އެންމެ ތަޞްވީރަކުންވެސް ހާސް ވާހަކަ ބުނެދެއެވެ. - Thoha AbuBakur's Blog

Friday, April 6, 2018

އެންމެ ތަޞްވީރަކުންވެސް ހާސް ވާހަކަ ބުނެދެއެވެ.


ޠާހާ އަބޫބަކުރު
06 އޭޕްރީލް 2018މ.

2018 ވޯލްޑްކަޕްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ޕެލޭ އާ މަރަޑޯނާ
ޕެލޭ އާ މަރަޑޯނާއަކީ ވިހިވަނަ ޤަރުނު ތެރޭގައި އުފެދުނު އެންމެ މޮޅު ދެކުޅުންތެރިންކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެކަން ޔަޤީނެވެ. މިދެކުޅުންތެރިންގެތެރެއިން އެންމެ މޮޅު ފުޓްބޯޅަކުޅުންތެރިއަކީ ކޮންކުޅުންތެރިއެއްކަން ކަނޑައަޅަން އަބަދުވެސް ދަތިވަނީ ދެކުޅުންތެރިންގެ ހުނަރުވެރިކަމުގެ މޮޅުކަމުންނެވެ. ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުންނެވެ. އެހެންކަމުން އެބަޙުސްގެތެރެއަށް ވަންނާކަށް ނެތީމެވެ. 

ރަޝިޔާގައި 2018 ވަނަ އަހަރު ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ގުރުއަތު ނެގުމަށް މިދިޔަ ޑިސެމްބަރު މަހުގެތެރޭގައި ބޭއްވި ރަސްމިއްޔާތުގައި ނަގާފައިވާ ފޮޓޯއަކުން މިދެތަރިން ފެނުމުން ވެރިވި އެތައް ހާސް ޝުޢޫރެއްގެ ތެރެއިން ބައެއް ޝުޢޫރު ފާޅުކޮށްލާނަމެވެ.
އަޅުގަނޑަށް ސިފަވާގޮތުން ޕެލޭއަކީ ބްރެޒިލްއެވެ. ބްރެޒިލްއަކީ ޕެލޭއެވެ. ހުނަރުވެރިކަމާއެކު ކުޅެ 3 ވޯލްޑްކަޕް އުފުލާލާފައިވާ ޕެލޭއަކީ އޭނާގެ ދުވަސްވަރު ހަލުވިކަމާއެކު ދުވެ، ބާރު ހަމަލާތަކުން ގޯލު ފޫއަޅުވާލުމުގައި އެތައް ރެކޯޑެއް ހަދާފައިވާ މޮޅުކުޅުންތެރިޔެކެވެ.

