ކެރެދި ކަމަނާގެ މޫސާގެ ކަމަނާ - Thoha AbuBakur's Blog

Thursday, December 29, 2011

ކެރެދި ކަމަނާގެ މޫސާގެ ކަމަނާ

ކެރެދި ކަމަނާގެ މޫސާގެ ކަމަނާ ނުވަތަ ގަމު މަތިމަރަދޫ ހަލީމާގެ ކަމަނާ ނުވަތަ އަލްމަރްޙޫމާ ކަމަނާދައިތަގެ އަޞްލުނަމަކީ މަރިޔަމް މޫސާއެވެ. ކަމަނާ ދައިތައަކީ ދެވަނަ ބޮޑުހަނގުރާމައިގެ ސަބަބުން ރާއްޖެ ތަޙައްމަލުކުރަމުންދިޔަ ބޮޑުތަދުގެ ދުވަސްވަރު ލ.ގަމުގެ ވަރަށް ގިނަ ބަޔަކަށް އެހީތެރިވެދީފައިވާ، ލ.ގަމުގެ ހެޔޮލަފާ ބޭކަނބަލެކެވެ. ކަމަނާދައިތަ އަކީ އަޅުގަނޑުގެ މާފަ (މަންމަގެ ބައްޕަ)ގެ މަންމަ އެވެ. ކަމަނާދައިތައަށް އަޅުގަނޑުމެން ކިޔައިއުޅެނީ "މުސްކުޅިމާމަ"އެވެ. ކަމަނާދައިތަ އަކީ މީހުންނާއި ވަރަށްގުޅޭ ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ. ރޯފަންޏަކީ (ހަމައެކަނި ފެނަށް ހަކުރު ގިރައިގެން ހަދާ ބުއިމެއް) ކަމަނާދައިތައަށް މީރު ބުއިމެއްކަމުގައި މަންމަ އަޅުގަނޑަށް ކިޔައިދެއްވިއެވެ. 
Kamana ge Moosa ge Kamana

ނަސަބު
އަލްމަރްޙޫމާ މަރިޔަމް މޫސާ (ކަމަނާ)ގެ މަންމައަކީ ކުޑަކަލޯގެ ހަލީމާއެވެ. ބައްޕައަކީ ކެރެދި އައްޔަގެ ކަމަނާގެ މޫސާއެވެ.

1. ކުޑަކަލޯގެ ހަލީމާ ކަމަނާގެ މޫސާ އާއި ކައިވެނި ބައްލަވައިގެން ލިބުނު ދަރިން: 
1.1 ހަލީމާގެ ކަމަނާ (ކަމަނާދައިތަ) 
1.2 ހަލީމާގެ ޢަލީ 
1.3 ހަލީމާގެ ދޮން ހުސައިން 



 ކަމަނާގެ މައިފުށުގެ ވަނަވަރަށް ބަލާއިރު، ކުޑަކަލޯގެ ތިބީ 3 ދަރިންނެވެ. އެއީ ކުޑަކަލޯގެ ހަލީމާ، .ކުޑަކަލޯގެ ދޮންމޫސާ އަދި ކުޑަކަލޯގެ ކުޑަސޮރެވެ


1- ކުޑަކަލޯގެ ހަލީމާގެ ދަރިންނަކީ ހަލީމާގެ ކަމަނާ، ހަލީމާގެ އައްޔަ، އަދި ހަލީމާގެ ދޮންޙުސައިން އެވެ. 


