އަލްމަރްޙޫމް ޙުސައިން ޔޫނުސް- "ސޭކަ ހުސޭނު" ލ.ގަމު މަތިމަރަދޫ - Thoha AbuBakur's Blog

Friday, March 28, 2014

އަލްމަރްޙޫމް ޙުސައިން ޔޫނުސް- "ސޭކަ ހުސޭނު" ލ.ގަމު މަތިމަރަދޫ



އަލްމަރްޙޫމް ޙުސައިން ޔޫނުސް (ސޭކަ ހުސޭނު)

އަލްމަރްޙޫމް ޙުސައިން ޔޫނުސް  (ލ.ގަމު މަތިމަރަދޫ ބިލެތްމާގެ) އަކީ ހައްދުންމަތީ ގަމުގެ ތަރައްޤީއަށް ޚާއްޞަކޮށް މަތިމަރަދޫގެ ތަރައްޤީއަށް ކުރެވިފައިވާ ވަރަށްގިނަ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވީ ޚިދުމަތްތެރިއެކެވެ. ގަމުގެ ކަމުވޮށީންގެތެރެއިން ހަރުދަނާ ސަޚްސިއްޔަތެކެވެ. ސަރުކާރުގެ އިސްވެރިންނާއި ގުޅުންބޮޑު، ރައްޔިތުންގެ ބަސްވިކޭ ބޭފުޅެކެވެ. މަތިމަރަދޫ އުޖާލާކުލަބުގެ އެއްމެ އިސް އެއް ތަނބެވެ. ޖެހިލުންކުޑަ ކަމާއެކު ހިތްވަރުގަދަ ހިތްމަންތެރިއެކެވެ. 
އަލްމަރްޙޫމް ޙުސައިން ޔޫނުސް

ނަސަބު:

އަލްމަރްޙޫމް ޙުސައިން ޔޫނުސްގެ ބައްޕައަކީ، މަންދަ އައިޝާ ފާނާއި ކަތީބު ޙުސައިންތައްޚާނު ކައިވެނިބައްލަވައިގެން ލިބުނު ޙަސަންތައްޚާނު ދިގަރު ދޮންތަކުރުފާނުގެ އައިމިނާފާނާއި ކައިވެނި ބައްލަވައިގެން ލިބުނު ޙަސަންތައްޚާނު(ރެކި ތައްޚާނު) ކޮޅުވޭރު މަރިޔާފާނާއި ކައިވެނި ބައްލަވައިގެން ލިބުނު ޙަސަން ތައްޚާނާއި ކުޑަތައްޚާނާއި ދެބެއިންގެ ތެރެއިން ޙަސަންތައްޚާނުގެ ތުއްދިޔަގެ ދޮންފުތުގެ ދޮންހަސަނުގެ ޔޫނުސްއެވެ. މަންމައަކީ ކުޑަފުތަގެ ހައްވާ (ސޭކަ ހައްވޭ) އާއި ސޭކަ މުޙައްމަދު (ސޭކުބޭ) ކައިވެނި ބައްލަވައިގެން ލިބުނު އައިމިނަތު (އައިމިން ދައިތަ) އެވެ.

މަންމައަކީ ކުޅުދުއްފުށީ ކަތީބުގެ ހިޔަލަގެ ދޮންކޮއްކޯގެ ބޮޑުދޮންމަރިޔަނބާއި ތުއްތަކުރުގެ ކުޑަފުތުގެ ކައިވެނިން ލިބުނު ސޭކަ ހައްވޭ (ޙައްވާ) އާއި ސޭކަ މުޙައްމަދު (ސޭކުބޭ)ގެ އައިމިނަ އެވެ. ސޭކަ މުޙައްމަދު ނުވަތަ ސޭކުބެޔަކީ އަމިއްލަ އޮޑިފަހަރު ގެންގުޅުއްވި މުއްސަންޖެކެވެ. ސޭކުބޭގެ ހަމައެކަނި ދަރިޔަކީ އައިމިނަ ކަމަށްވާތީ އައިމިނަގެ ދޮށީ ފިރިހެންދަރިފުޅަށް މީހުން ކިޔައި އުޅުނީ ސޭކުބޭގެ ޙުސޭނު އެވެ. އެހެންކަމުން "ސޭކަ" މިވަނަމަކީ ހުސައިން ޔޫނުސްގެ މަންމަ ފަރާތުން ވާރުތަވެފައިވާ އާއިލީ ވަނަމެކެވެ. ޙުސައިން ޔޫނުސް ދިރިއުޅުއްވި ލ.ގަމު ބިލެތްމާގެއަކީ ސޭކުބޭގެ ގެޔެވެ. އެހެންކަމުން އެގެޔަށް މީހުން ކިޔައިއުޅެނީ "ސޭކަގެ" ނުވަތަ "ސޭކައްގެ" އެވެ.

