ހައްދުންމަތީ ކަޅައިދޫ އާބާދުވުމާއި ފަޅުވުން (1) - Thoha AbuBakur's Blog

Sunday, November 3, 2013

ހައްދުންމަތީ ކަޅައިދޫ އާބާދުވުމާއި ފަޅުވުން (1)

ހަނދާނާއި ތާރީޚަށްޓަކައި:

ހައްދުންމަތީ ކަޅައިދޫ އާބާދުވުމާއި ފަޅުވުން (1)

ޠާހާ އަބޫބަކުރު
އެމް.އެން.ޑީ.އެފްގެ ބޭނުންތަކަށް ތަރައްޤީކުރުމަށްޓަކައި މިރަށް އެމް.އެން.ޑީ.އެފްއާއި ސަރުކާރުން ޙަވާލުކުރެއްވީ، 21 އޮކްޓޯބަރ 2010ގައެވެ. މިކަމުގެ ލިޔުމުގައި މެދުދެކުނު ޕްރޮވިންސްގެ ޤައުމީ އިދާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އަޙުމަދު މުޖުޠަބާއެވެ. އެމް.އެން.ޑީ.އެފްގެ ފަރާތުން ސޮއިކުރެއްވީ، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާގެ ކައްދޫ ޕޯސްޓްގެ އޮފިސަރ އިންޗާރޖްކަމުގައި ހުންނެވި ކެޕްޓަން މުޙައްމަދު ރިފްޢަތު މޫސާ އެވެ. ރަސްމީކޮށް އެމް.އެން.ޑީ.އެފް ކަޅައިދޫ ޕޯސްޓް ހުޅުވުނީ، 3 ނޮވެމްބަރ 2011މ. ގައެވެ. ހުޅުވައިދެއްވުމުގެ ގޮތުން ކަޅައިދޫ ޕޯސްޓްގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ ޙުސައިން ޢުމަރެވެ. ސިފައިންގެ ދިދަ ނަންގަވައިދެއްވީ ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ. މިހާރު ކަޅައިދޫ ބޭނުންކުރެވެނީ، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާގެ ކޯސްޓްގާރޑް އުޅަނދުފަހަރުގެ ބަނދަރެއްގެގޮތުގައާއި، ޑައިވިންގ ސެލްގެ ބޭނުންތަކަށާއި ކައްދޫ ޓްރޭނިންގ ސެންޓަރުގައި ހިންގޭ ބައެއް ތަމްރީންތަކުގައެވެ.

ރަށް އާބާދުވުން:

އަންޒަމާނުއްސުރެ މީހުން ދިރިއުޅެފައިވާ ޤަދީމީ ރަށްރަށްހުރި، ހައްދުންމަތީގެ ރަށްތަކުގެ ތެރެއިން ކަޅައިދޫއަކީ މާކުރިއަކުން މީހުން ދިރިއުޅެފައިވާ ރަށެއްކަމުގައި ކަނޑައެޅޭނެ ތާރީޚީ ހެތްކެއް ފެންނާކަށެއް ނެތެވެ. އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ އަލި މިދީބަށް ފޯރުމުގެ ކުރީގެ އާސާރެއް ވެސް މިރަށުގައި ހުރިކަމަކަށްނުވެއެވެ. ޤަދީމީ ނަމަކުން ނިސްބަތްވެވޭ ހިސާބެއްވެސް މިރަށަކު ނެތެވެ. ޒަމާނުއްސުރެ ފަޅުރަށެއްގެގޮތުގައި އޮތްނަމަވެސް، މިރަށް އޮންނަ ހިސާބުގެ ގޮތުންނާއި، ރަށުގެ ފަޅަކީ ދެމޫސުމަށްވެސް މަޑު ބަނދަރަކަށްވުމުގެ ސަބަބުން މިއީ އިހު ޒަމާނުގައި ދަތުރުވެރިންނާއި މަސްވެރިން އަރައިފޭބުން އިތުރު ރަށެކެވެ. ރަށުގެ އިރުމަތީފަރާތު ތޮށްޓަކީ ރަނގަޅަށް ހުއިފަތް ހެދުމުގެ ސަބަބުން ބޮލި އާލާވާ ތޮއްޓަކަށްވުމަކީވެސް ރަށުގެ ފައިދާއެކެވެ.

