Thoha AbuBakur's Blog

Sunday, May 31, 2020

ހައްދުންމަތީގެ އިހު ވާހަކަ : ކައްދޫ ޙަސަނުގެ ހާ ބަނުން

12:29 AM 0
ހައްދުންމަތީގެ އިހު ވާހަކަ : ކައްދޫ ޙަސަނުގެ ހާ ބަނުން


ނޯޓު: މިސިލްސިލާގައި ލިޔާހުށީ ހައްދުންމަތީގައި އިހުގައި ހިނގާފައިހުރި ހާދިސާތަކުގެ ވާހަކަތަކެވެ.

މިވާހަކަތައް ކިޔައިދޭމީހާ މަސައްކަތްކުރި އޮފީހެއްގެ ގޮވަތިތެރޭގައި ހުއްޓާ އެއްދުވަހަކު ކަޅައިދޫ ރާ ޢަބުދުﷲ ބޭގެ ދަރިއެއް އައިސް ބުނެފޫއެވެ. އިހުގެ ވާހަކަތައް ހޯދައި ލިޔެ ހަދާއިރު، ކައްދޫ ހަސަނު ހާ ބަންހެނޭ ކިޔައިއުޅޭ ވާހަކައެއް އަހަމުހެއްޔެވެ؟ އަޅުގަނޑު ބުނެފީމެވެ. ނާހަމެވެ.

އޭނާ: އަހާށޭ ކައްދޫ ޙަސަނަކީ ތިމަންނާގެ މުނިކާފަޔާވީ މީހެކެވެ. އަހާފައިވާ ގޮތުގައި ކައްދޫ ޙަސަނު ހާލެއް ހިފައިފައި ރޯނު ފޯއްޔަކުން ބަންނަން ފަށައިފިއެވެ. ހާބަނދެ ނިމުނީ ރޯނުފޯލި ހުސްވީއިރުއެވެ. އެވަރަށް ބަނދެލާފައި ބެހެއްޓި ހައު ކުޑަ އިރުކޮޅަކުން ދޫވެއްޖެއެވެ. މިހާދިސާގެ ފަހުން، މީހަކު އެއްޗެއް އެއްސުމަށް ނޫނީ ބަނުމަށް ނޭކަށޭނަ މިންވަރަށް ތަކެތި ބޭނުން ކޮށްގެން އެއްސުމުގައި ހަރުދަނާކަމެއް ނެތްނަމަ، މަލާމާތުގެ ގޮތުން ބުނެއުޅޭކަމުގައިވިޔެވެ. ތިޔަ އެއްސީ ކައްދޫ ހަސަނު ހާބަންހެންނެވެ.

މިކައްދޫ ޙަސަނާވީ މީހުނަށް ތިބީ ކައްދޫ ޢަބުދުއްރަޙްމާނާއި ކައްދޫ މޫސާއެވެ. ކަޅައިދޫ ރާ ޢަބުދު ﷲ އަކީ ކައްދޫ ޢަބުދުއްރަޙްމާންގެ ކަދީދާގެ ބަނޑުން ރާގޭ ހުސޭނަށް ލިބުނު ޢަބުދު ﷲ ހުސައިނެވެ. ރާ އަބްދުﷲ އުފަންވީ 2 ޖޫން 1931މ ގައެވެ. ނިޔާވީކަމަށް ބެލެވެނީ 2004މ ގައެވެ. މިއާއިލާއަކީ ކައްދޫ ފަޅުވުމުގެކުރީން ކައްދޫގައި ދިރިއުޅުނު ބައެއް ކަމަށް ބައެއްމީހުން ހީކުރެތެވެ. އެހެނެއް ނޫނެވެ. މިއާއިލާއަކީ ކައްދޫ ބެލެހެއްޓުމަށް ކައްދޫގައި އުޅުނު އާއިލާއެކެވެ. ވަރުވާއަށް ލިޔެގެން ކަމެއް ނުވަތަ ވަރުވާއަށް ލިޔެގެން އުޅޭ ބައެއްގެ އަތުން ހޯދައިގެން ކަމެއްް އެނގޭކަށް ނެތެވެ. އެގޮތަށް ރަށް ބަލަހައްޓަން ތިބޭއިރު އެރަށެއްގައި ތިބެނީ ދަނޑިފަނުން ގެއަޅައިގެންނެވެ. މަޤްޞަދަކީ ރަށުން ރުކުއެޅުމާ ދަރުހޮވުމާ ދަނޑުވެރިކަންކުރުން ފަދަ މަސައްކަތްކޮށްގެން ނަފާނެރުމެވެ.