ތުއްދިޔަގެ ދޮންފުތުގެ ދޮންހަސަނުގެ ޔޫނުސްއާއި ސޭކުބޭގެ އައިމިނަގެ ތިބީ 3 ފިރިހެން ކުދިންނާއި އަންހެންކުއްޖެކެވެ. އެއީ: 1. އަލްމަރްޙޫމް ޙުސައިން ޔޫނުސް (* ސޭކަ ހުސޭނު)ބިލެތްމާގެ،ލ.ގަން، 2. އަބޫބަކުރު ޔޫނުސް (ދޮން އަބޫބަކުރު)ދޮންދުނބުރިގެ،ލ.ގަން، 3.އައިޝަތު ޔޫނުސް (ދޮން އައިޝަ)ބަށިމާގެ،ލ.ގަން، 4. ޢަލީ ޔޫނުސް (ދޮން އަލީ)އައްސޭރި،ލ.ގަން އެވެ.

އިސްވެދެންނެވި  ފަދައިން ބިލެތްމާގެ އަކީ ސޭކުބޭގެ ގެޔެވެ. ދޮންދުބުރިގެއަކީ ޙަސަން ތައްޚާނުގެ ތުއްދިޔަގެ ދޮންފުތުގެ ގެއެވެ. ބަށިމާގެ ނުވަތަ ދޮންގެޔަކީ މަންދަގޭ މުޙައްމަދު ދީދީ ކަތީބުގެ ޢަލި ދީދީ ކަތީބު އެޅި ގެއެކެވެ. އަލިދީދީ ކަތީބު ނިޔައުވުމުން އޭނާގެ އަނބި ސަންޕޭ މިގެ ވިއްކާލީ ޙުސައިން ޔޫނުސްގެ ބައްޕައަށެވެ. މިގެޔަށް ދޮންގެ ކިޔަނީ  ގޭގެ ފާރުތަކުގައި އުވަޖަހައިގެން މަތިމަރަދޫގައި ހެދި ފުރަތަމަ ގެޔަކީ މިގެކަމަށްވާތީ އެގެ ހުންނަނީ އެހެން ގެތަކާއި ޚިލާފަށް ދޮންކުލައިގައި ކަމަށްވާތީއެވެ. "އައްސޭރި" މިގެޔަކީ ޙުސައިން ޔޫނުސްގެ މިތުރު މާބައިދޫ ބަންޑާރާގެ އިބްރާހިމްފުޅު ޙުސައިން ޔޫނުސްއަށް ހަދިޔާއަކަށް ދިންގެއެކެވެ. 

ޒުވާންދުވަސްވަރުގެ ދިރިއުޅުން:

ހުސައިން ޔޫނުސް އަކީ ވަރަށް ޙަރަކާތްތެރި ބޭފުޅެކެވެ. އެދުވަސްވަރުގެ ޒުވާނުންނެކޭ އެއްފަދައިން ފަޅުމަތީގެ މަސްވެރިކަންފަދަ ކަންތައްތައް ކުރެއްވިއެވެ. މިގޮތުން ފަޅުމަތިން މަސްހިފުމުގެ މަސައްކަތުގައި އުޅުއްވަނިކޮށް މޫނުމައްޗަށް މަޑިއެއް ކަށިޖެހުމުގެ ހިތާމަވެރި ހާދިސާއެއްކުރިމަތިވިއެވެ. މިހާދިސާގައި ލިބުނު އަނިޔާތަކަށް ބޭސްކޮށް ފަރުވާ ކޮށްދިނީ ދިވެހިބޭސްކުރުމުގައި ލ.އަތޮޅަށް މަޝްހޫރު މާބައިދޫ ފިނިހިޔާގޭ ދޮންކަނބުލޮ (ސަލީމާ އިދުރީސް) އެވެ. މިހާދިސާއަށް ފަހު ވާތު ލޮލުގެ ފެނުން ގެއްލި، މޫނުމަތީގެ ސިފައަށް ބަދަލުތަކެއް އައެވެ.

