ޤުރުއާނާއި ސައިންސް: ހަނދު ދެފަޅިކުރެއްވުން - Thoha AbuBakur's Blog

Tuesday, August 7, 2012

ޤުރުއާނާއި ސައިންސް: ހަނދު ދެފަޅިކުރެއްވުން




  އިންޑިއާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.ޒާކިރު ނައިކު ވިދާޅުވެއެވެ.
"Quran is not a book of SCIENCE, it’s a book of SIGNS" (ޤުރުއާނަކީ ސައިންސްގެ ފޮތެއް ނޫނެވެ. ޤުރުއާނަކީ ހެކިތަކެއްވާ ފޮތެކެވެ.) މިހެން ވިދާޅުވާ ސަބަބަކީ ކީރިތި ޤުރުއާނުގައިވާ ބައެއް ކަންތައްތަކަކީ ސައިންސްގެ މާހިރުންނަށް ސާބިތުކޮށްދެވިފައިވާ ކަންކަމަށް ނުވާތީ އެކަމާ ސުވާލު އުފައްދާ މީހުން އުޅޭތީއެވެ. ޑރ.ޒާކިރު ވިދާޅުވެއެވެ. ފޮތެއްގެ 90 އިންސައްތަ އަކީ ތެދުކަމަށްވެފައި، ބާކީ 10 އިންސައްތައަކީ ތެދުކަން ނުވަތަ ދޮގުކަންވެސް ސާބިތުކުރެވިފައިނުވާ ކަމަށްވާނަމަ ތިބާ ބުނާނީ އެ ފޮތުގައިވަނީ ތެދު މަޢުލޫމާތު ނޫންކަމުގައި ހެއްޔެވެ. މާތްﷲ ނަބީންނާއި ރަސޫލުންނަށް މުޢުޖިޒާތްތައް ދެއްވަނީ އެބޭކަލުންގެ ގޮވާލެއްވުމަކީ ﷲ ގެ ޙައްޤު ބަސްފުޅުކަން ސާބިތުކޮށްދެއްވުމުގެ ގޮތުންނާއި އީމާންވީ މީސްތަކުންގެ އީމާންތެރިކަން އިތުރަށް ވަރުގަދަ ކުރެއްވުމަށެވެ. އެގޮތުން އިންސާނުންނަށް ގެނެސްގަތުމަށް ކުޅަދާނަވެގެން ނުވާ މުއުޖިޒާތްތައް ދައްކަވަތެވެ. 
   މައްކާގެ މުޝްރިކުން ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހުގައިވެސް އެފަދަ މުއުޖިޒާތްތަކަށް އެދި އެކަންކަން އެމީހުންނަށް ދެއްކެވުމަށް ދަންނަވަތެކެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވި ކީރިތި ރަސޫލާގެ ސިޔަރަތުގައި ވެއެވެ. "އެއް ފަހަރަކު ސާދަ ވިލޭރެއަކު އެމީހުން އެއްވެގެން ތިބެފައި ދަންނަވައިފޫއެވެ. އެހެރަ ފެންނަ ހަނދު ކަލޭގެފާނުން ދެފަޅިހަމައަށް އިރުއްވާށެވެ. އޭރުން ކަލޭގެފާނަށް ތިމައުރެން (އަހަރެމެން) އީމާންވެދާ ހުށީމެވެ. ދެންފަހެ އެކަލޭގެފާނުން ހަނދަށް އިޝާރާތެއް ކުރެއްވުމުން ހަމަޔަށް ދެފަޅިވެގެން، އެއްފަޅި އަބޫޤުބައިސް ފަރުބަދަޔާއި ދިމާއަށް އަނެއްފަޅި ޤައެޤަޢާންމު ފަރުބަދައާ ދިމާއަށް ހިނގައްޖެއެވެ. މިބައިމީހުން ބިރުން ހަޅޭލައިގެން ދަންނަވައިފޫއެވެ. އަވަހަށް އިހުހުރި ގޮތަށް ހައްދަވައިދެއްވާށެވެ. ދެންފަހެ އިހުހުރި ފަދައިން ވެއްޖެއެވެ. މިކަމަށްވެސް އީމާންވީ ބަޔަކު