މިހާރު ހައްދުންމަތީގައި އެއަރޕޯރޓެއް ހަދާފައިވާ ކައްދޫގައި މީހުން ދިރި އުޅުނު ދުވަސްވަރަކީ މާކުރީ ޒަމާނެކެވެ. ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި އިރު، އުތީމު ތަކުރުފާނުން މިރަށަށް ވަޑައިގަންނަވާ މިރަށް ފަޠަހަކުރެއްވިއެވެ. ފެންނާންހުރި ތާރީޚީ ހެކިތަކަށް ބަލާއިރު ކައްދޫ ފަޅުވެފައިވާ ކަމަށް ބެލެވެނީ ހިޖުރައިން 10 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ.


Sunday, February 2, 2020

މާބުލް އިއްސެ – މަޝްހޫރު ނުވިޔަސް ބަޠަލެއް!

11:23 PM 0
މާބުލް އިއްސެ – މަޝްހޫރު ނުވިޔަސް ބަޠަލެއް!

ރައީސް ވަޑައިގަންނަވާތީ ވެރީން އަންގަވާފައި އޮތީ އެހެންޏާ މަސައްކަތުގެ ފޯރި ނަގާ ވަރަށްވުރެވެސް ފޯރިގަދަކޮށްގެން މަސައްކަތްކުރުމަށެވެ. ހައްދުންމަތީގައި ވައިގެ ބަނދަރު ހަދަމުންދިޔަ ކައްދޫއަށް ރައީސުލްޖުމްހޫރިއްޔާ (ރައީސް އަލްއުސްތާޛް މަޢުމޫން ޢަބްދުލް ޤައްޔޫމް) ވަޑައިގަތީ ކަނޑުމަގުންނެވެ. ރަންވޭ ހެދުމަށްޓަކައި ގައު ލަފާ މީހުން ގައު ލަފަނީއެވެ. ގައު ގޮޅިޖަހާ މީހުން ގައު ގޮޅި ޖަހަނީއެވެ. ގައުތަޅާ މީހުން ގައު ތަޅަނީއެވެ. މާކަ ގިނަ މެޝިނަރީތަކެެއް އަމުދުން ނެތެވެ. މައިގަނޑު ގޮތެއްގައި ހުރިހައިކަމެއްހެން ކުރަމުން ދިޔައީ އިންސާނުންގެ ދެއަތުންނެވެ. ރާއްްޖޭގެތެރޭގައި ހުޅުލެ ފިޔަވައި އެހެން ރަށެއްގައި ދިވެހީން ހަދާ ފުރަތަމަ އެއަރޕޯރޓް އަޅަމުންދަނީ ހައްދުންމަތީގައި ކަމަށްވާތީ މިމަސައްކަތުގައި އެންމެންވެސް ބައިވެރިވީ އާދަޔާ ޚިލާފު ރޫޙެއްގައެވެ. މަސައްކަތުގައި އެންމެން ހޭބޯނާރައި އުޅެނިކޮށް މަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވާލެއްވުމަށްޓަކައި ރަށުތެރެއަށް ރައީސް ވަޑައިގަންނަވައިފިއެވެ. 