ކައިވެނީގެ ޙަޔާތް:

އަލްމަރްޙޫމް ހުސައިން ޔޫނުސް ކުރެއްވި ކަމަށް މަޢުލޫމާތު ލިބިފައިވަނީ އެންމެ ކައިވެންޏެކެވެ. އެއީ ކުޑަމަނާ (އަޙުމަދު ދީދީ)ގެ ޙުސައިންދީދީގެ ދޮން އައިޝާ އާއެވެ.
މިކައިވެނީގެ ސަބަބުން ރަށުގެ ވާދަވެރި އާއިލާތަކުގެ ޚިޔާލުތަފާތުވުންތަކުގައި މީހުން އެއްބައިވަންތަކުރުމުގެ ވަރަށް ބޮޑު ނުފޫޒެއް އޭނާއަށް ލިބިގެންދިޔައެވެ. ސަބަބަކީ ރަށުގެ ބޮޑެތި އާއިލާތަކުގެތެރޭގައި ހިމެނޭ މަންދަގޭ އާއިލާ، އަތިރީކޮޅު އާއިލާ، ކުޅުދުއްފުށީ ކަތީބުގެ އާއިލާއަށް ވެސް ޙުސައިން ޔޫނުސް ނިސްބަތްވެފައި، ރަށުގެ ވެރިކަމުގައި އެންމެ ނުފޫޒުގަދަ ކުޑަމަނާގެ އާއިލާ އާއި ގުޅުމުގެ ސަބަބުން އެއާއިލާގެ މެމްބަރަކަށްވެސް ވެގެންދިޔަކަމެވެ. އެހެންކަމުން ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ޚިޔާލުތަފާތުވާ ވަރަށް ގިނަ ފަހަރު ޙުސައިން ޔޫނުސް ނިންމަވާ ގޮތަށް އިދިކޮޅު ހަދަން ނުކެރުމެވެ.
މިކައިވެންޏަށް ލިބުނު ދަރިންނަކީ: 1. ހަފްޞާ ޙުސައިން، 2.ޝަމީމާ ޙުސައިން، 3.އަދުނާން ޙުސައިން، 4. ޒަރީނާ ޙުސައިން، 5.ސޮފިއްޔާ ޙުސައިން، 6.ފާރޫޤް ޙުސައިން، 7.އަލްމަރްޙޫމް މުސްޠަފާ ޙުސައިން، 8.ޒަޢީމާ ޙުސައިން. އެވެ.

ދިރިއުޅުމަށް ކުރެއްވި މަސައްކަތް:

ޙުސައިން ޔޫނުސް ދިރިއުޅުމަށްކުރެއްވި މަސައްކަތަކީ އޭނާގެ ކާބަފައިންވެސް ކޮށްއުޅުނު މަސައްކަތްކަމަށްވާ ނާލުބައްތެލި ދުއްވުމެވެ. ފުރަތަމަ އާއިލީ ވާރުތައިން ލިބުނު ބައްތެލިތައް ދުއްވުމުގެ މަސައްކަތްކުރެއްވިއެވެ. ފަހުން އަމިއްލަ މަސްދޯންޏެއް ދުއްވުމެވެ. މިއީ "ދުވެލި" ދޯންޏެވެ. މިދޯނި ބަނުމުގެ މަސައްކަތްކޮށްފައިވަނީ މަތިމަރަދޫގެ އިރުމަތިފަރާތު އަތިރީގައެވެ. މިހާރު ހަދާނިމިފައިވާ ޕްރީ ސްކޫލުގެ އިރުން ނެވެ. މިދޯނީގައި އެޅި "3 ފިސްޓަންގެ ޔަންމާ" އިންޖީނަކީ މަތިމަރަދޫ ދޯންޏެއްގައި އެހާތަނަށް އެޅި އެންމެ ބޮޑު އިންޖީނެވެ. އެނގިފައިވާ ގޮތުގައި މިއިންޖީނަކީ އޮނަރަބަލް އިލްޔާސް އިބްރާހިމް އޭނާއަށް ދެއްވި ހަދިޔާއެކެވެ. ފަހުން މިދޯނި މާލެ ދަތުރުކުރާ އުޅަނދަކަށް ބަދަލުކޮށްގެން މާލެ ދަތުރުކުރުމެވެ.