1970 ވަނަ އަހަރު މެކްސިކޯގައި ކުޅެވުނު ވޯލްޑްކަޕްގެ ފައިނަލްގައި އިޓަލީ އާ ދެކޮޅަށް ކުޅެ ބްރެޒިލް މޮޅުވެ މުބާރާތުގެ ތަށިއުފުލާލުމުގައި ޕެލޭގެ ހިއްސާ ބޮޑެވެ. އެދުވަހު މެޗް ނިމުމުން ބްރެޒިލް ޓީމުގެ ކުޅުންތެރިން އުފާފާޅުކުރާތަން ފެންނަ ތާރީޚީ ފޮޓޯގައި ޕެލޭ އިންނަނީ ޓީމުގެ ކުޅުންތެރިންގެ ކޮނޑުތައް މަތީގައެވެ. އެހެނަސް... ޙަޔާތަކީ ހައުދަހާ ތަފާތު މަންޒަރެއް ދައްކާތަނެއްތާއެވެ. މިއަދު އިންނަންޖެހިފައި އެވަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އޭނާގެ ތަރި މެދުއުޑުގައި ފިޔަޖަހާލުމަށް އެހީތެރިވި ދެފައިމައްޗަށް އަމިއްލައަށް ކޮޅަށް ނުހުރެވޭ ޙާލަތު މިއަދު އެވަނީ ޕެލޭ އާ އަރާހަމަކޮށްފައެވެ. ޢިބުރަތެއް ލިބޭތޯއެވެ. މިއަދު ކިތަންމެ އާރާއިބާރުގަދަޔަސް މާދަމާ ނިކަމެތިވެ ބަލިކަށިވެދާނޭކަމީ ޝައްކެއްނެތްކަމެކެވެ. ހަމައެފަދައިން ކާމިޔާބީގައި ތިމާގެ އެކުވެރިންގެ ގޮތުގައި ފެނުނުހާ މީހުން ތިމާއަށް ދެރަ ޙާލެއްގައި ޖެހޭދުވަހު ކައިރީގައި ނުތިބުމަކީ ދުނިޔޭގެ އާދައެވެ. އެހެންވީމާ ކޮންމެ މީހަކުވެސް ކުޑަކޮށް ހިތްތިރިކޮށްލާށެވެ! އެހެން ދުވަހެއް ދައްކަވައިފާނެކަން ހަނދުމަކޮށްލާށެވެ!
1970 ވޯލްޑްކަޕްގެ ފައިނަލަށްފަހު ޕެލޭ
އަޅުގަނޑަށް ސިފަވަނީ މަރަޑޯނާއަކީ އާޖެންޓީނާއެވެ. އާޖެންޓީނާއަކީ މަރަޑޯނާއެވެ. މަރަޑޯނާގެ ޙަޔާތަށް ވިސްނާލައިފިނަމަ ޙަޔާތުގެ އަޑިގުޑަން ކަމާއި އޮއިވަރުގައި އެތައް ފަހަރަކު ވެއްޓި އަނެއްކާ ހިތްވަރުލައި ހަށިފޮޅާ ތެދުވުމުގައި އޭނާގެ ހިތްވަރު ފެންނާނެއެވެ. ފުޓްބޯޅައިގެ ދަނޑުގައި "ހޭންޑް އޮފް ގޯޑް" ނަމުން މަޝްހޫރުވެފައިވާ ލަނޑުގެ އިތުރުން އޭނާގެ ހުނަރުވެރިކަން ފާހަގަ ކުރެވޭ އެތައް ލަނޑެއް ވެއެވެ. ޕެލޭއަށްވުރެ މޮޅުކަމަށް އަބަދުވެސް އޭނާ ދައުވާކުރެތެވެ. މިދެތަރިންގެ ބަހުގެ ހޫނު ޙަމަލާތައް މީޑިއާގެ ސުރުޚީތަކުގައި އަބަދުވެސް ފެވިއަކުރުން ޖާގަ ހޯދައެވެ.
1986 ވޯލްޑްކަޕް ފައިނަލަށްފަހު މަރަޑޯނާ
1986 ވަނަ އަހަރު  މެކްސިކޯގައި އޮތް ފީފާ ވޯލްޑްކަޕްގައި ހުދާއި ނޫކުލައިގެ ރޮނގުދެމި ޖާޒީގައި މޮޅަށްކުޅެ ޖަރުމަނު ބަލިކޮށް ތަށި އުފުލައިލީ އާޖެންޓީނާގެ މަރަޑޯނާއެވެ. ވޯލްޑްކަޕްގެ ފަޚުރުވެރި ތަށްޓަށް އޭނާ ބޮސްދޭ ފޮޓޯ އަކީ އެވޯލްޑްކަޕްގެ ހަނދާންތަކުގެތެރެއިން ބިންވަޅުނެގިފައިވާ ފޮޓޯއެކެވެ. އެފޮޓޯގެ ފަސްމަންޒަރުން މެކްސިކޯގެ ރައީސްއާ ޖަރުމަނުގެ ޗާންސެލަރ ހެލްމަޓް ކޯލްފެނެއެވެ.
 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ޤުރުއަތުލުމުގެ ރަސްމިއްޔާތުގައި މިދިޔަ ޑިސެމްބަރ މަހުގައި ރަޝިޔާގައި ނަގާފައިވާ ފޮޓޯއިން ފުރޮޅުލީ ގޮނޑިއެއްގައި އިންދާ ޒަމާންވީ ވާދަވެރިޔާ ޕެލޭގެ ނިތްކުރިއަށް މަރަޑޯނާ ބޮސްދޭތަން ފެނެއެވެ. ވާދަވެރިކަމާއި ދެކޮޅުވެރިކަން ދޫކޮށްފައެވެ. މިފޮޓޯގެ ފަސްމަންޒަރުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ފެނެއެވެ. 
ވިސްނާމީހަކަށް މިކަމުންވެސް ޢިބުރަތެއް ލިބޭނެކަން ޔަޤީނެވެ. ވީމާ، ހަތުރުވެރިކަމުގައި އަނެކާއަށް ދެރަބަސްބުނެ ޒާތީ ނުވާށެވެ. އެބަސްތައް "ތިމާގެ އަނގަޔަށް ވަންނަ" ދުވަސްވެސް ދައްކަވާފާނެކަން ހަނދުމަކޮށްލާށެވެ. ހަތުރުން މިތުރުންނަށްވެ މިތުރުން ހަތުރުންނަށްވުމަކީވެސް ދުނިޔެ ދައްކާ މަންޒަރުތަކެވެ. މިއަދު ޘަނާ ކިޔާ ދޫތަކުން  ފަނާކުރުމަށް ބަސްބުނާ ދުވަހެއްވެސް ފެނިދާނެއެވެ. މިއަދު ފަނާކުރުމަށް ބަސްބުނާ ދޫތަކުން ޘަނާކިޔާތީ ވެސް މާދަމާ ފެނިދާނެއެވެ.
އެންމެ ތަޞްވީރަކުންވެސް ހާސް ވާހަކަ ބުނެދެއެއް ނޫންތޯއެވެ.






No comments:

Post a Comment