ރައީސް ޝައުޤުވެރިވެވަޑައިގެން މަޑުކުރެއްވި އެއްތަނަކުން ފެނިވަޑައިގަތީ ގައު ތަޅަން އިން ކުޑަކުޑަ ކުއްޖެކެވެ. ސިފަ ވަކި ނުވާ ވަރަށް ތަތްތެޅިފައިވަނީ ގައު ކުނޑިންނެވެ. ގައުކުނޑިން ފެންވަރައިގެންް ހުރި ކަހަލައެވެ. އެވަރުގެ ކުޑަކުއްޖަކު ލައްވައި އެހައި ބުރަ މަސައްކަތް ކުރުވާތީ ރައީސް ހިތްޕުޅާ ނުކުރައްވައި މިއީ މައިންބަފައިން ނެތް ކުއްޖެއް ކަމަށްވެސް ވެދާނެތީ، މަންމަ އާއި ބައްޕަ ކޮބައިތޯ އައްސަވައިފިއެވެ. ކުޑަކުޑަ އިސްމާޢީލް ޢަބުދު ﷲ އަށް އެއްވެސް ވާހަކައެއް ދަންނަވަން ނުކެރި ހިނިތުންވެލަންވެސް ނޭނގިފައި ހުރެވުނީއެވެ. ރައީސަށް ޖަވާބު އެރުވީ ކައިރު ތުއްތު މަނިކާއި ކުނޑި ސަލީމެވެ.

މިދެންނެވީ ކައްދޫ އެއަރޕޯރޓް ހެދުމުގެ މަސަައްކަތުންފެށިގެން ކައްދޫގައި ވަޒީފާ އަދާކުރަމުންދާ ލ.ފޮނަދޫ މާބުލް އިސްމާޢީލް ޢަބުދު ﷲ ގެ ވާހަކައެވެ. އުމުރުން ޅަވެފައި އިސްކޮޅުން ކުރަކަސް އޭނާގެ ސާބިތުކަމަކަށް ބަދަލެއް ނާދެއެވެ. މަސައްކަތްކުރަމުންދިޔައި ޝައުޤުވެރިކަމާއެކުގައެވެ.

ކައްދޫ އެއަރޕޯރޓްގެ އެކިއެކި މަސައްކަތްތަކުގައި ދެއްކި ހިތްވަރާއި ހުނަރުވެރިކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުން ކައްދޫގައި ހުންނަ ސިފައިންގެ މަރުކަޒު ހުޅުވަން ތައްޔާރުވަމުން ދިޔަ ދުވަސްވަރުގައި، 18 އޮކްޓޯބަރ 1993މ. ގައި އެތަނުގެ މަސައްކަތު މީހުންގެ ވަޒީފާއަށް އެންމެ ފުރަތަމަ ނެގި ދެ މުވައްޒަފުންގެ ތެރެއިން އެކަކީ އިސްމާޢީލް ޢަބުދު ﷲ އެވެ. އެދުވަހުން ފެށިގެން ވެއަތުވެދިޔަ 26 އަހަރުގައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދަނީއެވެ. ވަޒީފާއަކީ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އެކަމަކު ކުރާ މަސައްކަތަކީ ރޭނުމާ ސިމެންތިޖެހުމާއި ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތަކެވެ.

ކައްދޫ ގައި އަޅުގަނޑު އަދާކުރަން ޖެހުނު މަސްޢޫލިއްޔަތުގެ ގޮތުން އަޅުގަނޑަށްވަނީ އިސްމާޢީލް ޢަބުދު ﷲ ގެ މަސައްކަތް ނުހަނު ގާތުން ފެނިފައެވެ. ވަކީން ޚާއްޞަކޮށް ލ. ކަޅައިދޫގައި އެމް.އެން.ޑީ.އެފްގެ މަރުކަޒެއް ޤާއިމުކުރުމަށާއި ދ. ކުޑަހުވަދޫގައި އެމް.އެން.ޑީ.އެފްގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތަކީ ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރެވުނު ވަރަށް ޚާއްޞަ ދެމަސައްކަތެވެ. މިފަދަ ކޮންމެ މަސައްކަތެއްގައި ވެސް އިސްމާޢީލް ޢަބުދު ﷲ ގެ މުރާލިކަމާއި، ކަމަށް ކަމޭހިތުމާއި، ހުނަރުވެރިކަމާއި، އިޚުލާޞްތެރިކަން ފާހަގަ ކުރެވުނެވެ.