ޚިދުމަތްތައް

އަލްމަރްޙޫމް ޙުސައިން ޔޫނުސްގެ ހަޔާތުގައި ލ.ގަމު މަތިމަރަދޫގެ ތަރައްޤީއަށް ކުރެވުނު ކޮންމެ މަސައްކަތެއްގެ އެންމެ އިސް ސަފުގައި ޙަރަކާތްތެރިވެލެއްވިއެވެ. އިޖުތިމާޢީގޮތުން ރަށުގެ އަހުލުވެރީން އެއްބައިވަންތަކަން އަށަގެންނެވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާއެއްގެ ގޮތުގައި މަތިމަރަދޫ އުޖާލާ ކްލަބް އުފެއްދެވުމުގައި އިސްކޮށް ޙަރަކާތްތެރިވެލެއްވިއެވެ.މަތިމަރަދޫ ޒުވާނުން ބައިވެރިވި ފުޓްބޯޅަ މުބާރާތްތަކުގައި މެނޭޖަރެއްގެ ގޮތުން ކުޅިވަރަށް ޚިދުމަތްކުރެއްވިއެވެ. ރަށާއި އަތޮޅު ކުރިއެރުވުމަށް ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކޮށްގެން ލ.ގަން މިއަދު މިދެކޭ ތަރައްޤީގެ ޅަފަތުގެ ދައުރުގައި އިސް ޚިދުމަތްތަކެއް ކޮށްދެއްވިއެވެ.
ތިރީގައި މިވަނީ ހުސައިން ޔޫނުސް ބައިވެރިވެ ލައްވާފައިވާ ލ.ގަމުގެ ތަރައްޤީއަށް ކުރެވިފައިވާ ބައެއް ޚާއްޞަ މަސައްކަތްތަކެވެ.

މަތިމަރަދޫ މިސްކިތް ބިނާކުރުމުގެ މަސައްކަތް: މިހާރު މަތިމަރަދޫގައި ބޭނުންކުރެވެމުންދާ މަސްޖިދުލް ތައުބާ އަކީ އަވަށުގެ ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ސަރުކާރުގެ އެހީއަކާއި ނުލައި ރާނަންފެށި މިސްކިތެކެވެ. 1979  ޖުލައި 6 ގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އޭރު އަތޮޅުވެރިއަކަށް ހުންނެވި އަލްފާޟިލް އިސްމާޢީލް މުޙައްމަދު (ޖަންބު ދޮން އިސްމާޢީލް) އެވެ. ރާނަން ފެށީ 1979 އޯގަސްޓް 14 ގައެވެ. ތެޅިގަލުން ރާނާ، ދެފަރާތުގައި އުވަޖަހާ، ވަކަރުން ގެހެރިހަދާ، ސިމެންތި ޓިނުޖަހައިގެން ހިޔާކޮށްފައިހުރި މިމިސްކިތުގެ ދެފަރާތުގައިހުރި ކުޑަދޮރު ތަކުގައިހުރީ ލޫވަރ ލައްވާފައެވެ. މިސްކިތަށް ވަންނަން ދެދޮރު ހުރިއިރު ކޮންމެ ދޮރެއްގެ އެއްފަރާތަށް ދާލައެއް ވެއެވެ. އަދި ދެ ދޮރު ދެމެދުގައި ވެސް ދާލައެއް ވެއެވެ. މިދާލައާއި ދިމާ މަތީގައި ފަންގިފިލާގައި ކުޑަކުދިން ކިރުމަށް ބޭނުންކުރާ އާލާތް އެލުވުމަށް ބުޅިގަނޑެއް ހަރުކޮށްފައިހުރެއެވެ. އާޝޫރާ ދުވަސްފަދަ އެޒަމާނުގައި ފާހަގަކުރާ ޚާއްޞަ ދުވަސްތަކުގައި މިތަނުގައި ކުދިންގެ ބަރުދަނަށް ދޮންކެޔޮގަނޑުގަނޑު އަޅުވައިގެން ކިރުމަށްފަހު، ޞަދަޤާތުގެ ގޮތުގައި މީހުން ބަހައިއުޅެއެވެ. މިސްކިތުގައި ތަޅުމެއް އަޅާފައި އޮތް އިރު ނަމާދުކުރަނީ ހައިކުނާ މަތީގައެވެ. އެދުވަސްވަރުގެ ޢާންމު ހާލަތު ހުންނަގޮތުން އުނަގަނޑުން މަތި ނިވައިނުކޮށް ހަމައެކަނި މުންޑުލައިގެން ފިރިހެނުން މިމިސްކިތުގައި ނަމާދުކުރިތަން އަޅުގަނޑު ދުށީމެވެ. އަހާފައިވާ ގޮތުގައި މިސްކިތް ބިނާކޮށްފައިވާ ތަން ކަނޑައެޅުމުގައި ފަހުބަސްކީ ބޭފުޅަކީ ޙުސައިން ޔޫނުސް އެވެ. މިސްކިތް ހުޅުވުނީ 1983 މާރޗް 3 ގައެވެ.