ރަށް އާބާދުވުމާއިބެހޭގޮތުން އަލިކަމެއް ލިބެނީ،މިރަށުގެ ދެކުނުން އުވަދެވިފުށްޓާއި ޖެހިގެން އޮންނަ ބަރެސްދޫ ފަޅުވުމާއިބެހޭގޮތުން ދެކެވޭ ނާޑުކަތާއިންނެވެ. އެވާހަކައިގާ ވާގޮތުން "ބަރެސްދޫގެ އެންމެން ބޮޑުމާލޫދު ހަރުގެއަށް ޖަމާވެފައި ވަނިކޮށް ހަރުގޭގެ ދޮރުން ހާލެއްގެ ސިފައިގައި ހުރި އެއްޗެއް ވަދެގެން އައިސް އެއްވެފައި ތިބި މީހުން ކާންފެށީއެވެ. އެސޮރުގެ އަތްދޮށުން ސަލާމަތްވީ މަދުމީސްކޮޅު އެރަށުގައި ތިބެން ނުކެރިގެން  ރަށް ދޫކޮށް ކަޅައިދުއަށް ދިޔައީ ކަމަށާއި ކަޅައިދޫގައި މީހުން ދިރިއުޅެންފެށީ އޭގެ ފަހުން"ނެވެ. (މުޙައްމަދު އިބްރާހިމް ލުޠުފީ، 1994).

އައްސުލްޠާން އިބްރާހިމް އިސްކަންދަރު 2 ގެ ދުވަސްވަރާއި ހަމައަށް އައިއިރު ކަޅައިދުއަކީ މީހުން ވަޒަންވެރިވެގެން އުޅޭ ރަށެއް ނޫންކަންއެނގެއެވެ. ނަމަވެސް މިދުވަސްވަރުގައި، ކަޅައިދޫއަށް އަރާ ފައިބާމީހުންނާއި ރަށުގައި ތިބޭ މީހުން އިތުރުވަމުންދިޔަކަން އެނގެއެވެ. މިކަން އެނގެނީ މިރަދުންގެ ޒަމާނުގައި ގަމު މިސްކިތަށް ދެއްވާފައިވާ ބޯގަ ފަތްކޮޅަކުންނެވެ. މިފަތްކޮޅުގައިވާގޮތުން، ކަޅައިދުއަކީ އިހުއްސުރެ، ގަމު މިސްކިތުގެ ވަޤުފު ރަށެކެވެ.