ހަލީމާގެ ކަމަނާ (މުސްކުޅިމާމަ) ކައިވެނީގެ ގޮތުން ގުޅުނީ ތުއްދިޔަގެ ދޮންފުތުގެ އިދުރީސް (އިއްޔުބޭ) އާއެވެ. ލިބުނު ދަރިންނަކީ މޫސާ އިދުރީސް (ކާފަ) ލ.ގަމު ކަރަންކާގެ، ޔޫސުފް އިދުރީސް (ކުޑުބޭބެ) ލ.މާބައިދޫ ކިނާރާގެ އަދި ޙައްވާ އިދުރީސް (ބޮޑު ދައިތަ) އެވެ. މޫސާ އިދުރީސް ވަނީ ލ.ގަމުގެ ކަތީބުކަމާއި މުދިންކަން ކުރައްވާފައެވެ. މޫސާ އިދުރީސްގެ އަޙުމަދު މުޖުޠަބާއަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗެކެވެ. ޔޫސުފް އިދުރީސްގެ އަމީނާއަކީ މިހާރު (2011ގައި) ލ.މާބައިދޫގެ ކައުންސިލަރެކެވެ. ހައްވާ އިދުރީސްގެ ރަޒިއްޔާގެ ހުސައިން ޙަލީމްއަކީ މިހާރު (2011ގައި) ލ.ގަމުގެ ކައުންސިލަރެކެވެ. ހައްވާ އިދުރީސްގެ މޫސާ ޤާސިމްވަނީ ލ.ގަމުގެ ޤާޟީކަންކުރައްވާފައެވެ. 


ހަލީމާގެ އައްޔަ ކައިވެނީގެ ގޮތުން ގުޅުނީ އެކޮޅަބޭބޭގެ ހަސަނުގެ މަރިޔަނބުއާއެވެ. ލިބުނު ދަރިންނަކީ ޔޫސުފު އަލީ މ.އައިރިސް މާލެ، އަޙުމަދު ޢަލީ މ.ދިލްދިޔާ މާލެ އެވެ. ހަލީމާގެ އައްޔަ ނިޔާވުމުން މިދެބެއިން (ޔޫސުބާއި އަޙުމަދު) ބެލެހެއްޓީ ކަމަނާ ދައިތައެވެ. އެހެންކަމުން މިދެބެއިންނާއި ކަމަނާދައިތައާއި ދެމެދު އޮތް ގާތްކަން ވަރަށް ބޮޑުވެފައިވެއެވެ. މީގެ ތެރެއިން ޔޫސުބެ ބޭ އަޅުގަނޑަށް ކިޔައިދިން ގޮތުގައި މުސްކުޅި މާމަ (ކަމަނަ ދައިތަ) އަކީ ވަރަށް ހަރުދަނާ އަދި އެހާމެ ހިތްހެޔޮ މީހެކެވެ. 

2- ކުޑަކަލޯގެ ދޮންމޫސާގެ ދަރިންނަކީ އަޙުމަދު (ގޮރަ އަހަންމަދަ) އާއި ޢަލީ(ކާފަ އައްޔަ) އެވެ. 

ދޮންމޫސާގެ އަހުމަދު ކައިވެނީގެ ގޮތުންގުޅުނީ، ހިރިހަމައިދިކަލޭފާނުގެ އަލިކަލޭފާނުގެ ޔޫސުފްމަނިކުފާނާއި މަންދަގޭ ދޮންދީދީގެ ދަރިކަލުން އިބްރާހިމްދީދީގެ ދަލޭކާދީދީ (ޛުލައިޚާ ދީދީ) އާއެވެ. ލިބުނުދަރިންނަކީ، ޙައްވާދީދީ، ހަރިއްޔާދީދީ އަދި ޔޫސުފްއެކެވެ. ދަރިފަސްކޮޅުއޮތްކަން އެނގިފައިވަނީ ހަމައެކަނި ހައްވާދީދީގެއެވެ. ދޮންމޫސާގެ އަހުމަދުގެ ހައްވާދީދީގެ ދަރިންނަކީ މަތިމަރަދޫ ހަނދުވަރުދޭގޭ އަބޫބަކުރު އަހުމަދާއި، އައިމިނަ، މުނީރާ، ސަމީރާ، ސޯބިރާ އަދި މުހައްމަދު އަހުމަދެވެ. 