މަތިމަރަދޫއަށް ކަރަންޓުގެ ޚިދުމަތް ދިނުން: މަތިމަރަދޫ މިސްކިތް ބިނާކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދީ ރައްޔިތު އަންހެނުންނާއި ފިރިހެނުންގެ ވަރަށް ބޮޑެތި މިންނެތް މަސައްކަތުންނެވެ. އެގޮތުން އެއްކުރެވުނު ފައިސާގެތެރެއިން މިސްކިތް ބިނާކުރުމަށްފަހު ބާކީވީ ފައިސާއިން ގަތް 5 ކިލޯވޮޓްގެ ޖެނެރޭޓަރުން މިސްކިތާއި މަތިމަރަދޫގޭގެއާއި މަގުތައް ދިއްލާ މުޅި އަވަށް ޒީނަތްތެރިކުރުމުގެ މަސައްކަތްކުރެވުނެވެ. މަގުބައްތި ޖަހާފައިހުރީ ރުއްމުޑިންނެވެ. ލ.އަތޮޅުން ރައްޔިތުންނަށް އެންމެ ފުރަތަމަ ކަރަންޓްގެ ޚިދުމަތް ދިން ރަށަކީ ގަމު މަތިމަރަދޫ އަވަށެވެ. ޖެނެރޭޓަރ ބެހެއްޓުމަށްޓަކައި ދޮންދުބުރިގޭ ގޯތިތެރެއިން ޖާގައެއްގައި ރައްޔިތުންގެ އިންޖީނުގެ ޢިމާރާތްކުރެވުނެވެ. މިތާނގައި މިހާރުހުރީ އައިކުއެސްޓް ފިހާރައެވެ. މިތަން ކަނޑައެޅީވެސް މިމަސައްކަތްތަކުގައ އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ޙުސައިން ޔޫނުސްއެވެ.

މަތިމަރަދޫ މަކްތަބު އެޅުން: މިއީ ނޯވޭގެ ޖަމިއްޔާއެއްކަމަށްވާ ރެޑްބާނާ އިން ތަކެތި ދީގެން ރައްޔިތުންކުރި މަސައްކަތެކެވެ.

ސިނާޢީ މަގުހެދުން: ޒަމާނުއްސުރެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމަށް އޮތް ހަނި މަގުގެ ބަދަލުގައި ތައްޔާރުކުރެވުނު ސިނާޢީ މަގު ކޮށުމުގެ މަސައްކަތްތަކާއި މަގަށް ފަސްއެޅުމުގެ މަސައްކަތްތަކުގައިވެސް އިސްކޮށް ޙަރަކާތްތެރިވެލެއްވިއެވެ.

ކެލާމަގު ހެދުން: މަތިމަރަދޫ އޮފީސްކުރިމަތިން އޮންނަ މަގު ހުޅަނގަށް ގޮސް ނިމިފައި އޮތީ މަތިމަރަދޫ އައްސޭރިގެއާއި ބަށިމާގެ (ދޮންގެ) އާއި ހަމައަށެވެ. އެއަށްވުރެ ހުޅަނގަށް އޮންނަ ޗަސްބިން (ހައްދުންމަތީ ބަހުރުވައިން މިތަނަށް ކިޔަނީ "ކެލާ" އެވެ.) ސަރަޙައްދުތެރެއިން ހުޅަނގަށްގޮސް ދިގަރަ  ފަހަނައަޅައި ސިނާޢީ މަގަށް ފުންވާގޮތަށް މަގެއް ހެދުމުގެ ޚިޔާލުގައި ހަޤީޤީކުލަޖެހިގެން ދިޔައީ ރައްޔިތުން ނުކުމެ ކުރި މަސައްކަތުންނެވެ. މަގުކޮށާ މަގަށް ވެލި އަޅައިގެން ކުރި މިމަސައްކަތުގައިވެސް ވަރަށް އިސްދައުރެއް އަދާކުރައްވާފައިވެއެވެ. އާންމުކޮށް ކެލާމަގުގެ ނަމުން މަޝްހޫރުވެފައިވާ މިމަގަށް ގަމުކައުންސިލުން ދެއްވާފައިވާ ނަމަކީ "ސޭކަ ހިނގުން" އެވެ.