"ސުވާސްތީ ސިރީ މަތަމަހާ ސިރީ ރަންނަވަލޯކަ އަބާރުނަ ސިއާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި އައްސުލްޠާން އިބްރާހިމް އިސްކަންދަރު ބަވަނަ މަހާރަދުން ވިދާޅީން. މަގޭ ވޮނަދޮނަ ރާއްޖޭ ހައްދުންމަތީ ޚަޠީބު މަލިން މުދިމުން ގެމިމާން ކުދިބޮޑު ކަމުވެ އުޅޭ އެންމެ އަޅުތަކުނަށް ވިދާޅުފަތެ. ތިބާ އަތޮޅު ގަމު އައްނާއިބު ޙުސައިން އަޅާ ތިމަން ރަދުންގެ މާތް ފާތުރާދަށު ދަންނަވައިގަތްބަހީ، ގަމު ހުކުރު މިސްކިތު ވަޤުފު ކަޅައިދޫއެވެ. ކިޔާ ރައްގަޑު އިހުވިޔަސް މިމިސްކިތަށް ވަޤުފުކޮއްފައި އޮންނަ ރަށެކެވެ. މިހެންވެ ފުރަބަންޑާރާ ކަތީބަކު ނުލައި، އޮންނަ ރައްގަނޑެކެވެ. މިހައިރު ބަންޑާރާ ކަތީބަކު ނުލައްވައި ރަށުމީހުން އެކުވެރިވެ ނުތިބޭނެތެވެ. ފުރަބަންޑާރަ ކަތީބަކު ލައްވައި ދަރުމަކުރައްވައިފައި މިކަޅައިދުއެވެ. ކިޔާ ރައްގަޑު ގަމު މިސްކިތު ރަށެއްކަމު ހަނދާނަށް ފަތްކޮޅެއް ދެއްވައި ދަރުމަކުރައްވާން އެދި ގޮވައިގަތްހިދު މިބަސް އައްސަވައި ޤަބޫލުކުރައްވައިގެން ހުބަހިރިއާ ސުއްދައިން ވިދާޅީން، މަގޭ ވޮނަދޮނަ ރާއްޖޭ ހައްދުންމައްޗަށް ރަސްބަންޑާރަފުށުން ރަސްކަމާ ކެމަށްދާހައި އަޅުނާއި، އެހެނިހެން ކިބަކިބައިން ކަންކަމުދާހައި އަޅުންނާއި، ހައްދުންމަތީ އެންމެ ރަށްރަށު އެންމެ އަޅުތަކުނަށް ވިދާޅުފަތެ. ކަޅައިދޫ ގަމު ހުކުރު މިސްކިތު ރަށެކެވެ. މިރަށަށް އަރާއި، ނެތް އަނިޔާއެއް ނުކުރަނީކޮށު. މިތަންމަގުން ސިރީ ރަންނަވަލޯކަ އަބާރަނަ ސިއާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުންގެ ކައްތިރި މުދިގެއްސުމަށް މިފަތް ލިއުއްވުމުގެ ހުއްދަ ވިދާޅުބަސްފުޅާއިނުކުމެ ބަޑޭރި އިބްރާހިމް އަޅާކީ ހިނދު ޢުމަރު ގަދަހަމާންތި އަޅާލީން." (ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެނިފައިވާ ދުވަސްވީ ލިޔުންތައް، 2010މ).(ނޯޓް: ދިވެސް އަކުރުން އަޞްލުއޮތް މިފަތްކޮޅު ތާނަކުރެއްވީ އަލްފާޟިލް ގަމު އައްނާއިބު ޙަސަން އިބްރާހިމް ދީދީ އެވެ. ތާނަކުރެއްވި ތާރީޚަކަށް ޖައްސަވާފައިވަނީ 14 މެއި 1962މ. އެވެ.)

މިފަތްކޮޅުގައިމިވާ "އައްނާއިބު ޙުސައިން" އަޅާއަކީ، ހައްދުންމަތީ ގަމު އަލްޤާޟީ ޙަސަން ތާޖުއްދީނާ އެއްބަފާ އައްނާއިބު ޙުސައިން އަފީފުއްދީންއެވެ. މިފަތްކޮޅުގެ އަލީގައި އޮޅުމެއްނެތި އެނގޭގޮތުގައި އެދުވަސްވަރު ކަޅައިދޫގައި މީހުންތިބި ނަމަވެސް "ރަސްމީގޮތުން" ކަޅައިދޫއަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ނުހިމެނޭކަމެވެ. ހަމައެއާއެކު އައްނާއިބު އަފީފުއްދީން އެދިވަޑައިގެންނެވި ގޮތަށް އެރަށަށް ކަތީބަކުވެސް ލައްވާފައިވާކަމެއްވެސް މިފަތްކޮޅުން ދޭހައެއް ނުވެއެވެ. އޭގެ ބަދަލުގައި އެރަށަކީ ގަމު މިސްކިތުގެ ވަޤުފު ރަށެއްގެގޮތުގައި ދެމިއޮތުމުގެ އަމުރު މައުރޫފް ނެރުއްވީއެވެ.