މީހުންނެވެ. އެމީހުންކުރެ ގަދަފަދަ މީހުން ބުނެފޫއެވެ. ތިޔައީވެސް ސިހުރެކެވެ. އަނެއް ބަޔަކު ބުނެފޫއެވެ. ސިހުރެއް ވިއްޔަކާ މިތާގައި ތިބިމީހުންގެ ލޮލަށް ނޫނީ އެކަމެއް ނުޖެހޭނެއެވެ. ދެން މިބައިމީހުން ދުރު ރަށްރަށުން އައިމީހުންކުރެ އަހާ، ދުރު ރަށްރަށަށްވެސް މިކަން ފެނުނުކަން ސާބިތުވީމާވެސް އީމާންވީ ބަޔަކު މީހުންނެވެ. އަނެއް ބައިމީހުން، މީގެތެރޭގައި ވެރިއަކީ އަބޫޖަހުލުއެވެ. ބުނެފޫއެވެ. އެއީ ދެމިގެންވާ ސިހުރެކެވެ. ކިތަންމެ ދުރަކަށްވެސް ފެނިދާނެއެވެ. މިވާހަކަ ޤަމަރު ސޫރަތް ފެށުނުތާގައި މިފަދައިން ވަޙީކުރައްވާފައި އެވަނީއެވެ." 
ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ (54:1)    وَإِن يَرَوْا ءَايَةً يُعْرِضُوا وَيَقُولُوا سِحْرٌ مُّسْتَمِرٌّ (54:2)
      މާނަ: "ޤިޔާމަތްވުމުގެ ވަގުތު ކައިރިވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. އަދި އެއުރެންނަށް ހެތްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެއެވެ. އަދި ބުނެއެވެ. މިއީ ދެމިހުންނަނިވި ޖާދޫއެކެވެ."
  ސައިންސްގެ ހެކި: 
     މިއަޖާއިބުން ފުރިގެންވާ މުއުޖިޒާތުގެ ތެދުކަން މިއަދުގެ ސައިންސާއި ތާރީޚީ ލިޔުންތަކުން ވަނީ ކަށަވަރުކުރެވިފައެވެ. އެގޮތުން 1969 ވަނަ އަހަރުގެ މެއި މަހުގައި ނެގިފައިވާ ހަނދުގެ ފޮޓޯތަކުން ފާހަގަކުރެވުނީ ހަނދުގައިވާ ރެނދުތަކެވެ. އެތައް ކިލޯމީޓަރެއްގެ ދިގުމިން ހިމެނޭ މިރެނދުތަކާއިބެހޭގޮތުން ކުރެވުނު ދިރާސާތަކުން އެނގިގެންދިޔައީ އެއީ މީގެ އެތައް ސަތޭކައަހަރެއްކުރިން ހަނދުގައި އުފެދުނު "ހަނދު ހެލުމެއް" (MOONQUAKE) ގެ ސަބަބުން އުފެދިފައިވާ ރެނދުކަމެވެ. 
  ތާރީޚީ ހެކި: 
      އުތުރުކަރަ ނުވަތަ އިންޑިއާއަކީ ވަރަށް ޤަދީމީ ތާރީޚެއް އޮތް މުއްސަނދި ހަޟާރަތެއްކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ އިންޑިއާ އޮފީސް ލައިބްރަރީގައިވާ ދަ އިންޑިއަން މެނުސްކްރިޕްޓް (ރިފަރެންސް: 2807، 152-173) ގައި ރިކޯރޑްކުރެވިފައިވާގޮތުން އިންޑިއާގެ ރަސްކަލެއްކަމުގައިވާ ޗަކްރަވަތީ ފަރުމާސް “Chakrawati Farmas” ވަނީ  ހަނދު ދެފަޅިކުރެއްވުން ދެކެވަޑައިގެންފައެވެ. އެމް.