1988 ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާގެ ދުވަސް: ހެނދުނުއްސުރެ ރޭޑިއޯއަށް "މާލެ ނުލިބޭތީ" ރަށުގެ އެންމެންނަށް ލިބިފައިވާ ފޫހިކަން ނުތަނަވަސްކަމަށް ބަދަލުވެގެން ދިޔައީ "ތަމަޅައިން މާލެއަރާ ބަޑިޖަހާ މާލެ ހިފައިފި ކަން" ކޮންމެވެސް ގޮތަކުން އެނގުމާއެކުގައެވެ. މުވާޞަލާތުކުރުމަށް ބޭނުންކުރަން ލިބިފައި އޮތް ހަމައެކަނި ވަޞީލަތަކީ ވޯކީޓޯކީ އެވެ. ޓޯކީހިފައިގެން ރަށުގެ ވެރިންނާއި ކަމުވޮށިވެގެންވާ އެންމެން ދިޔައީ ބޮޑުމަގު އަތިރިއަށެވެ. އަލަށް ހުޅުވުނު ގާރމަންޓް ފެކްޓަރީގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުން ތިބީ ބޮޑުމަގު ފާލަންމަތީ އަތުރާލާފައެވެ. ތަމަޅައިން ކަމަށްވާތީ ޔޯލައެވެ. މާލެ އަރައިގެން އުޅެނީ ކޮން ޤައުމެއްގެ ބައެއް ކަން ނޭގޭތީކަމަށްވެއެވެ. އަޅުގަނޑަކީ އެދުވަހުގެ ކުޑަކުއްޖެކެވެ. މަތިމަރަދޫ މަކްތަބުގެ ސްކައުޓުންކަމަށްވާތީ އަޅުގަނޑުމެންވެސް އެތަނުގައި ހަރަކާތްތެރިވުމަށް ގެންދިޔައެވެ. އެންމެން ހާސްވެ ކަންބޮޑުވެފައިތިބި ހާލަތުގައި ޤައުމީ ލޯތްބާއި ޖޯޝުންފުރިގެންހުރެ އޭނާގެ ދުލުން ބޭރުވި ޖެހިލުންކުޑަ، ހިއްވަރުގަދަ ބަސްތައް މިހާރުވެސް ދެކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ. އިއްޔެވީ ކަމެއްހެންނެވެ. ރައްޔިތުންނައިގެން ހަރުދަނާ ނިންމުންތައް ނިންމާ، ހިއްވަރުދީ ހެދި މަންޒަރު މިއަދު ދިރާސާކޮށްލުމުން ވިސްނެނީ އެދުވަހު އެކުރެއްވީ ކިހާބޮޑު ޤައުމީ ޚިދުމަތެއް ކަމެވެ. އެދެއްކެވީ ކިހާ މުހިއްމު ލީޑަރޝިޕެއް ކަމެވެ.

އަވަހާރަވުން:

ޙުސައިން ޔޫނުސް ނިޔާވީ ގަމުގައި ހިނގި މަގުމަތީގެ އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް މާލެގެނެސް އައި.ޖީ.އެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެވެމުންދަނިކޮށެވެ. ނިޔައުވީ 2000 ވަނަ އަހަރުގެ ޖުލައި 18 ވަނަ ދުވަހުގައެވެ. އެނގިފައިވާގޮތުގައި ނިޔައުވީއިރު އުމުރަކީ 50 އަހަރެވެ. ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށްދިޔައީ މާލޭ އާސަހަރާ މިސްކިތުގައެވެ. ވަޅުލެވިފައިވަނީވެސް އާސަހަރާ ގައެވެ. މާތްﷲ މިމަރުޙޫމްގެ ފުރާނަޔަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން

No comments:

Post a Comment