ކުޑަކަލޯގެ ދޮންމޫސާގެ ޢަލީ (ކާފާ އައްޔަ) ކައިވެނީގެ ގޮތުން ގުޅުނީ ތުއްދިޔަގެ ދޮންފުތުގެ ދޮންހަސަނުގެ ކަދީދާ އާއިއެވެ. ލިބުނު ހަމައެކަނި ދަރިއަކީ އައިމިނަތު (ކުޑުދައިތޭ) އެވެ. މިއައިމިނަތު މާލޭގައި ކިޔަވަން ހުއްޓާ ނިޔާވީއެވެ. ކާފާއައްޔަ ދެންކައިވެނީގެ ގޮތުން ގުޅުނި ކުޑަމަނާގެ ޙުސައިންދީދީގެ ދޮންމަރިޔަނބާއެވެ. ލިބުނު ދަރިޔަކީ ޢަބުދުއްރަޝީދުއެވެ. ތިންވަނައަށް ކައިވެނީގެ ގޮތުން ގުޅުނީ ކުޑަތަކުރުގެ ދޮންއައިމިނަ އާއެވެ. ލިބުނު ދަރިންނަކީ އިބްރާހިމްރަޝީދު، މަރިޔަމްރަޝީދާ، އަހުމަދު ރަޝީދު އަދި ޙައްވާ ޒާހިރާއެވެ. 


3- ކުޑަކަލޯގެ ކުޑަސޮރުގެ ދަރިންނަކީ ކޮއްލީ ހަސަނާއި ކުޑަސޮރުގެ މުޙައްމަދުއެވެ. 
ކުޑަސޮރުގެ ކޮއްލީ ހަސަނު ކައިވެނީގެ ގޮތުން ގުޅުނީ ކުޑަފުތުގެ ދޮން މަންޖެއާއެވެ. ލިބުނު ދަރިންނަކީ ލ.ގަމު މަތިމަރަދޫ ދޭލިޔާގޭ ޢަލީ ޙަސަނާއި، ފާގަމާގޭ ހާރޫން ޙަސަނާއި، ކޮކްނަޓްވިލާ ޢުމަރު ޙަސަން އަދި ކޮއްލީ އަޙުމަދުއެވެ. މިކޮއްލީ އަޙުމަދު އިނީ ހުވަދޫގޭ މަރިޔަނބު (މިހާރު ނަޒީރު އިނދެގެން އުޅޭ) އާއެވެ. ލިބުނު ދަރިންނަކީ ޖަމީލާއާއި އައިމިނަތުއެވެ. 
ކުޑަސޮރުގެ މުޙައްމަދުގެ ދަރިންނަކީ ލ.ގަމު މަތިމަރަދޫ ބޭސްގެ ހާރޫން މުޙައްމަދު (ކުޑަހާރޫނު), އިދުރީސް މުޙައްމަދު (ލަންޓި އިދުރީހަ) އެވެ. މީނާގެ އިތުރު ދަރިޔެއް މާލޭގައި އުޅޭކަމަށްވުން އެކަށީގެންވެއެވެ. 


އަވަހާރަވުން:

ކަމަނާދައިތަ މިފަނާވަނިވި ދުނިޔެ ދޫކޮށް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 23 ރަމަޟާން 1403ހ. (04 ޖުލައި 1983މ.) ގައެވެ. އަލްމަރްޙޫމާ ކަމަނާ ދައިތަގެ މަހާނަހުރީ ލ.ގަމު މަތިމަރަދޫ ސަހަރާގައެވެ. ނިޔާވުމުގެ 15 ވަރަކަށް ދުވަހުގެ ކުރިޔާއިހަމައަށްވެސް ހިނގައިބިނގާވެ ހެޔޮހާލުގައި އުޅުނުނަމަވެސް އަބަދުވެސް ހިކިކެއްސުމެއް ހުންނަކަމަށްވެއެވެ. މާތްﷲ މިމަރުޙޫމާގެ ފުރާނަޔަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން. 

No comments:

Post a Comment