ދިވެހި ތާރީޚު ފޮތުގައި ކަޅައިދޫގެ ވާހަކަ ފުރަތަމައަށް އައިސްފައިވަނީވެސް މަތީގައިދެންނެވިފައިވާ،އަލްޤާޟީ ޙަސަން ތާޖުއްދީންގެ ކޮއްކޯފުޅު އައްނާއިބު ޙުސައިން އަފީފުއްދީން ނިޔައުވި ވާހަކަގެނައުމަށްފަހުގައެވެ. ޙުސައިން އަފީފުއްދީންގެ ދަރިވަރުންގެ ތެރޭގައި ކަޅައިދޫ ޝައިޚް ޙަސަން ކަލޭގެފާނު ހިމެނޭކަން ބަޔާންކުރުމުގައެވެ. ޙުސައިން އަފީފުއްދީން ނިޔައުވީ ހިޖުރައިން 1159 ވަނަ އަހަރު ރަބީޢުލްއައްވަލު މަހު 07 ވީ ބުދަ ވިލޭރެއި ފަތިހުގެ ވަގުތެއްގައެވެ. މީލާދީގޮތުން މިތާރީޚަކީ، 30 މާރޗް 1736 އެވެ.

އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީންގެ ރަސްކަމުގައި މާލޭގައި ހިނގި ސިޔާސީ މައްސަލަގަނޑަކާއި ގުޅިގެން ދޮންބަންޑާރައިންނާއި އެއްބަނޑު އެއްބަފާ "ޙުސައިން ދޮށިމޭނާކިލެގެފާނުންގެ ފުތް މުޙައްމަދު މަނިކުފާނު ކަޅައިދޫއަށް ފޮނުއްވައިލެއްވިއެވެ. މީނާ ކަޅައިދުވަށް ފޮނުއްވައިލެއްވި އޮޑިމަތީގައިއެއޮޑި ފުރައިގެންދަނިކޮށް މާލެއިން އެމަނިކުފާނުގޮވައިގެން ދާން ފޮނުއްވި ޢަސްކަރަކާއި ދެކޮޅުވެގެން އެމީހާ ބަންނަވައިފިޔެވެ. އަދި އެއޮޑިޔާއިގެން ރާއްޖޭން ނިކުމެގެންދާންވެސް ދިމާކުރެއްވިޔޭ..އެކަމަކު އެކަންތައް އެހެނަކުން ނުވެވުނޭ..ދެން ފަހެ އެމީހާޔާއި ޞުލްޙަވެ..އެމީހާ މޮހައިލެއްވިޔޭ..ދެން އެޔަށްފަހު އެއޮޑިޔައިގެން ގޮސް ހައްދުންމަތީ ކަޅައިދުވަށް އޭނާ ބާލައިފައި މާލެއިން އޭނާ ގެންގޮސްލާން ފޮނުއްވިމީހާ މާލެ އައިސް އެކަންތައް ވީގޮތުގެ ވާހަކަ ދެންނެވީމާއި އަނެއްކާ ޢަސްކަރުންކުރެން ގަދަފަދަ ތިން މީހުން މާލެއިން ފޮނުއްވަވައި އެ މުޙައްމަދު މަނިކުފާނު ވަރަށް ތަޅައިފައި ކަޅައިދޫގައި ބެހެއްޓެވިޔޭ..ދެން މިޔަށްފަހު އަހަރެއްހައި ދުވަހުން މިމުޙައްމަދު މަނިކުފާނު މާލެ ގެންނެވީއެވެ." (ދިވެހި ތާރީޚް، 1993). މިކަންހިނގި ދުވަސްވަރަކީ ޣިޔާޘުއްދީން ރަދުންގެ ރަސްކަމުން 3 ވަނަ އަހަރާއި 6 ވަނަ އަހަރާއި ދެމެދުގައިކަމުގައި ފެނެއެވެ. ޣިޔާޘުއްދީން ރަދުން ރަސްކަން ފެށުނީ، 2 ރަމަޟާން 1180ހ. ގައި ދޮންބަންޑާރައިން ފަސްދާނަށް ވަޑައިގަތުމުންނެވެ. މީލާދީގޮތުން މިއީ 1 ފެބުރުއަރީ 1767 އެވެ. ލަފާކުރެވޭގޮތުގައި މުޙައްމަދު މަނިކުފާނު ކަޅައިދޫއަށް ފޮނުއްވައިލެއްވިފައިވާނީ 1769މ. އިން 1771މ. އާއި ދެމެދުގައެވެ. މިދުވަސްވަރު ކަޅައިދޫގައި މީހުން އުޅުނުކަމާއިމެދު އެއްވެސް އޮޅުމެއްނެތެއްނޫންތޯއެވެ. އެހެނީ، ކަޅައިދޫއަކީ ފަޅުރަށެއްނަމަ މުޙައްމަދު މަނިކުފާނުފަދަ ބޮޑަކު އެރަށަށް ފޮނުއްވައި ނުލައްވާނެތީއެވެ. އަދިހަމައެއާއެކު، އަންދުވަހު އާދައިގެމަތިން ފޮނުވައިލެވެނީ ނުވަތަ އަރުވައިލެވެނީ މީހުން ދިރިއުޅޭ ރަށްރަށަށް ކަމަށްވެފައި އޮތުމެވެ.