ހާމިދުﷲ ލިޔުއްވި "މުޙައްމަދު ރަސޫލު ﷲ" މިފޮތުގައި މިވާހަކަ ގެނެވިފައިވެއެވެ. ބުނެވޭ ގޮތުގައި އިންޑިއާގެ އައްސޭރި ރަށެއްކަމުގައިވާ މަލަބާރުގެ ރަސްކަލެއްކަމުގައިވާ ޗަކްރަވަތީ ފަރުމާސް އަށް ހަނދުދެފަޅިކުރެއްވުން ފެނިވަޑައިގަތެވެ. މިކަމާމެދު އަޖާއިބުފުޅުވެ ޚަބަރު އޮޅުންފިލުއްވެވި އިރު މިއީ މާތްﷲގެ ރަސޫލުބޭކަލެއް އަރަބިކަރައިން ފާޅުކުރައްވައިފިކަމުގެ ބަޝާރަތެއްކަން އެނގިލެއްވިއެވެ. ދެން އެރަސްގެފާނުގެ ދަރިކަލުން ރަސްކަމުގެ ތަޚުތުގައިވެޑުވުމަށްފަހު ﷲގެ ރަސޫލާއާއި ބައްދަލުކުރެއްވުމަށް މައްކާއަށް ދަތުރުކުރެއްވިއެވެ. އަދި ރަސޫލާގެ އަތްޕުޅުމައްޗަށް އިސްލާމްވެވަޑައިގެން ޞަހާބީއެއްގެ ދަރަޖަ ހޯއްދެވިއެވެ. ބުނެވޭ ގޮތުގައި އިންޑިއާއިން އެންމެ ފުރަތަމަ އިސްލާމްވީ ބޭފުޅަކީ މިއީއެވެ. އެއަށްފަހު ރަސޫލާގެ އެންގެވުމަށް އެނބުރި ރަށަށް ވަޑައިގަތް މަގުމަތީގައި "ޒަފަރު" ކިޔާ ބަނދަރުމަތީ ރަށެއްގައި އަވަހާރަވީއެވެ. 
     ރަސޫލާގެ އަރިއަހަށް ޒިޔާރަތްކުރެއްވި އިންޑިއާގެ ރަސްގެފާނުގެ ވާހަކަ ހަދީސް ފޮތްތަކުގައި ވާރިދުވެގެން އައިސްފައިވެއެވެ. މުސްތަދްރަކުލް ހަކީމް ނުވަތަ ކިތާބުލްއަޠިއްމާ ގައި އަބޫ ސަޢީދުލްޚިދުރީ ރިވާކުރެއްވިކަމުގައިވެއެވެ. " އަދި ރަސޫލުﷲ  ސައްލަﷲ ޢަލައިހިވަސައްލަމް އަށް އިންޑިއާގެ ރަސްގެފާނު ހަދިޔާއެއް އެރުވިއެވެ. އެއީ އިނގުރުން ހަދާފައިވާ އަސާރަ ފުޅިއެކެވެ. ދެން ކީރިތި ރަސޫލާގެ އަސްހާބުންގެ މެދުގައި އެބެއްސެވިއެވެ. އެއިން އަހުރެއްނަށްވެސް އެތިކޮޅެއް ކާން ލިބުނެވެ." 
     ހިންދޫ ދީނުގެ ފަތްފުށްތަކުގައި ކީރިތި ރަސޫލާގެ ޚަބަރުތަކާއި ސިފަފުޅުތައް ވަރަށް ގިނައިން ބަޔާންވެގެންވެއެވެ. އެގޮތުން 5000 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފޮތެއްކަމުގައިވާ "ކަލްކީ ޕުރާނާ"ގައިވެސް އެއްމެފަހުގެ ނަބިއްޔާގެ ސިފަތަކުގެތެރޭގައި އެނަބިއްޔާ ހަނދު ދެފަޅިކުރެއްވިކަމުގެ ވާހަކަ ގެނެސްފައިވެއެވެ. 
  ނިންމުން:
    ނިކަން ދެކިބަލާށެވެ. މީގެ 1400 އަހަރުކުރިން ﷲ ދެއްކެވި މިމުއުޖިޒާތުގެ ތެދު ޙަޤީޤަތް މިއަދު ހާމަކުރެވިފައިމިވަނީ ކާއިނާތު އޭގެ ޒާތުގައި އެއްވެސް ޚާލިޤަކުނެތި އަމިއްލައަށް އުފެދިފައިވާކަން ސާބިތުކުރުމަށް ޣައިރުމުސްލިމުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. ﷲ ގެ ކުޅަދުންވަންތަކަމާއި މަތިވެރިކަން އެއުރެން ނުދެނެ ތިބެ ހާމަކޮށްދެވެމުންދަނީއެވެ.

No comments:

Post a Comment