މިފޮޓޯ ނެގީ ކައްދޫގައި ސިފައިންގެ ޚިދުމަތް ދެމުން ގެންދާތާ 26 އަހަރު ފާހަގަކުރުމަށް ހުސްވި ޖަނަވަރީ މަހު 27 ވަނަ ދުވަހުގެރޭގައި ބޭއްވި ހަފުލާތެރޭގައެވެ. 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުޅަ ސިވިލްސްޓާފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ހަނދާނީ ފިލާ އޭނާއަށްވެސް ލިބުނެވެ. 


މިފަދަ ހުނަރުވެރި ޚިދުމަތްތެރީންގެ ވާހަކައަކީ އެހާ ޢާންމު ވާހަކަތަކެއް ނޫނެވެ. އެމީހުންގެ ޚިދުމަތް ތިލަނުވެ، އުޅުނު ބައެއްކަންވެސް ނުއެނގި އެހަނދާންތައް ޒަމާނާއެކުވެ ހިނގައިދަނީ ނޫންތޯއެވެ. ތާޖު މަހަލް ބިނާކުރުމުގެ މަސައްކަތްކުރި މީހުންގެ ޤުރުބާނީގެ ވާހަކަވެސް ނުއިވޭ ނޫންތޯއެވެ؟


Thursday, September 19, 2019

ހައްދުންމަތީ ބަހުރުވައިގެ ތެރެއިން: ގެންގަރަން – ގެންގެރެން

12:16 AM 0
ހައްދުންމަތީ ބަހުރުވައިގެ ތެރެއިން: ގެންގަރަން – ގެންގެރެން

މޮށެއުޅޭ ބަހުރުވަ ތަކުގައި ހުންނަ ކުދިކުދި ތަފާތުތަކުގެ ސަބަބުން ބަހުގެ ބަސްކޮށާރުގެ މުއްސަނދިކަން އިތުރުކޮށްދެއެވެ. ހައްދުންމަތީ ބަހުރުވައަކީ ހައްދުންމަތީގެ ވަކިރަށެއްގެ ނުވަތަ ވަކިސަރަހައްދެއްގެ މީހުން ވާހަކަ ދައްކައި އުޅޭ ގޮތެއް ނޫނެވެ. މި އަތޮޅުގެ ކޮންމެ ރަށެއްގެ ބަހުރުވައަކީވެސް ހަމަ ހައްދުންމަތީ ބަހުރުވައެވެ. ގެންގެރޭން ބޭނުންކޮށް އުޅެނީ އެއްގަމުހުރި އެއްޗެއް އަތިރިޔަށް ގެންދިއުމަށެވެ. އަޅުގަނޑަށް ވިސްނެނީވެސް އަހައިފައިވަނީވެސް އަންނަނިވި ގޮތަށެވެ.


ގެންގަރަން:


ހައްދުންމަތީގައި މިލަފުޒު ބޭނުންކުރާ ރަށްރަށުގެ މީހުންނަކީ ހައްސަ ބައިގެން އޮޑި ލެފިޔަސް އޭގެން އެއްމެ މަހެއްވެސް ގޭދޮށަކަށް ގެންދާބައެއް ނޫނެވެ. އެވެރިން މަސްތައް ގޭދޮށަށް ’ގެންގަރަނޫ‘ އެވެ. ވާނޭކަމުގެ މިސާލުގައި ”ގެންގަރާނޫ“ އެވެ. ”ކަމަނާ ރިހާކުރު ހާނަނޫ މޫސާ ގެންގަރަން މަހުން“ ނެވެ.
އަޅުގަނޑަށް އެނގިފައިވާ ގޮތުން ގެންގަރާން އާންމުކޮށް ބޭނުންކުރަނީ އަތިރިމަތިން ނުވަތަ ގޮނޑުދޮށުން ނުވަތަ ބަނދަރުމަތިން އެއްޗެއް އެއްގަމަށް ގެންދިއުމަށެވެ. ހައްދުންމަތީގެ ބަހުރުވައިން ލިޔެފައިވާ ތިރީގައިވާ ވާހަކަތަކަށް ނަޒަރު ހިންގަވައިލައްވާށެވެ.