ތާރީޚުން ދެން ފެންނަނީ، ޣިޔާޘުއްދީން ރަދުން 7 އަހަރު ރަސްކަންކުރެއްވުމަށްފަހު ޙައްޖަށްވަޑައިގަތުމާއިގުޅިގެން އެހިނގައިދިޔަ ކަންކަން ހިނގައިދިޔުމަށްފަހު ކުރިން މިދެންނެވި، ކަޅައިދޫއަށް ފޮނުއްވައިލެއްވުނު މުޙައްމަދު މަނިކުފާނު ރަސްކަމަށް އިސްވެވަޑައިގެންނެވިތަނެވެ. އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު މިނަންފުޅުގައެވެ. މިރަސްކަމުގައި"ކަޅައިދޫ ޙަސަން ނާއިބުތަކުރުފާނުންގެ ފުތް މޫސާތަކުރުފާނަށް މާފަތްކަންދެއްވެވިއެވެ." (ދިވެހިތާރީޚް، 1993) މިޙަސަން ނާއިބުތަކުރުފާނުންނަކީ އިސްވެދެންނެވުނު ކަޅައިދޫ ޝައިޚު ޙަސަން ކަލޭގެފާނެވެ. މުޙައްމަދު މަނިކުފާނު ކަޅައިދޫގައި ހުންނެވިއިރު އެންމެ ބޮޑަށް އެހީތެރިވެދެއްވާފައިވާނެ ފަރާތަކަށްވުންވެސް އެންމެ ގާތީ ހަމަ މިކަލޭގެފާނުގެ އާއިލާއިން ކަމަށް ވުމަކީ އެންމެ ގާތްގޮތެވެ. އަޅުގަނޑުދެކޭގޮތުގައި، ކަޅައިދުއަކީ މީހުންދިރިއުޅޭ ރަށެއްގެގޮތުގައި "ރަސްމީގޮތުން" ހިމެނިގެންދިޔައީ، ޢިލްމުވެރި ޙަސަންކަލޭފާނާއި، ރަސްކަމުގެ ދަރުބާރުގައި ބަސްވިކޭ، ވަޒީރެއްގެގޮތުގައި މޫސާތަކުރުފާނު ހިމެނިގެންދިޔަ މިދުވަސްވަރުގައެވެ.

