އަޅުގަނޑުގެ ކާފަ ކިޔައިދިން ވާހަކައެކެވެ. ކާފައަށް ދިމާވިކަމެއްގެ ވާހަކަ އެކެވެ.
"ދުވަސްވަރަކީ ލޮލުރޯގާ އާންމުވެ ބަލިމަޑުކަން ފެތުރިފައި އޮތް ދުވަސްވަރެކެވެ. މާލެ ދަތުރުވަރެއްގައި ކޮންމެވެސް ރަށެއްގެ ބަނދަރުގައި އޮޑިއަޅައިގެން ތިބީމެވެ. ރަށަށް ފޭބުމުގެ އަމުރެއް ނެތެވެ. ރަށުގެ އެއްވެސް މީހަކަށް އޮޑިފަހަރަށް އެރުމުގެ އަމުރެއްވެސް ނެތެވެ. ލޮލުރޯގާ އާންމުވެފައިވާތީއެވެ. އޮޑިއަޅާފައި އޮންނަނީ ހިކިދިޔައިގާވެސް އިސްކޮޅުނުޖެހޭ ހިސާބު ބޭރުގައެވެ. އަހަރެން އޮތީ ބައްތެލީގެ ފެންފިލާގަނޑު މަތީގައެވެ. ހޭލެވުނީ އެއްގަމުން މީހަކު ގޮވާއަޑަށެވެ. ބަލައިލިއިރު ފެނުނީ ކުޑަކުއްޖެއް އުރައިގެން ހުރެ ބައްތެއްޔާއި ދިމާއަށް މަޑުމަޑުން އަންނަ އަންހެނެކެވެ. ބައްތެއްޔަށް އަރުވައިދޭށޭ ބުނެ އާދޭސްކުރަމުންނެވެ. ކައިރިވަމުން ކައިރިވަމުން އައިސް އޮޑިއަށް އަރަން ދިމާކޮށްލައިފިއެވެ. އެވަގުތު ހުރަސްއެޅުމުގެ ގޮތުން ރިތްދަނޑިއެއް ނަގައިގެން ހޫރާލުމުން ޖެހުނީ އުރުގައި އޮތް ކުޑަކުއްޖާގައިގައެވެ. ޖެހުމާއެކު "މަގޭ ދަރިމަރައިލީތާޔޭ! ކަލެޔާ ކަލޭގެ ވަންހައަށް ވެސް ވައިނޭޅޭނަމޭ، މަމީ ލޮލު ރޯގާއޭ!" ބުނެ ކުއްލިއަކަށް ގެއްލިއްޖެއެވެ. ހޭލެވުނުއިރު ފަތިސްނަމާދުވަގުތު ވެއްޖެއެވެ. ދެންތެދުވެ ފަތިސްނަމާދުކޮށްގެން ނިދީއެވެ. ހެނދުނު ހޭލައިގެން ބެލިއިރު ހުވަފެނުން ފެނުނު އަންހެންމީހާ އޮޑިއަށް އަރަން އައިދިމާ އިންނަފަތްމަތީގައި ލޭހޭކިފައިހުއްޓެވެ. ގެންގުޅުނު ރިތްދަނޑީގައިވެސް ހުއްޓެވެ."


މިވާހަކަ ކާފަ ކިޔައިދިނީ 1990ގެ ކުރީކޮޅުގެ އަހަރެއްގެ ތެރޭގައެވެ. އަޅުގަނޑު އޭރު ކިޔަވަން ހުންނަނީ މާބައިދޫގައެވެ. މާބައިދޫ އަކީ އަޅުގަނޑުގެ މާމަގެ ރަށެވެ. އެދުވަސްވަރު މާބައިދޫގައި އޮތީ ލޮލުރޯގާ ވަރަށް ބޮޑަށް އާންމުވެފައެވެ. އަޅުގަނޑު ހުންނަ "ފިނިހިޔާގޭ"ގެ އެންމެން ކަހަލަ ގޮތަކަށް ތިބީ ބަލިވެފައެވެ. ގިނަ ކުދިންނަށް ސްކޫލަށްވެސް ނުދެވެއެވެ. ކާފަ މާބައިދޫއަށް އައީ މާލެ ދަތުރެއްގައެވެ. މިވާހަކަ ކިޔައިދިނީ އެބަލީގެ އަސަރު ނުފޯރާނެކަން ބުނެދޭންވެގެންނެވެ. ވާހަކަ އަޑުއަހަން ގޭއެންމެން އޮތީ ފެންޑާމައްޗަށް އެއްވެފައެވެ. އެއްކޮޓަރީގައި އުޅުނު އެހެން ކުދިންނަށް އެފަހަރު ލޮލު ރޯގާ ޖެހުނު ކަމަށްވިއަށް އަޅުގަނޑަކަށްވެސް ލޮލުރޯގާއެއް ނުޖެހެއެވެ.  އަދިވެސް ނުޖެހެއެވެ. 

No comments:

Post a Comment