އަތިރީން އަރާނޫ އެއްގަމަށް. އަތިރީން އަރާން ޖެހެނޫ އަތިރިޔަކޫ އެއްގަމަށް ތުރެން ތިރި ތަނަކަށް ވަނައިތި. ހަރަގަނޑަކުން ވިސް މައްތަށް އަރާނޫ. މިސްކިތަށްވިސް އަރާން ޖެހެނޫ މިސްކިތްވިސް ހަމަ ބިމަށް ތުރެން އުސްކޮށް ހަދާފާ ހުންނަނައިތި.
އެހެންވޫމާ އަތިރި މައްތުން ހޮވަން އަކިރި ޔާ ނަގަން ވެލި އެއްގަމަށް ގެންގަރާން ޖެހެނޫ.

ގެންގެރެން:


ގެންގެރެން މިލަފުޒު ބޭނުންކޮށް އުޅެނީ ގޭދޮށުގައި ނުވަތަ އެއްގަމުގައި ހުންނަ އެއްޗެއް އަތިރިއަށް ނުވަތަ އަތިރިމައްޗަށް ނުވަތަ ގޮނޑުދޮށަށް ގެންދިޔުމަށެވެ. އެހެންކަމުން ބައެއް ރަށްރަށުގައި އަތިރީކޮޅުގައި އުޅޭ މީހުންނާ އެއްގަމުކޮޅުގައި އުޅޭ މީހުން އުޅެތެވެ. ހައްދުންމަތީގެ އިރުމަތީ ދުނީގައި ހުރި ރަށްރަށުގައި އެއްގަމުކޮޅުގެޔަކު ހުރި ބިލެތްތަޅާ ވަނެއް އަތިރީކޮޅު ގެޔަކަށް ގެންދާނަމަ ބުނާނީ ގެންގެރެން އެވެ. އެހެންވީމާ އިރުމަތި ފަރާތުން ހުޅަނގު ފަރާތަށް ގެންދިޔުމަށް ގެންގެރެން ބޭނުންކުރާކަމަށް އެރަށްރަށުގެ ބޭފުޅުންނަށް ހީފުޅުކުރެވިދާނެއެވެ.

އެއްގަމު ހުރެފާ އަތިރިޔަށް ޖެހޭނޫ އެރޭން. އެގޮތަކޫ މައްތަހުރެފައި ތިރީ ހުރީ ތަނަކަށް ފައިބަންނާ ބައެއް ހާލަތްތެކަ ކިޔަނޫ އެރެނޫ އޭ. މިސާލަކަށް ބޮނަންނާ، ރާނާން އަށުމައްތަ ހުރެފާ ހަރަގަނޑަކުން ބިންމައްތަަށް ފައިބާކަށް ’ބިންމައްތަށް އެރެނޫވަކޭ‘ ކިޔައިއޮޅެން އަޑެއް ނާހަން . އެކަމަކު އެއްގަމަކޫ އަތިރިޔަށް ވުރެ އުސްތަނަކަށް ވަނައިތި އަތިރިޔަށް އެރޭން ޖެހެނޫ. މައިފިތަ ވަޅަ ދިޔަހިއްކަންނާ ވިސް ޖެހޭނޫ ވަޅަށް އެރޭން. ފުރާން ބަނދަރަމައްތަށް ވިސް ޖެހެނޫ އެރޭން.
އެހެންވޫމާ، ގޭދަށަހުރީ ކުނު ބަރޯ އަތިރިޔަށް ގެންގެރޭން ޖެހެނޫ.

މިލިޔުމުގައި ބަލައިލެވިފައިވާ ދެ ލަފުޒުގެ ތެރެއިން ގެންގެރެން މިލަފުޒު ބަސްފޮތުގައި ނުވެއެވެ.

19 ސެޕްޓެމްބަރ 2019މ.