އައްސުލްޠާނު ޙަސަން ނޫރައްދީންގެ ރަސްކަމުގައި، "ކަޅައިދޫ ޙަސަން ނާއިބު ތަކުރުފާނުންގެ ފުތް މޫސާ ހަކުރާތަކުރުފާނަށް ދޮށިމޭނާކަން ދެއްވިއެވެ. މިޔަށްފަހު ފަސްވަނައަށްވީ ދުވަހު މީނާގެ އަތުހުރި މުދާ ފޭރިފައި ހައްދުންމަތީ ފޮނަދޫއަށް ފޮނުވާލެއްވުނެވެ. ދެން ދެއަހަރެއްހައި ދުވަސްވުމަށްފަހު އޭނާގެ ބައްޕާގެ ރަށަށް ކަޅައިދުވަށް ދިޔައުމުގެ އަމުރުފުޅު ލިބިގެންދިޔައެވެ." (ދިވެހިތާރީޚް، 1981) މިރަދުން ރަސްކަމުގައި އިންނެވީ، 2 ރަމަޟާން 1193ހ. އިން 17 ޝަޢުބާން 1213ހ. އަށެވެ. މީލާދީ ގޮތުން މިދުވަސްވަރަކީ، 1779 ވަނައަހަރުގެ ސެޕްޓެމްބަރ އިން 1799 ގެ ޖެނުއަރީ 24ގެ ނިޔަލަށެވެ. މިރަދުންގެ ދުވަސްވަރު ފަޅުވެފައިވާ ރަށްރަށްކަމުގައި ދިވެހި ތާރީޚް (1993) ބަޔާންކުރަނީ 7 ރަށެކެވެ. މިރަށްތަކުގެތެރޭގައި ހައްދުންމަތީގެ އެއްވެސް ރަށެއް ނުހިމެނެއެވެ.

ޙަސަން ނޫރައްދީން ޖިއްދާގައި އަވަހާރަވުމާއިގުޅިގެން މާލޭގައި ހިނގި ފިތުނަވެރިކަމުގެތެރޭގައި، ކުރިން "ވަޒީރުކަމުން ދުރުކުރެއްވި މޫސާ ދޮށިމޭނާތަކުރުފާނު ކަޅައިދުވަށް ފޮނުވާލެއްވިޔެވެ." މިކަންހިނގާފައިވަނީ، ޙަސަން ނޫރައްދީން ރަދުންގެ އަރިހުގައި ޙައްޖަށްދިޔަމީހުންގެތެރެއިން އެނބުރި އާދެވުނުމީހުން ހިޖުރައިން 1214 ވަނަ އަހަރު ރަޖަބްމަހު 15 ވީ ބުރާސްފަތި ދުވަހު މާލެއައުމަށްފަހުގައެވެ. މީލާދީގޮތުން މިއީ 13 ސެޕްޓެމްބަރ 1799މ. އެވެ.  މޫސާ ދޮށިމޭނާ ތަކުރުފާނު ނިޔައުވީ މިފަހަރު ކަޅައިދުވަށް ފޮނުވާލެވިފައިހުންނަވަނިކޮށެވެ. ދާދިފަހަކާއިޖެހޭންދެންވެސް މިދޮށިމޭނާ ތަކުރުފާނުގެ ޒިޔާރަތަށް ނަދުރު ބުނެގެން ޞަދަޤާތްދިނުމަށް އެކިރަށްރަށުގެ މީހުން ކަޅައިދުވަށް ގޮސް އުޅުނެވެ. ކަޅައިދޫ ބާމިސްކިތުގެ ދެކުނުފަރާތުގައި ދޮށިމޭނާތަކުރުފާނުގެ ބިސްތާނަ މިހާރުވެސް (2013މ) އެބަހުއްޓެވެ. މިބިސްތާނައިގާ ދެންހުރި ގަލަކީ ލަފާކުރެވޭގޮތުގައި ޙަސަން ކަލޭފާނުގެ މަހާނަގަލެވެ. މިދެގަލުންކުރެ އެއްގަލުގެ މެދެއްހާތަނުންހުރީ ބިންދާލާފައެވެ.

ޒަމާނުއްސުރެ ދޫދޫމަތިން ކިޔެމުން އަންނަ ނާޑުކަތާއާއި، އައްސުލްޠާން އިބްރާހިމް އިސްކަންދަރު-2 ގެ ފަތްކޮޅަށާއި، ތާރީޚުފޮތްފޮތުގައި ހުރި މިރަށާއިގުޅޭ ވާހަކަތަކަށް  ސރިޢާޔަތްކުރާއިރު، ކަޅައިދޫގެ ފުރަތަމަ ވަޒަންވެރީންނަކީ ރަށް ބަލަހައްޓަންތިބި މީހުންނާއި، ބަރެސްދޫ އިން ދިޔަ މީހުންނާއި، އެކި ގޮތްގޮތުން ރަށަށްއައިސް އިޖުތިމާއީ ގުޅުންތައް ހިނގައި ރަށުގައި ވަޒަންވެރިވީމީހުން ކަމުގައިވުން އެކަށީގެންވެއެވެ. ރަށް ބަލަހައްޓަންތިބި މީހުންނަކީ ގަމުން އައިސްތިބި މީހުންނެވެ. ގަމުގެ ދަރިކޮޅުތައް ކަޅައިދޫގެ އެންމެ ފުރަތަމަ ކަޅައިދޫގެ މުދިމެއްކަމުގައި ހަމަޖެއްސެވި ކަޅައިދޫ ދޮންދީދީ އަކީވެސް ގަމަށް ނިސްބަތްވާމީހެކެވެ. މީނާގެ އަޞްލުނަމަކީ ޔޫސުފް އަޙުމަދު ދީދީއެވެ. މީނާއަކީ، ގަމު ނެވިއަލިބޭގެ ދޮން އިނބުރޭމު (އިބްރާހިމް) ތަކުރުފާނުގެ އަލިމަނިކުފާނުގެ އަޙުމަދު ދީދީގެ ދޮންދީދީ (ޔޫސުފް) އެވެ.

ފުރަތަމަ ފަހަރަށް ފަޅުވުން:

ރަށުގެދުވަސްވީމީހުންގެ ހަނދާނުންކިޔައިދޭ ވާހަކަތަކުން އެނގޭގޮތުގައި ފުރަތަމަފަހަރަށް ކަޅައިދޫ ފަޅުވީ، މިރަށުގެ ރައްޔިތުން  މިއަތޮޅު ބަރެސްދޫއަށް ބަދަލުކުރެއްވުމާއިގުޅިގެންނެވެ. މިކަން ހިނގީ އައްސުލްޠާން އިބްރާހިމް ނޫރައްދީންގެ (1882މ އިން 1886މ އަށް)  ރަސްކަމުގައި 1882މ ހިސާބުގައެވެ. އޭރު ކަޅައިދޫގައި މީހުންދިރިއުޅުނީ 08 ގޭގައެވެ. ބަރެސްދޫގައި ކަޅައިދޫ ރައްޔިތުން ދިރިއުޅުނު މުއްދަތެއް އެނގޭކަށްނެތެވެ. ބަރެސްދޫގައި ދިރިއުޅެން ދަތިވެގެން ކަޅައިދޫ ރައްޔިތުން އެނބުރި ކަޅައިދޫއަށް ބަދަލުވީއެވެ. (އަޙުމަދު ނަޢީމް، 2013).