Wednesday, February 13, 2019

ހުކުރުމިސްކިތު ޤަބުރުސްތާނުގައިހުރި ހައްދުންމަތީ ގަމު ޢަލީ ނައިބު ކަލޯގެފާނުގެ މަރިޔާބީފާނުގެ މަހާނަގައު

8:08 PM 0
ހުކުރުމިސްކިތު ޤަބުރުސްތާނުގައިހުރި ހައްދުންމަތީ ގަމު ޢަލީ ނައިބު ކަލޯގެފާނުގެ މަރިޔާބީފާނުގެ މަހާނަގައު

ލިޔުނީ: ޠާހާ އަބޫބަކުރު
13 ފެބުރުވަރީ 2019މ.





މިކީލަ ހުރީ މާލޭ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައެވެ. މިޤަބުރުސްތާނުގައިހުރި އެންމެ ބޮޑު މަހާނަގައު ކަމުގައިވާ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 2 ވަނަ (ފަހުން ފާށަނާކިލެގެފާނު) ގެ މަހާނަފުޅުގެ ގައުފުޅުގެ ހުޅަނގުން އެއްގައު ދޫކޮށްފައެވެ. ރީތި ކުރެހުން ގަނޑެއްހުރި މިގަލުގައިވާ ލިޔުން ލިޔެފައިވަނީ ލޮއި ފޮތްޗެއްގައި އިހުގެ ތާނަ އަކުރުންނެވެ. މިލިޔުމުގައިވާ ބައެއް ސުކުންތައް ކުރުމުގައި މިޒަމާނުގައި ބޭނުންކުރެވޭ ހަމަތަކާ ފުށުއަރާކަން ފާހަގަ ވެއެވެ. "ހަށްދުށްމަތި" އަޅާފައިވާ ގޮތް ވިސްނަވާށެވެ. 7 ފޮޅުވަތަށް ލިޔެފައިވާ ލިޔުމުގެ އަކުރުތައް ހުރީ މިޒަމާނުގައި ތާނަ ލިޔާހެން ކަތިކޮށެއް ނޫނެވެ. އަރަބި އަކުރު ލިޔާހެން ސީދަލަށެވެ.
މިތާގައި ވަޅުލެވިފައިއޮތް ބޭކަނބަލަކީ އެޒަމާނުގެ ޤަދަރުވެރި ބޭކަނބަލެއްކަން މީގައިވާ ލިޔުމުންނާއި ކައިރީގައިވާ މަހާނަތަކަށް ވިސްނާއިރު ދޭހަވެއެވެ.
މި ގަލުގައިވާ ހިޖުރީ ތާރީޚް ދިމާވާ މީލާދީ ތާރީޚަކީ 1758 ޖޫން 14 އެވެ. ހިޖުރައިން ބާރަވަނަ ޤަރުނުގެތެރޭގައި އުޅުއްވި މިޤައުމުގެ ކަމުވޮށިވެގެންވާ މީހުންގެ ތެރޭގައި ހައްދުންމަތީގެ ގިނަ ޚިދުމަތްތެރިން ތަކެއް އުޅުއްވިކަން ތާރީޚުން ސާބިތުވެއެވެ. ނަމަވެސް އެފަރާތްތަކުގެ ހަޔާތާއި ޚިދުމަތާއި ވަނަވަރާއި ދަރިކޮޅު އޮތީ ނުލިޔެވިހުރި ތާރީޚީ ޞަފުހާތަކެއްގައި ފޮހެވި ގެއްލިފައެވެ .ސުބުޙާނަހޫ ވަތަޢާލާ އެފަރާތްތަކަށް ރަޙްމަތްލައްވާށިއެވެ. އާމީން.

ތިރީގައިމިވަނީ މިގަލުގައިހުރި ލިޔުން އަކުރުން އަކުރަށެވެ.

"
ސަނަތު 1171 
ހިޖުރައިން މިތަށްވަނަ އަހަރު ސައްވާލު މަހު ހަތް ދުވަސްވީ ބުދަ ދުވަހު ހަވަނަ ޝާޢަތު އަލްޤާޟީ މޫސާ ފަޑިޔާރު ތަކުރުފާނުންގެދި އާމިނާއިބީފާނު ބަޑުން ހަށްދުށްމަތީ ގަމު ޢަލީ ނާއިބު ކަލޯގެފާނައް އުފަން މަރިޔައިބީފާނު ނިޔައުވީކަމު ހަދާން."