އައްސުލްޠާން އިބްރާހިމް ނޫރައްދީންގެ ރަސްކަމުން ދެވަނަ އަހަރުގައި ފަނޑިޔާރުންނާއި އަމީރުންނާއި ވަޒީރުން ރަސްކަމުގެ ދަރުބާރަށް ގެންނަވައި އަމުރުކުރެއްވީ، ރަށްރަށުގެ އާބާދީ އުނި އިތުރުވެފައިވުމުގެ ސަބަބުން ކުރީގެ ރަސްރަސްކަލުން ދެއްވާފައިވާ ފަތްކޮޅުތަކުގައި ހުރިމަގުން ވާރުދުރޯ ދިނުމަށް ރައްޔިތުންނަށް ނުކުޅަދާނަވެއްޖެކަމަށް ފެނިވަޑައިގަންނަވާތީ ބޯހިމަނުއްވައި ވާރުހަމަޖެއްސުމަށެވެ. މިއަމުރުފުޅާއި ގުޅިގެން ބޯހިމެނިއިރު ކަޅައިދޫހިމަނާފައިވަނީ މީހުން ވަޒަންވެރިވެ އުޅޭ ވަޤުފުރަށެއްގެގޮތުގައެވެ. ކަޅައިދޫން ނެގުމަށް ހަމަޖައްސާފައިވާ ވަރުވާއަކީ، 28 ކޯއްޓޭ ބޮއްޔާއި 140 ރުފިޔާއެވެ. މިބޯހިމެނުމުގައި ބަރެސްދޫ ހިމެނެނީ މީހުން ވަޒަންވެރިވެ ނޫޅޭ ވަޤުފު ރަށެއްގެގޮތުގައެވެ. (ބެލް، 1940މ: ޞ.102). މިމަޢުލޫމާތުގެ އަލީގައި ދަންނަވަންޖެހެނީ ދުވަސްވީމީހުން ކިޔައިދޭ ގޮތް ޞައްޙަކަމުގައެވެ.

ރަށުގެ އާބާދީ އިތުރުވަމުން ގޮސްފައިވަނީ ލަސްލަހުންނެވެ. އާބާދީ އިތުރުވަމުންގޮސް، އައްސުލްޠާން މުހައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި،1911 ވަނަ އަހަރު ބޯހިމެނިއިރު ރަށުގެ އާބާދީއަކީ 95 މީހުންނެވެ. އެއީ 49 ފިރިހެނުންނާއި 46 އަންހެނުންނެވެ.  މީހުން އުޅޭ 23 ގެހުއްޓެވެ. އޭގެ 10 އަހަރުފަހުން 1921މ. ގައި ބޯހިމެނިއިރު އާބާދީއަކީ 106 އެވެ. އެއީ 56 ފިރިހެނުންނާއި 50 އަންހެނުންނެވެ. ރަށުގައިހުރީ މީހުން އުޅޭ 27 ގެއެވެ. (މިނިސްޓްރީ އޮފް ޕްލޭނިންގ، 1921މ).
(ނުނިމޭ) 
މި ބައިގެ ޙަވަލާ: 
1.    ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 2010މ: ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެނުނު ދުވަސްވީލިޔެކިޔުން. މާލެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
2.    އެޗް.ސީ.ޕީ ބެލް، 1940މ: ދަ މޯލްޑިވް އައިލެންޑްސް، މޮނޮގްރާފް އޮން ދަ ހިސްޓްރީ އާކިއޮލޮޖީ އެންޑް އެޕިގްރަފީ. ސިލޯން ގަވަރމަންޓް ޕްރެސް، ކޮލޮމްބޯ. (1985މ ގައި ދިވެހިބަހާއިތާރީޚަށްޚިދުމަތްކުރާޤައުމީމަރުކަޒުން އަލުން ޗާޕުކުރައްވާފައި.)
3.    އިދުރީސް ޙުސައިން ލ.ގަން، 2010މ: ބަސްދީގަތުން.
4.    ޢަބުދުލްޙަމީދު ރުޝްދީ ލ.ކަޅައިދޫ، 2013މ: ބަސްދީގަތުން.
5.    މޭޖަރ (ރޓ) އަޙުމަދު ނަޢީމް، 2013މ: ބަސްދީގަތުން.
6.    މުޙައްމަދު އިބްރާހިމް ލުޠުފީ، 1994މ: އަވަސްކަޅިއަކުން ހައްދުންމަތި. ފަތްތޫރަ 180.
7.    ދިވެހިބަހާއިތާރީޚަށްޚިދުމަތްކުރާޤައުމީމަރުކަޒު، 1981މ: ދިވެހި ތާރީޚް. މާލެ: ދިވެހިބަހާއިތާރީޚަށްޚިދުމަތްކުރާޤައުމީމަރުކަޒު.

No comments:

Post a Comment