ފޮޓޯ ނެގީ: 6 ފެބުރުއަރީ 2019މ. ބުދަ ދުވަހު ހެނދުނު 10:27ގައި.


Sunday, April 15, 2018

އަލްމަރްޙޫމް އަޙުމަދު ޒަކަރިއްޔާ، މަތިމަރަދޫ.އަޒުމް، ލ.ގަން

8:57 AM 0
އަލްމަރްޙޫމް އަޙުމަދު ޒަކަރިއްޔާ، މަތިމަރަދޫ.އަޒުމް، ލ.ގަން

އަޙުމަދު ޒަކަރިއްޔާ، (މަތިމަރަދޫ.އަޒުމް، ލ.ގަން) މިފަނާވަނިވި ދުނިޔެ ދޫކޮށް ދެމިއޮތުމުގެ ގޮވައްޗަށް ދަތުރުކުރިކަމުގެ ހަނދާން.


إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ


އަޙުމަދު ޒަކަރިއްޔާ (މަތިމަރަދޫ.އަޒުމް، ލ.ގަން) އަކީ އާއިލީގޮތުން ގުޅިފައިވުމުގެ އިތުރަށް އަޅުގަނޑުމެން ކުޑައިރު މައިފުށުގެ ބޮޑުދައިތައަކާއި އޭނާ ކުރެއްވި ކައިވެނީގެ ސަބަބުން ވަރަށް ބޮޑު ގާތްކަމެއް އުފެދިފައިވާ ބޭބެއެކެވެ. އަޅުގަނޑަށް ފާހަގަކުރެވެނީ އޭނާއަކީ އޭނާގެ އެއްބަނޑު އެހެން މީހުންނެކޭވެސް އެއްގޮތަށް ކުޑަކުދިންނަށް ވަރަށް ސަމާސާކުރާ، ހިތްހެޔޮ މީހެއްގެގޮތުގައެވެ. އަބަދުވެސް ބަރާބަރަށް ނަމާދުކޮށް ދީނީކަންކަމަށް ފަރުވާބަހައްޓައެވެ. އަޅުގަނޑުމެން ހަނދާން ހުންނަންފެށީއްސުރެވެސް އަޑުއަހަނީ އޭނާއަކީ ރާއްޖޭންބޭރުގައި ދަތުރުކުރާ އާގުބޯޓެއްގެ ސަރަނގެއްކަމެވެ. ސަރަނގު އަޙުމަދު ކިޔަނީ އެހެންވެގެންނެވެ


އޭނާގެ ބައްޕައަކީ ކެރެދި ކަމަނާގެ ކުޑަސޮރު (އަބޫބަކުރު)ގެ ޒަކަރިއްޔާ (ބޮޑަ ޒަކަރިޔާ) އެވެ. މަންމައަކީ ގޯނިކުޑަތަކުރު (އަބޫބަކުރު)ގެ ކުޑަމީހާއެވެ. ކުޑަމީހާގެ ފޮތުނަމަކީ މަރިޔަމް އެވެ


އަޙުމަދު ޒަކަރިއްޔާ އުފަންވީ 1944މ. ގައެވެ. 15 އޭޕްރީލް 2018މ. ގައި ނިޔައުވީ އިރު އުމުރަކީ 74 އަހަރެވެ


މާތްﷲ މިމަރުޙޫމްގެ ފުރާނައަށް ފުއްސެވުމާއި ރުއްސެވުން ދެއްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.
 15
އޭޕްރީލް 2018މ. އާދީއްތަ

Thursday, April 12, 2018

ކުނޑިގޭ ޙުސައިން އިބްރާހިމް ނިޔައުވުން

2:45 AM 0
ކުނޑިގޭ ޙުސައިން އިބްރާހިމް ނިޔައުވުން


12 އޭޕްރީލް 2018މ. ބުރާސްފަތި
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

އަޅުގަނޑުގެ ވަރަށް ގާތް ރަޙުމަތްތެރި އަޚެއްކަމުގައިވާ ލ.ގަމު މުކުރިމަގު ފިނިފެންމާގޭ ޙުސައިން އިބްރާހިމް (ކުނޑިގޭ ޙުސޭނުބޭ) މިއަދު މެންދުރު ނިޔައުވި ޚަބަރު އެހީ ފުންހިތާމައާއެކުގައެވެ. ކުނޑިގޭ ޙުސޭނުބެއަކީ ވަރަށް މަސައްކަތްތެރި ބޭފުޅެކެވެ. ފިސާރި ޖެހިލުންކުޑަ ކެރޭ ސަޚުސިއްޔަތެކެވެ. އަޅުގަނޑު ޙުސައިނުބޭ ދަންނަން ފެށީ 1990ގެ އަހަރުތަކުގެ ކުރީކޮޅުގައި އަޅުގަނޑުގެ ބޮޑުބޭބެގެ ދޯނީގައި ކުރި މާލެ ދަތުރަކަށް ފަހުގައެވެ. ޙުސައިނުބެއަކީ އަޅުގަނޑުގެ ކާފައާ ބޮޑުބޭބެއާ ބައްޕަގެވެސް ގާތް ރަޙުމަތްތެރިއަކަށްވާތީ، އޭގެ ފަހުން ގާތް ރަޙުމަތްތެރިކަމެއް އަބަދުވެސް އޮވެއެވެ. އެދުވަސްވަރު އޭނާއަކީ އޮޑިވެރިއެކެވެ. ފަހުން އޭނާ ކުރެއްވި މަސައްކަތަކީ ދަނޑުވެރިކަމެވެ. އެކަމަށް ބޭނުންވާ ފަންނީ އެހީތައް ހޯދައިދިނުމުގައި ވަރަށް ގިނަގޮތްގޮތުން އެހީތެރިވެދިނުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އަދި އޭނާގެ ދަނޑުފަގު ގައި މަސައްކަތްކުރާތަން ވެސް ފެނުނެވެ. ފަހުގެ ތާރީޚުގައި ޒަމާނީގޮތަށް ގަމުގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރެއްވި އެއްބޭފުޅެއްގެ ގޮތުގައި އޭނާ ހިމެނޭނެކަން ޔަޤީނެވެ. މަރުބަލީގައި އޭނާ އެނދުމަތިވުމާއި ހަމައަށްވެސް ދަނޑުގެ ހުރިހާ މަސައްކަތެއްގައިވެސް ހީވާގިކަމާއެކު ޙަރަކާތްތެރިވެ އުޅުއްވިއެވެ.

ޙުސައިން އިބްރާހިމް އުފަންވީ 1937މ. ގައެވެ. ނިޔައުވީ އިރު ޢުމުރަކީ 81 އަހަރެވެ. ބައްޕަ އަކީ ދޮންބޭ ގޮލާ (އިބްރާހިމް) އެވެ. މަންމަ އަކީ ދޮންބޭގެ ކުޑަމީހާއެވެ. ޙުސައިން އިބްރާހިމްގެ މަންމަ "ކުޑަމީހާ"އާ އެއްބަފާ މީހުންނަކީ ކުނޑިގޭ އައިސޭ، ކަޅަމަންޖަގެ އިބްރާހިމް އެވެ. ބައެއް ދުވަސްވީ މީހުން ކިޔައިދޭ ގޮތުން މަތިމަރަދޫ "ކަޅަސޮރަ" އިން މަރިޔަމް އަކީވެސް ކުޑަމީހާ އާ ވީ މީހެކެވެ. (މިއާއިލާގެ ވަނަވަރު އިތުރަށް ދިރާސާކުރަންޖެހެއެވެ.)

މާތްﷲ މިމަރުޙޫމްގެ ފުރާނައަށް ފުއްސެވުމާއި ރުއްސެވުން ދެއްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

Sunday, April 8, 2018